ކެލާގައި ހިންގި ކަށިކެޔޮ ފަތުން ވިޔުމުގެ ކޯސް ނިމުން ފާހަގަ ކުރުން
ކެލާގައި ހާއްސަ ދައްކާލުމެއް: ކަށިކެޔޮ ފަތުން ވިޔުމުގެ ހުނަރު
ހއ. ކެލާގެ ޝެއިހް އިބްރާހިމް ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގައި ދެ މޭޒެއް މަތީ އަތުރާފައި ހުރީ ކަށިކެޔޮ ފަތުން ވިޔެފައި ހުރި ތަކެއްޗެވެ. ބައެއް ސާމާނު ރުކު ފަނުން ވިޔެފައިވައިޔަސް މައިގަނޑަކީ ކަށިކެޔޮ ފަތެވެ.
މިއީ ބަޔަކު އެ މީހުންގެ ހުނަރު ބޭނުންކޮށްގެން ގިނަ ވަގުތުތަކެއް ހޭދަކޮށްގެން ހަދާފައިވާ ތަކެތިކަން ބަލާލުމުން އިނގެ އެވެ. ތޮފި، ފަންކާ، މޭޒުމަތީ ބަހައްޓާ ވަށި އަދި ބަތްޕޮޅި ފަދަ ތަކެތި ވިޔެފައި ހުއްޓެވެ.
މިއީ، މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ކެލާ ކައުންސިލާއި މި ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްގެ މާލީ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ ކަށިކެޔޮ ފަތުން ވިޔަން ދަސްކޮށްދޭ ކޯހެއްގެ ބައިވެރިންގެ މަސައްކަތެވެ.
ހަތް ދުވަހުގެ މި ޕްރޮގްރާމްގައި ކެލާގެ އަންހެނުންގެ ކޮމިޓީގެ ފަރާތުން 11 އަންހެނަކާއި ޝެއިހް އިބްރާހިމް ސްކޫލްގެ 30 ދަރިވަރަކު ބައިވެރިވި އެވެ.
ޕްރޮގްރާމް ނިންމާލުމަށް ފަހު ދަރިވަރުންނާއި އެހެން ބައިވެރިންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އެމީހުންގެ އުފެއްދުންތަކާ މެދު ފަހުރުވެރިވެފައިވާ މަންޒަރެވެ. މި ކޯހުގައި އެ މީހުން ދަސްކުރަން ހޭދަކުރި ދުވަސްތައް ކުރު ކަމުގައި ބައެއް ބައިވެރިން އައީ ބުނަމުންނެވެ.
ކެނެޑާ އިން ރާއްޖެ އަށާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ވޮލްޝް ވަނީ ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. ސެޓްފިކެޓް ހަވާލުކުރެއްވުމަށް ފަހު ބައިވެރިންނާ ވާހަކަ ދައްކަވަމުން ވޮލްޝް ވިދާޅުވީ އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށް ދިނުމަކީ އެ މީހުންގެ އާމްދަނީ އިތުރުވެ މުޅި އާއިލާއަށް ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމުގަ އެވެ.
މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަންގެ ރައީސާ ފަރާ އަލީ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ބޭއްވުމުގެ މަގުސަދަކީ ކެލާގެ ކަނޑޫ ފާ ފަދަ ތަންތަނުން ލިބޭ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ލިބޭނެ މަގުތައް އަންހެނުންނަށް ހޯދައިދީ، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަށް އަންހެނުންނަށް ހުނަރު ދަސްކޮށްދިނުން ކަމުގަ އެވެ.
ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވެސް މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި އެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ކެލާގެ ކުޅީގައި ހެދޭ ކަނޑުލަކީ ދިވެހިން ދެ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލި އިރު އެ ރަށާއި އެ އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ބަނޑުފުރާނަ މުއްތި ކުރުމަށް ބޭނުން ކުރި އެއް ބާވަތެވެ.
ދުނިޔެ އިން ނެތެމުންދާ ބާވަތެއްގެ ކަނޑޫ ކަމުގައިވާ ކެލަވަކި (ބުރުގޭރިއާ ހެއިނެސީ) ކެލާގެ ކުޅީގައި މިހާރު ވެސް އެބަހުއްޓެވެ.
މިފަދަ ތަންތަން ރައްކާތެރިކޮށް ހިމާޔާތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އިންފާޒް އޭނާގެ ވާހަކައިގައި އަލިއަޅުވާލެއްވި އެވެ.
އާމްދަނީ ހޯދުމުގައި ދެމެހެއްޓެނިވި ގޮތްތައް އިހްތިޔާރު ކުރުމުގެ މުހިއްމުކަމަށް މި ކޯހުގެ ބައިވެރިން ވަނީ ހޭލުންތެރި ކުރުވާފަ އެވެ.
ޝެެއިހް އިބްރާހިމް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒު 'ދައުރު'އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިފަދަ ކަންކަން ކުުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭލެއް މަދު ނަމަވެސް މިއީ ކުދިން ނުހަނު ޝައުގުވެރިވާ ފަދަ މަސައްކަތެއް ކަމަށެވެ. ކެލާ އަކީ ތާރީހީ ކަންކަމަށް ލޯބި ކުރާ ބަޔަކު އުޅޭ ރަށަކަށް ވެފައި، މި ފުރުސަތު ލިބުމުން ދަރިވަރުންނަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ކައުންސިލުން އީދާ ދިމާކޮށް ފަނުން ބޮޑުމަސް ވިޔުމަށް ދަސްކޮށްދިން އިރު އެކަމުގައި ވެސް އެ ސްކޫލުގެ ދަރިވަރުން ބައިވެރިވެފައިވެ އެވެ.
ދަރިވަރުންނަށް ދަސްވި އާ ހުނަރު ބޭނުން ކުރަމުން އަންނަކަން ކެލާ ކައުންސިލުން ފާހަގަ ކުރި އެވެ. ރައީސް މުހައްމަދު މުއިއްޒު މިފަހުން މި ރަށަށް ވަޑައިގެންނެވި އިރު މަރުހަބާ ކިޔުމަށް ދަރިވަރުން ވަނީ އެ ކުދިންގެ ވިޔުމުގެ ހުނަރު ބޭނުން ކޮށްގެން ތަފާތު ތަކެތި އުފައްދާފަ އެވެ.