ހައްވާ އަޖްފާން: އޭނާ ދެކޭގޮތުގައި ވަޒީފާގެ ގޮތުގައި އެ މީހަކު ގަޔާވާ ކަމެއް އިހްތިޔާރު ކުރުން މުހިއްމު.

އަޖްފާން މަލުގެ ދުނިޔެއެއްގައި ހަމަޖެހިލައިގެން

ހައްވާ އަޖްފާން ރިޒް ކާލްޓަން މޯލްޑިވްސްގެ ސީނިއާ ފްލޮރިސްޓްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަނީ ހިތްއެދޭ ދާއިރާއަކުން ފުރުސަތު ލިބުމުގެ ހިތްހަމަޖެހުމާ އެކު

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހައްވާ އަޖްފާން (އައްޖަ) ކަހަލަ އަންހެނުން އަންނަނީ އެ މީހުންގެ ހުނަރާއި ފަންނުވެރިކަން ދައްކަމުންނެވެ.

އަޖްފާން، 32، ދަ ރިޒް ކާލްޓަން މޯލްޑިވްސްގައި މަސައްކަތް ކުރާތާ ތިން އަހަރުވީ އެވެ. ފްލޮރިސްޓް ސުޕަވައިޒަރެއްގެ ގޮތުގައި އޭނާގެ މައިގަނޑު ޒިންމާއަކީ ރިސޯޓުގެ އާއްމު ތަންތަނާއި 100 އެއްހާ ކޮޓަރިއަށް ބޭނުންވާ ސެންޓަޕީސްތައް ޑިޒައިން ކުރުމެވެ.

މީގެ އިތުރުން ރިސޯޓުގެ ހުރިހާ އިވެންޓުތަކާއި ރިސޯޓުގައި ފާހަގަކުރާ އެކި ދުވަސްތަކާއި ހާއްސަ މުނާސަބަތުތަކަށް ތަން ޒީނަތްތެރި ކުރުމަށް ކޮންސެޕްޓް ޑިޒައިންކޮށް އެކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކޮށްދިނުމަކީ ވެސް އަޖްފާންގެ ޒިންމާއެކެވެ. މަގުސަދަކީ ފަތުރުވެރިން އެ ރިސޯޓްގައި ހޭދަކުރާ ހިތްގައިމު ޗުއްޓީއަކީ އެ މީހުންގެ ހަނދާނުން ފިލުވާލަން އުނދަގޫ ދުވަސްތަކަކަށް ހެދުމެވެ.

އަޖްފާން ބުނާ ގޮތުން މަސައްކަތުން އޭނާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ 

އަޖްފާން މަސައްކަތުގެ މައިދާނަށް ފުރަތަމަ ނުކުތީ މީޑިއާގެ ދާއިރާ އިންނެވެ. ޕްރެޒެންޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި ކެޕިޓަލް ރޭޑިއޯ އާއި ދިއެފްއެމްގައި އޭނާ ވަޒީފާ އަދާކުރި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އަޖްފާން މަސައްކަތް ފަށައިގަތީ އެފްއެންޑްބީ ހޮސްޓެސްއެއްގެ ވަޒީފާއިންނެވެ. މިހާރު މި ދާއިރާގައި 12 އަހަރު ހޭދަކޮށްފައިވާ އަޖްފާން އެންމެ ބޮޑަށް ބޭނުންވި ރޮނގުން ފުރުސަތު ފަހިވީ ގޮންޖެހުންތަކަކާ ވެސް އެކުގަ އެވެ.

ހައްވާ އަޖްފާން: ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުރަތަމަ އަދާކުރީ އެފްއެންޑްބީ ހޮސްޓެސްއެއްގެ ވަޒީފާ

ކޮވިޑް-19ގެ ރާޅުގައި، ފަތުރުވެރިކަމުގެ ދާއިރާގެ އެހެން ބައެއް މުވައްޒަފުންނަށް ވެސް ކަންދިމާވި ގޮތަށް، އަޖްފާން އަދާކުރަމުން އައި ބަޓްލާގެ ވަޒީފާ ގެއްލުނެވެ. އެހެންކަމުން، އޭނާއާ އެކު މަސައްކަތްކުރި ގިނަ ޒުވާނުންނެކޭ އެއްގޮތަށް އަޖްފާން ވެސް ހިލޭސާބަހަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ދަރުބާރުގޭގައި މަސައްކަތް ކުރަން ފެށި އެވެ.

އެކަމަކު އެ ހިސާބުން އޭނާގެ އަތުގައި ހިފީ މުޅިން ތަފާތު ފުރުސަތެކެވެ. މާލޭގައި ހިންގާ ގޯ ބިގް ފްލާވާ ލެބްގައި ފްލޮރިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތެވެ.

ކޮވިޑް-19 ގައި ރިސޯޓް ވަޒީފާ ގެއްލުމުން އަޖްފާން މަސައްކަތް ކުރީ އެންއީއޯސީގައި

މިއީ އަޖްފާންއަށް މާމެލާމެލީގެ ދުނިޔެއެއްގައި މަސައްކަތް ކުރަން ލިބުނު ފުރަތަމަ ފުރުސަތެވެ. އުފަލުން އޭގެ ބޭނުން ހިފި ނަމަވެސް، މަސައްކަތުގެ ބުރަކަމާއި ގޮންޖެހުންތައް ގިނަކަމުން، އަމިއްލަ ނަފްސަށް މާ ބޮޑު އިތުބާރެއް އޭރު ނެތެވެ. އަމިއްލަ އުފެއްދުންތެރިކަމާ މެދު އޭނާގެ ހިތުގައި ޝައްކު އުފެދުނެވެ.

ނަމަވެސް، އަޖްފާން ބުނި ގޮތުގައި، އޭނާއަކީ އަބަދުވެސް އާޓަށް ޝައުގުވެރިވާ މީހެކެވެ.

އަޖްފާން އަކީ އަބަދުވެސް އާޓާއި ކްރާފްޓަށް ޝައުގުވެރިކަން ހުންނަ މީހެއް

އަޖްފާން ކުރަހާ އުޅުނެވެ. އަދި އެކި ކަހަލަ ކްރާފްޓް ހަދައި، އަމިއްލަ ގަހާނާ އާއި އަތްދަބަސް ތައްޔާރުކުރި އެވެ. ރައްޓެހިންނާއި އާއިލާގެ އެދުމަށް އެ މަސައްކަތް އޭނާ އައީ ކޮށްދެމުންނެވެ.

"އަހަރެންގެ އާއިލާގައި ވެސް އުޅޭނެ ފަންނުވެރި މީހުން،" އަޖްފާން ބުންޏެވެ. 

އަޖްފާން އަަބަދުވެސް އަމިއްލަ ސްޓައިލަކާއި ވައްޓަފާޅިއެއް ގެންގުޅޭ

ގޯ ބިގް ފްލާވާ ލެބްގައި މަސައްކަތް ކުރި ފުރަތަމަ ދުވަހު އޭނާއަށް ޖެހުނީ 10 މާބޮނޑި ހެދުމަށެވެ. 

"ވަޒީފާގެ ފުރަތަމަ ދުވަހު، ހާސްކަމާ ހެދި، އެއްވެެސް އެއްޗެއް ރީތި ނޫން ކަމުގެ އިހްސާސް ކުރެވުނީ. ދެން ރޯން ފަށައި ވަކި ހިސާބަކުން މަސައްކަތް ދޫކޮށްލާފައި ކެނޑެން ވެސް ނިންމިން،" އަޖްފާން ބުންޏެވެ.

ނަމަވެސް، އެ ހިޔާލު ދޫކޮށްލީ އެހާ އަވަހަށް ދޫދިނުމުގެ ރޫހު އޭނާގެ ކިބައިގައި ނެތުމުންނެވެ. ކުރަން ފެށި މަސައްކަތް ވަކި ހިސާބަކުން ދޫކޮށްލުމުގެ ބަދަލުގައި، އޭނާއާ ހަވާލުކުރި މަސައްކަތް އަޖްފާން ނިންމި އެވެ.

ގޯ ބިގްގައި އޭނާގެ މެންޓާސް ކަމުގައިވި އަހުމަދު ޝައްފާން އާއި ހަސަން ސައްމޫން ޝުކޫރު (ޝައްމު) އަޖްފާން ތައްޔާރުކުރި މާބޮނޑިތައް ހިމަނައިގެން ކުރިއަށް ގެންދިޔަ ފޮޓޯޝޫޓް ބަލާލުމުގެ ފުރުސަތު ދިނެވެ. އަޖްފާން ބުނި ގޮތުގައި އެ ދުވަހު އޭނާއަށް ލިބުނީ އަމިއްލަ ނަފްސަށް ވަރަށް ބޮޑު ޔަގީންކަމެކެވެ؛ މިއީ ކުރެވިދާނެ މަސައްކަތެެއް ކަމެވެ.

"ހުރިހާ މާތަކެއް ފޮޓޯޝޫޓަށް ވަރަށް ރީތި،" އޭނާ ފްލޮރިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި ފުރަތަމަ ދުވަސް ހަނދާން ކުރަމުން އަޖްފާން ބުންޏެވެ.

ފަސޭހަ މަސައްކަތަކަށް ނުވިޔަސް، ކުރެވިދާނެ ކަމެއް ކަމުގެ ޔަގީންކަން އޭނާއަށް އެ ހިސާބުން ލިބިގެންދިޔަ ކަމުގައި އަޖްފާން ބުންޏެވެ.

އަޖްފާން: ފްލޮރިސްޓެއްގެ ގޮތުގައި ފުރަތަމަ މަސައްކަތް ކުރި ދުވަހު 10 މާބޮނޑި ހަދަން ޖެހި، އެކަން ނުކުރެވިގެން ރުއި.

ކޮވިޑް-19ގެ ކަންކަން ހަމައަކަށް އެޅުމުން އަޖްފާން އަލުން ގުޅުނީ އޭނާ ކުރިން މަސައްކަތް ކުރި ޖޭ ޑަބްލިއު މެރިއަޓް މޯލްޑިވްސްއާ އެވެ. އެތަނުގެ ބަޓްލާއެއްގެ ގޮތުގަ އެވެ. މިދިޔަ ހަ އަހަރު ދުވަހު އޭނާ ބަޓްލާއެއް ގޮތުގައި ތަފާތު ހަތަރު ރިސޯޓެއްގައި މަސައްކަތް ކުރި އެވެ.

"މެނޭޖަރަށް އަހަރެން ފްލޮރިސްޓެއްގެ މަސައްކަތަށް ޝައުގުވެރިވާކަން އެނގުނީމަ، އޭރު އަލަށް ހުޅުވަން އުޅޭ ދަ ރިޒް ކާލްޓަން މޯލްޑިވްސް އިން ފްލޮރިސްޓެއް ބޭނުންވެގެން އުޅޭ ވާހަކަ ބުނެ އެ ޕޯސްޓް އަހަންނަށް ދެއްކީ،" އަޖްފާން ބުންޏެެވެ.

އެއީ މެރިއަޓް އިންޓަނޭޝަނަލްގެ އެއް ބްރޭންޑުން އަނެއް ބްރޭންޑަށް ބަދަލުވާން ލިބުނު ފުރުސަތެކެވެ. މަސައްކަތް ކުރަން ބޭނުންވާ އަދި ކުރާހިތްވާ ދާއިރާއަކުން އެ ފުރުސަތު ލިބުމަކީ، އަޖްފާން ގަބޫލުކުރާ ގޮތުގައި، ލިބުނު ބޮޑު ކުރިއެރުމެކެވެ.

ބަޓްލާއަކުން ފްލޮރިސްޓަކަށް ބަދަލުވުމުން އަޖްފާންއަށް ތަފާތު ފާޑުކިޔުންތައް އަމާޒުވި

"ބަޓްލާ އަކުން ފްލޮރިސްޓަކަށް ބަދަލުވީމަ، މުސާރައިގެ ގޮތުން އަދި ކެރިއާ ގްރޯތުގެ ގޮތުން މުސްތަގުބަލެއް ނެތް ކަމެކޭ މީހުން ބުނޭ،" އަޖްފާން އޭނާއަށް އަމާޒުވި ބައެއް ފާޑުކިޔުން ހިއްސާކުރި އެވެ.

މި ދާއިރާއަށް އޭނާގެ ހުރި ޝައުގާއި އޮތް ލޯތްބެއްގެ ބޮޑުކަމުން އަޖްފާން ވަނީ އޭނާގެ ޗުއްޓީ ދުވަސްތަކަކީ ހުނަރު އިތުރުކޮށް، ދަސްކުރުމުގެ ފުުރުސަތުތަކަކަށް ހަދާފަ އެވެ. މިފަހުން އޭނާ ދުބާއީއަށް ދިޔަ ދަތުުރެއްގައި، ރަޝިޔާ ކުންފުންޏަކުން ހިންގި ވޯކްޝޮޕެއްގައި ބައިވެރިވި އެވެ. މިއީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ފްލޮރިސްޓުންނާ ބައްދަލުކޮށް ގުޅުން އުފައްދައި މާމެލާމެލީގެ ގްރޭޑްތަކާއި ކޮލިޓީ ދަސްކުރަން ލިބޭ ފުރުސަތުތަކެއް ކަމުގައި އަޖްފާން ދެކެ އެވެ.

"އަހަރެން ވަރަށް ގިނަ އޮންލައިން ކޯސްތައް ފުރިހަމަ ކުރަން. އެކަމަކު ގޮސް ދަސްކުރުން އެއީ މުޅިން ތަފާތު ތަޖުރިބާއެއް،" މިހާރު ވެސް ދަ ލޭސީ ބާޑް އެކެޑެމީ އާއި އެމެރިކަން އިންސްޓިޓިއުޓް އޮފް ފްލޯރަލް ޑިޒައިންގެ އޮންލައިން ދަރިވަރެއް ކަމުގައިވާ އަޖްފާން ބުންޏެވެ.

އަޖްފާން ޗުއްޓީއަކަށް ދިޔަޔަސް ބަލަނީ ވޯކްޝޮޕްތަކުގައި ބައިވެރިވެ އިތުރު ކަންކަން ދަސްކުރެވޭތޯ

އަޖްފާން ފާހަގަކުރި ގޮތުގައި ރާއްޖޭގައި މާ ވިއްކާ ސަޕްލަޔަރުން މަދުވެފައި އިންޑަސްޓްރީ ކުޑަވުމަކީ ބޮޑު ގޮންޖެހުމެކެވެ. އަދި ރާއްޖޭގައި މޫސުން އޮންނަ ގޮތުން ވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެ އެވެ. އޭނާގެ ބަހުން ނަމަ އެކަމަށް "އަވަސް ސްމާޓް ސޮލިއުޝަންތަކެއް" ހޯދަން ޖެހެ އެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށް އޭނާކުރާ މަސައްކަތަކީ އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނާ ވާހަކަ ދައްކައިގެން ސަޕްލައި ހޯދައި ޝިޕްމަންޓްތަައް ގެނައުމަށް ބޭނުންވާ އެހީތެރިކަން ހޯދުން ކަމުގައި އަޖްފާން ބުންޏެވެ.

އަޖްފާން (ކ) ދުބާއީގައި ވޯކްޝޮޕަކަށް ފަހު

އަޖްފާންގެ ހުވަފެނަކީ ރާއްޖޭގައި މި އިންޑަސްޓްރީ ހިނގާ ގޮތް ބަދަލު ކުރުމެވެ. އަދި ވީހާވެސް ގިނަ މާ ފިހާރަތައް ހުރުމެވެ.

"އަހަރެމެންނަށް ލިބެނީ ވަރަށް ލިމިޓެޑް އޮޕްޝަންތަކެއް. ގިނަ ފަހަރަށް ބޭނުންވާ އެއްޗެއް ނުލިބޭ. އަދި އޯޑަރު ޖެހީމަ ވަރަށް ގިނައިން ގެންނަން ޖެހެނީ. އެގޮތް ވަރަށް އަގުބޮޑު،" އަޖްފާން އޭނާގެ ތަޖުރިބާ ކިޔައިދިނެވެ. 

ރާއްޖޭގައި މާކެޓް ކުޑަވެފައި މޫސުން އޮންނަ ގޮތުން މަސައްކަތަަށް ގޮންޖެހުންތައް ގިނަކަން އަޖްފާން ފާހަގަކުރި
އަޖްފާން ތައްޔާރުކުރި މާ ޓުކުރިތަކެއް

އަޖްފާން ދެކޭގޮތުގައި ރާއްޖޭގައި ހޯލްސޭލްކޮށް މާ ގެނެސްގެން ވިއްކާ ބަޔަކު އުފެދިއްޖެ ނަމަ، ރީޓެއިލްކޮށް އެ ގަނެގެން ވިއްކާ މީހުން އިތުރުވެ ގިނަ ބާވަތް ބާވަތުގެ މާ ލިބުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

"ރާއްޖެއަށް އެތެރެކުރާ މަލުގެ ބާވަތްތައް އިތުރުވެގެން ބާޒާރުން ފަސޭހައިން މާ ލިބޭ ނަމަ އަހަރެމެންނަށް ތަފާތު ޔުނީކް ޑިޒަައިންތައް ދައްކާލެވޭނެ،" އަޖްފާން ބުންޏެވެ.

ދިވެހިރާއްޖޭގައި ހެދޭ މާމެލާމެއްޔަށް އޭނާގެ ހާއްސަ ލޯތްބެއް އޮވެ އެވެ. ބައެއް ގެސްޓުން އެފަދަ މާމެލާމެއްޔަށް ރިކުއެސްޓް ވެސް ކުރެ އެވެ. އެކަމަކު، ރާއްޖޭގައި މާމެލާމެލި ހައްދާ ދަނޑުތައް ނުހުންނާތީ، ބޭނުންވާ ވަރަށް މާ ލިބުން ދަތިކަން އަޖްފާން ފާހަގަކުރި އެވެ.

ދިވެހި މާމެލާމެލިން އަޖްފާން ތައްޔާރުކޮށްފައިވާ ހާއްސަ މާބޮނޑިއެއް

އަޖްފާން ދެކޭ ގޮތުގައި މަލަކީ އަބަދުވެސް ޑިމާންޑް އޮންނަ އެއްޗެކެވެ. ސަބަބަކީ މަލެއް ނުވަތަ ގަހެއް ނެތް ނަމަ، ކޮންމެވެސް އެއްޗެއް މަދުކަމުގެ އިހްސާސް ކުރެވެ އެވެ. ދިރުމެއް ނުހުރެ އެވެ. ދިރިއުޅޭ ތަންތަނުގައި މަލާއި ގަސް ބެހެއްޓެމުން ތަފާތު އުފާވެރި އިހްސާސެއް ގެނެސްދެ އެވެ. މީހާއަށް ހިތްހަމަޖެހުން ލިއްބައިދެ އެވެ.

އަޖްފާން ކައިވެނީގެ ހަފްލާގައި ބޭނުންކުރި މާބޮނޑި ވެސް ތައްޔާރުކުރީ އަމިއްލައަށް

ފްލޮރިސްޓެއްގެ ވަޒީފާގެ ޒިންމާ އަހަރެމެން ހީކުރާވަރަށް ބޮޑެވެ. ކޭކް ފްލޮރިސްްޓްރީ، އިންޓީރިއާ ފްލޮރިސްޓްރީ، ބްރައިޑަލް ފްލާވާސް، މިހެން ގޮސް މި ދާއިރާގެ އެކި ގޮފިތަކުގައި މަސައްކަތް ކުރަން ލައްކަ ގިނަ ޖާގަ އެބަ އޮތެވެ.

އޭނާ އެކި ގައުމުތަކުން ހެދި ކޯސްތަކުން ދަސްކުރި ކަންކަން، އެހެން މީހުންނަށް ކިޔައިދީ ވޯކްޝޮޕް ހިންގުމަކީ އަޖްފާންގެ އަޒުމެކެވެ.

"ގިނަ މީހުން މި ދާއިރާގައި މަސައްކަތް ކުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މިކަން ފުޅާވުން އަދި އަހަންނަށް ދަސްވެފައި ހުރި އެއްޗެއް ބަޔަކަށް ކިޔައިދިނުން އެއީ އަޒުމެއް،" އަޖްފާން ބުންޏެވެ.

އަޖްފާން މިހާރު މިސްރާބު ހިފާފައި ހުރީ ބައިނަލްއަގުވާމީ ގޮތުން ސާޓިފައިޑް ފްލޮރިސްޓަކަށް ވުމަށެވެ. 

"އަމިއްލަ ސްޓޫޑިއޯއެއް ހަދައި މި ދާއިރާއަށް މީހުން ނެރުން އެއީ އަމާޒެއް،" އޭނާ ބުންޏެވެ.

އަޖްފާން ދުބާއީގައި ހެދި ކޯހުގެ އިވެންޓް އިންސްޓޮލޭޝަންގެ ތެރެއިން

އަޖްފާން މީހުންނަށް ވިސްނައިދޭން ބޭނުންވަނީ މާ ގުޅިއެއްގައި ރީތިކޮށް އަތުރާލާފައި ހުންނަ މާ ބޮނޑިއަކީ ބަޔަކު ވަރަށް ބުރަ މަސައްކަތުން ކޮށްފައިވާ ކަމެއް ކަމެވެ.

މަސައްކަތް ކުރުމަށް މިއީ ވެސް ޝައުގުވެރި އަދި ގޮންޖެހުންތައް ގިނަ ދާއިރާއެކެވެ. ބައެއް ފަހަރު ސްޓްރެސްވެ މަލަކާއި ހެދި ރޮވުނަސް، އަޖްފާން ހިތްކިޔާ ދާއިރާއަކީ ވެސް މި އެވެ.

"އަހަރެންގެ މެސެޖަކަށް ވާނީ ތިމާ ގަޔާވާ ކަމެއް ވަޒީފާގެ ގޮތުގައި ކުރަން އިހްތިޔާރު ކުރާށޭ. ހިތް ގަބޫލު ކަމެއް ކުރާށޭ. އަމިއްލަ ނަފްސް މޯޓިވޭޓްކޮށް އެ ދާއިރާއިން ކުރިއަރަން ކޯސްތައް ފުރިހަމަ ކުރާށޭ،" އަޖްފާން ބުންޏެވެ.

ކޮމެންޓް (3)

ހަސިލް

2 މޭ 2024
މުސްލިމުން ހެދުންއަޅަންވާގޮތާ ވަރަށް ހިލާފަށް މޮޑާންކޮން ހެދުންއަޅާމަންޖެއެއް. މިކަން ރަނގަޅުކުރީމަދޯ މިކަހަލަ ކުދިން ޕްރަމޯޓުކުރަންވާނީ.
2 4

މުޢަފީ

1 މޭ 2024
އަޖުފާނަކީ ވަރަށް ހިންހެޔޮ އެކުވެރިއެ. މީޑިއާގައި އެކުގައި މަސައްކަތް ކުރެވުނު
11 1

ހައި

1 މޭ 2024
ވަރަށް ހިތްހެޔޮ ފްރެންޑްލީ ކުޖެއް، މީގެ 22 ވަރަކަށް އަހަރު ކުރިން އެކުގައި މަސައްކަތްކުރި ރައްޓެއްސެއް، ދާއިރާ ބަދަލުވިފަހުން ދިމާވި ހަނދާނެއް ނެތް
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް