ސ. މަރަދޫ ދުންފިނިގޭގެ ފެންޑާގައި ހާރޫނު ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ: އަލީ ނާސިރު)

ރާޅުފަށް

ހާރޫންގެ ގޭގައި ޖިންނިއެއް އަދި ސިހުރުގެ ހާއްޔެއް

އެ ގެއަށް ވެރިވެފައި ވަނީ ފަޅުކަމާއި ނާމާންކަމެވެ. އަދި ގޭގެ ވެރިމީހާ ކިޔައިދޭން ފެށި ވާހަކަތަކުން މުޅި ގައިން ހީބިހި ނަގައިގަތެވެ. ޖިންނިއެއް ލޮލަށް ނުފެނުނަސް ބިރުވެރިކަން އައިސް ވަށާލައިފި އެވެ.

"މިހާރު ވެސް މި އިންޓަވިއުގައި ވާހަކަ ދައްކަމުންދާއިރު ވެސް އެ ޖިންނި މި ގޭގެ ގޯތި ތެރޭގައި އެބަހުރި. އަހަރެމެންގެ ލޮލަށް ނުފެނުނަސް އޭތި އަބަދުވެސް މި ގޯތީގައި އުޅޭނެ،" މިހެން ބުނެފައި އަހުމަދު ހާރޫނު އަތް ދިއްކޮށް ދައްކާލީ ވާރޭ ފެން ނަގަން ބޭނުންކުރާ ތާނގީއެކެވެ.

"އެންމެ ގިނައިން ފެންނަނީ އެތަނުން."

އޭނާ އެހެން ބުނުމުން އަހަރެންގެ ހަތަރެސް ފައިން ހީބިހި ނަގައިގަތެވެ. ފޮޓޯނަގަމުން ގެންދިޔަ ފޮޓޯގްރާފަރު ވެސް ކުއްލިއަކަށް ހުއްޓުން އަރައިފި އެވެ. އަހަރެމެން ތިބީ ހާރޫނު އޭނާގެ އަންހެނުންނާއި ދެ ކުދިންނާ އެކު ދިރިއުޅެމުން އަންނަ ސ. މަރަދޫ، ދުންފިނިގޭގެ 'މެދުވަތީގަ' އެވެ. މެދުގޯތީގައި ހެދި ފޯދި ހިޔައު ދެމުންދިޔަ ޖަނބުރޯލު ގަހެއްގެ ހިޔަލުގަ އެވެ.

ވައެއް ނުޖެހެ އެވެ. ރަތްދަކައަވީގެ ހޫނުން ދައު ހިއްލަނީ އެވެ. އާދަޔާހިލާފަށް ބޮޑެތި މަދިރި ހަފަނީ އެވެ.

ހާރޫނު ގޮސް ޖައްސާލައިގެން އިނީ ފެންޑާގެ ތިރިތިރި ފާރުބުރިމަތީގަ އެވެ. މުޅި އެ ފެންޑާތެރެ ފުރާލާފައި އޮތީ ކޮންމެވެސް ތާކުން ގެނެސް ބަރިބަރިއަށް ޖަހާފައިވާ ދޮރުފަތްތަކާއި ކުޑަދޮރުތަކުންނެވެ. އެއީ އުކާލަން ބަހައްޓާފައި ހުރި އެއްޗެއްސެއް ނޫނެވެ. އެއީ ރަށު ސްކޫލުން ބައުކޮށް ނީލަމުގައި ވިއްކާލި ދޮރުފަތްތަކެވެ.

އެކަމަކު ހާރޫނުގެ މި ގެއަށް އިތުރު އެންމެ ދޮރުފަތެއް ވެސް ބޭނުމެއް ނުވެ އެވެ. އޭނާގެ މި 'ދުންފިންޏަށް' ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެނީ އެއަށް ވުރެ މާ އާދަޔާހިލާފު ބާރަކުންނެވެ.

ހާރޫނު ފެންޑާގެ ފާރުބުރިމަތީގައި އިނދެގެން ޖިންނި ވާހަކަތައް ކިޔައިދެނީ. (ދައުރު ފޮޓޯ: އަލީ ނާސިރު)
ދުންފިނި ގޭގައި އުޅޭ ކަމަށް ބުނާ ޖިންނި އެންމެ ގިނައިން ފެންނަ ދިމާލުގައި ހުރި ތާނގީއެއް. (ދައުރު ފޮޓޯ: އަލީ ނާސިރު)

"މި ޖިންނި އަކީ އަހަރެން އެންމެ ކުޑައިރު ވެސް މި ގޭގައި އުޅޭ ކަމަށް ބުނެވޭ ޖިންނިއެއް. މި ޖިންނިއެއް މި ގޭގައި ދިރިއުޅެމުން ގެންދަނީ އަޅުގަނޑުމެންގެ ބައްޕަގެ ޒުވާން ދުވަސްވަރުން ފަށައިގެން. މި ގެއަކީ ވަރަށް ގިނަ މީހުން އެކި ދުވަސްވަރު، އެކި ގޮތްގޮތަށް ސިހުރު ހަދާފައިވާ ގެއަކާއި ބިމެއް،" ހާރޫނުގެ މި އޮލަ ވާހަކައިގެ ތެރެއަށް ގެނބެމުން ދަނިކޮށް ސިއްސައިގެން ދިޔައީ އޭނާގެ އެއް އަތުން ވަރަށް ބާރަށް އަނެއް އަތުގައި ކުއްލިއަކަށް ހޫނު އެތިފަހަރެއް އަޅުވައިލުމުންނެވެ.

ޖެހިޖެހީނުން ޗިސްކޮށްލީ މަދިރިގަނޑެކެވެ.

އުމުރުން 44 އަހަރުގެ ހާރޫނަކީ ރަށު ސްކޫލްގައި ސެކިއުރިޓީ ގާޑެކެވެ. އެކަމަކު އުމުރުންވީހާ ދުވަހެއް އޭނާ ހޭދަކުރީ ފަރުމަސްވެރިކަމުގަ އެވެ. މަސްމަރަން ނުވަތަ ދައުއަޅަން ވިޔަސް އޭނާއަށް ވަކި ވަގުތެއް ނޯވެ އެވެ. އޮއްސޭ އިރާ އެކު ނުވަތަ ދެ ނަމާދު ދޭތެރޭގައި ވެސް އޭނާ ފަރުމައްޗަށް ހިނގައިދާނެ އެވެ. މެންދަމުން އަނބުރައި ދޭއް ތިނެއް ޖަހާއިރު ވެސް އޭނާ ފީނައި މަސްމަރަން އޮވެދާނެ އެވެ. ގުގުރައި ވިދައި ކިތަންމެ ބޯކޮށް ވާރޭ ވެހުނަސް ހާރޫނުގެ ހިތަށް ފިނިކަމެއް ލިބެނީ އޭނާގެ ހަތިޔާރުތަކާ އެކު ގޮސް މޫދަށް ފޭބުމުންނެވެ. އަދި އެންމެ ގިނައިން އޭނާ ދަނީ ވެސް އެކަނިމާއެކަންޏެވެ.

މުޅި ރަށު ހިނގައިގެން، ހާރޫނު ހޯދައިގެން އޭނާގެ މި ދުންފިނި ގެއަށް އަހަރެމެން އައީ މި އާދަޔާހިލާފު ފަރުމަސްވެރިކަމުގެ ވާހަކަތައް ކިޔުއްވާށެވެ. ނަމަވެސް އޭނާގެ މި މަސްވެރިކަމުގެ ހަޔާތުގައި ހުޅުނބުޖަހަމުން ގޮސް އެންމެ ފަހުން މި ވާހަކައެއް ބަދަލުވީ ފިތްކަނޑައިގެންދާވަރުގެ ބިރުވެރި ވާހަކައަކަށެވެ.

"އެ ޖިންނިގަނޑު ހަމަ އަސްލަށް ވެސް މިތަނުގައި އެބަހުރިތަ ބްރޯ،" ފޮޓޯގަނޑެއް ކަނޑާލަން ނުކެރި ބިރުން ކުޑަވެފައި ހުރި ފޮޓޯގްރާފަރު އިންޓަވިއު ތެރެއަށް ބޯކޮށްޕައި ސުވާލުކޮށްގަތެވެ.

"މަށަކަށް ވެސް ނުފެނެއޭ. އެކަމަކު އެހެން އެންމެނަށް ފެނޭ،" ހާރޫނު މިހެން ބުނެލިތަނުން ގޭތެރެއިން ނުކުމެގެން އައީ އޭނާގެ އަންހެނުންނެވެ.

"މަށަށް ވަރަށް ގިނައިން ފެނޭ. ނިދަން އޮށޯތީމަ ވެސް ހީވާނީ ގޭގެ ފުރާޅަށް ހިލައިގެ ވާރޭ އޮހިގަންނަހެން. މީހަކު ފުރާޅުމަތީގައި ހިނގާހެން. ކުޑަދޮރުން ބޭރު ބަލައިލީމަ ފެނޭ ބޮޑެތި ފިޔަގަނޑުލީ ވަރަށް ސިފަ ހުތުރު ޖިންނިތައް ވެސް މި ގޭގެ ގޯތީގެ ބޭރުގައި މަޑުކޮށްލައިގެން ތިބޭތަން،" އެ އަންހެން މީހާ ކިޔައިދިނެވެ.

އެހިސާބުން އަހަރެން ހިތަށްއެރީ މި އިންޓަވިއުއެއް ނިންމާލާފައި ވީހާ ވެސް އަވަހަކަށް މާލެ ފުރައިގެންދާށެވެ. އެކަމަކު ހާރޫނު ދެން ކިޔައިދޭން ފެށީ އަދި މާ ޝައުގުވެރިކުރުވަނިވި ވާހަކަތަކެކެވެ.

ދުންފިނިގޭގައި ދިރިއުޅޭ ހާރޫނު އޭނާގެ އަންހެނުންނާއި އެމީހުންގެ ދަރިއާ އެކު (ދައުރު ފޮޓޯ: އަލީ ނާސިރު)
ހާރޫނުގެ އަންހެނުން ގޭތެރޭގައި: އޭނާ ބުނަނީ ނިދަން އޮށޯންނަ އިރަށް ވެސް ހީވާނީ ފުރާޅުގަނޑު ބޮލަށް ވައްޓާލަން އުޅޭހެން ކަމަށް.

ދުންފިނިގެއިން ސިހުރުގެ ބިރުވެރި ކުޅިވަރު

އައްޑު އަތޮޅަކީ ފަންޑިތަ ސިހުރުގެ ކަޅު ތާރީޚެއް އޮތް ދުނިޔެއެކެވެ. އަދި އަހަރެމެން އައިސް މިތިބަ މަރަދޫގައި އެންމެ ފަހުން މީހުން އާބާދުވެފައި ވަނީ ވެސް ސިހުރާއި ފަންޑިތައިގެ ކޯޅުންގަނޑަކަށް ފަހުގައި ކަމަށް ތޯތޯމަތިން ކިޔައި އުޅެ އެވެ. އައްޑު އަތޮޅުގެ ގިނަ ރަށްތަކަކީ ސިހުރު ހާހޫރާ ގުޅިގެން ތާރީޚުގެ އެކި ހިސާބުތަކުގައި ފަޅުވެ ގެއްލިގެން ގޮސްފައިވާ އާބާދުތަކެއް ކަމަށް ވެސް ކިޔައި އުޅެ އެވެ.

ހާރޫނުގެ ބައްޕަ މަރަދޫގައި ވަޒަންވެރިވީ ހިތަދޫން ފުރައިގެން އައިސް އެވެ. ގއ. ގެމަނަފުށީ އަންހެނަކާ ކައިވެނިކޮށްގެން މި ގޭގެ ބީރައްޓެހި ވެށީގައި މަޑުމަޑުން އޭނާގެ އާއިލާ ބޮޑުކުރަން ފެށީ އެވެ. އެ ދެމަފިރިންގެ މި ހިޔަލަށް ޖުމްލަ 14 ކުދިން އުފަންވި އެވެ. ނަމަވެސް މިއަދު ދުނިޔޭގައި ތިބީ އޭގެ ތެރެއިން އަށް ކުދިންނެވެ. މިހާރު މި ގޭގައި ދިރިއުޅެމުން އަންނަ ހާރޫނަކީ އޭގެ އެންމެ ހަގު މީހާ އެވެ.

ނަމަވެސް ވަރަށް ފަހަކާ ޖެހެންދެން މި އާއިލާގެ އެހެން ކުދިން ވެސް ދިރިއުޅެމުން ދިޔައީ ހާރޫނާ އެކު މިގޭގަ އެވެ. އެކަމަކު އެ އެންމެން ވެސް މަޑުމަޑުން، ފަހަރަކު މީހަކު ގެއިން ނުކުމެގެން ދިޔައީ އެވެ.

"މިހާރު ވެސް މި ރަށުގައި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެއިންނާއި ދައްތަމެން ދިރިއުޅޭ. އެކަމަކު އެއިން އެއްވެސް މީހަކު މިގެއަކަށް ނުވަންނާނެ. މިއީ އެ އެންމެންގެ ވެސް ގެ އަދިވެސް. މި ގެ އޮތީ ނުވެސް ބަހައި،" ހާރޫނު ކިޔައިދިނެވެ.

"އެކަމަކު މި މަގުން ހިނގާލާފައި ދާއިރު ވެސް އެ މީހުން މިގެއަކަށް ނުވަންނާނެ. ބުނަނީ ވަންނަ ހިތެއް ހަމަ އެއްގޮތަކަށް ވެސް ނުވެޔޭ. ރަށުގެ އާންމުން ވެސް މި ގެއަށް ވަރަށް ނާންނާނެ. އަމުދުން ރޭގަނޑު މިގެއަށް ނުވަންނާނެ."

ސިހުރުގެ ސަބަބުން ދުންފިނިގެ މަޑުމަޑުން ފަޅުވެ ވީރާނާވަނީ އެވެ. ހާރޫނު ބުނީ މިހެންނެވެ.

ސ. މަރަދޫ ދުންފިނިގޭގެ ގޯތި ތެރޭގައި ހުރި ވަޅެއް. (ދައުރު ފޮޓޯ: އަލީ ނާސިރު)
ދުންފިނި ގޭގެ ސިޓިންރޫމު: މި ގެއިން ޖިންނި ފެންނަ ކަމަށް ބުނާ އާންމުން ވެސް ވަރަށް ގިނަ. (ދައުރު ފޮޓޯ: އަލީ ނާސިރު)
ދުންފިނިގެ: ގޭގައި ކުރިން އުޅުނު އެހެން މީހުން މިހާރު ވަނީ ގޮސްފައި (ދައުރު ފޮޓޯ: އަލީ ނާސިރު)

"ގަބޫލުކުރެވެނީ މި ގެ ފަޅުކޮށްލަން މީހަކު ސިހުރު ހަދަނީ ކަމަށް. މަންމާމެން ބައްޕާމެންގެ ޒަމާނުގައި ވެސް މި ގެއަށް ސިހުރު ހަދާފައި އެބަހުރި،" ހާރޫނު ބުނެލި އެވެ.

"މިހާރު ވެސް މި ގެއަށް ސިހުރު ހަދާ މީހަކު މި ހިސާބުގަނޑުގައި ދިރިއުޅޭ. އެއީ ކާކުކަން ވެސް އެނގޭ. އެކަމަކު އޭނާގެ ނަން ބުނަން ބޭނުމެއް ނޫން."

ހާރޫނު ބުނީ އެ ސިހުރު ބާތިލުކުރަން ހުވަދޫ އިން ފަންޑިތަވެރިޔަކު ގެނެސް ކިޔެވެލިތައް ކިޔަވަން ފެށުމުން ގޭތެރެއިން ހިކަންޖާއި ކަކުންޏާއި ބަރަވެލި ނުކުމެގެން ދިޔަތަން އޭނާގެ ދެ ލޮލުން ވެސް ދެކެފައިވާ ކަމަށެވެ.

"އެ އެއްޗެހިތައް ނުކުމެގެން ދިޔައީ މި ދޮރުން. ތި ދިމާލުން."

ހާރޫނު މިހެން ބުނުމުން ފައިދަށުން ބިންގަނޑު ދެމިގަތެވެ. އަހަރެން އަނެއް ފަރާތަށް ޖެހިގަތީ އެވެ.

"ފަންޑިތަވެރިޔާ ބުނީ އެއީ ގެއަށް ހަދާފައިވާ ސިހުރާ ގުޅިގެން މި ގޭގައި ވަޒަންވެރިވެ ވެރިވެގަނެގެން އުޅުނު ޖިންނިތަކޯ. އޭނާގެ ކިޔެވެލިތައް ކިޔަވައިގެން އެފަހަރު ގޭތެރެއިން ވަރަށް ބައިވަރު ސޫފާސޫފިތައް ނުކުމެގެން ދިޔަ. އެކަމަކު ދެން ވެސް ފަންޑިތަވެރިޔާ ހިތްހަމައެއް ނުޖެހުނު،" ހާރޫނު ކިޔައިދިނެވެ.

"ދެން މަންމަ އަހައިފި ކިހިނެއްވީ ހެއްޔޭ؟ ދެން ފަންޑިތަވެރިޔާ މި ހުންނަނީ ގެއާ ދިމާލަށް ބަލަހައްޓައިގެން. މިހެން ހުރެފައި ބުނެފި އަދިވެސް އެބަ އުޅެޔޭ އެކަކު މި ގޭ ތެރޭގައި. އެކަމަކު ތިމަންނާ ކިތަންމެ ގިނަ އިރެއް ވަންދެން ކިޔެވިޔަސް އޭނާ މި ގެއަކުން ނުނިކުންނާނެއޭ."

"ދެން އަނެއްކާވެސް ކިޔަވަން ފެށި ގޮތަށް ކިޔަވަމުން ގޮސް އިންކުރަހައި އެ އިން ބަންދުކޮށްލީ. އެހިސާބުން ފެށިގެން މިއަދު ވެސް އެ ޖިންނި ދިރިއުޅެނީ މި ގޭގައި."

މިހެން ބުނެފައި ހާރޫނު އަނެއްކާވެސް ތާނގި ހުރި ދިމާލަށް ބަލައިލި އެވެ. މި ގޭގައި ދިރިއުޅޭ ޖިންނި ލޮލަށް ނުފެނުނަސް އޭގެ އަސަރު އޭނާއަށް އިހުސާސުވާ ކަހަލަ އެވެ.

"ބޮޑަށް ލަފާކުރެވެނީ މި ގޭގައި ވަޒަންވެރިވެގެން އުޅެނީ އަވައްޓެހިންނޭ އެ ކިޔާ ކަހަލަ ޖިންނިއެއް ކަމަށް،" ހާރޫނު މަޑުމަޑުން ބުނެލި އެވެ.

'އަވައްޓެހި އަންހެން ކުދިންނަކީ' ގޭގައި ގެންގުޅޭ ކަމަށް ބުނާ ރޫހާނީ އަންހެން ޖިންނިއެކެވެ. އޭތި ގެންގުޅެން އެނގިއްޖެ ނަމަ ގޭގައި ކުރަން ޖެހޭ މަސައްކަތް ވެސް އެ ޖިންނި ކޮށްދޭ ކަމަށް ބުނެ އުޅެ އެވެ. އަދި ނުބައިވެގެންވީ އެހެން ބާރުތަކަށް ގެއަށް ވަންނާކަށް ވެސް ނުކެރޭނެ އެވެ.

"އެ ޖިންނި އަކީ މި ގޭގައި ރައްކަލަކަށް އުޅޭ އެއްޗެއް ކަމަށް ފަންޑިތަވެރިން ވެސް ބުނެފައި ވަނީ. ސިހުރު މެދުވެރިކޮށް މި ގެއަށް އެހެން ޖިންނިތަކަށް ނުވަދެވެނީ ވެސް މި ޖިންނިއާ ހެދި ކަމަށް ވަނީ،" ހާރޫނު ބުނެލި އެވެ.

"މި ގޭގައި ޖިންނިއެއް އުޅުނަސް އަހަރެމެންނަށް އެއްވެސް ގޯނާއެއް ނުކުރޭ. އެކަމަކު އެ ޖިންނި އަކީ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ޖިންނިއެއް. ގޭތެރެ ތަރުތީބުކޮށް ކުނިކަހައި ކުނިއުކާ ވެސް ދޭނެ."

ހާރޫނު އޭނާގެ ދަރިފުޅު ގޮވައިގެން ގޯތި ތެރޭގައި. (ދައުރު ފޮޓޯ: އަލީ ނާސިރު)
ފެންޑާގައި ހާރޫނު ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާ ބުނަނީ ގޭގައި އުޅެނީ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޖިންނިއެއް ކަމަށް. (ދައުރު ފޮޓޯ: އަލީ ނާސިރު)

ލޮލަށް ނުފެނުނަސް ހާރޫނަށް ވެސް ރައްކާތެރިކަން

ހާރޫނު ކިޔައިދިން ގޮތުގައި ދުންފިނި ގެއަކީ ސިހުރުގެ ހާއްޔެކެވެ. އޭނާ ބުނަނީ އަދިވެސް އޭނާގެ ގެއަށް ސިހުރުހަދާ ބަޔަކު ދަނީ އެކަން ކުރަމުން ކަމަށެވެ. ސިހުރުގެ ލިޔުންތައް އެކި ސިފަސިފައިގައި ފުރާޅުމަތިންނާއި ތާނގީތަކުގެ ތެރެއިން އަދި ގޯތީގައި ވަޅުލާފައި ވަނިކޮށް ވެސް ފެނިފައި އެބަ ހުއްޓެވެ.

"އެއް ފަހަރަކު ގޯތި ތެރެއިން ފެންނަނީ ފުޅިއަކަށް ކަޅުކުލައިގެ އެއްޗެހިތަކެއް އަޅައިގެން ވަޅު ކައިރީގައި އެނބުރެމުން ދިޔަ މީހަކު. އެމީހާ އިރުކޮޅަކުން ގެއްލިއްޖެ. ދެން އެއީ ކޮންމެވެސް ނުބައި ކަމެއް ކުރަން އުޅޭ މީހެއްކަން ޔަގީވެގެން އޭނާ އެ ފުޅީގައި ހުރި އެއްޗެހިތައް އެޅީ ކޯއްޗަތަކަށްތޯ ބަލަން ފެށީ،" ހާރޫނު ކިޔައިދިނެވެ.

"ދެން ބަލަމުން ގޮސް ތާނގީގެ މަތިގަނޑު ނަގައި ބެލިއިރު ތާނގީ ތެރެއަށް އަޅާފައި ހުރީ ބައިވަރު ފައިދިގުމަކުނު. މަރާލާފައި ތާނގީ ތެރެއަށް އަޅާލާފައި ހުއްޓައި. ފޮށިލީ ފައިދިގުމަކުނުތަކެއް."

އޭނާ ބުނީ ފުރާޅުން ފެން ނަގައިގެން ފެން ބުއި ދުވަސްވަރު ފުރާޅުމަތިން ވެސް ސިހުރުގެ ލިޔުންތައް ފެނުމަކީ އާންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ފުރާޅު މައްޗަށް އެރި ފަހަރަކު ވޮލެޓެއް ފެނިގެން ނަގައިގެން ބެލިއިރު އޭގެ ތެރެއިން ފެނުނީ ސިހުރުޗލިޔެފައި އޮތް ވަރަށް ބޮޑު ކަރުދާސްގަނޑެއް. ރޫޅަމުން ރޫޅަމުން ގޮސް ބޮޑު ކަރުދާސްގަނޑަކަށް ބަދަލުވި،" ހާރޫނު ކިޔައިދިނެވެ.

"ފަންޑިތަވެރިޔާ ބުނެފި ތާނގީއަށް ފެން އެޅިފައިވާ ނަމަ އެ ހުރިހާ ފެނެއް ދޫކޮށްލާށޭ. އެ ފެން ނުބޮއްޗޭ. އެފަހަރު ދެން އެ ތާނގީ ތަޅާލީ."

ނަމަވެސް ހާރޫނު ބުނީ ގެއަށް ހަދާ ކަމަށް ބެލެވޭ ސިހުރުގެ އެއްވެސް އަސަރެއް އޭނާއަކަށް ދުވަހަކު ވެސް ނުކުރެ އެވެ. އެކަމަކު އެ ގޭގައި ކުރިން އުޅުނު، އާއިލާގެ އެހެން މީހުން ގެއިން ނުކުމެގެން ދިޔައީ ސިހުރުގެ އުނދަގޫ އެކި ސިފަސިފައިގައި ކުރިމަތިވެގެން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ދުންފިނި ގޭގެ ގޯތި ތެރޭގައި ހުރި ޖަނބުރޯލު ގަސް (ދައުރު ފޮޓޯ: އަލީ ނާސިރު)
ދުންފިނިގޭގެ ގޯތި ތެރޭގައި ވަނީ ފަޅުކަމާއި ނާމާންކަން. (ދައުރު ފޮޓޯ: އަލީ ނާސިރު)

ދުންފިނީގެ މި ބިރުވެރި ވާހަކަތައް ކިޔައިދެމުން ގޮސް ހާރޫން ދެން ކިޔައިދޭން ފެށީ މޫދުގައި އުޅެނިކޮށް އޭނާ ފަހަތު އަޅުވާލި 'ޖިންނިއެއް' ގެ ވާހަކަ އެވެ. އެހައި ހިސާބަށް ދިއުމުން އަހަރެން ހިތަށްއެރީ މި އިންޓަވިއުއެއް ރަސްމީކޮށް ނިއްވާލާށެވެ. އެކަމަކު ހާރޫނު ލައްވައި ކިޔުއްވަން އައި މަސްވެރިކަމުގެ ވާހަކަތައް އަދި އެހިސާބުން ކިރިޔާ ފެށުނީ އެވެ.

"އަޅުގަނޑަށް ޖިންނިއެއް ނުފެނޭ ގެއަކުން. އެކަމަކު އަބަދުވެސް ރޭގަނޑު މަސްވެރިކަމުގައި ގޮސް އުޅޭއިރު އާދަޔާހިލާފު އެއްޗެހި ފެނޭ،" އައު ފެށުމަކުން ހާރޫނު ފަށައިގަތެވެ.

"އެގޮތުން ދުވަހަކު ވެސް ނުފެންނަ ސިފަސިފައިގެ މަސްތައް ވެސް ފެނޭ. ވަކި ވައްތަރެއްގެ މަހެއް އަބަދުވެސް އަޅުގަނޑާ އެއްވަރަކަށް ފަތަމުން ގެންދާތަން ވެސް ފެނޭ. އެކަމަކު އަޅުގަނޑު ފަހަތު ވަރަށް ނުރައްކާ ޖިންނިއެއް އަޅުވާލި ހާދިސާއެއް މީގެ އަށެއްކަ އަހަރު ކުރިން ދިމާވި."

"އަންހެން ކުއްޖަކު ވަރަށް ރީއްޗަށް ތުނބުން ފުމޭ އަޑު އިވެނީ. މޫދުގައި އޮންނައިރު ވެސް އަދި އެއްގަމަށް އެރީމަ ވެސް. އެ ހިސާބުން އަޅުގަނޑަށް ޔަގީންވެއްޖެ މިއީ ގޯހެއްކަން."

އެ ހިސާބަށް ދިޔައީމަ ދެން އަހަރެމެން ހާރޫނުގެ ވާހަކަތައް މެދުކަނޑާލައި ރިކޯޑިން ވެސް ނިއްވާލައިފީމެވެ. އޭރު އިރުއޮއްސެނީ އެވެ.

"އިރުއޮއްސުނީމަ މިހާރު ވެސް މި ރަށު މީހުން ނާންނާނެ މި ގެއަކަށް. އިރުއޮއްސިގެން މި ގެއަށް އަންނަ ވަރަށް ގިނަ މީހުންނަށް އެއްޗެހި ފެނޭ،" ހާރޫނު އަނެއްކާވެސް އެހެން ދިމާލަކުން ފަށައިގަތެވެ.

އެކަމަކު އަހަރެމެން ބެލީ އެ ބުނާ ފާޑުފާޑުގެ އެއްޗެހިތައް ފައުޅުވާން ފެށުމުގެ ކުރިން އެތަނުން ރައްކާވޭތޯ އެވެ. ދުޔަ މަގުމަތީގައި ހިތަށް އެރީ ހާރޫނު ކިޔައިދިން އެ ހުރިހާ ވާހަކައެއްގައި ވަނީ ކިހާ ވަރެއްގެ ބަރުދަނެއްތޯ އެވެ؟ އެހެން ހިތަށް އަރައި ވާހަކަ ދައްކަން ފެށުނީ ދުންފިނި ގޭގެ ބައެއް އަވައްޓެރިންނާ އެވެ.

އަވައްޓެރިން އަދި ކިޔައިދޭން ފެށީ މާ ބިރުވެރި ވާހަކައެވެ. ދުންފިނި ގޭގެ ގޯތި ތެރޭގައި ހެދި ފެތުރިފައި ހުރި ޖަނބުރޯލު ގަހާ ދިމާލަށް ބަލަހައްޓައިގެން ތިބެފައި އަހަރެމެން ސައިކަލަށް އަރައިގެން ނައްޓާލީ އެވެ.

އެ ގަހުގައި ދުވަހަކު މޭވާއެއް ހަރެއް ނުވެ އެވެ. ސިހުރުގެ މަޑު ގިނީގައި ދުންފިނިގެ ފަޅުވެ ވީރާނާ ވަނީ ހެއްޔެވެ؟

ކޮމެންޓް (26)

ނިރާސް

26 މާރިޗު 2024
ވަރަށްވެސް ބިރުވެރި! ތެދެއް! ޖިންނީގެ ދެބާވަތެއް ވާކަން އިލްމުވެރިންވެސް އެއްބަސްވޭ! ދުޢާ އަކީ ނުބައި ކަންތަކުން މިއާއިލާ ރައްކާތެރިކޮށްދެއްވުން!
4 1

ާައަވައްޓެރި ކުއްޖާ

25 މާރިޗު 2024
އަޅެ ނަދީމް ދޭބަލަ އެގެއަށް ދެންހުރި ބައި އަޑުއަހަން
6 0

ބަޓަލް

25 މާރިޗު 2024
ތިގެއަށް ދާންވެއްޖެ މަވެސް ހަޤީޤަތް ބަލާލަން🫣
4 0

އަލީ

25 މާރިޗު 2024
ހާރުނެއް ކަމަކު ފޮނިކެނޑުމުގަވެސް އިންނަންވާނެ ހައްދެއް އަހަރެންވެސް ގަބޫލުކުރަން ޖިންނި ޝައިތާނުން ނަކީ އުޅޭ އެއްޗެއްކަން އެކަމު ހާރޫން ވާހަކައިގައި ގިނައީ ސަޅިބުރުވާފަ ފޮނިކަޑާފަ
5 4

ރައިހާން

25 މާރިޗު 2024
އަދި މިވަރަކުން ހިތް ހަމައެއްނުޖެހެ… މި ލިޔުމުގަ ސުވާލު އުފެދޭ ބައިވަރު ކަންކަން އެބަހުރި. ކިޔާ ނިމުން އިރުވެސް ޖަވާބެއް ނުލިބުން. އެހެންވީމަ އަނެއްކަ ދޭ އެ ގެއަށް ، ގޮސް ހުރިހާ ވާހަކަ އެއް ކިޔާ ދީބަ!
15 0

މުއާ

25 މާރިޗު 2024
ކޮމެހެން ސިހުރުވެރިން ސިއްރުކޮއްގެން އުޅޭނެ ކަމެއްނެ.. ސިހުރުވެރިންގެ ވަބާއިން ސަލާމަތްވާން ހުރިހާމީހުންވެސް ބޭނުންވާނީ އެވެސް މީހަކު ބޭނުމެއް ނުވާނެ ދެންހުރި މީހާއަށް ދެރައެށް ލިބެން އެހެންވީމަ ތި ސިހުރުވެރިވެރި މީހާ ގެ ނަން ފާޅުގަ ބުނޭ..!
18 0

މަމީ ކޮކާލެއް

26 މާރިޗު 2024
@މުއާ ދެން ކުރިމަތި ލާން ޖެހިދާނެ އަޑިގަނޑަކަށް ވެސް ވިސްނަން ވާނެދޯ. އެހެން ނަން ހާމަކޮއްލައިފިއްޔާ ގިނަފަހަރު ވަރަަށް ނުރައްކަލާ ކުރިމަތިލާން ޖެހޭފަހަރުވެސް އާދޭވިއްޔަ
3 0

ޢަލީ

24 މާރިޗު 2024
ސިހުރު ވެރީންގެ ނަން އެނގޭނަމަ މިތާ ޖަހާބަލަ ނަން ނުޖަހާނެ ކަމެއް ނެތޭ
12 1

ދޮން އަލީ

24 މާރިޗު 2024
މިހާ ބިރުގަންނަ ނޫސްވެރިން މިކަހަލަ ވާހަކަ ނުގެންނަން ވީނު. ކޮންމެ ވާހަކަ އެއް ފަށާއިރަށް ނޫސްވެރިޔާ މި ކުރި ބިންދާލަނީ. 🤣🤣
23 1

ރައި

25 މާރިޗު 2024
@ދޮން އަލީ ބިރުގަނެފާނެ. އެކަމު އެލިޔުމުގަ ބައިވަރު ސުވާލުތައް ހުރީމަ ކަމަކު ނުދޭ
4 0

ޖާބެ

24 މާރިޗު 2024
ސިހުރުވެރިން ކަރުތައް ބުރިކުރަންވޫ….
20 0

ދިއެ

24 މާރިޗު 2024
ސިހުރުގެ ވާހަކަ އިވިއިވި ހޮޑުލަވާ މިހާރު
2 0

ކްލިކް ބެއިޓް

24 މާރިޗު 2024
ގޭތެރެ ތަރުތީބު ކުރާ އަވައްޓެއްސެއް ތިޔަގޭގަ އެބަ އުޅޭ. ފޮޓޯތަކުން އެކަން ޔަގީންވޭ.
25 2

ކަލޯ1

25 މާރިޗު 2024
@ކްލިކް ބެއިޓް ލޮލް. ޢޯއެމްޖީ
4 0

ޔަޒޫ

25 މާރިޗު 2024
@ކްލިކް ބެއިޓް އާނ މަށަށް ވެސް އެންމެ ފާހަގަވި ކަންތައް. ހާދަހާ ސާފޭ، ހާދަހާ ތަރުތީބޭ.
3 0

ހެރީ ޕޮޓާ އެންޑް އައްޑޫ ކުދުކަލޯ

24 މާރިޗު 2024
ގައުމެއް އެއްކޮށް ބޮލަށް ބޭސްކުރަން ޖެހިފަ މިތިބީ. 2024 ގަވެސް ޝައްކާ ވަހުމުގަ ލޮލަށް ނުފެންނަ ބާރުތަކާ މެދު ބިރުގަތުމުގެ. ކްލިކްބެއިޓްކުރަން ޖިންނި ވާހަކަ ލިޔުމުގެ އަސަރު ދިގު ތާރީހުތަކަކަށް މިރާއްޖޭގަ ހުންނާނެ. މިއީ އެތައް މިލިޔަނެއް ދައުރުވާ ރުގްޔާ އިންޑަސްޓްރީއަށް ކޮށްދެވޭ އަންޕެއިޑް މާކެޓިން. ވިސްނާލައްވާ
9 19

ސަނައްޓޭ

24 މާރިޗު 2024
@ހެރީ ޕޮޓާ އެންޑް އައްޑޫ ކުދުކަލޯ ކައެ ދެން ތި ބުނަނީ ޖިންނިއަކީ އުޅޭ އެއްޗެއް ނޫނޭތަ؟ ސިހުރަކީ ފޭކެކޭތަ
13 7

ކަލަމިންޖާ

24 މާރިޗު 2024
@ހެރީ ޕޮޓާ އެންޑް އައްޑޫ ކުދުކަލޯ ލޮލަށް ނުފެންނަ ކޮންމެ އެއްޗަކީ ނެތް އެއްޗެއް ކަމަށް ޤަބޫލްކުރަންޏާ ކަލޯ ހާދަ ގިނަ ކަމެއް ގަބޫލްނުކުރާނެއޭ. ޖިންނީންވެސް ލައްވަވާފައިވާކަން އެނގެން އޮތީ ކީރިތި ޤުރުއާނުން. އެހެންވީމަ ޖިންނީންގެ ވާހަކަތަކަކީ ބޯދާ ހިޔާލާއީ ކަމަށް ބުނުމަކީ ކިހިނެއް ބުނާ އެއްޗެއްތޯ ؟
15 3

ބަާޒީގަރު

24 މާރިޗު 2024
ނަދީމު ކަލޯ އަށް އެ ސޮރުމެން އުނދަގުލެއް ނުކުރޭތަ އަނެއްކާ.
6 2

ކަލޯ ގެ ހުސޭނާ

24 މާރިޗު 2024
އައްޑު އަތޮޅަކީ ފަންޑިތަ ސިހުރުގެ ކަޅު ތާރީޚެއް އޮތް ދުނިޔެއެކެވެ. އައްޑޫ ދުނިޔެއަށް ވީ ކިހިނެތް ކަން ނަދީމު ބުނެބަލަ. މޮޅަށް ލިޔަން ހަދައިގެން ކޮސް ގޮވެނީ
8 15

ސަނނައްޓޭ

24 މާރިޗު 2024
@ކަލޯ ގެ ހުސޭނާ އިޓްސްއަ މެޓަފޯރ ބްރޯ ފަހުމު ނުވިޔަސް ކޮމެންޓް ކުރާތި
19 2

ކަލޯ

24 މާރިޗު 2024
@ސަނނައްޓޭ ކަލޭ ނަދީމު އާ ހިތާވާކަން މިތާ އެންމެނަށްވެސް އިނގޭ
1 1

ސަނައްޓޭ

24 މާރިޗު 2024
@ކަލޯ ދެން ކައެ އަސަރެއް ކޮށް ކޮށް ހުންނަންޖެހޭނީ. ކައެ ވެސް ހަމަ ހިތާވީމަ ނިމުނީ..
2 1

ކަތްދާ

25 މާރިޗު 2024
@ކަލޯ ގެ ހުސޭނާ ހުސޭނާ ބުނާކަށް، މަށާ ހިތާވި މީހާ ވެސް ބުނި މަ މީ އޭނަގެ ދުނިޔެއޭ. އެހެންވީމަ އައްޑޫ އަދި ދުނިޔެއަކަށް ނުވާންވީ ކަމެއް ނެތްތާ.
0 0

ފަގަސް

24 މާރިޗު 2024
ތުނބުން ފުމުނީ އަންހެންކުއްޖެއްކަން އެނގުނީ ކިހިނެއްބާ؟
15 4

ސްވީޓްރޯސް

26 މާރިޗު 2024
@ފަގަސް ތިވެސް ސުވަާލެއް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް