ހއ. ކެލާގެ ބޮޑުމަގުން ފެނުނު މޫނިމާ ގަހެއް
ކެލާގެ މި މޫނިމާގަސް ތާރު އެޅުމުން ނިމިދާނީ ބާ؟
މާލޭގައި އުޅެފައި ރަށަކަށް ޒިޔާރަތް ކޮށްލުމުން ހާދަ ތަފާތެވެ. ހަށި ފުރާ ނޭވާ ލެވެ އެވެ. ތޮއްޖެހުމެއް ނެތެވެ. ޓްރެފިކް އަޑެއް ނީވެ އެވެ. ވަށައިގެން އޮންނަނީ ހަމަހިމޭންކަމެވެ. މަގުތަކުން މީހުން ފެންނަ ވަރު މަދެވެ. ބިޒީވެގެން އަވަސް އަރުވާލައިގެން އުޅޭ މަންޒަރެއް ވެސް ނުފެނެ އެވެ.
ބެލެވޭ ގޮތުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ މީހުން ގެއިން ނުނިކުންނަނީ އަވިގަދަކަމުންނެވެ. އަސުރަށް ފަހު ރަށުތެރެ ފިނިވުމުން، ކޮންމެވެސް ވަރަކަށް މީހުން ނުކުމެ ހަދަ އެވެ.
ހއ. ކެލައިން ވެސް ފެންނަނީ މި މަންޒަރެވެ.
ކެލާގެ ހިތްގައިމު ގޮނޑުދޮށަށް އެއް ފަހަރުން ހިތް ދޫވެއްޖެ އެވެ. ބަލާލަން ވެސް ދެވުނެވެ. ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ އެކަހެރިކޮށް އޮތް ހިތްގައިމު ކުޅި ސަރަހައްދުގައި ކުނިބުނި މަދެވެ. މީހުންނަށް އެތަން ބަލައިލެވޭނެ ގޮތަށް އަޅާފައި އޮތް ޕްލެޓްފޯމް ކުޑަކޮށް ބޮޑު ނަމަ އަދި އެއަށް ވުރެ ފުރިހަމަވީހެވެ. ގިނަ ކަންކަން އެތާ ބޭއްވުނީހެވެ. އެކަމަކު މިވަރުން ވެސް ހިތްހަމަޖެހެ އެވެ.
ކެލާގެ ގުދުރަތީ މި ހުރިހާ ރީތިކަމަކަށް ވުރެ ބޮޑަށް އަހަރެން އަޅައިގަތީ މިއަށް ވުރެ އާދައިގެ ކަމަކާ އެވެ. ރަށުގެ ބޮޑު މަގުގައި، ކައުންސިލް އިދާރާ ކުރިމަތިން ހެން ކަހަލަ ގޮތަކަށް، މަގު މެދުގައި ހުރި މޫނިމާ ގަހެވެ. އެ ގަސް އަދި އެންމެ ބޮޑު ނޫނަސް، މަގެއްގެ މެދުގައި ހުރި ގަހަކާ ބަލާފައި ބޮޑެވެ.
އެއީ އެކަނިވެރި ގަހެކެވެ. އެކަމަކު ގަސް އެހެރީ މަގުގެ މެދުގައި ފަހުރުވެރިިކަމާ އެކީ އެވެ. މެންދުރުގެ އަވި އެންމެ ބާރު ވަގުތު އެ ގަހުން ހިޔާ ލިބެ އެވެ.
ކެލާގެ މީހުންނަށް މިއީ މާ ބޮޑު ކަަމަކަށް ނުވެދާނެ އެވެ. އެކަމަކު އަހަންނަށް މިކަންވީ ތަފާތު ސަޅި ކަމަކަށެވެ. މާލޭގެ ގަސް މަދު، ގާ އެތުރި މަގުތަކާއި ތާރު އަޅާފައި ހުންނަ މަގުތަކުގައި އުޅޭ މީހަކަށް މި ގަހުން ތަފާތު ހިތްހަމަޖެހުމެއް ގެނެސްދިނެވެ.
ތާރަ އާއި ތަރައްގީ މިހާރު މި އޮތީ ގުޅިލާމެހިފަ އެވެ. ކެލާގެ އެއްވެސް މަގެއްގައި ތާރު އަޅާފައެއް އަދި ނެތެވެ. ރަށް ޕްރޮމޯޓް ކުރުމަށް އެ ރަށު ކައުންސިލުން ބޭނުންކުރާ ޝިއާރަކީ ވެސް 'ނެޗުރަލީ ބިއުޓިފުލް' އެވެ.
އެކަމަކު މި ރަށުގެ ރީތި ޖަޒީރާވަންތަކަން ކިހާ ދުވަހަކަށް ދެމިއޮވެދާނެ ބާވަ އެވެ؟ މި ސުވާލު ރަށުގެ ކައުންސިލަށް އަމާޒުކޮށްލީމެވެ.
ކެލާ ކައުންސިލުން ބުނި ގޮތުގައި ކުރިއަށް އޮތް ހަ މަހެއްހާ ދުވަހުގެ ތެރޭ ރަށުގައި ތާރު އަޅަން ފަށާނެ އެވެ. މި މަސައްކަތް މިހާރު ވެސް އޮތީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްފަ އެވެ.
ކައުންސިލުން ބުނީ ރަށުގެ ރައްޔިތުން ބޭނުންވަނީ މަގުތަކުގައި ތާރު އަޅަން ކަމަށެވެ.
ގިނަ މީހުން ދެކޭ ގޮތުގައި ތަރައްގީއަކީ ތާރު ކަމަށް ވެދާނެ އެވެ. ނަމަވެސް މިއީ މި ރަށުގެ އެންމެން އެއްބަސްވާ ގޮތެެއް ނޫނެވެ.
އެކަކު ބުނި ގޮތުގައި މި ރަށަށް ބޭނުންވަނީ ތާރެއް ނޫނެވެ. މަގުތަކުގައި ވަޅުގަނޑުތައް ހެދިޔަ ނުދީ ފަސްގަނޑު އެއްވަރު ކުރާނެ އިކުއިޕްމަންޓާއި އެކަން ކުރާނެ މީހުންނެވެ. މިއީ ހަރަދު ކުޑަ ގޮތް ކަމަށް ވެސް އޭނާ ދެކެ އެވެ.
ތާރު އެޅުމުން ރަށުގެ ގުދުރަތީ ސިފަ ގެއްލިގެން ދާނެ އެވެ. ރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ކެލައަކީ އިންޖީނުލީ އެއްގަމު އުޅަނދު މަދު ރަށެކެވެ. ރަށުގައި މާ ބޮޑު ޓްރެފިކެއް ނެތެވެ. ބަރު ވެހިކަލްތައް ދުއްވާ ރަށެއް ވެސް ނޫނެވެ.
ތިމާވެށީގެ ޖަމިއްޔާއެއް ކަމުގައިވާ މޯލްޑިވްސް ވެޓެލޭންޑް ފައުންޑޭޝަންސްގެ ފަރާ އަލީއާ ވާހަކަ ދައްކާލީމެވެ.
"ކެލައަކީ ލޯކަލް ޓުއަރިޒަމް ފައްކާވަމުން އަންނަ ރަށެއް. އެ ރަށުގެ ހިތްގައިމު ގޮނޑުދޮށް، ކުޅި ބަލާލަން މީހުން ޝައުގުވެރިވާ ރަށެެއް،" ފަރާ ބުންޏެވެ.
"ރަށްރަށުގައި ތާރު އެޅުމުން ފާހަގަވާ އެންމެ ބޮޑު އެއް ކަމަކީ ރަށް މިހާރަށް ވުރެ ވެސް ބޮޑަށް ހޫނުވުން. ތާރަކީ އެއަށް ހޫނު ދަމާ އަދި އޭގައި ހޫނު ހިފަހައްޓާ އެއްޗެއް. އެއީ މި ކިޔާ "އާބަން ހީޓް-އައިލެންޑް އިފެކްޓް."
ތާރު އެޅުމާ އެކު ބިންގަނޑުގައި ހޫނު ހިފަހައްޓައި ތާށިކޮށްލުމުން، ބިންގަނޑު ފިނިނުވެ ރޭގަނޑު ވެސް އެ ހޫނު އިހްސާސް ކުރެވެ އެވެ. ފެނުގެ ކޮލިޓީއަށް އެކަމުގެ އަސަރު ކުރެ އެވެ. އަދި ހޫނުވެފައި ހުންނަ ފެން ކުޅިއަށް އެޅި، އެތަނުގެ ދިރުންތައް ސްޓްރެސްވުމުގެ ފުރުސަތު ބޮޑެވެ.
މީގެ އިތުރުން، ފިނިކުރުމަށް އޭސީ އާއި ފަންކާއަށް ބަރޯސާވެ ކަރަންޓަށް ކުރާ ހޭދަ ބޮޑުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ރަށުން ބޭރު އަދި ރަށަށް ޒިޔާރަތް ކުރި މީހެއްގެ ހައިސިއްޔަތުން އަހަންނަށް ވެސް މިކަން އިހްސާސްކޮށްލެވުނެވެ. ހޫނު އިތުރަށް ގަދަވުމުން މީހުން ރަށުތެރެއަށް ނުކުންނަ ވަރު މަދުވާނެކަން ޔަގީންވި އެވެ. މިކަމުގެ ސަބަބުން ރަށުގެ އިޖްތިމާއީ ގުޅުންތަކަށް އަސަރު ކޮށްފާނެ ބާވަ އެވެ؟ މިއީ ހިތާހިތާ ކުރެވުނު ސުވާލެކެވެ.
ދެން އޮތީ ތާރު އައިސް ރަށުގެ މަގުތައް ފުރާލާ އިރު މި މޫނިމާގަސް އެތަނުގައި އެގޮތަށް ފަހުރުވެރިކަމާ އެކު ހުންނާނެތޯ ހިތާ ކުރެވުނު ސުވާލެވެ. މާލޭގެ މަގުތަކުގެ ދުވަސްވީ ގަސްތައް ހެން އެ ގަހުގެ އުމުރު ހަމަވީ ކަމަށް ބަލައި އެ ގަހުން ދިން ހިޔާވަހިކަމާއި ހިތްހަމަޖެހުން އަދި ބޮޑު މަގުގެ ގުދުރަތީ ރީތިކަން ނިމުމަކަށް އަންނާނީ ބާވަ އެވެ؟