މެންގޯ ބެންގޯ: ސާގާއި ދޮން އަނބު ބޭނުންކޮށްގެން ތައްޔާރުކުރާ ބާވަތެއް (ފޮޓޯ/ޖިންޖާބޭކްސްއެމްވީ/އިންސްޓަގްރާމް)

ފުޑް

ޝާދްނީ މި ކިޔައިދެނީ 'މެންގޯ ބެންގޯ'ގެ ރެސިޕީއެއް

ޓިކްޓޮކްގައި ވައިރަލްވަމުން އަންނަ 'މެެންގޯ ބެންގޯ' ތައްޔާރުކުރަނީ ދިވެހިން ރޯދަ މަހު މެޔަށް ފިނިކަން ހޯދަން ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ ސާގުން
3 އޭޕްރީލު 2024

ފާތިމަތު ޝާދްނީ އަކީ ހޯމް ބޭކާ އެކެވެ. އޭގެ އިތުރުން ފުޑް ސްޓައިލިސްޓެއް އަދި ފުޑް ފޮޓޯގްރާފަަރެކެވެ.

ބޭކް ކުރުމުގެ ވިޔަފާރީގެ އިތުރުން، އިންސްޓަގްރާމްގައި 10،000 ފޮލޮވަރުން ތިބި ޝާދްނީގެ އެއް ޝައުގަކީ އާ ރެސިޕީތައް ތައްޔާރުކޮށް، އަޖުމަބަލައި އާއްމު ކުރުމެވެ.

މީގެ ކުރިން ޝާދްނީ ވަނީ އޭނާގެ މަސައްކަތާ ބެހޭގޮތުން 'ދައުރު'އާ ވާހަކަދައްކައިފަ އެވެ.

ބޭކް ކުރުމުގެ އިތުރުން އަމިއްލަ ރެސިޕީތައް ހަދައި އާއްމު ކުރުމަކީ ވެސް ޝާދްނީގެ މަސައްކަތެއް

 ޝާދްނީ މިފަހަރު މި ގެނެސްދެނީ ތަފާތު އެހެން ރަހަ އެކެވެ. ރޯދަމަހާ ގުޅޭ އާ ރެސިޕީ އެެކެވެ.

ސާގަކީ ދިވެހިން ޒަމާނުއްސުރެ މެއަށް ފިނިކުރުމުގެ ގޮތުން ރޯދަ މަހު ބޭނުން ކުރާ ބާވަތެކެވެ. ދިވެހިން ސާގުން ހަދާ ބާވާތްތަކުގެ ތެރޭގައި އެންމެ އާއްމުކޮށް ފެންނަނީ ސާގު ފަންޏާއި ބޮނޑިބަތެވެ.

ޖިންޖާބޭކްސްއެމްވީ އަކީ ޝާދްނީ ކުރަމުން އަންނަ ވިޔަފާރިއެއް. އޭނާ ރަސްމީކޮށް ބޭކް ކުރާތާ މިހާރު ނުވަ އަހަރު

ޝާދްނީ މި ކިޔައިދެނީ ޓިކްޓޮކްގައި ވެސް މިހާރު ވައިރަލްވަމުން އަންނަ 'މެންގޯ ބެންގޯ' ހަދާނެ ގޮތެވެ. ސާގާއި ދޮން އަނބު ބޭނުންކޮށްގެން ތައްޔާރުކުރާ މި ބާވަތް ބަލާބެލުމަށް މީރުވާނެހެން ހީވެ އެވެ. ހޫނު މި ދުވަސްވަރާ ވެސް ގުޅެ އެވެ.

މެންގޯ ބެންގޯ 

މެންގޯ ބެންގޯ އަކީ ޓިކްޓޮކްގައި ވެސް މި ދުވަސްވަރު ވައިރަލްވަމުން އަންނަ ރެސިޕީއެއް (ފޮޓޯ/ޖިންޖާބޭކްސްއެމްވީ/އިންސްޓަގްރާމް)

ބޭނުންވާ ތަކެތި

  • 2 ދޮން އަނބު 

  • 1/2 ޖޯޑު ސާގު

  • 1/2 ދަޅު ކޮކޮނަޓް ޖެލީ

  • 4 ޖޯޑު ފެން

  • 1/2 ޖޯޑު ކާށި ކިރު

  • 1/2 ޖޯޑު ފުލްކްރީމް މިލްކް

  • 1 ދަޅު ގެރިކިރު

'މެންގޯ ބެންގޯ' އަކީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބާވަތެއް (ފޮޓޯ/ޖިންޖާބޭކްސްއެމްވީ/އިންސްޓަގްރާމް)

ތައްޔާރު ކުރާނެ ގޮތް

ތެއްޔެއްގައި ފެން ކައްކާށެވެ. ފެން ކެކުނީމާ އޭގެ ތެރެއަށް ސާގު އަޅައި 10 މިނެޓު ވަންދެން ކައްކާށެވެ.

ސާގު ކެކުމުން އުނދުންމަތިން ބޭލުމަށް ފަހު މަތިޖަހާފައި 15 މިނެޓުވަރު ވަންދެން ހިހޫކުރަން ބަހައްޓާށެވެ.

އެއަށް ފަހު ފެން އޮއްސާލާފައި ސާގުތައް ހިހޫ ފެނުން ދޮވެލާށެވެ.

އަނބުތައް ދޮވެފައި މަށާލުމަށް ފަހު ކޮށާށެވެ.

ބޮޑު ބޯތައްޓެއްގައި އަނބު، ސާގު، ކޮކޮނަޓް ޖެލީ، ގެރިކިރު، ދިޔާކިރު އަދި ކާށިކިރު އެއްކޮށްލާށެވެ. ގެރިކިރުން ފޮނި ހެޔޮވަރު ކުރާށެވެ.

ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރުމަށް ފަހު ފުރިޖަށް ލައި ފިނިކުރާށެވެ.

ކާން ބޭނުންވީމާ ތައްޓަށް އަޅާފައި ފިނިކޮށް ސާވް ކުރާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް