ނަސީރު އިސްމާއިލް ކުޑަކުދިންތަކަކަށް ތަމްރީން ދެނީ
ސްކޫލަށް ވޭޕް ވެއްދުމާ ގުޅޭ ގޮތުން ނަސީރު ލިއުނު މި ޕޯސްޓު ވައިރަލްވީ ކީއްވެ؟
އެއީ މީގެ ދެ ދުވަހެއްވަރު ކުރިން، އެތުލެޓިކްސް ކޯޗު އަދި ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއީލް އޭނާގެ ފޭސްބުކްގައި އެހި ސުވާލެކެވެ؛ ވޭޕް ސްކޫލަށް ވައްދާކަން އެނގި ހުރެ ޗެކް ނުކުރަނީ ކިތައް ސްކޫލުތޯއޭ އެވެ؟ އެހެން އެހީ، އޭނާގެ ސްކޫލް ދައުރު ބެލްޓަށް ދާންދެން ޗެކްކުރާތީ ކަމަށް ބުންޏެވެ.
ފޭސްބުކްގައި ނަސީރު ކުރި މި ޕޯސްޓު، ބަލަބަލާ ހުއްޓާ ވައިރަލްވި އެވެ. އެތައް ސަތޭކަ ބަޔަކު އެ ޝެއާކޮށް ގިނަ ބަޔަކު ކޮމެންޓު ކުރަން ވެސް ފެށި އެވެ. ކީއްވެ ހެއްޔެވެ؟
އެންމެ ފުރަތަމަ، ތައުލީމީ ދާއިރާގައި ވެސް ގިނަ އަހަރުތަކެއް ހޭދަކޮށް ސްޕޯޓްސް ސުޕަވައިޒަރެއްގެ ޒިންމާ ކުރިން އުފުލި މީހަކު މި ފަދަ ބޮޑު ވާހަަކައެއް ބުނަން ޖެހުނު ސަބަބެވެ. ނަސީރު ބުނިގޮތުގައި އޭނާއަށް ވަނީ ސްކޫލުގެ މި ހަލަބޮލިކަމުގެ ދެކޮޅު ވެސް ފެނިފަ އެވެ. އޭނާ ކިޔެވި އިރު އޮތް ހާލަތާއި ދަރިވަރުންނަށް ކޯޗެއްގެ ހައިސިއްޔަތުން މަސައްކަތް ކުރިއިރު އެވެ. އެކަމަކު ދަރިވަރުންނާ މެދު އަމަލުކުރާ ގޮތް މިހާރު ވަރަށް ތަފާތުކަން އޭނާ ފާހަގަކުރި އެވެ.
ނަސީރު، އޭނާގެ ތަޖުރިބާ ކިޔައިދޭން ފެށީ ހުޅުމާލޭގައި އެންމެ ފުރަތަމަ ހުޅުވި ސްކޫލު ފަރީދިއްޔާއިންނެވެ. އޭރު ސުނާމީއަށް ފަހު ރާއްޖޭގެ އެކި ހިސާބުތަކުން ދަރިވަރުން ގެންގޮސް އެތަނުގައި ކިޔަވައިދިނެވެ. އެ ކުދިންގެ ވައްޓަފާޅި އާއި ދިރިއުޅުމުގެ ކަންކަން ވަރަށް ތަފާތެވެ. އެހެންވެ، ވަރަށް 'ސިޔާސަ' ކުދިން އެތަނުގައި ގިނަ އިރު، އެ ހުރިހާ ކުދިން ބެލެހެއްޓުން ވީ، ސްކޫލުގެ ވެރިންނަށާއި މުވައްޒަފުންނަށް ވެސް ބުރަ ކަމަކަށެވެ. ނަމަވެސް ނަސީރު ބުނިގޮތުގައި ސްކޫލުން އެ ޒިންމާ ރަނގަޅަށް ނެގި އެވެ. ބޭނުންވީ ކުދިން ކޮންޓްރޯލް ކުރެވޭނެ ފަދަ ގަވައިދުތަކެކެވެ.
"މިހާރު އޭގެ ތެރެއިން ބައެއް ކުދިންނާ ދިމާވޭ ހުޅުމާލެއިން ވެސް. ދިރިއުޅުމެއް ފަށައިގެން ރީތިކޮށް އުޅޭތަން ފެނޭ. ބައެއް ކުދިން މޮޅަށް ފުޓުބޯޅަ ވެސް ކުޅޭ. ވަރަށް އުފާވޭ އެ މަންޒަރުތައް ފެނުނީމަ،" ނަސީރު ބުންޏެވެ.
އެކަމަކު އޭނާގެ ރަހުމަތްތެރި ބައެއް ސްޕޯޓްސް ސުޕަވައިޒަރުން މިހާރު ގުޅާފައި އެންމެ ގިނައިން ދައްކަނީ، ދަރިވަރުން ކޮންޓްރޯލް ނުކުރެވޭ ވާހަކަ ކަމަށް ބުންޏެވެ. ދަރިވަރުންގެ އަމަލުތައް 'އޮބިނޯންނަ' ކަމާއި ސްކޫލަށް 'މައިތިރި ނުކުރެވޭ' ކަމަށް އެ މީހުން ބުނާކަން ނަސީރު ފާހަގަކުރި އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ނުރައްކަލެއްގެ ގޮތުގައި ބަލަމުން އަންނަ ވޭޕްގެ މައްސަލަ ވަންނަނީ މިހާ ހިސާބުންނެވެ.
"ސްކޫލު ތެރެއަށް ވޭޕު އެއްޗެހި އެބަ ވައްދާ. އެކަމަކު ދަބަހެއް ޗެކެއް ނުކުރެވޭ. ޕްރިންސިޕަލްއާ އެ ޝަކުވާ ކުރީމައި ބުނަނީ އޭގެ ސަބަބުން ކުދިންގެ ޝެޑިއުލުން ގަޑިއިރެއް ދެ ގަޑިއިރު ބޭކާރުވާނެ ކަމަށް،" ބައެއް ސްކޫލުތަކުގެ ޓީޗަރުންނާ ހަވާލާދީ ނަސީރު ބުންޏެވެ.
"އެކަމަކު އަޅުގަނޑުމެން ކިޔެވި ޒަމާނުގައި ބެލްޓު ނުބައިކޮށް އެޅުނަސް، ހަޅޭއްފަޅޭއް ޖަހައި ގެއަށް ފޮނުވާލާނެ ރަނގަޅު ކުރަން."
އެކަމާ ގުޅޭ ގޮތުން އޭނާ ފޭސްބުކްގައި ލިޔުނީ، އެ ޕޯސްޓާ މެދު ގިނަ ބަޔަކު ހިޔާލުފާޅުކުރާނެ ކަމަށް ހީކޮށެއް ނޫނެވެ. އެކަމަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު އެ ޝެއާކޮށް، ކޮމެންޓް ކުރަން ފެށުމުން މިއީ ހަމަ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު ކަން އޮންނަ ގޮތް ކަން އޭނާއަށް ވެސް އެނގުނެވެ.
"މިހާރު ވާ ގޮތަކީ ކުދިންގެ ހައްގުތައް މާ ބޮޑީ. [ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް] އެ ކުދިންނާ ދިމާއަށް އެއްޗެއް ބުނެވޭކަށް ނޯވޭ. އެއްޗެއް ބުންޏަސް ވަނީ އެ ކުދިންނާ ޖައްސާލާފައި ހުންނަ ކަމަށް،" ނަސީރުގެ ޕޯސްޓަށް މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.
"ދަރިވަރަކު އުނދަގޫ ކުރާތީ ކޮޅަށް ނެގިޔަސް އޭގެ އަދަބު އެންމެ ފަހުން ޓީޗަރުންނަށް މި ލިބެނީ. ހައްދަކާ ނުލައި ދަރިވަރުންނަށް މާ ބޮޑު މިނިވަންކަމެއް ދީފައި މި އޮންނަނީ،" އެހެން މީހަކު ލިޔުނެވެ.
"ޗެކް ކުރިޔަސް އަތެއް ނުލެވޭ. އަތުލައިފިއްޔާ އެ އަތުލި ޓީޗަރެއްގެ ދުވަސް ދާނީ،" އިތުރު މީހަކު ކޮމެންޓް ކުރި އެވެ. އޭނާއަށް ރައްދު ދެމުން އެހެން މީހަކު ބުނީ، 'ފަޓުލޫނުގެ ތެރެއިން ވޭޕް ވެއްޓުނަސް، ތަބަކަށް ލާފައި އަނބުރާ ދަރިވަރަށް އެ ދޭން ޖެހޭ' ކަމަށެވެ.
ގިނަ ބަޔަކު ނަސީރުގެ ޕޯސްޓު ޝެއާކުރީ، ކުރީގައި ސްކޫލުގެ މާހައުލުން އެ މީހުން ތަޖުރިބާ ކުރި ކަންކަމާ މިހާރުގެ ހާލަތު އަޅާބަލަމުންނެވެ. ޔުނީފޯމުގައި ނަގާފައިވާ ރޫ ބޮޑުވެގެން، ނޫނީ އަތުން ސުޕާރީއެއް ފެނިގެން ގެއަށް ފޮނުވާލި އިރު، މިހާރު ކުދިންގެ ދަބަހުން ވޭޕާއި މަސްތުވާތަކެތި ފެނުނަސް މާ ބޮޑު ކަމަކަށް ނުވާ ކަމަށް އެ މީހުން ބުނެ އެވެ.
"މިހާ ބޮޑު މިނިވަންކަމެއް ބޭރު ގައުމުތަކުގައި ވެސް ނޯވޭ،" ނަސީރު ބުންޏެވެ.
ފޭސްބުކްގައި އޭނާ ބުނެފައި އެ އޮތީ ބޮޑު ވާހަކައެކެވެ. ނުރައްކާވަމުން އަންނަ މި މައްސަލަ މިހާރު ގޮސްފައިވާ ހިސާބު، އެހެން މީހުންގެ ވާހަކަތަކުން އެނގުނެވެ. މިހާތަނަށް 450 އަށް ވުރެ ގިނަ ފަހަރު އެ ޕޯސްޓް ޝެއާކޮށްފައި އެ ވަނީ އެ ބުނާ އެއްޗެއް ގިނަ މީހުންނަށް ވެސް މައްސަލައަކަށް ވެފައި އޮތުމުން ކަމަށް ފެނެ އެވެ.
ކޮމެންޓް (2)
ހަފީޒް
ސިރާޖު