ދަ ފެބިއުލަސް އާޓް ޝޯއަކީ އަންހެން އާޓިސްޓުންގެ ރީތި ދައްކާލުމެއް (ފޮޓޯ ދައުރު/ އިބްރާހިމް އިފާޒް)

އަންހެނުން

އަންހެނުންގެ ބޮޑު އާޓް މައުރަޒު ފަންނުވެރި ވިސްނުންތަކުން ޖަރީވެފައި

އަންހެން އާޓިސްޓުންގެ އުފެއްދުންތެރިކަމާއި އެ މީހުން ދެކޭގޮތް ގެނެސްދޭ 'ދަ ފެބިއުލަސް އާޓް ޝޯ'ގައި ޝައުގުވެރި އަދި މާނަވީ އެތައް ދައްކާލުމެއް ހިމެނޭ
8 މާރިޗު 2024

ރާއްޖޭގެ ފުންނާބުއުސް އަދި އަރަމުން އަންނަ އަންހެން އާޓިސްޓުންގެ ފައިން އާޓް މަސައްކަތްތަކެއް ދައްކާލާ މައުރަޒު 'ދަ ފެބިއުލަސް އާޓް ޝޯ - ސެލެބްރޭޓިން ވިމެން އާޓިސްޓްސް އިން މޯލްޑިވްސް' ގައުމީ އާޓް ގެލެރީގައި ކުރިއަށް އެބަ ދެ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަމައެކަނި އަންހެން އާޓިސްޓުންގެ މަސައްކަތްތަކެއް ދައްކާލާ މި މައުރަޒުގައި އުފެއްދުންތެރި އެކި މަސައްކަތްތައް ވަނީ ބައިވެރިކޮށްފަ އެވެ. އެއިން ކޮންމެ އުފެއްދުމެއްގެ ފަހަތުގައި ވެސް އެކި މެސެޖުތަކާއި އިހުސާސުތަކާއި ފުން މާނަތަކެއް ވެ އެވެ.

މައުރަޒުގައި ބައިވެރިވި 17 އާޓިސްޓުންގެ ތެރެއިން 10 އާޓިސްޓެއް އެ މީހުންގެ ތަޖުރިބާ އާއި އިހުސާސްތައް ' ދައުރު' އަށް ކިޔައިދިނެވެ.

އައިމާ މުސްތަފާ 

އައިމާ މުސްތަފާގެ ކުރެހުންތަކުން އެކި އިހުސާސްތަކާއި މެސެޖުތައް ދައްކުވައިދޭ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ގަދަ ދަނބު، ނޫވިލު އަދި އޮރެންޖު ކުލައިން ތައްޔާރު ކޮށްފައިވާ މޮޑާން އާޓްގެ ތަފާތު ތިން ކުރެހުމެއް އައިމާ މުސްތަފާ މި މައުރަޒުގައި ދައްކާލަ އެވެ. އޭނާ ބުނި ގޮތުގައި މި ކުރެހުންތަކުން އޭނާ ދައްކައިދޭން ބޭނުންވަނީ "މައި ޖާނީ ޓު އަންލާން ވަޓް އައި ލާންޓް" އެވެ. 

ކޮންމެ މީހެއްގެ ސިކުނޑީގައި ވެސް، އެހެން މީހުން ބުނެފައި ނުވަތަ ކިޔައިދީފައި ހުރި ކަންތައްތަކެއް ވެ އެވެ. އެ ނުފޫޒުގެ ސަބަބުން އެ މީހެއްގެ އަމިއްލަ ވިސްނުމަށް ހުރަސް އަޅަ އެވެ. އެ ގޮންޖެހުމުން ނެއްޓިގަނެ، އަމިއްލަ މީހާ ހާސިލު ކުރަން ބޭނުންވާ ކަންކަމައިގެން ކުރިއަށްދާން މަސައްކަތް ކުރުން ވަރަށް މުހިއްމެވެ. 

އައިމާ ވަނީ އެކި ވައްތަރުގެ ޓެކްސްޗާ ބޭނުންކޮށްގެން ކުރެހުންތައް ފުރިހަމަކޮށްފައި (ފޮޓޯ ދައުރު/ އިބްރާހިމް އިފާޒް)

ކޮންމެ ކަމެއް ކުރާ އިރު ވެސް، ގާތް މީހުން ހިތްވަރުދިން ކަމުގައި ވިޔަސް، އެކަމަކައިގެން ކުރިއަށްދާން އެންމެ ބޮޑު ބާރެއް ލިބުން އެންމެ މުހިއްމު ވަނީ ތިމާގެ އަމިއްލަ ނަފްސުންނާއި ހިތްވަރުންނެވެ. އައިމާ ބޭނުންވީ މި ވިސްނުން ކުރެހުންތަކަކުން ދައްކައިދޭށެވެ.

އައިމާ ވަނީ ތިން ކުރެހުމެއް މި މައުރަޒުގައި ދައްކާލައިފަ އެވެ. އެއީ 'ރިސްޓްރެއިންޓް،' 'މެއިންފްރޭމް' އަދި 'އަންލާނިން' އެވެ. ކުރެހުންތަކަށް އޭނަ ދީފައި އެވާ ނަންތަކުން ވެސް އޭނާގެ ވިސްނުމުގެ ދަތުރު ސާފުކޮށް ކިޔައިދެ އެވެ. ކަންކަން ކުރުމުގައި އެންމެ ފުރަތަމަ ހުރަހަކަށް ކުރިމަތިވަނީ ތިމާގެ އަމިއްލަ ނަފްސެވެ. ނަމަވެސް އެކަމުން ނެއްޓިގަނެ އެކަން 'އަންލާން' ކުރަން މަސައްކަތް ކުރުމަކީ އެ މީހެއްގެ ވިސްނުމާއި ފިކުރު ވަރުގަަދަ ކުރަން މަގުފަހިވާ ކަމެކެވެ. 

އައިޝަތު ނިފާޔާ (ނިފާ)

ކުރެހުންތެރިޔާ އައިޝަތް ނިފާޔާ -- (ފޮޓޯ / އަހްމަދު ސާމިއު)

އައިޝަތު ނިފާޔާ މީގެ ކުރިން އެކި މީޑިއަމް ބޭނުންކޮށްގެން އެކި ވައްތަރުގެ ޕޯޓްރެއިޓް، ސީނަރީ އަދި ބޮޓެނިކަލް ކުރެހުންތައް ކުރަހާފައިވެ އެވެ. އެކަމަކު ފަހަކަށް އައިސް އޭނާގެ ޝައުގު ބަދަލުވީ ޒަމާނީ ސިޓީސްކޭޕްސް އަށެވެ. އެގޮތުން ނިފާޔާ ފެން ކުލައިން ކުރަހާފައިވާ މާލޭގެ އެކި މަންޒަރުތަކުން ދައްކުވައިދެނީ އިމާރާތްތަކެއް އެކަންޏެއް ނޫނެވެ. މިކަހަލަ ޖަޒީރާ ގައުމެއްގައި ޒަމާނީ އަދި އިހުގެ ކަންކަން ގުޅިލާމެހިފައިވާ ގޮތް ވެސް މެ އެވެ.

"މާލެ ތެރޭގައި ބަދަލުވަމުން އަންނަ އިމާރާތްތަކާއި އެކި މަންޒަރުތަކަށް ވަރަށް ޝައުގު ހުރޭ. އަދި ވަކިން ހާއްސަކޮށް ކުރީގެ އަދި މިހާރުގެ ފިއުޝަން އަކީ ވަރަށް ގަޔާވާ ކަމެއް. އެކަންތައް ދައްކައިދޭން ބޭނުންވަނީ،" ނިފާޔާ ކިޔައިދިނެވެ.

"މާލެ ތެރޭގެ ލައިވްލީ އެކި ތަންތަން ދައްކައިދޭން ބޭނުންވީ. މީހުން ހޮޓަލެއްގެ ބޭރުގައި ތިބެގެން ރާޒުވާ ކުޅެން ތިބޭ މަންޒަރު ފަދަ ތަންތަން."

ނިފާޔާގެ ރީތި ކުރެހުމެއް (ފޮޓޯ/ އަހްމަދް ސާމިއު)

މި މައުރަޒުގައި ނިފާޔާ ދައްކާލި 'ދަ ޑޯޒް' ކުރެހުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. މާލެ އާއި ވިލިމާލެއިން އޭނާއަށް ފާހަގަވި އެކި ކުލައިގެ، އެކި ބައްޓަމަށް ހުރި ދޮރުތައް އެ ކުރެހުމުގައި އަތުރާލައިފައި ހުރީ ވިއްސާރަ ދުންޏެއްގެ ކުލަތައް ފަދައިންނެވެ. 

"މި ކުރެހުމަށް ތައްޔާރުވުމުގެ ތެރޭގައި އަޅުގަނޑު ހޯދިން އެކި ވައްތަރުގެ ދޮރުތައް. ދެން ބޭނުންވީ ކެރެކްޓައެއް ހުންނަ ދޮރުތަކެއް ދައްކާލަން. އެއީ ކުލަ ނެއްޓިފައި ނުވަތަ ފޭދިފައި ހުރި ދޮރުތައް، ރަސްޓިކް ދޮރު އަދި އިހުގެ ސްޓައިލަކަށް ފަރުމާކޮށްފައި ހުންނަ ދޮރު. އަޅުގަނޑު ނެގިން ގާތްގަނޑަކަށް 300 ފޮޓޯ. ދެން އޭގެ ތެރެއިން ކަމުދިޔަ ދޮރުތައް އަތުރާފައި ކުރެހީ،" ނިފާޔާ ބުންޏެވެ.

މިއީ ނެތިގެންދާނެ މަންޒަރުތަކެކެވެ. އިހުގެ އަދި ޒަމާނީ ކަންކަން އެއްވެގެން ފެންނަ މަންޒަރުތައް އަވަހަށް ބަދަލުވެ ގެއްލިގެންދިޔުން އެކަށީގެންވެ އެވެ. ނިފާޔާގެ އަމާޒަކީ އެ ކަންކަން ނެތިދިއުމުގެ ކުރިން ކުރަހައި އޭގެ ރީތިކަން އެންމެނަށް ދައްކާލުމެވެ.

އައިޝަތު ޝުހައިލާ (ބޯ)

އާޓިސްޓް އައިޝަތް ޝުހެއިލާ: ތަފާތު ކުރެހުންތަކެއް ދައްކާލި (ފޮޓޯ/އަހްމަދް ސާމިއު)

އާޓިސްޓު އައިޝަތު ޝުހައިލާ ހުށަހަޅައިދިނީ އިހުސާސުތަކުން ފުރިފައިވާ ގުދުރަތީ މަންޒަރެއް ދައްކުވައިދޭ ތިން ބައިގެ ސިލްސިލާއެކެވެ. އޭނާ ދައްކައިދޭން ބޭނުންވި މައިގަނޑު އިހުސާސަކީ ހިތާމަވެރިކަމާއި ހިތާމަ 'ޕްރޮސެސް' ކުރާ ގޮތެވެ. މި އިހުސާސްތައް އޭނާ ދައްކައިދިނީ އޮއްސެމުންދާ ފިޔާތޮށި ކުލައިގެ އިރުގެ އަލިން ދިއްލާލައި ހިކިފައި އޮތް ފަޅެއްގެ މަންޒަރަކުންނެވެ.  

"އަޅުގަނޑަށް ތަޖުރިބާ ކުރެވޭ ގޮތުގައި ގްރީފް އަކީ ބިޓާ ސްވީޓް އިމޯޝަންއެއް. އެކަން ރަމްޒުކޮށްދެނީ އަޅުގަނޑުގެ ކުރެހުމުގައި ބޭނުން ކުރި ފިޔާތޮށި ކުލަތަކުން. އެއީ އިރުއޮއްސޭއިރު އެ ފެންނަ ފިޔާތޮށި ކުލަތަކަކީ އަވަހަށް ބަދަލުވަމުން އަންނަ ކުލަތަކެއް. ރޭގަނޑު ދުވާލަށް ބަދަލުވެ، ދުވާލު އަނެއްކާވެސް ރޭގަނޑަށް ބަދަލުވުމުގެ ޕްރޮސެސްގެ ތެެރޭ އެކި އިހުސާސުތައް އެކުލެވޭ،" ޝުހައިލާ ކިޔައިދިނެވެ.

ޝުހެއިލާގެ ރީތި ކުރެހުމެއް (ފޮޓޯ/އަހްމަދް ސާމިއު)

އޭނާ ފުރަތަމަ، ހިކިފައިވާ ފަރުތަކަށް ގޮސް އެ މަންޒަރު ތަޖުރިބާ ކުރަމުން، ޗާކޯލް ބޭނުންކޮށްގެން ވަގުތުން ކުރެހީ އެވެ. ދެން އަނބުރާ ގެއަށް ގޮސް އެ ކުރެހުންތަކުގައި ކުލަ ޖައްސައި އިތުރަށް ބައްޓަން ކުރަނީ އެވެ.

މި ލޭންޑްސްކޭޕް ކުރެހުންތަކުގައި ހުވަފެނީ ގޮތެއް ވެސް ހުރެ އެވެ. އަދި އެއީ މި ކުރެހުމުން ދޭހަ ކޮށްދޭން ބޭނުންވާ އިހުސާސެއް ކަމަށް ވެސް ވެދާނެ އެވެ. އެއީ ހިތާމަވެރިކަމުގެ އިހުސާސްތަކާ އެކު އުފާވެރި ހަނދާންތައް ވެސް އާލާވެ އެވެ. އަދި އެ ހަނދާންތަކުގެ ސަބަބުން އެކި ޒާތުގެ އިތުރު އިހުސާސުތަކެއް ފާޅުވެ އެވެ.

ޝުހައިލާ ބުނިގޮތުގައި މި ކުރެހުންތައް ތައްޔާރު ކޮށްފައި ހުންނާނީ އިހުގެ ފޮޓޯގަނޑެއް ހެނެވެ. އެއީ އޭނާގެ މައުލޫއު އިތުރަށް ފުންކޮށް ދައްކައިދިނުމުގެ ނިޔަތުގައި ބޭނުން ކުރި ޓެކްނީކް އެކެވެ.

ޝުހައިލާ ބުނިގޮތުގައި 'ދަ ފެބިއުލަސް އާޓް ޝޯ' އަކީ އޭނާގެ ކުރެހުންތައް ދައްކާލަން ލިބުނު ރަނގަޅު ފުރުސަތެއް އެކަންޏެއް ނޫނެވެ. މި މައުރަޒަކީ މުޖުތަމައުއަށް، ވަކިން ހާއްސަކޮށް ރާއްޖޭގެ އާޓް މުޖުތަމައުއަށް މުހިއްމު ކަމެކެވެ. މިއީ ގިނަ އަދަދެއްގެ އާޓިސްޓުން އެއްވެ އެކަކު އަނެކަކާ ހިޔާލު ބަދަލުކޮށް މުޖުތަމައުގައި އާޓްގެ ދައުރު އިތުރަށް ފުޅާ ކުރަން ލިބޭ ފުރުސަތެއް ވެސް މެ އެވެ.

އާމިނަތު ޝިހާނާ (އަބުޑީ)

އަމިނަތް ޝިހާނާ (އަބުޑީ)ގެ ތްރެޑް ޕެއިންޓިން 'މަންމަ' އާ އެކު (ފޮޓޯ/ އަހްމަދް ސާމިއު)

އަމިނަތު ޝިހާނާ ނުވަތަ އާއްމުކޮށް މީހުން ދަންނަ ނަމުން ނަމަ އަބުޑީ އަކީ ރާއްޖޭގެ ފަންނުވެރި ދާއިރާގައި މިހާރު އާ ނަމެއް ނޫނެވެ. އޭނާގެ ހުނަރުވެރި 'ތުރެޑް ޕެއިންޓިން' އުފެއްދުންތަކަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ. ޝިހާނާގެ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ މަންޒަރުތަކާއި ރަށު ތެރޭގައި މަސައްކަތުގައި އުޅޭ މީހުންނާއި ޕޯޓްރެއިޓް ހިމެނެ އެވެ.

މި މައުރަޒަށް ޝިހާނާގެ އަމާޒަކަށްވީ އަތްތެރި މަސައްކަތްތެރިކަން ފައިން އާޓްގެ ގޮތުގައި ބަލައިގަނެވޭނެ އުފެއްދުމެއް ތައްޔާރު ކުރުމެވެ. އާއްމުކޮށް ހެދުން ޒީނަތްތެރިކުރުމުގައި ކޮށް އުޅޭ ޖަރީކުރުމުގެ މަސައްކަތް އާޓްއާ ގުޅުވާލައިގެން އޭނާ ދައްކައިދިނީ ރާއްޖޭގައި ނެތެމުންދާ ހުނަރެކެވެ.

ޝިހާނާގެ މަންމަގެ މި ފޮޓޯ ހުރިހާ ގޮތަކުން ވެސް މޮޅު (ފޮޓޯ/ އަހްމަދް ސާމިއު)

'ދަ ފެބިއުލަސް އާޓް ޝޯ' އަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބާއްވާ މައުރަޒަކަށް ވުމުން ޝިހާނާ ތުރެޑް ޕެއިންޓިންއެއްގެ ގޮތުގައި ތައްޔާރު ކުރީ ވަރަށް ހާއްސަ މީހެއްގެ ޕޯޓްރެއިޓެކެވެ. އެއީ 316 ގަޑިއިރު ހޭދަކޮށްގެން 98،000 ރޮދިން އުފެއްދި 'މަންމަ' އެވެ. މައެއްގެ ގުރުބާނީ އާއި ކެތްތެރިކަމާ މެދު ވިސްނާލަން ގޮވާލާ އުފެއްދުމެކެވެ.

"މިފަހަރު ތައްޔާރު ކުރި ޕެއިންޓިންގައި ބޭނުންކޮށްފައި ވަނީ އަޅުގަނޑު އާއްމުކޮށް ބޭނުން ކުރާ ސްޓިޗްތަކެއް ނޫން. އާއްމުކޮށް ބޭނުންކުރަނީ ލޯންގް އެންޑް ޝޯޓް. މީގައި މި ހުރީ ކްރޮސް ސްޓިޗް. އެހެންވެ މީގައި ފަސޭހަ ވާނެ އެ ސްޓިޗްތައް ގުނަން. މީގެ 98،000 ސްޓިޗް އަކީ މިހާތަނަށް އެންމެ ވަގުތު ހޭދަ ކުރެވުނު ޕީސް. ދެން އަމިއްލައަށް ކުލަތައް ގެނެސްގެން ހެދިފައި ހުރީމަ ވަރަށް ހިތްހަމަޖެހޭ،" ޝިހާނާ ކިޔައިދިނެވެ.

މަރިޔަމް ލަޔާލް (ލައިލީ)

އާޓިސްޓު މަރިޔަމް ލަޔާލް: އޭނާގެ ތިން ކުރެހުމެއް ހިމެނޭ (ފޮޓޯ ދައުރު / އިބްރާހިމް އިފާޒް)

މަރިޔަމް ލަޔާލް، 22، އަކީ ރާއްޖޭގެ ސަގާފަތާއި ތާރީހީ ތަކެތި ބޯލްޕޮއިންޓް ގަލަން ބޭނުންކޮށްގެން ކުރަހާ ކުރެހުންތެރިއެކެވެ. އޭނާގެ ފުރަތަމަ ސޯލޯ މައުރަޒު ވަނީ މިދިޔަ އަހަރު ގައުމީ އާޓް ގެލެރީގައި ބާއްވާފަ އެވެ.

'ދަ ފެބިއުލަސް އާޓް ޝޯ'ގައި ލަޔާލީ ތިން ކުރެހުމެއް ބައިވެރިކުރި އެވެ. މިއީ އޭނާ މައުރަޒެއްގައި އިހުޒަމާނުގެ ލާރި އާއި ރުފިޔާގެ ކުރެހުންތަކެއް ދައްކާލި ފުރަތަމަ ފަހަރެވެ. އޭގެ ތެރޭގައި ހާއްސަ އެއް ކުރެހުމެއް ވެ އެވެ. އެއީ ކުރީގެ 2 ރުފިޔާގެ ނޫޓެއްގެ ކުލަ ކުރެހުމެކެވެ.

ލަޔާލް ކުލަ ގަލަމުން ކުރެހި ދިވެހި ރުފިޔާގެ ނޫޓެއް (ފޮޓޯ ދައުރު / އިބްރާހިމް އިފާޒް)

މިހާތަނަށް ލަޔާލީ ކުރަހަމުން އައީ ހަމައެކަނި ކަޅު ދެލިންނެވެ. އެކަމަކު އޭނާ މި މައުރަޒަށް ހާއްސަކޮށް 2 ރުފިޔާގެ ނޫޓު ކުރަހާފައި ވަނީ ކުލަ ގަލަން ބޭނުން ކޮށްގެނެވެ. އެކި ކުލަތަކުން އޭނާ ތައްޔާރު ކޮށްފައިވާ 68×28 ސެންޓިމީޓަރުގެ ކުރެހުމަކީ ބަލާލަން ވަރަށް ހިތްގައިމު އަދި މަސައްކަތްތެރި އުފެއްދުމެކެވެ.  

މަރިޔަމް މުންޔާ މުހައްމަދު މުސްތަފާ

މަރިޔަމް މުންޔާ: މިއީ އޭނާގެ ތިން ވަނަ މައުރަޒު (ފޮޓޯ ދައުރު/ އަހްމަދް ސާމިއު)

މި މައުރަޒުގައި ބައިވެރިވި އެންމެ ހަގު އާޓިސްޓު މުންޔާ މުހައްމަދު މުސްތަފާ، 18، އަކީ ވެސް އޭނާގެ ހުނަރުވެރި ކުރެހުންތަކަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނަ އާޓިސްޓެކެވެ. 'ދަ ފެބިއުލަސް އާޓް ޝޯ'ގެ ކުރިން ވެސް އޭނާ ވަނީ ބޮޑު ދެ މައުރަޒެއްގައި ބައިވެރިވެފަ އެވެ. 

"މި މައުރަޒުގައި ބައިވެރިވުމަކީ އަޅުގަނޑަށް ވަރަށް ތަފާތު އަދި އާ ތަޖުރިބާއެއް،" މުންޔާ ބުންޏެވެ. 

މުންޔާ ދައްކައިދިނީ އަންހެނުންނާ މެދު އެހެން މީހުން ދެކޭ ގޮތް (ފޮޓޯ އަހްމަދު ސާމިއު)

ކެންވާސްގައި އެކްރިލިކް ބޭނުންކޮށްގެން ކުރަހާފައިވާ 'ޕާޕެޓްރޭޓާސް ވިޝަން' އަކީ މި މައުރަޒަށް ހާއްސަކޮށް އޭނަ ތައްޔާރުކުރި ކުރެހުމެކެވެ. އެއިން ފެންނަނީ ގިނަ އަދަދެއްގެ އަންހެނުން އެއް ތަނަކަށް އެއްވެ ތިބި މަންޒަރެކެވެ. ގާތުން ފަރުވާތެރިކަމާ އެކު ބަލާލާއިރު އެތަނުން ކޮންމެ އަންހެނެއް ވެސް ތަފާތު ކަމެއް ކުރާތަން ފެނެ އެވެ.

"މި ކުރެހުމުން ދައްކައިދެނީ އެކި މީހުން އަންހެނުން ދެކޭ ގޮތް. ވަކިން ހާއްސަކޮށް 'ވިމެން އިން ޕަވާ.' އެއީ ބޮޑެތި މަގާމުތަކުގަ އާއި ކަންކަމުގައި އިސްކޮށް އުޅޭ އަންހެނުން އެހެން މީހުންނަށް ފެންނަ ގޮތް. އަންހެނުން ކުރާ ގިނަ މަސައްކަތްތަކަކީ އެހާ ސީރިއަސް ކަންތައްތަކެއް ކަމަކަށް ގިނަ ބަޔަކު ނުދެކޭ ކަން،" މުންޔާ ކިޔައިދިނެވެ.

މުންޔާގެ މި ކުރެހުމަކީ މުޖުތަމައު އިން އަންހެނުން ދެކޭ ގޮތާ މެދު ފުންކޮށް ވިސްނާލަން ގޮވާލާ ކުރެހުމެކެވެ.

މަރިޔަމް ނައީމާ އުމަރު

މަރިޔަމް ނައީމާ: ރާއްޖޭގެ ފުންނާބުއުސް އާޓިސްޓުންގެ ތެރޭގައި ހިމެނޭ (ފޮޓޯ ދައުރު/ އިބްރާހިމް އިފާޒް)

'ދަ ފެބިއުލަސް އާޓް ޝޯ' ބަލައިލަން ގެލެރީ ތެރެއަށް ވަންނަ ކޮންމެ މީހެއްގެ ލޮލުގައި ވެސް ފުރަތަމަ އަޅައިގަންނަނީ ބޮޑު ރަތް ދޮރެއްގެ އޮނިގަނޑަކާއި އޭގެ ކައިރީގައި އެލިފައި އޮތް ވިލާގަނޑެއް ކަހަލަ ކަޅު ކުލައިގެ ލުއި އެކަމަކު ހަރު އެއްޗެކެވެ.

މި ރަތް ދޮރަކީ އޭގެ ކައިރީގައި ފޮޓޯއެއް ނަގާލަން ރީތި އިންސްޓޮލޭޝަނެއް އެކަންޏެއް ނޫނެވެ. މި ތަފާތު އިންސްޓޮލޭޝަން އިން ދޭހަވަނީ ކޯއްޗެއްތޯ ވިސްނާލަން ކޮންމެ މީހެއް ވެސް ޝައުގުވެރި ކުރުވަ އެވެ.

މިއީ ރާއްޖޭގެ ފުންނާބުއުސް ފައިން އާޓިސްޓުންގެ ތެރޭގައި ހިމެނޭ މަރިޔަމް ނައީމާ އުމަރުގެ މަސައްކަތެކެވެ. މި މައުރަޒުގައި އޭނާ ވަނީ ދެ އުފެއްދުމެއް ދައްކާލައިފަ އެވެ. އެއީ  'އިނާޝިއާ 1' އަދި 'އިނާޝިއާ 2'ގެ ނަމުގައި އެކްރިލިކް ކުރެހުމަކާއި އިންސްޓޮލޭޝަން އެކެވެ.

"މިއިން ދައްކައިދޭން ބޭނުންވަނީ ނުފެންނަ އެއްޗެއް، އެކަމަކު އެއީ މިސާލަކަށް އެ މީހާއަށް ބަރުވެފައި ތަދުވާ އެއްޗެއް. އޭގެ ސަބަބުން ދޮރު ހުޅުވާފައި ވެސް ކުރިއަށް ދާން އުނދަގޫވޭ. ދެން އެތަނުން ނުކުންނަން ބޭނުންވިއްޔާ އަމިއްލައަށް ގަބޫލު ކުރަން ޖެހެނީ މި ތަދާއި ބަރުކަމާ އެކު، އެ ހުރިހާ ކަމަކާ ކުރިމަތިލައިގެންނޭ ދެވެން އޮތީ،" މަރިޔަމް އޭނާގެ އިންސްޓޮލޭޝަންގެ މާނަ ކުރުކޮށް ކިޔައިދިނެވެ.

'އިނާޝިއަ 1': ރީތި މޮޅު އުފެއްދުމެއް (ފޮތޯ ދައުރު/ އިބްރާހިމް އިފާޒް)

ދޮރުގައި ވިއްދާފައި އޮތް ކަޅު ވިލާގަނޑެއް ފަދަ އެތިން ވެސް އިތުރަށް ދޭހަވަނީ އިނާޝިއާގެ އެކި ކަންތައްތަކާއި އެއިން މީހަކު އިހުސާސް ކުރާ ކަންކަމެވެ.

އިނާޝިއާ އަކީ ބޭރުފުށުގެ ބާރަކުން ހާލަތެއް ބަދަލުކޮށްގެން މެނުވީ، ކަމެއް އެ ވަގުތަކު އޮތް ހާލަތެއްގައި އޮތުމެވެ. އިނާޝިއާއެއް ތެރޭގައި އުޅޭ އިރު މީހަކު ކުރިމަތިލާން ޖެހޭ ތަފާތު ކަންކަމާއި އިހުސާސްތައް މި އުފެއްދުމުން ދޭހަކޮށްދޭން މަރިޔަމް ބޭނުންވި އެވެ. އޭނާ އެދެނީ ބެލުންތެރިންނަށް މިއިން ދޭހަވާ ކަންކަމާ މެދު ފުންކޮށް ވިސްނާލުމަށެވެ.

މަރިޔަމް ބުނިގޮތުގައި ދޮރާއި ދޮރުގެ ފްރޭމް އަކީ އޭނާ އަބަދުވެސް ޝައުގުވެރިވާ ސަބްޖެކްޓެކެވެ.

އިނާޝިއާ-2: މިއީ ވެސް އިންސްޓޮލޭޝަންއެއް (ފޮތޯ ދައުރު/ އިބްރާހިމް އިފާޒް)

"އެއީ ދޮރެއްގެ ފަހަތުގައި ވަނީ ކޯއްޗެއްތޯ އިންޓްރީގްވޭ. އަނެއް ފަރާތުގައި ވަނީ ކޯއްޗެއް ބާވައޭ ސުވާލުކުރެވޭ. ކޮންމެ އެއްޗެއް ވެސް އޭގެ ފަހަތުގައި އޮވެދާނެ. ބިރުވެރި ނުވަތަ ހިތްގައިމު އެއްޗެއް ވެސް އޮވެދާނެ،" މަރިޔަމް ބުންޏެވެ.

މި މައުރަޒުގައި ދައްކާލާ އުފެއްދުންތަކުގައި މަރިޔަމް ބޭނުންކޮށްފައިވާ މައިގަނޑު ކުލަ އަކީ ރަތެވެ.

"ރަތް ކުލަ އަކީ އަޅުގަނޑު ދެކޭ ގޮތުގައި ޕްރައިމަލް އަދި ރޯ ކުލައެއް. ދެން އަޅުގަނޑަށް ފެންނަ ގޮތުގައި އިންސާނެއް ރަމްޒު ކޮށްދޭ ކުލަ އަކީ ވެސް ރަތް ކުލަ،" އޭނާ ބުންޏެވެ.

މަރިޔަމްގެ 'އިނާޝިއާ 1'ގައި މި މައުލޫއުއަށް އިތުރަށް ބަލައިލާފައިވެ އެވެ. ކަމަކުން ދުރުވާން މަސައްކަތް ކުރާއިރު މީހަކު ތަހައްމަލު ކުރާ އެކި އިހުސާސްތައް އެ ކުރެހުމުން ދައްކައިދޭ ކަމަށް އޭނާ ބުންޏެވެ. އެއީ ނުތަނަވަސްކަމާއި އުއްމީދުން ފުރިފައިވާ އިހުސާސްތަކެއް ކަމަށް ވެސް ވެދާނެ އެވެ. 

މަރިޔަމްގެ އުފެއްދުންތަކަކީ އާއްމުގޮތެއްގައި ވެސް މުޖުތަމައުގެ ތެރޭގައި އިންސާނުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ މަސައްކަތެކެވެ.

މަރިޔަމް ހަލީމް (މަރީ)

މަރިޔަމް ހަލީމް: ދެ ބާވަތެއްގެ އުފެއްދުމެއް ދައްކާލި (ފޮޓޯ/އަހްމަދު ސަމިއު)

މަރިޔަމް ހަލީމް އަކީ އަމިއްލައަށް ދަސްކޮށްގެން ބޮޓެނިކަލް އާޓްއަށް ހާއްސަވެފައިވާ މަޝްހޫރު ކުރެހުންތެރިއެކެވެ. އޭނާ ވަނީ މި ތާރީހީ މައުރަޒު އިންތިޒާމު ކުރުމުގައި ވެސް އިސް ދައުރެއް އަދާ ކޮށްފަ އެވެ. 

މަރިޔަމް 'ދަ ފެބިއުލަސް އާޓް ޝޯ'ގައި ދެ ބާވަތެއްގެ އުފެއްދުންތައް ދައްކާލަ އެވެ. އެއީ ފެންކުލައިން ކުރަހާފައިވާ 'ކިނބި ކާށި' އާއި 'ސްޓްރެންތު އޮފް ވުމަންހުޑް'ގެ ނަން ދީފައިވާ އިންސްޓޮލޭޝަނެކެވެ.

މަރިޔަމްގެ ބޮޓެނިކަލް ކުރެހުމުން ދައްކައިދެނީ ރާއްޖެއިން އާއްމުކޮށް ފެންނަ ގަސްގަހުގައި އެކުލެވޭ އެކި ބައިތަކެވެ. ހިތްގައިމު ބައްޓަމަކަށް އެކުލަވާލާފައިވާ މި ކުރެހުމުގައި އެ ގަހުގައި އަޅާ ނަލަ މާ ހިމެނެ އެވެ. އަދި މި ގަހުގެ އޮށަކީ ދިވެހި ބޭސްވެރިކަމުގައި ވެސް ބޭނުން ކުރާ އެއްޗެކެވެ. 

މަރީ ވަނީ އެކި ވައްތަރުގެ ކެޔޮ އަދި ބަށި ހިމެނޭ މޭވާއިން ފުރިފައިވާ އެ އިންސްޓޮލޭޝަންގައި 462 އެތި ވަކިވަކިން ފަހައި އަދި އެއްކޮށްފައި (ފޮޓޯ/ އަހްމަދް ސާމިއު)

މަރިޔަމް އަކީ އޭނާ ކުރަހާ ކޮންމެ އެއްޗެއް ވެސް ރަނގަޅަށް ދަސްކޮށްގެން ކުރަހާ އާޓިސްޓެކެވެ. 'ދަ ފެބިއުލަސް އާޓް ޝޯ' އަށް އޭނާގެ %100 ދޭން ބޭނުންވި އެވެ. ބޮޓެނިކަލް އާޓިސްޓެއްގެ އިތުރުން ފެހުމަށް ވެސް ޝައުގު ހުންނާތީ އެ ދެ ހުނަރު އެއްކޮށްލައިގެން އޭނާ ވަނީ އިންސްޓޮލޭޝަންއެއް ވެސް ތައްޔާރު ކޮށްފަ އެވެ.

"އަޅުގަނޑުގެ އިންސްޓޮލޭޝަންގެ ތިރިން އެ ފެންނަނީ އަންނާރެއް. އެ އަންނާރުގެ އޮށްތައް ހުންނަނީ ޖެހިޖެހިގެން، ކައިރިކައިރީގައި. އެއިން ކޮންމެ އޮށެއް ރަމްޒުކޮށްދެނީ އަންހެނެއް. ދެން އަޅުގަނޑުމެން ޕްރޮޓެކްޓު ވެފައި މި ތިބެނީ މި ޝެލް އިން. މަތިން މި ފެންނަނީ ދުނިޔޭގައި އުޅޭ އިރު އަންހެނުން ކުރިމަތިލާން ޖެހޭ ހުރިހާ ގޮންޖެހުންތަކެއް. އެހެންވެ، މިހާ ބޯކޮށް ބައިވަރު އެއްޗެހި އެއްކޮށްގެން މީތި ތައްޔާރު ކޮށްފައި މި އިނީ،" މަރިޔަމް ކިޔައިދިނެވެ.

އެކި ވައްތަރުގެ ކޭލާއި ބަށި ހިމެނޭ މި އިންސްޓޮލޭޝަން އޭނާ ތައްޔާރުކުރީ 462 އެތި ވަކިވަކިން ފަހާފައި އެއްކޮށްގެންނެވެ.

މަރިޔަމް ބުނިގޮތުގައި މިއިން ދައްކައިދޭން ބޭނުންވަނީ އަންހެނުން ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކާ ކުރިމަތިލާން ހުރިހާ އަންހެނުން އެއްބައިވެގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަންހެނުންނަށް ލިބޭ ހިތްވަރަކާއި ކުރިއެރުމެއް ކަމެވެ.

ޝިމްހާ ޝަކީބު

ޝިމްހާ ޝަކީބް: ދެ ކުރެހުމެއް އާންމުންނަށް ދައްކާލި (ފޮޓޯ / އަހްމަދް ސާމިއު)

މަޝްހޫރު އާޓިސްޓް ޝިމްހާ ޝަކީބުގެ ފެންކުލައިގެ ކުރެހުންތަކުން ގިނަ ފަހަރަށް ދައްކުވައިދެނީ ޒަމާނުއްސުރެ ދިވެހިން ދިރިއުޅުނު ވައްޓަފާޅި އެވެ. އެއީ މިހާރު ނެތެމުންދާ މަންޒަރަތަކަކަށް ވެފައި ޝިމްހާގެ ފެން ކުލައިގެ ކުރެހުންތަކަކީ އެ ޒަމާނުގެ ހަނދާންތައް ކުލަ ގަދަކޮށް އަނެއްކާވެސް އާލާ ކުރާ އުފެއްދުންތަކެކެވެ.

މި މައުރަޒަށް ޝިމްހާ ތައްޔާރު ކުރީ ދެ ކުރެހުމެކެވެ. ހަމަހިމޭން މަންޒަރުތަކެއް ދައްކުވައިދޭ ހިތްގައިމު އެ ކުރެހުންތަކަށް ބަލާލުމުން ހިތްހަމަޖެހުމުގެ އިހުސާސްތަކެއް ކުރެވެ އެވެ.

ޝިމްހާގެ އެއް ކުރެހުމުން ދައްކުވައިދެނީ ހެނދުނު ވަގުތު ރަށެއްގެ މަގުމަތިން ފެންނަ ހަމަހިމޭންކަމުގެ މަންޒަރެކެެވެ. މި ކުރެހުމަށް އޭނަ ދީފައިވާ ނަމަކީ 'އޭއެމް' އެވެ. އަނެއް ކުރެހުމުން ފެންނަނީ ކުޑަކުއްޖަކު ގެއެއްގެ ދޮރުމަތީގައި ހުއްޓިގެން ހުރި މަންޒަރެވެ. އެއީ 'ޕީއެމް' އެވެ.

ޝިމްހާގެ ފެން ކުލައިގެ މި ކުރެހުން ފުރިހަމަ (ފޮޓޯ / އަހްމަދް ސާމިއު)

"މިއީ ވަރަށް ކުރީގައި ތުލުސްދޫއަށް ދިޔަ އިރު ސައިބޯން ދިޔަ ގެއެއްގެ ތެރެއިން ނެގި ފޮޓޯއަކަށް ބިނާކޮށްގެން ތައްޔާރު ކުރި ޕެއިންޓިންއެއް. މީގައި އަލި އައިސް ހުރި ގޮތް ވަރަށް ކަމުދިޔަ. ދެން ފެންކުލައިގެ ކުރެހުންތަކުގައި އަބަދުވެސް ކެޕްޗާ ކުރަން ބޭނުންވަނީ އަލި އެޅިފައި ހުންނަ ގޮތް. މި ދެ ޕެއިންޓިންނަށް ދީފައި އެވާ ޓައިޓަލްއަށް ބަލާލީމަ ވެސް އެނގޭނެ އެކަން. އެއް ކުރެހުމުން ފެންނަނީ ހެނދުނު ގަޑި، އަނެއް ކުރެހުމުން ފެންނަނީ ހަވީރު ގަޑި،" ޝިމްހާ ކިޔައިދިނެވެ.

ޝިމްހާ ބުނިގޮތުގައި މި މައުރަޒު ކުރިއަށްދިޔަ ގޮތާ މެދު ވަރަށް ހިތްހަމަޖެހެ އެވެ. އަދި އެކި އާޓިސްޓުން ބައިވެރިވެގެން މަސައްކަތްތަކެއް އެކީގައި ދައްކާލުމަކީ އަމިއްލަ މައުރަޒަކަށް ވުރެން މާ ތަފާތު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޒިފްލާ އިބްރާހިމް (ޒިފޫ)

އާޓިސްޓް ޒިފްލާ އިބްރާހިމް: މައުރަޒުގައި ތިން ކުރެހުމެއް ބައިވެރިކުރި (ފޮޓޯ/އަހްމަދް ސާމިއު)

ޒިފްލާ އިބްރާހިމްގެ ހިތްގައިމު ކުރެހުންތަކަށް ހިޔާލު ހޯދަނީ ގުދުރަތުންނެވެ. އެ ކުރެހުންތަކުން ފުން އިހުސާސްތަކެއް ރަމްޒުކޮށްދެ އެވެ. ނަލަ ލޭންޑްސްކޭޕް މަންޒަރުތައް ހިތްގައިމު މަޑު ކުލަތަކާއި ފެހި އަދި ނޫ ކުލައިން 'ޕެލެޓް ނައިފް'އެއް ބޭނުންކޮށްގެން އޭނާ ތައްޔާރު ކުރެ އެވެ.  

"ލައިފްއާ ބެހޭގޮތުން ޕޮޒިޓިވް އެއްޗެއް ދައްކައިދޭން ބޭނުންވީ. މިއިން މި ފެންނަނީ ކްލިފްއެއް، ދެން ގަދަ ރާޅުތަކެއް. ރުޅިވެރިކޮށް އަންނަ ރާޅުތަކެއް މި ފެންނަނީ. އެ ރާޅުތަކަކީ އަބަދު ބަދަލުވާ އެއްޗެއް. އެއީ ދާއިމީ އެއްޗެއް ނޫން،" ޒިފްލާ ކިޔައިދިނެވެ.

ދިރިއުޅުމުގައި ކުރިމަތިވާ ހިތާމަވެރި ކަންކަން އަބަދަށް ދެމިއޮންނާނެ ކަމަށް ނުބަލާ ރަނގަޅު ހާލަތުތަކަށް އުއްމީދު ކުރުމަށް ޒިފްލާގެ ކުރެހުންތަކުން ގޮވާލަ އެވެ.

ޒިފްލާގެ ހުނަރު ދައްކާލި 'ވޭވްސް އޮފް އެންޑިއުރަންސް'  (ފޮޓޯ/ އަހްމަދް ސާމިއު)

ޒިފްލާ ކުރަހާ ހިތްގައިމު ލޭންޑްސްކޭޕް މަންޒަރުތަކަކީ ބެލުންތެރިންނަށް އޭނާ ދޭ ހިތްވަރުގެ މެސެޖެކެވެ. އޭނާގެ އަމިއްލަ ތަޖުރިބާއިން ހިޔާލު ހޯދައިގެން އުއްމީދުން ފުރިފައިވާ ވާހަކަތަކެއް ކިޔައިދޭ ފަދަ އެވެ. 

"ކޮންމެ ޕެއިންޓިންއަކުން ވެސް ދައްކައިދޭނެ ހިތްގައިމުކަމެއް. އެކަމަކު އޭގައި ވާނެ އިތުރު މާނައެއް. މިސާލަކަށް މި ޕެއިންޓިންގައި ހުންނާނެ ކަޅު އެއްޗެހި. އެކަމަކު ރާޅުތައް ޖަހާތަން ފެނުނީމަ ފެންނަނީ އޭގެ ހިތްގައިމުކަން. އެ ކަޅު ބައެއް ނުފެނޭ. ހަމަ އެގޮތަށް މީހުންގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެއް ނުވަތަ ސްޓްރަގްލްތަކެއް އެ މީހަކު ހެދުން އަޅާފައި ހުންނަ ގޮތުން، ނޫނީ މޫނުގެ އެކްސްޕްރެޝަން އަކުން ދައްކައެއް ނުދޭ،" ޒިފްލާ ބުންޏެވެ.

'ދަ ފެބިއުލަސް އާޓް ޝޯ'ގައި ޒިފްލާ ތިން ކުރެހުމެއް ބައިވެރިކުރި އެވެ. އޭނާ މި މައުރަޒަށް ހާއްސަކޮށް ތައްޔާރު ކުރި ދެ ކުރެހުމުގެ ތެރެއިން 'ސޫތިން ސެކްލޫޝަން' އިން ފެންނަނީ އިރުއޮއްސޭ ދަޅައަށް ހިކިފައި އޮތް ފަރެކެވެ. މި މަންޒަރަށް ބަލާލުމުން ހިތްހަމަޖެހުމެއް ލިބެ އެވެ. އަދި ފަޅު މަންޒަރެއް ސިފަވުމުގެ ބަދަލުގައި، ޒިފްލާ ބޭނުން ކޮށްފައިވާ ހިތްގައިމު މަޑު ކުލަތަކުން ހިތް ފުރިގެން ދެ އެވެ. 

'ދަ ފެބިއުލަސް އާޓް ޝޯ' ގައުމީ އާޓް ގެލެރީގައި މިއަދުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މައުރަޒު ނިންމާލުމުގެ ގޮތުން މިއަދު ހަވީރު 4:30ގައި 'އާޓް ޓޯކް'އެއް ބާއްވާނެ އެވެ. މި ހަފްލާގައި، މައުރަޒުގައި ބައިވެރިވި އާޓިސްޓުންގެ ތަޖުރިބާތަކާއި އިހުސާސްތައް ބެލުންތެރިންނަށް ކިޔައިދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް