އާމިނަތު ޝިހާނާ (އަބުޑީ)ގެ ތުރެޑް ޕެއިންޓިން 'މަންމަ' ގައުމީ އާޓް ގެލެރީގައި ދައްކާލަން ބަހައްޓާފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ދަ ފެބިއުލަސް އާޓް ޝޯ: އަންހެނުންގެ ނަޒަރުގެ ފުންމިނަށް
އާމިނަތު ޝިހާނާ (އަބުޑީ)ގެ އެ އުފެއްދުމަކީ ހަމައެކަނި އޭނާއަށް އެންމެ މުހިއްމު މީހާގެ ތަސްވީރެއް ނޫނެވެ. އެއީ އެންމެންގެ ހަޔާތުގައި ވެސް އެންމެ ބޮޑު ދައުރެއް އަދާކުރާ އެންމެހާ މައިންގެ ރަމްޒެއް ވެސް މެ އެވެ.
ޝިހާނާ 316 ގަޑިއިރު ހޭދަކޮށްގެން 98،000 ރޮދިން އުފަންކުރި ތުރެޑް ޕެއިންޓިން، މަންމައެއްގެ ގުރުބާނީ އާއި ކެތްތެރިކަމާ މެދު ވިސްނާލަން ކިތަންމެ ރަނގަޅަކަށް ވެސް ބާރުއަޅަ އެވެ.
ޝިހާނާގެ 'މަންމަ' އަކީ، ދިވެހި 17 އަންހެން އާޓިސްޓެއްގެ އުފެއްދުންތަކާ އެކު މިދިޔަ ބުދަ ދުވަހުގެ ރޭ ގައުމީ އާޓް ގެލެރީގައި ހުޅުވި 'ދަ ފެބިއުލަސް އާޓް ޝޯ'ގެ ބައިވެރިއެކެވެ. ރާއްޖޭގައި އަންހެން އާޓިސްޓުންނަށް ހާއްސަކޮށްގެން ފުޅާ ދާއިރާއެއްގައި ބާއްވާ މިފަދަ ފުރަތަމަ މައުރަޒު ތާރީހުގެ ތެރެއަށް ވަދެގެންދާނީ ގިނަ ތަޖުރިބާތަކަކާއި އިހުސާސްތަކެއް ގެނެސްދީފަ އެވެ. އިޖުތިމާއީ، ސިޔާސީ، ތިމާވެށީގެ އަދި ފަރުދީ މުހިއްމު މައުލޫއުތަކާއި މައްސަލަތަކަށް އަލިއަޅުވާލައިފަ އެވެ. އަންހެންވަންތަކަމާއި މައިވަންތަކަމުގެ ފުންމިނުންނެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބާއްވާ މި މައުރަޒުގައި އެކި އުމުރުފުރާތަކުގެ އާޓިސްޓުން އެކި މީޑިއަމްތައް ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ކުރެހުންތަކުގެ އިތުރުން އިންސްޓޮލޭޝަންތައް ވެސް ހިމެނެ އެވެ. އެއީ ބަލަން އަންނަ މީހުން ވިސްނާލުމަށް ހިތްވަރުދޭ، މާނަހުރި އުފެއްދުންތަކެކެވެ.
މަރިޔަމް (މަރީ) ހަލީމް އެކި ޒާތުގެ މޭވާ އާއި ތަރުކާރީ ސީލިން އިން އެލުވާފައިވާ އޭނާގެ އިންސްޓޮލޭޝަން 'ސްޓްރެންތު އޮފް ވުމަންހުޑް' އިން ދައްކައިދޭން ބޭނުންވާ އެއް ކަމަކީ މުޖުތަމައުގެ ތެރޭގައި އެތަކެއް ހުރަސްތަކަކާ ކުރިމަތިލާ އަންހެނުން، އެކަކު އަނެކަކުގެ ކިބައިން ކެތްތެރިކަމާއި ހިތްވަރު ހޯދާ ގޮތެވެ. އެއްބައިވަންތަކަމާ އެކު އެންމެން ގުޅިގެން އެ މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް، އަނިޔާވެރި ނިޒާމުތަކަށް ގޮންޖެހުންތައް ކުރިމަތިކުރުވާ ގޮތެވެ.
ރާއްޖޭގައި ފާހަގަ ކޮށްލެވޭ މަދު ކެލިގްރަފީ އާޓިސްޓުންގެ ތެރޭގައި ހިމެނޭ ފާތިމަތު ނޫރަތު ރަޝީދު މި މައުރަޒުގައި ދައްކާލަން ބޭނުންވީ އަންހެނެއްގެ ގޮތުގައި އޭނާގެ އަމިއްލަ އިހުސާސްތަކާއި ތަޖުރިބާތަކެވެ. އަދި މުޖުތަމައުގައި އަންހެނެއްގެ ދައުރާއި ހިއްސާ އަކީ ކޮބާކަމާ މެދު ސުވާލުކޮށް ވިސްނާލަން އޭނާގެ އުފެއްދުންތަކުން ގޮވާލަ އެވެ.
މައުރަޒުގައި ބައިވެރިވާ ކޮންމެ އާޓިސްޓެއް ވެސް މިފަދައިން އެކި މައުލޫއުތަކަށް އެ މީހުންގެ ނަޒަރުން ތައްޔާރުކޮށްފައިވާ ތަކެތި ތަފާތުވެފައި ޝައުގުވެރި އެވެ. މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުންގެ ފަރާތުން މުޅިން ވެސް އިވުނީ ތައުރީފުގެ ބަސްތަކެވެ. އޭގެ ތެރޭގައި ޝަރަފްވެރި މެހުމާން، ސިމްޑީގެ ސީއީއޯ އަދި ކުރީގެ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ހިމެނިވަޑައިގެންނެވި އެވެ.
ދިވެހި އަންހެން އާޓިސްޓުންގެ ހުނަރުވެރިކަމާއި މިކަހަލަ މައުރަޒުތަކުގެ ސަބަބުން ރާއްޖޭގެ ސަގާފަތް އިތުރަށް ދިރުވަން އެހީތެރިވެދޭކަން އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. އަދި ޖިންސީ ތަފާތު ކުރުން ނައްތާލައި އަންހެން ފަންނުވެރިންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ޝަކީލާ ބާރުއެޅުއްވި އެވެ.
މައުރަޒަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން އަންހެން ބެލުންތެރިން ފާހަގަކުރި ގޮތުގައި އެ މީހުންނަށް މި އުފެއްދުންތަކާ އިތުރު ގާތްކަމެއް އިހުސާސް ކުރެވެ އެވެ.
އަދިވެސް ނިސްބަތުން ޅަ އަދި ލަސް ދުވެއްޔެއްގައި ބޮޑުވަމުން އަންނަ ރާއްޖޭގެ އާޓް ދާއިރާ ދިވެހި އަންހެން އާޓިސްޓުންގެ ފަންނުވެރި ހިދުމަތްތަކާއި ހުނަރުވެރިކަމާ ނުލައެއް ފުރިހަމައެއް ނުވާނެ އެވެ. ރާއްޖޭގައި އާޓްގެ ސަގާފަތެއް ކުރިއެރުވުމުގައި އަންހެން އާޓިސްޓުންގެ ހިއްސާ މިހާރު ވެސް ނުހަނު ބޮޑެވެ. 'ދަ ފެބިއުލަސް އާޓް ޝޯ' ރާއްޖޭގައި އަކީ ފުޅާވަމުން އަންނަ ފަންނުވެރިކަމުގެ ދާއިރާއަށް އަންހެނުން ކޮށްދޭ އެ ހިދުމަތް ކިތަންމެހާ ވެސް ބޮޑަށް ފާހަގަކުރާ މައުރަޒެކެވެ.
'ދަ ފެބިއުލަސް އާޓް ޝޯ - ސެލެބްރޭޓިން ވިމެން އާޓިސްޓްސް އިން މޯލްޑިވްސް' ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކަމަށްވާ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ގައުމީ އާޓް ގެލެރީގައި ކުރިއަށްދާނެ އެވެ.
މައުރަޒުގައި ބައިވެރިވާ 17 އާޓިސްޓުންނަކީ:
-
އައިޝަތު ނިފާޔާ
-
އައިމާ މުސްތަފާ
-
އައިޝަތު ޝުހައިލާ
-
އާމިނަތު ޝިހާނާ (އަބުޑީ)
-
ޑރ ނާއިލާ ފިރްދައުސް
-
ފާތިމަތު ނާދިރާ
-
ފާތިމަތު އަޒްލީނާ
-
ފާތިމަތު ނޫރަތު ރަޝީދު
-
މައިޝާ ޔޫސުފް
-
މަރިޔަމް ލަޔާލް
-
މަރިޔަމް މުންޔާ
-
މަރިޔަމް އުމަރު
-
މަރިޔަމް ހަލީމް
-
ނަދީ ރަޗޭ
-
ޝިމާނީ ޝަރީފް
-
ޝިމްހާ ޝަކީބު
-
ޒިފްލާ އިބްރާހިމް