ވިލިއަމް އީޑެންފީލްޑް (ކ) އާއި އައިމިނަތު ނިސްރީން: އޮންލައިންކޮށް ވާހަކަދައްކައިގެން ގޮށްޖެހި ގުޅުމެއް.
ދިވެހި 'ކުއީން މޮޑެސްޓީ' އާއި 'އެމެރިކަން ޅިޔަނު': ތަފާތު ދިރިއުޅުމެއް، ލޯބި ގުޅުމެއް
އެ ދެ މީހުންގެ ދެމެދުގައި ގާތްގަނޑަކަށް 10،000 މޭލު ދުރުމިން ހުއްޓެވެ. ދެ މީހުން އުޅެމުން އައި ޓައިމް ޒޯން ތަފާތެވެ. ދެ މީހުންގެ ދެމެދުގައި އެތައް ކަނޑެއް އޮތެވެ. އެކަމަކު އެ ހުރިހާ ކަމެއް ހުރަސްކޮށް ސާފު ލޯތްބަކުން އެ ދެ މީހުން ގުޅިއްޖެ އެވެ.
މި ދައްކަނީ 'ކުއީން މޮޑެސްޓީ' އާއި 'އެމެރިކަން ޅިޔަނު'ގެ ވާހަކަ އެވެ. ޓިކްޓޮކް ބަލާ ނަމަ ހަމަ ގައިމު ވެސް ލޮލުގައި މި ދެ އެކައުންޓް އަޅައިގަންނާނެ އެވެ.
ތ. ވޭމަންޑޫއަށް އުފަން އައިމިނަތު ނިސްރީން އާއި އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ވިލިއަމް އީޑެންފީލްޑް ބައްދަލުވީ އޮންލައިންކޮށެވެ. މިހާރު އެ ދެ މީހުން ކައިވެނިކޮށްގެން އެމެރިކާގައި ދިރިއުޅޭތާ އަހަރެއްހާ ދުވަސް ވަނީ އެވެ.
މި ދެމަފިރިން ޓިކްޓޮކް ލައިވެއް ޖައްސައިފި ނަމަ އެތައް ބަޔަކު ޝައުގުވެރިކަމާ އެކު އެ މީހުންގެ ދިރިއުޅުން ބަލަ އެވެ.
ޑޭޓިން އެޕަކުން ކައިވެންޏަށް
ދިވެއްސަކު ބޭރު ގައުމެއްގެ މީހަކާ ކައިވެނިކޮށްފި ނަމަ އެންމެ ފުރަތަމަ އުފެދޭ އެއް ސުވާލަކީ ކޮން ތާކުން ދިމާވި މީހެއްތޯ އެވެ. ނިސްރީން އާއި ވިލިއަމް ބައްދަލުވީ އިރެއްގައި ދިވެހިން އާއްމުކޮށް ހަޔާތުގެ ބައިވެރިއެއް ހޯދަމުން އައި ގޮތާ މުޅިން ތަފާތުކޮށެވެ.
ނިސްރީން ފޭސްބުކް ބަލަމުން ދަނިކޮށް، މުސްލިމުންނަށް ހާއްސަކޮށް ހިންގާ ޑޭޓިން ވެބްސައިޓެއް ލޮލުގައި އަޅައިގަތެވެ. މިގޮތަށް އޮންލައިންކޮށް މި ޒަމާނުގައި ހަޔާތުގެ ބައިވެރިއެއް ހޯދުމަށް މީހުން ޝައުުގުވެރިވެދާނެކަން ގަބޫލުކުރަން އޭނާއަށް ދަތިވި އެވެ. ނިސްރީން، 25، ބުނިގޮތުގައި އޭނާ އެޕް ޑައުންލޯޑްކުރީ ވަކި ކަހަލަ ބައިވެރިޔަކު ހޯދުމުގެ ބޭނުމުގައެއް ނޫނެވެ. އެޕުގެ އަޖުމަ ބަލައިލުމަށެވެ.
"އެޕް ޑައުންލޯޑް ކުރީމާ ވަރަށް ގިނަ މީހުން މެސެޖެ ކުރަން ފެށި. ދެއަތްނބަށް އިންނާނެ މީހަކު ހޯދަން އުޅޭ މީހުންނާއި އެކި ކަހަލަ މީހުންގެ މެސެޖުތައް ލިބެން ފެށި. ރައްޓެހިންނާ އެކީ މިިކަހަލަ މަޖާ އަދި ބައެއް ފަހަރު ސީރިސް މެސެޖުތައް ބަލައި ހީ ހެދިން،" ނިސްރީން ބުންޏެވެ.
އެޕުން އޭނާގެ ހަޔާތުގެ ބައިވެރިޔާއާ ބައްދަލުވެދާނެ ކަމަކަށް ނިސްރީން އުއްމީދެއް ނުކުރެ އެވެ. އެކަމަކު، ނިސްރީނަށް ލިބެމުން އައި އެހެން މެސެޖުތަކާ ވިލިއަމްގެ މެސެޖު ތަފާތެވެ. ވިލިއަމް ބުނީ އޭނާ އަކީ އަލަށް އިސްލާމްވީ މީހެއް ކަމުގަ އެވެ. އެއާއެކު، އޭނާއަށް އިސްލާމް ދީނުގެ ހިދާޔަތް ލިބުނީ ކިހިނެއްތޯ ބަލައި އެކަން އިތުރަށް އޮޅުންފިލުވަން ނިސްރީން ބޭނުންވި އެވެ.
"އެއީ އަހަރެން ވަރަށް ކިއުރިއަސް ވީ ކަމެއް. އެހެންވެ އޭނާއަށް ރިޕްލައި ކުރީ،" ނިސްރީން ކިޔައިދިނެވެ.
"ދެތިން ހަފްތާ ވަންދެން އެގޮތަށް ވާހަކަ ދައްކާފައި، އަހަރެން ނުވެސް ފެނި، އޭނާ އެހީ އަހަރެންނާ ކައިވެނި ކުރަން."
އޮންލައިންކޮށް ބައްދަލުވިޔަސް އޭރު ވިލިއަމްއަކީ ގައިދީއެކެވެ. އޭނާ ހުރީ ފަސް އަހަރުގެ ޖަލު ހުކުމެއްގަ އެވެ.
"އޭނާ ޖަލުގައި ހުރީމަ އަހަރެން އެކަމާ ބިރުގަތް. އެކަމަކު އޭނާ އިސްލާމް ވީމަ އޭނާ އޭގެ ކުރިން ކުރި ހުރިހާ ފާފައެއް ﷲ ފުއްސަވާ ދެއްވާނެ. އަލްހަމްދުﷲ. އަހަރެން ދެން މިއީ ކާކު، އެކަމާ އޭނާ ޖަޖް ކުރަން؟" ނިސްރީން ބުންޏެވެ.
ނިސްރީނުގެ ހިތުގައި ވިލިއަމްއަށް ލޯބި އުފެދުނީ، ވިލިއަމް އޭނާ ދެކެ އަދި އިސްލާމް ދީން ދެކެ ވާ ލޯބި އެނގުމުންނެވެ.
"ދިވެހިންގެ ތެރޭގައި ވެސް ފަސް ވަގުތު ނަމާދުކުރާ، ދީން ދެކެ ލޯބިވާ އިހްލާސްތެރި މީހުން މިހާރު ފެނުމަކީ ނާދިރު ކަމެއް. ވިލިއަމް އެންމެ ފުރަތަމަ އެހީ ވެސް އަހަރެންނާ ކައިވެނި ކުރަން،" އޭނާ ބުންޏެވެ.
ނިސްރީން ބުނި ގޮތުގައި އޭނާގެ މައިންބަފައިން މި ގުޅުމާ ފުރަތަމަ ދެކޮޅެވެ. އެ މީހުންގެ ކަންބޮޑުވުން އިންތިހާ އެވެ. ނަމަވެސް އެ ދެ މީހުން ސީރިއަސް މިންވަރު ފެނި، އެ ކައިވެންޏަށް ހުއްދަ ދިނެވެ.
ކައިވެންޏަށް ފަހު އެމެރިކާގެ ޖޯޖިއާ ސްޓޭޓްގައި މިހާރު ނިސްރީން ހަމަޖެހިލައިފި އެވެ. ދިރިއުޅެމުންދަނީ އޭނާގެ މައިދައިތައާ ވެސް އެކުގަ އެވެ.
ނިސްރީން ބުނިގޮތުގައި އޭނާ ރާއްޖެ މަތިން ވަރަށް ހަނދާންވެ އެވެ. ރާއްޖޭގައި ތިބި އޭނާގެ އާއިލާ އާއި އެކުވެރިންނާ ދުރުގައި އުޅެން ޖެހުމުގެ އިތުރުން، މިނިވަންކަމާ އެކު އޭނާގެ ސްކޫޕީގައި ބޭނުން ކޮންމެ އިރަކު ބޭރަށް ނައްޓާލި ދިރިއުޅުން މިހާރު ވަނީ ބަދަލުވެފަ އެވެ.
ކާމިޔާބު ވިޔަފާރިއެއް
އެމެރިކާގައި ދިިރިއުޅުނަސް ނިސްރީން ރާއްޖޭގައި ވިޔަފާރިއެއް ހިންގަ އެވެ. އޮންލައިންކޮށް މުސައްލަ އާއި އިސްލާމީ ހެދުން ވިއްކާ އެ ވިޔަފާރީގެ ހިޔާލު އޭނާއަށް އެންމެ ފުރަތަމަ ދިނީ ވިލިއަމް އެވެ. ވިލިއަމް ލަފާ ދިނީ އިސްލާމީ އަންނައުނު ބްރޭންޑެއް އުފެއްދުމަށެވެ. ބިޒްނަސް ކިޔަވައިގެން ހުރި ނިސްރީންއަށް މި ހިޔާލު ހަގީގަތަކަށް ހަދަން ފަސޭހަވީ އޭނާ އެފަދަ ހެދުންތަކަށް ލޯބިކުރާތީ ވެސް މެ އެވެ.
ނިސްރީންގެ އޮންލައިން ވިޔަފާރިގައި ވިއްކާ ތަކެތީގެ ތެރޭގައި ފެންވަރު ރަނގަޅު މުއްސައްލަ އާއި މުސައްލަ އަޅާ ދަބަސް، އަބާޔާ، ޖިލްބާބް، މޫނުގެ އެއްބައި ނިވާކުރެވޭ ގޮތަށް ހުންނަ ނިގާބް، ޚިމާރު އަދި އޮފީސް ހެދުން ހިމެނެ އެވެ.
"އަހަރެން ގަބޫލުކުރަނީ އެ މީހަކު ލޯބިވާ ކަމެއް ކުރަންޏާ އެ ކަމެއް ކާމިޔާބު ވާނެ ކަމަށް،" ނިސްރީން އޭނާގެ ވިޔަފާރިއާ ގުޅޭގޮތުން ބުންޏެވެ.
'ކުއީން މޮޑެސްޓީ' އަކީ އޭނާ އިންސްޓަގްރާމްގައި ތަކެތި ވިއްކާ ބްރޭންޑެެވެ. ގިނަ މީހުން އޭނާއަށް ކިޔަނީ ވެސް އެ ނަމެވެ.
ރާއްޖެ އިން ބޭރުގައި ހުރެ ރާއްޖޭގައި ވިޔަފާރި ކުރުމަކީ، ނިސްރީން ބުނިގޮތުގައި، ގޮންޖެހުން ބޮޑު ކަމެކެވެ. ނަމަވެސް، އޭނާގެ އެންމެ ގާތް އެކުވެރިޔާ އައިމިނަތު ރަޝާ އަމާނާތްތެރިކަމާ އެކު އެ ވިޔަފާރީގެ އެންމެހާ ކަންކަން ބެލެހެއްޓުމުގައި އެހީތެރިވެ އެވެ. އެއީ ނިސްރީންއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.
ނިސްރީން ބުނިގޮތުގައި އޭނާ ސޯޝަލް މީޑިއާ ބޭނުންކުރަނީ ވިޔަފާރި މާކެޓް ކުރުމަށާއި އޭނާ އާއި ވިލިއަމްގެ ދިރިއުޅުމުގެ ބައެއް އާއްމުންނާ ހިއްސާކޮށްލުމަށެވެ. ކަސްޓަމަރުންނާ ގާތް ގުޅުމެއް ބާއްވަން އޭނާ ބޭނުންވެ އެވެ.
"ހަމައެކަނި ވިޔަފާރި ވާހަކަ ދައްކާ، ވިޔަފާރި ކަންކަން އެކައުންޓުން ފެނުން އެއީ ފޫހި ކަމެއް،" ނިސްރީން ބުންޏެވެ.
ތެދެކެވެ. ބްރޭންޑެއް ވެއްޖެއްޔާ އެ ބްރޭންޑެއްގެ ފަހަތުގައިވާ މީހުން ބަލަން ވެސް އާއްމުން ބޭނުންވެ އެވެ.
ވިލިއަމްއާ ދިމާވި ހިސާބުން ފެށިގެން ކަހަލަ ގޮތަކަށް ގަވާއިދުން ނިސްރީން ޓިކްޓޮކް ވީޑިއޯ ހަދަ އެވެ. ވިޔަފާރި ކޮންޓެންޓާއި އަމިއްލަ ދިރިއުޅުމުގެ ބައެއް ކަންކަން އާއްމުކުރެ އެވެ. ވިލިއަމްއާ ދެ މީހުން ދުވަސްތައް ހޭދަ ކުރާ ގޮތް ދައްކާލަ އެވެ. އެހެން ގޮސް 'އެމެރިކަން ޅިޔަނު' ޓިކްޓޮކް އެކައުންޓް އުފަންވި އެވެ.
"އަަހަރެމެން ދެ މީހުންނަކީ ވެސް ޓްރެވެލްކޮށް ތަންތަން ބަލަންދާ ހިތްވާ ދެ މީހުން. އެހެންވެ ބޮޑަށް 'އެމެރިކަން ޅިޔަނު' އެކައުންޓް ހެދީ،" ނިސްރީން ބުންޏެވެ.
ދެމަފިރިންގެ ފުރަތަމަ ރޯދަމަސް އެމެރިކާގައި
ރޯދަމަހު ރާއްޖެއިން ބޭރުގައި ދިިރިއުޅުމަކީ ތަފާތު އިހުސާސެކެވެ. އާއިލާއާ ދުރުވުމެވެ. އެންމެން އެކީގައި ރޯދަ ވީއްލުމާއި ތަރާވީހު ނަމާދުކުރުން، މިހެން ގޮސް ކޮންމެ ގެއެއްގައި ވެސް ރޯދަމަހާ ގުޅޭ ސަގާފަތްތަކެއް ހުރެ އެވެ.
އެމެރިކާގައި އޭނާގެ ފުރަތަމަ ރޯދަމަސް ހޭދަކުރަމުން އަންނަ ނިސްރީންގެ ދިރިއުޅުން މިހާރު ހާސް ގުނަ ތަފާތެވެ. ރާއްޖޭގައި އިރުއޮއްސޭ މަންޒަރާއި މޫދާއި ގޮނޑުދޮށް އެއީ އޭނާގެ ހިތަށް ހަމަޖެހުން ގެނެސްދޭ ކަންކަމެވެ. މިހާރު ފެންނަނީ ފަރުބަދަ އާއި ވޯޓާފޯލް އަދި ލޭކެވެ. މިސްކިތުން ބަންގި ގޮވާ އަޑު ނީވުމަކީ ވެސް މިހާރު ދިރިއުޅުމުގައި ބޮޑު ފަޅުކަމެއް އިހްސާސް ކުރެވޭ ކަމެއްގެ ގޮތުގައި ނިސްރީން ފާހަގަ ކުރެ އެވެ.
"މިސްކިތުން ބަންގީގެ އަޑު ނީވޭތާ މިހާރު ހަތް މަސް ވީ،" އޭނާ ބުންޏެވެ.
މަންމަ ތައްޔާރުކުރާ ކެއުންތަކާއި އާއިލާއާ އެކު ރޯދަ ވީއްލުމާއި ތަރާވީހު ގަޑީގެ ހަނދާންތައް ވަނީ ނިސްރީން ވަށާލައިފަ އެވެ. ނިސްރީން ބުނި ގޮތުގައި އޭނާ އަކީ މޮޅަށް ކައްކާށާއި ދިވެހި ހެދިކާ ހަދަން އެނގޭ މީހެއް ނޫނެވެ. އެހެންކަމުން ދިވެހި ކެއުން މިސްވެ އެވެ. އާއްމުކޮށް ރާއްޖޭގައި އުޅޭ އިރު ހެނދުނު ހޭލަައިގެން ކައިއުޅޭ މަސްހުންޏާއި ރޮށި މިހާރު އޭނާއަކަށް ނުލިބެ އެވެ.
"ހެދިކާއެއް ވެސް ނުކާތާ މިހާރު ހަތް މަސް،" ނިސްރީން ބުންޏެވެ.
ނަމަވެސް، ލޯބިވާ ފިރިމީހާއާ އެކު ފުރަތަމަ ފަހަރަށް މުޅި ހަޔާތުގައި ވެސް އަލަށް ރޯދަމަހެއް ހޭދަ ކުރުން އެއީ، ނިސްރީން ބުނިގޮތުގައި، އޭނާއަށް ލިބޭ އުފަލެކެވެ. ނިއުމަތެކެވެ. އެކަމަށް އޭނާ ޝުކުރުވެރިވެ އެވެ.
"މި ރޯދަމަސް [ކުރީގެ ރޯދަމަސްތަކާ] ތަފާތުވާނެކަން އިނގޭ. އެކަމަކު މި ރޯދަމަސް ވެސް ހާއްސަ، ފިރިމިހާއާ އެކު ހޭދަކުރެވޭތީ،" ނިސްރީން ބުންޏެވެ.
ސޯޝަލް މީޑިއާގެ އަނދިރިކަން ތަޖުރިބާ ކުރެވޭ
ސޯޝަލް މީޑިއާގެ އަނދިރި ފަރާތް އެ ބޭނުން ކުރާ ކޮންމެ މީހެއްހެން ތަޖުރިބާ ކުރަން ޖެހެ އެވެ. ހާއްސަކޮށް ސޯޝަލް މީޑީއާގައި އަމިއްލަ ދިރިއުޅުން ނިއުޅުވާލާ ނަމަ، އަމާޒުވާ ނަފްރަތުގެ ބަސްތައް ގިނަ އެވެ.
"ސޯޝަލް މީޑީއާ ބޭނުން ކުރާ އިރު ގެންގުޅެންވާ ހައްދުތައް އަހަންނަށް އެނގޭ،" ނިސްރީންއާ މި ސުވާލު ކުރުމުން ބުންޏެވެ.
މޫނު އެއްކޮށް ނިވާ ނުކުރިޔަސް، ކޮންމެވެސް ދުވަހަކުން ނިގާބު އަޅަން ނިންމަފާނެތީ، އޭނާގެ މޫނު ސޯޝަލް މީޑިއާގައި ނިވާކުރެ އެވެ. މާސްކެއް ނުވަތަ ފޮތިކޮޅެއް އަޅާފައި ހުންނަނީ އެ ބޭނުމުގައި ކަމުގައި ނިސްރީން ބުންޏެވެ.
"އަހަރެންގެ މޫނު ނިވާ ކުރަނީ އެނޮނިމަސް ވާކަށް ނޫން. ނިގާބް އެޅުމަކީ އަހަރެންގެ ލައިފް ގޯލެއް. ކޮންމެވެސް ދުވަހަކުން އެކަން ކުރަން ބޭނުން. ސޯޝަލް މީޑީއާގައި މޫނު ނުދައްކަނީ އެހެންވެެ. މާދަން ނިގާބު އެޅިޔަސް މިއަދު މޫނު ދައްކައިގެން ސޯޝަލް މީޑިއާގައި އުޅެންޏާ އެ އަހަންނަކަށް ފޮހެއެއް ނުލެވޭނެ،" އޭނާ ބުންޏެވެ.
ނިސްރީންއަށް ވެސް ސޯޝަލް މީޑިއާ އިން ނަފްރަތުގެ ކޮމެންޓްތައް ލިބެ އެވެ. ކުރީކޮޅު އޭނާއަށް އެކަމުގެ ސަބަބުން ފުން އަސަރެއް ކުރި އެވެ. ނަމަވެސް ސޯޝަލް މީޑިއާ ބޭނުންކޮށް ގަވާއިދުން ކޮންޓެންޓް ލާތާ މިވީ ހަތަރު އަހަރު ތެރޭ ނަފްރަތާ އެކު އުޅެން ދަސްވެ، މިހާރު އެކަން ހަޖަމް ވެސް ކުރެވެ އެވެ.
"ފުރަތަމަކޮޅު ހިތްހަލާކުވޭ ކޮމެންޓްތައް ފެނިފައި. އެކަމަކު މިހާރު އެކަން ބަދަލުވެއްޖެ. އާއްމުކޮށް މީހަކު އެފަދަ ކޮމެންޓްތައް ކުރަނީ އެ މީހާގެ އަމިއްލަ ދިރިއުޅުމާ މެދު ހިތްހަމަނުޖެހޭތީ. އެހެން މީހުންނަށް އޭނާގެ އަމިއްލަ އިންސެކިއުރިޓީސް ޕްރޮޖެކްޓް ކުރަނީ،" ނިސްރީން ބުންޏެވެ.
އޭނާ އެފަދަ މީހުންނަށް ރައްދު ދީ ވެސް ހަދަ އެވެ. އެކަމަކު މިހާރު އޭނާ ދެކެނީ އެއީ ދުއްވާލެވޭ ބޭކާރު ވަގުތުތަކެއް ކަމުގަ އެވެ.
"ބައެއް ފަހަރަށް ފެކްޓްސްއާ އެކު ރިޕްލައި ކުރަން. އަނެއް ބައި ފަހަރު ކޮމެންޓްތައް ޑިލީޓްކޮށްލަން. އަދި އެގޮތަށް ތަކުރާރު ކުރަންޏާ ބްލޮކް ވެސް ކުރަން. އަހަރެންގެ އަމިއްލަ ނަފްސު ދިފާއު ކުރަން ތެދުވަން. އެކަމަކު މިހާރު އަހަރެން ދެކޭ ގޮތުގައި އެއީ ހަމަ ވަގުތު ދުއްވާލުން،" ނިސްރީން ބުންޏެވެ.
އިންސްޓަގްރާމްގައި އޭނާގެ 16،000 އަށް ވުރެ ގިނަ ފޮލޮވަރުން އަދި ޓިކްޓޮކްގައި 30 ހާހަށް ވުރެ ގިނަ ފޮލޮވަރުން އެބަތިއްބެވެ. ވިލިއަމް އާއި އޭނާގެ ގުޅުމާއި ވިޔަފާރީގެ އިތުރުން، މީހުން ގަޔާވާ އެހެން ކަމެއް ވެސް ނިސްރީންގެ ދިރިއުޅުމުގައި ހިމެނެ އެވެ. އޭނާގެ ބުޅާތަކެވެ.
ނިސްރީން ހަތް ބުޅާ ގެންގުޅެ އެވެ. އެ ބުޅާތަކަށް އޯގާތެރިކޮށް ހިތާ، ކުޅޭތަން ފެންނަ މަންޒަރުތައް ވެސް މީހުންނަށް ޝައުގުވެރި އެވެ.
"އަހަރެން މިހާރު ކްރޭޒީ ކެޓް ލޭޑީ އަކަށް ބަދަލުވެއްޖެ. އެކަމަކު، ދެން އިތުރު ބުޅާތަކެއް އެޑޮޕްޓް ކުރާނެ ހެނެއް ހިއެއް ނުވޭ. މިހާރު ވެސް ގެންގުޅޭ ދެ ބުޅަލަކަށް އެހެން ގެއެއް ހޯދަން އެބަ ވިސްނަން. އެ ދޭތި ތަންކޮޅެއް ބޮޑަށް ސަމާލުކަން ބޭނުންވޭ،" ނިސްރީން ކިޔައިދިނެވެ.
މީގެ ފަސް އަހަރު ފަހުން މާލެއަށް ދިރިއުޅުން ބަދަލު ކުރާ ހިޔާލު ނިސްރީން ގެންގުޅެ އެވެ. އޭރަށް ވާ އިރަށް އޭނާ ބޭނުންވަނީ، ރާއްޖެ ގެނެވޭ ވަރަށް، ހަތަރު ބުޅަލެވެ.
ކޮމެންޓް (4)
ނާނާ
އަދުރޭ
ްައަހަރެން
އަހްލާމް އަހްމަދު