ޖޯން ފައުންޓެން އޭނާއަށް އިސްލާމްދީނަށް ވަދެވުނު ގޮތާ ގުޅޭގޮތުން އިންޓަވިއުއެއް ދެނީ: އޭނާއަކީ މިހާރު އިސްލާމްދީނާ މެދު މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާ މީހެއް.

އިސްލާމްވީ ގޮތް

އިސްލާމްވީ ގޮތް: އިސްލާމީ އަލިކަން ފެނުނީ ފުލުހުންނަށް ފިލަން ސިހުރުން ވާގި ހޯދުމުގެ ތެރެއިން

މިއީ ސިއެރެ ލިއޯންއަށް ވިޔަފާރި ކުރަންދިޔަ އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ފައުންޓެން އިސްލާމުދީނަށް ވަންނަން މެދުވެރިވި ގޮތް

މިއީ ހުޅަނގު އެފްރިކާގެ ސިއެރެ ލިއޯންއަށް ވިޔަފާރި ކުރަންދިޔަ އިންގްލޭންޑުގެ ރައްޔިތެއް ކަމަށްވާ ޖޯން ފައުންޓެންއަށް އިސްލާމްދީނުގެ ހިދާޔަތް ލިބުނު ގޮތުގެ ހަގީގީ ހާދިސާއެކެވެ. މި ލިޔުމުގައި މި ވާހަކަ މި ގެނެސްދެނީ އޭނާ ކިޔާދީފައިވާ ގޮތަށެވެ.

އަހަރެން ސިއެރެ ލިއޯންގައި ވިޔަފާރި ފެށި ދުވަސްވަރު އަހަރެންގެ ބައެއް ރައްޓެހިން ސިހުރުން ވާގި ހޯދާ އުޅުނެވެ. އެޔަށް އެ މީހުން ސިހުރެއް ނުވަތަ ޖާދޫއެކޭ ވެސް ނުކިޔަ އެވެ. އެ މީހުން ގަބޫލުކޮށްގެން އުޅެނީ އެއީ އިސްލާމްދީނުގެ ބައެއް ކަމަށެވެ.

އެ މީހުންގެ އަތުގައި ކުޑަކުޑަ ފަށެއް އޮވެ އެވެ. އެ މީހުން ގަބޫލުކުރަނީ އޭގެ އެތެރޭގައި ލިޔެފައި ހުންނަނީ ގުރުއާންގެ އާޔަތްތައް ކަމަށެވެ. އެކަމަކު އެއީ ސިހުރެވެ. އަހަރެންނަކީ އޭގެ ފަށެއް ހުޅުވި މީހެކެވެ. އޭގެ ތެރޭގައި ލިޔެފައި ހުންނަނީ ހިސާބު އަދަދުތަކަކާއި ޝައިތާނާގެ ނަން ފަދަ ފާޑުފާޑުގެ ހަޑިހުތުރު ނަންނަމެވެ. އަދި ފާޑުފާޑުގެ ކުރެހުންތައް ކުރަހާފައި ހުރެ އެވެ.

އެ މީހުން މި ފަށް ބޭނުންކުރަމުންދިޔައީ ކުށްކުށަށް އަރައިގަތުމަށް ފަހު ފުލުހުންނަށް ފިލުމަށެވެ. އަހަރެންނަށް ވެސް އެ މީހުން އެ ފަށް އޭރު ދިނީ އެ ބޭނުމުގަ އެވެ. އެއީ ކޯއްޗެއް ކަމެއް އޭރު އަހަންނަކަށް ނޭގެ އެވެ. އައޫޒުބިﷲ، އެ ފަށް އަހަރެންގެ ޖީބުގައި ބާއްވައިގެން ގާތްގަނޑަަކަށް ދެ އަހަރު ދުވަހު އުޅެވުނެވެ.

އެއީ ވަރަށް ކުޑަކުުޑަ ފުލެއް ލާފައި އޮންނަ ފަށެކެވެ. އޭރު އެ ފުލުގެ އެތެރޭގައި ހުރީ ކޯއްޗެއް ކަމެއް އަަހަންނަކަށް ނޭނގެ އެވެ. އެފްރިކާގެ އެ މީހުން އަހަރެން ކައިރީ ބުނީ އަހަރެން ވަރަށް ގިނަ ކަންކަމުން އެ ފަށުގެ ސަބަބުން ސަލާމަތް ވާނެ ކަމަށެވެ. ފުރަތަމަ އަހަރެން އެކަން އެހެން ވެދާނެ ކަމަށް ގަބޫލުނުކުރި ނަމަވެސް، އެ ފަށް ޖީބަށް ލީ، ޖީބުގައި އެ ގެންގުޅުމަކުން ވާނެ ދެރައެއް ނޯންނާނެއޭ ހިތަށް އަރާފަ އެވެ. 

ސިއެރެ ލިއޯންގައި އެއް ފަހަރު ފުލުހުން އަހަރެން ހިފެހެއްޓި އެވެ. ކާރުން ބޭލުމަށް ފަހު މުޅި ހަށިގަނޑު ބަލައި ފާސްކުރުމުގެ ތެރެއިން އަހަރެންގެ ޖީބުގައި އޮތް އެއްކަލަ ފަށް އެ މީހުންނަށް ފެނުނެވެ. އެ ފަށް ފުލުހުން ނަގާފައި ސިއްސައިގެން ގޮސް ވަގުތުން އެއްލާލި އެވެ. އަދި ހުރިހާ އެއްޗެއް ހިފައިގެން އަވަހަށް އެތަނުން ދިއުމަށް، ބިރުގެންފައި ހުރި އެ ފުލުސް މީހާ ބުންޏެވެ. އޭރު އޭނާގެ އަތްތިލަ ފިހިފައި އޮއްވާ އަހަރެން ދުށީމެވެ. 

އެ ފަށުގެ ބާރުގަދަކަން އަހަންނަށް ގަބޫލުކުރެވި އެ ފަށް މުހިންމުވީ އެ ހާދިސާއަށް ފަހު އެވެ. އޭގެ ފަހުން ވެސް ތިން ހަތަރު ފަހަރަކު ފުލުހުން އަހަރެން ހިފެހެއްޓިއިރު ވެސް ހަމަ ވީ އެ ދުވަހު ވީ ގޮތަށެވެ. އެއީ ހަގީގަތުގައި ވެސް ޖާދުވީ ބާރުގަދަ ފަށެއް ކަމަށް އެހާ ހިސާބުން އަހަންނަށް ގަބޫލުކުރެވުނެވެ.

އެ ފަށް ބޭނުންކުރާ ކޮންމެ މީހަކަށް ވެސް ހީވެފައި އޮންނަނީ އޭނާގެ އަތުގައި އާދަޔާހިލާފު ބާރެއް އޮތް ކަމަށެވެ. އެފަދަ ފަށެއް ގަނެ އެ ބޭނުންކޮށްގެން ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ކުށްތައް ފަސޭހަކަމާ އެކު ކުރެވޭނެ ކަމަށް ހީކުރެ އެވެ. އެކަމަކު އެއީ ހާދަހާ ބޮޑު ފާފައެކެވެ. 

ސިއެރެ ލިއޯންގެ މަގެއްގެ މަތީ ބަޔަކު މަޑުކޮށްލައިގެން މަސްތުވާތަކެތި ބޭނުންކުރަނީ: މިތަނުގެ މަގުމަތިން މަސްތުގެ ހާލަތުގައި ވެއްޓިފައި ތިބޭ މީހުން އާންމުކޮށް ފެނޭ

އޭރު އަހަންނަށް ނުވިސްނުނު ކަމަކީ، ފުލުހުން ބިރުން އަހަރެން ދޫކޮށްލަނީ، އެ ފަށުގެ ބާރުގައި ނޫންކަމެވެ. އެއީ ޝައިތާނާ އަހަރެންގެ ސިކުޑިއަށާއި ލޮލަށް ދެއްކި ވަހުމެކެވެ. އެ ފަށް އަތުގައި ޖެހޭ ކޮންމެ ފުލުހަކު އެހާ ބިރުގަންނަނީ ކޮން އެއްޗެއް ފެނިގެންކަމެއް ނުވަތަ އަތް ފިހުނީ ކިހިނެއްކަމެއް އަހަންނަކަށް އަދިވެސް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ އެއީ ޝައިތޯނާގެ އަމަލެއް ކަމެވެ. ޝައިތޯނާ ބޭނުންވީ އެ ފަށުގެ މޮޅުކަން އަހަރެންގެ ހިތަށް ވައްދައި އެ ބޭނުންކޮށް ފާފައިގެ ތެރޭގައި އަހަރެން ދެމިހުރުމެވެ. 

ނަމަވެސް ބުނަން ހެއްޔެވެ؟ އެއިން އެއްވެސް ކަމެއް މާތްﷲގެ އިރާދަފުޅާ ނުލާ ނޫނީ ނުކުރެވޭނެ އެވެ. އެކަމެއް އެ ވަނީ މާތްﷲ އެކަމަށް އިރާދަކުރެއްވީތީ އެވެ. ބައެއް ފަހަރަށް އިންސާނުން ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު މާތްﷲ ދެއްވަ އެވެ. އެއީ އެމީހަކު އިމްތިހާނު ކުރެއްވުމަށެވެ. އީމާންކަން ގެއްލުވާލަނީ އޭނާ އަމިއްލައަށެވެ. އަހަންނަށް މިކަހަލަ ކިތަންމެ މަންޒަރެއް ފެނިފައި ވެ އެވެ. އެ ވާހަކަތައް މިއަދު ދައްކާކަށް ނެތީމެވެ.

ސިހުރުގެ ސިޓީން ފެނުނު މަންޒަރުތަކާ އެކު، ގުރުއާންގެ ތެދުކަން ގަބޫލުކުރެވުން

ސިއެރެ ލިއޯންގައި 'ކަބާލާ' ކިޔާ ޖަންގަލި ހިސާބެއް އޮވެ އެވެ. އެއީ ސިހުރަށް މަޝްހޫރު ސިޓީއެކެވެ. އެ ސިޓީގައި ސިހުރު ހަދަން ތިބޭ މީހުންނަށް ޖާދޫގަރުންނެކޭ ނުވަތަ ސިހުރުވެރިންނެކޭ ނުކިޔަ އެވެ. އެ މީހުނަށް ކިޔަނީ ހަމަ ޝެއިހުންނެވެ. އެމީހުން ތިބެނީ ވެސް މުސްލިމުން ތިބޭ ގޮތަށެވެ. އެ މީހުންގެ ތުނބުޅި ވެސް ހުރެ އެވެ. ހެދުން އަޅަނީ ޝެއިހުން ހެނެވެ. އެ މީހުން ގުރުއާން ވެސް ކިޔަވަ އެވެ. އަތުގައި ތަސްބީހަފަތި ވެސް އޮވެ އެވެ. 

އެ މީހުން ގާތުގައި ޖިންނިން ތިބެ އެވެ. އަހަރެންނަށް އެ މަންޒަރު ހުރީ ފެނިފަ އެވެ. އަހަރެންގެ ލޮލަށް އެ ޖިންނިން ނުފެނުނަސް، ޖިންނިންގެ ނަންތަކާ އެކު، އެ ސިހުރުވެރިން އެ ޖިންނިންނާއި ވާހަކަދައްކާ އުޅެ އެވެ. ޖިންނިންގެ އެހީގައި ވާނެ ގޮތްތަކާއި ވެދާނެ ގޮތްތައް ބުނެދެ އެވެ. އެ މީހުންނަކީ ޖާދޫ ހަދާ މީހުން ކަމަށް ހީކޮށް، ބޮޑެތި މައްސަލަތަކުގެ ހައްލު ހޯދަން އެ ސިހުރުވެރިން ކައިރިއަށް މީހުން ގޮސް އުޅެ އެވެ. ކައިވެނީގެ ކަންކަމުގަޔާއި ދަރިންގެ ކަންކަމުގައި އަދި ތައުލީމުގެ ކަންކަމުގައި ހައްލު ހޯދަން މީހުން އެ މީހުން ގާތަށް ދެ އެވެ. ދަރިން ނުލިބޭ މީހުންނަށް ދަރިން ލިބޭ ގޮތް ވެދެ އެވެ. ކައިވެނި ކުރަން ބޭނުންވެގެން އުޅޭ އަންހެންކުއްޖާ ލިބިދެ އެވެ. ޓެސްޓުން ފާސްވެދެ އެވެ. 

ސިއެރަ ލިއޯންގެ ކަބާލާގައި ސިހުރު ހަދާ މީހަކު ބޭނުންކުރާ އެއްޗެހިތަކެއް (ފޮޓޯ/ސިއެރާލޯޑެޑް)

އެކަމަކު އެކުވެރިންނޭވެ. މިއީ ހަރާން ކަންކަމެވެ. އަހަރެން އެނބުރި އިންގްލެންޑަށް ދިޔައީ އެތަނުގައި މި ހުރިހާ މަންޒަރެއް ފެނިގެން އަޖައިބުވެގެންނެވެ. އަހަރެން އިންގްލެންޑަށް ދިއުމަށް ފަހު އަހަރެންގެ މުސްލިމު ރައްޓެއްސަކާ މި ވާހަކަތައް ހިއްސާކޮށް، މުސްލިމުންނަކީ ވަރަށް ބާރުގަދަ ބައެއް ކަމަށް ބުނެ ވާހަކަދައްކަން ފެށީމެވެ. މި ވާހަކަތައް ކިޔައިދޭން ފެށުމުން އޭނާ ވަގުތުން އެއީ ހަރާން ކަންކަން ކަމަށާއި ކޮށްގެން ނުވާނެ ކަންކަން ކަމަށް ބުނެ ނަސޭހަތްތެރިވާން ފެށި އެވެ. އޭނާ ބުނިގޮތުން އެއީ ޝިރުކެވެ. މާތްﷲއާ މެދު ކުރެވޭ ޝައްކެކެވެ. 

އަހަންނަކީ އޭރު މުސްލިމެއް ނޫނެވެ. އަހަރެން މިގޮތަށް ވާހަކަދައްކަން ފެށުމުން އަހަރެން ދައްކާ ވާހަކަތަކަކީ އިސްލާމުދީނުގެ ކަންކަން ނޫންކަން ސާބިތުކޮށްދޭން އޭނާ އަހަންނަށް ދީނީ އިލްމުވެރިންގެ ވީޑިއޯތައް ދެއްކި އެވެ. އަދި ގުރާއާންގެ އާޔަތްތަކެއް ލިޔެފައިވާ ދެ ފޮތެއް ދިނެވެ. ދެ ފޮތް އަޅާކިޔާލިއިރު އެއީ އެއް ވާހަކަތަކެއް ހިމެނޭ އެކަމަކު ތަފާތު ދެ ފޮތެއް ކަން އަހަންނަށް އެނގުނެވެ. އެއް ފޮތަކީ ގުރުއާނެވެ. އަނެއް ފޮތަކީ ހެނދުނާއި ހަވީރާއި ރޭގަނޑުގެ ޒިކްރުތަކާއި ދުއާތައް ހިމެނޭ ފޮތެކެވެ. 

ގުރުއާންގެ އާޔަތްތައް ހިމެނޭ ފޮތް ކިޔަމުންދިޔަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގެ ފުންމިނަށް އިހުސާސްތައް ކުރުވަމުން ދިޔަ އެވެ. އަހަރެންނަށް އޭރު ގުރުއާން ކިޔަވަން ނޭނގޭތީ، ކިޔެވީ އިނގިރޭސި ތަރުޖަމާއާ އެކު އެވެ. ވަﷲ، އެކަމަކު ވެސް، ގުރުއާންގެ ކޮންމެ އާޔަތެއްގައި ބުނާ އެއްޗެއް ހިތުގެ އެންމެ ފުންމިނުން އިހުސާސް ކުރެވެމުންދިޔަ އެވެ. 

އޭގެ ތެރެއިން އެއް ސޫރަތެވެ. އެއީ ސޫރަތުލް ފަލަގް އެވެ. އެ ސޫރަތަކީ ސިހުރުގެ ނުބައިކަން ވާރިދުވެފައިވާ އާޔަތެކެވެ. އެކަން ސިހުރުވެރިން ކުރާ ގޮތް އެ އާޔަތުގައި ވަރަށް ސާފުކޮށް ބަޔާކޮށްދީފައި އޮތެވެ. އެ އާޔަތުގެ މާނަ ކިޔަމުންދިޔައިރު އަހަންނަށް ދިޔައީ ރޮވެމުންނެވެ. 

އަހަރެން ހިތަށް އަރަމުންދިޔަ އެވެ. ސުބުހާނަﷲ އެވެ. މި ކަންކަން ކުރަނިކޮށް އަހަރެން ދުށީމެވެ. ތަވީދުގައި ރޮދި ބަނދެ، ގޮށްޖަހައި، ގޮށްގޮށަށް ފުމޭތަން އަހަރެންގެ ލޮލުން ދުށީމެވެ. އެމީހުން އެކަން ކުރަނީ އިރުއަރާ ވަގުތެވެ. ބައެއް ފަހަރު، އިރުއޮއްސޭ ވަގުތެވެ. އަހަރެން އެތަން ދުށީމެވެ. މި ފޮތުގައި މި އޮތީ ހަަމަ އެ ވާހަކަތަކެވެ.

އެ އާޔަތް އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި އެވެ. އަހަރެން ރައްކާތެރި ކޮށްދޭނެ އާޔަަތަކީ އެ އާޔަތްކަން އަހަންނަށް ވަގުތުން އިހުސާސް ކުރެވުނެެވެ. އެ ދުވަހުން ފެށިގެން އަހަރެންގެ ޖީބުގައި ގެންގުޅުނު ތަވީދުގެ ބަަދަލުގައި އަހަރެން ގެންގުޅެން ފެށީ ދުއާ ފޮތެވެ. ކުޑަކުޑަ އެ ދުއާ ފޮތް އަހަރެން ދާ ކޮންމެ ތަނަކަށް ގެންދަމެވެ. ދުވާލާއި ރޭގަނޑު އަހަރެން އެ ދުއާތައް ކިޔަމެވެ. އަހަރެން ހިމާޔަތް ކޮށްދޭ އެއްޗަަކަށް އެ ކުޑަކުޑަ ފޮތްވި އެވެ.

ޖޯން ފައުންޓެން (ވ) މަދީނާގައި: އޭނާ މިހާރު އުޅެނީ އިސްލާމްދީނަށް މީހުން ހޭލުންތެރި ކުރުވުމާއި ދުނިޔޭގެ އެކި ހިސާބުތަކުން އިސްލާމްދީން އުނގެނެން ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމުގައި (ފޮޓޯ/ޖޯން ފައުންޓެން/ އިންސްޓަގްރާމް)

ތަވީދު ގެންގުޅުނު އިރު އަހަރެންގެ ހިތަށް ކޮންމެ ދުވަހަކު އަރާ ޝައިތޯނީ ވަސްވާސްތަކާއި ގޯސް ކަންކަން ކުރުމުގެ ހިޔާލު މުޅިންހެން އަހަރެންގެ ގައިން ނެތިގެންދިޔަ އެވެ. ދިރިއުޅުން ފަސޭހަވެގެންދިޔަ އެވެ. ހާސްކަން ބޮޑު ދިރިއުޅުން ލުއިވިހެން ވެސް ހީވި އެވެ. މީހާ ސާފުތާހިރުވިހެން ވެސް ހީވި އެވެ. ޔަގީންކުރާށެވެ. އަހަރެންގެ ޖީބުން އެ ތަވީދު ނަގައި ޒިކުރުތަކާއި ދުއާ ފޮތް އެކުވެރިއަަކަށް ހެދި ދުވަހުން ފެށިގެން ހިމާޔަތްތެރިކަމާއި ރައްކާތެރިކަން އިހުސާސް މި ކުރެވޭހާ މިންވަރާ ގާތަށް ވެސް އަހަންނަށް އެ ތަވީދު ޖީބުގައި އޮތް ދެ އަހަރު އިހުސާސްއެއް ނުކުރެވެ އެވެ. 

އޭރު ހުވަފެނުގައި ފެންނަމުންދިޔަ ބިރުވެރި ކަންކަން މުޅިންހެން ހުއްޓުނެވެ. މީހަކު އަބަދުވެސް ފަހަތުގައި ނުވަތަ ބަލަން ހުންނަހެން އަންހަންނަށް ހީވާ ހީވުން މުޅިހެން ހުއްޓިގެން ދިޔަ އެވެ. ފުލުހުން އަހަރެން ހިފެހެއްޓި ހަނދާނެއް ނުވެ އެވެ. އެއީ އަހަރެން ގޯސް ކަންކަމާ ދުރުވި މިންވަރެެވެ. ތަވީދު ނެތުމަކުން ވަކި އަހަރެން ނުރައްކަލަކަށް ހުށައެއްނޭޅެ އެވެ. އަހަރެންވީ ނުރައްކަލާ ދުރެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް