މުހައްމަދު އަގީލްގެ މަރާ އެކު ގިނަ ބަޔަކަށް ފުން އަސަރެއް

ލިވިން

އަގީލްގެ ވަކިވުމުން ލޯ ހުޅުވާލަ ދިނީ ނަފްސާނީ ބައްޔަށް

ދަންނަ މީހެއްގެ ފަރާތުން ނަފުސާނީ ބަލީގެ އަސަރުތައް ފެންނަ ނަމަ މުހިންމީ އަވަހަށް އެހީތެރިވާން މަސައްކަތްކުރުން
14 ފެބްރުއަރީ 2024

މުހައްމަދު އަގީލް ގިނަ މީހުންނަށް އެނގެނީ ހުނަރުވެރި މޮޅު ކޭކު އަޅާ މީހެއްގެ ގޮތަށެވެ. އަހަންނަށް ވެސް އަގީލް އެނގެނީ އޭނާގެ އިންސްޓަގްރާމް ނަމުންނެވެ. 'ކޭކްސްބައިގީލް' ގޮތުގަ އެވެ.

އިއްޔެ އޭނާގެ މަރުގެ ހަބަރާ އެކު ލިބުނީ ސިހުމެކެވެ. 

ކަށުނަމާދު ޕޭޖްގައި މުހައްމަދު އަގީލް، ލޮނުވެލި، ހދ. މަކުނުދޫގެ ނަން އޮތުމުން، އޭނާ ދަންނަ މީހުންނަށް އެކަން ގަބޫލުކުރަން ފުރަތަމަ އުނދަގޫ ވެސް ވި އެވެ. 

ކޭކު އެޅުމަކީ އަގީލްގެ އެންމެ ބޮޑު އެއް ލޯތްބެވެ. ތަފާތު ޑިޒައިނަށް އޭނާ ކޭކު އަޅަ އެވެ. އެކަމުގެ ހުނަރު އޭނާގެ ހުންނަކަން އިންސްޓަގްރާމް ބަލައިލުމުން ސާފުވެ އެވެ. އަގީލް ދިން އިންޓަވިއުއެއްގައި ބުނީ ކޭކު އަޅަން ފެށީ ވެސް ރަހުމަތްތެރިޔަކަށް އަމިއްލައަށް އަޅާފައި ހަދިޔާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

މީހުން އުފާކޮށްދިނުމަށް އޭނާ ކޭކު ތައްޔާރު ކުރަމުން އައި އިރު، އޭނާގެ ހިތުތެރޭ އޮތް ހިތްދަތިކަމާއި މާޔޫސްވުމުގެ ބައްޔާ ކުރިމަތިލާކަން އޭނާގެ އިންސްޓަގްރާމް ފޮލޮވަރުންނަށް ރެއަކާ ވެސް ނުލާ އޮވެދާނެ އެވެ.

އެކަމަކު ގާތް ދަންނަ މީހުންނަށް އޭނާގެ މިޒާޖަށް އަންނަމުން ދިޔަ ބަދަލުތައް ފެނުނެވެ. އަދި ޑިސެމްބަރު 2023ގައި ބައެއް މީހުން ކައިރީގައި އޭނާ ބުނީ އެ މައްސަލަތަކުން އަރައިގަނެވޭނެ ކަމަށެވެ. އާ އަހަރަށް އޭނާ ކުރި އުއްމީދު ބޮޑެވެ. ފޭސްބުކްގައި އަގީލް ލިޔުުނެވެ.

 ޑިސެމްބަރު މަހު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ "ދެން ފެންނާނީ ހިޔާލުތަކަށް ގެއްލިފައި އިންނަ އަގީލެއް ނޫން" ކަމަށެވެ.

އޭގެ ފަހުން މިދިއަ ހޯމަދުވަހުގެ ދަންވަރު ވަގުތެއްގައި ފޭސްބުކުން ފެނުނީ އޭނާގެ ބޮލު ތެރޭ އެނބުރެމުން ދިޔަ ގޯސް ހިޔާލުތަކާ ގުޅޭ ގިނަ މެސެޖްތަކެކެވެ. ހިތުގެ އުދާސްތަކަށް ތަސައްލީއެއް ނުލިބިގެން އުޅުނުކަން އެ ސްޓޭޓަސްތަކުން އިހުސާސްކުރެވޭނެ އެވެ. 

ދެން އިވުނީ އޭނާގެ ކުއްލި މަރުގެ ވާހަކަ އެވެ.

އަގީލްއަށް ހެޔޮ އެދޭ ރަހުމަތްތެރިން އެބަ ތިއްބެވެ. އެ އެންމެން ވެސް ދައްކަނީ އޭނާގެ ރަނގަޅު ވާހަކަ އެވެ. ހާއްސަކޮށް ކޭކު އެޅުމުގެ ތެރެއިން އޭނާގެ މި ފަންނުން އަލަށް ހޯދި ގިނަ ރަހުމަތްތެރިން އޭނާގެ މަރުގެ ހަބަރާ އެކު ސްޓޭޓަސްތައް ޝެއާކުރި އެވެ.

ކޭކުތަކުން ގެނެސްދޭ ވާހަކަ އާއި ކޭކު އެޅުމުގެ ހުނަރުތައް ކިޔައިދެމުން އައި ވާހަކަ އެވެ. މީގެ އިތުރުން އަގީލްގެ ހިތުގައި ގުރުއާން ކިޔަވަން އޮތް ލޯތްބެވެ. އެކި ފަންޑްރެއިޒިން އިވެންޓްތަކުގައި އިންސާނިއްޔަތަށް އޮތް ލޯބީގެ ސަބަބުން އޭނާ އަމަލީ ގޮތުން ބައިވެރިވި ގޮތުގެ ވާހަކަ އެވެ. މިހެން ގޮސް އޭނާގެ ރަނގަޅު ގިނަ ވާހަކަތަކެވެ.

ނަމަވެސް އަގީލް ޑިިޕްރެޝަންއާ ކުރިމަތިލައި، އެކަމަށް ލިޔުނު ޕޯސްޓަށް އިޝާރާތްކޮށް އެއް ބަޔަކު ބުނަނީ ނަފްސާނީ ބައްޔާ މެދު ގިނަ މީހުން ހަމްދަރުދީ ވަނީ އެ މީހަކު ދުނިޔެއިން ވަކިވާ ފަހުން ކަމަށެވެ. އޭގެ ކުރިން އެއްވެސް މީހަކު އަނެކާއާ މެދު ވިސްނާނުލާ ކަމަށް، ހިޔާލު ފާޅުކުރި އެވެ. އެހީތެރިކަމާއި އޯގާތެރިކަން ނުދައްކާ ވާހަކަ އެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ ކަންކަމާ މާ ބިޒީ ވަނީ އެވެ.

އެކަމަކު އަގީލްގެ ހާލަތާ މެދު ކަންބޮޑުވެ، އޭނާއާ ގުޅި ރަހުމްތެރިން ވެސް އުޅުނެވެ. އެގޮތުން ބައެއް ސްޓޭޓަސްތައް ފެނިގެން އޭނާއަށް މެސެޖުކޮށް ހުރިހާ ކަމެއް ރަނގަޅުތޯ އަހާ ސުވާލު ކުރި އެވެ. އެހީތެރިކަމެއް ބޭނުން ނަމަ ބުނަން އެދުނެވެ. އެހެންކަމުން އޭނާގެ ހުރިހާ ރަހުމަތްތެރިން ކުށްވެރިކޮށް ވާހަކަ ދެއްކޭކަށް ވެސް ނެތެވެ.

އޭގެ ތެރެއިން އެއް ރަހުމަތްތެރިޔަކު އެންމެ ފަހު ވަގުތު ވެސް އެހީތެރިވާން ދުއްވައިގަތެވެ. އަންގާރަ ވިލޭރޭ ދަންވަރު އަގީލްގެ އެއް މެސެޖަކުން އުފެދުނު ބިރުގައި އޭނާ އަގީލް އުޅޭ އެޕާޓްމަންޓަށް ދިޔަ ކަމަށްވެ އެވެ. ދޮރު ހުޅުވައިގެން ވަނެވެ. އެކަމަކު އަގީލް ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ.

ނަފްސާނީ ބައްޔަށް އަދިވެސް ހޭލުންތެރިކަން ކުޑަ

 ނަފްސާނީ ބައްޔާ މެދު މުޖުތަމައުގައި އަދިވެސް އޮންނަ ސްޓިގްމާ ނޫނީ ދެކޭ ގޮތް ބޮޑެވެ. ގިނަ މީހުންނަށް އެ ވާހަކަތައް އެހެން މީހުންނާ ހިއްސާކުރަން ފަސޭހައެއް ނޫނެވެ.

ނަފްސާނީ ބަލީގައި މީހަކު އުޅޭ ނަމަ، މުޖުތަމައުއިން ފަސޭހައިން، އެހެން ކަމަކަށް، އެމީހަކު ލޭބަލްކޮށްލަ އެވެ. 'މޮޔައެއް' ކަމަށް ސިފަކުރެ އެވެ. އެ ބަލި ތަހައްމަލުކުރާ މީހާ އިތުރު އަނދިރިގަނޑަކަށް ވެއްޓެ އެވެ. އެ މީހަަކަށް އިހްސާސް ކުރެވެނީ އަނދިރި ހިޔާލުތައް މުޅި މީހާ އެއްކޮށް ވަށާލައި ތިމާގެ ޖަޒުބާތުތަކުގެ ކޮންޓްރޯލް ގެއްލޭކަމުގެ އިހުސާސެވެ.

ނަފްސާނީ ބައްޔަށް އަދިވެސް މީހުންގެ ހޭލުންތެރިކަން ކުޑަ (ދައުރު ފޮޓޯ/މުހައްމަދު ވާސިފް)

ނަފްސާނީ ބަލީގައި އުޅޭ މީހުންނަށް އިޝާރަތްކޮށް 'އެނދުހުރަސް ބަލި' ޖެހިފައޭ ވެސް ބުނެ އުޅެ އެވެ. މި ބަލީގައި އުޅޭ މީހުން އެމީހުންގެ ބޮލުގެ ތެރޭގައި އެނބުރޭ އުނދަގޫ ގިނަ ހިޔާލުތަކާ ދުރުވާން ގިނައިން ނިދަ އެވެ. އެކަމަކު އެއީ ކަންނެތް ނުވަތަ އެނދުހުރަސް ބަލި މީހެއް ގޮތުގައި ކަނޑައަޅާ ލޭބަލްކުރެ އެވެ.

ބޮލުތެރޭ އެނބުރޭ ނުތަނަވަސް ހިޔާލުތަކާ އެކު އުޅެން ދަތިވާ އިރު އަބަދު ވެސް  ހިނިތުންވެފައި ހުރުން ނޫން ގޮތެއް މުޖުތަމައުއަށް ބަލައިގަންނަން ދައްޗެވެ. ހިތާމަ ނުވަތަ ހިތްދަތި ކަމަކާ ކުރިމަތިލައި، އެކަމެއް ބަރުދާސްތު ނުކުރެވިގެން އުޅޭހެން ހީވާ ނަމަ ބުނަނީ 'އީމާންތެރިކަން ދަށްވީ' ކަމަށެވެ. މިއީ ނަފްސާނީ ބަލީގެ މީހުން، މުޖުތަމައު ހޭލުންތެރި ނުވުމުގެ ސަބަބުން، ކޮންމެ ދުވަހަކު ވެސް ތަހައްމަލުކުރާ ކަންކަމެވެ.

ސޯޝަލް މީޑިއާ ބަލައިލީމާ އެކަން އިނގެ އެވެ.

ހިތަށް ތަސައްލީއެއް ހޯދަން އެމީހުން ބޭނުންވަނީ އެހެން މީހުން އެމީހުންގެ އިހްސާސްތައް އަޑުއަހާށެވެ. އޯގާތެރިވާށެވެ. އަނދިރިކަމުން އަރައިގަންނަން ހިތްވަރެވެ. އަނެކާ ވެސް އޭނާއަށްޓަކައި އެބަ ހުރިކަން އިހްސާސްކުރާށެވެ. 

ވާހަކަ ދެއްކި ރަހުމަތްތެރިޔަކު ބުންޏެވެ: އޭނާގެ އާއިލާ މީހަކު މަރުވީ އަގީލް މަރުވި ގޮތަށެވެ. އޭނާގެ ބައްޔަކީ ވެސް ޑިޕްރެޝަނެވެ. ރަހުމަތްތެރިޔާއަކީ ވެސް ޑިޕްރެޝަން ތަަހައްމަލު ކުރާ މީހެެކެވެ.

"މިކަހަލަ ކޮންމެ މަރަކާ އެކީ އަހަރެން ޓްރިގާވޭ. އަހަރެން ބޭނުމެއް ނޫން އެގޮތަށް އެއްވެސް މީހަކު މަރުވާކަށް. އަހަރެން ބޭނުމީ މީހުން ހޭލުންތެރިކުރަން،" މިއީ އޭނާ ދެއްކި ވާހަކަ އެވެ.

އަހަރެމެންގެ ތެރޭގައި ނަފުސާނީ ބަލި އާއްމުވި މިންވަރާއި މި ބަލިން އަރައިގަންނަން ނޭނގިފައި، ނުވަތަ ފަރުވާ ހޯދަމުން އަންނަ އެތައް ބަޔަކު އެބަ އުޅެ އެވެ.

ރަށެއްގެ މަގެއް: ނަފުސާނީ ބަލީގައި އުޅޭ ދިވެހިން ނިސްބަތުން ގިނަ

މީހަކަށް ނުވަތަ އާއިލާއަށް ހިތާމައެއް ނުވަތަ ހިތްދަތިކަމެއް ލިބޭ ކޮންމެ ފަހަރަކު އޯގާތެރި ބަހެއް ނޫނީ ނުބުނަންވީ އެވެ. އަގީލްގެ އާއިލާއަށް މިފަދަ ދަނޑިވަޅެއްގައި ބޭނުން ވަނީ ހެޔޮދުއާ އެވެ. ހިތްވަރެވެ. ހަމްދަރުދީ އެވެ.

އަގީލްއާ ރައްޓެހި ނޫން އެތައް ބަޔަކަށް ވެސް އޭނާގެ މަރުގެ ސަބަބުން ކުރީ ފުން އަަަސަރެކެވެ. ލޯ ހުޅުވާލަދިނީ އަހަރެމެންގެ ތެރޭގައި ހީވެސް ނުކުރެވޭ މީހަކު ނަފްސާނީ ބައްޔާ ކުރިމަތިލައި އެކަމުން އަރައިނުގަނެވި އުޅެދާނެ ކަމެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ބައެއް ޓިޕްސް

ނަފްސާނީ ބައްޔަކީ ވަކި ޖިންސަކަށް ކުރިމަތިވާ ކަމެއް ނޫން

ހުޅުމާލޭ ހޮސްޕިޓަލުގައި ސައިކޭޓްރީ ކޮންސަލްޓަންޓް، ޑރ. މައުމޫން ޝަރީފްއާ ބައްދަލުކޮށް ވާހަކަ ދައްކާލީމެވެ. 

ނަފްސާނީ ބައްޔަކީ ވަކި ޖިންސަކަށް އެކަނި ކުރިމަތިވާ ކަމެއް ނޫނެވެ. ފިރިހެނުންނަށް ނަފްސާނީ ބަލި ކުރިމަތިވާ ގޮތް އާއްްމު ކަމަށް ސޯޝަލް މީޑިއާގައި އެކަކު ލިޔުނު މެސެޖެއް ޑރ. މައުމޫންއާ ހިއްސާކުރީ މެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި މަރުވާން އުޅެނީ ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުންނެވެ. ނަމަވެސް ފިރިހެނުން އަމިއްލަ ނަފްސަށް ގެއްލުންދޭން ބޭނުންކުރާ އުކުޅުތަކުގެ ނުރައްކާތެރިކަން ބޮޑުކަމުން މަރުވަނީ ކަމަށް ވިދާޅުވި އެވެ.

ގާތް މީހަކު ޑިޕްރެޝަންއާ ކުރިމަތިލާ ނަމަ، އޭނާއަށް ފަރުވާ ހޯދަން މަގު ދައްކަން އެހީތެރިވާން ޖެހޭ

ޑރ. މައުމޫން ފާހަގަކުރެއްވި ގޮތުގައި ގިނަ ސަގާފަތްތަކުގައި ފިރިހެނުންނާ މެދު ދެކެނީ އުނދަގޫ ކޮންމެ ކަމަކާ ވެސް ކުރިމަތިލެވެން ޖެހޭ ބައެއްގެ ގޮތުގަ އެވެ. އެމީހުންގެ އިހުސާސްތައް އެހެން މީހުންނާ ހިއްސާކުރުމަކީ މުޖުތަމައު ބަލައިގަންނަ ކަމެއް ނޫނެވެ. އޭގެ ސަބަބުން ރުޅި އާއި ހިތްހަމަނުޖެހުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަންކަމާ ކުރިމަތިވަނީ އެވެ.

ގާތް ނުވަތަ ދަންނަ މީހަކު ނަފްސާނީ ބަލީގައި އުޅޭ ނަމަ ޑރ. މައުމޫންގެ އިރުޝާދު ދެއްވަނީ: 

  • އެންމެ މުހިއްމި ކަމެއް ދޭންވީ ވަކި ގޮތަކަށް ތިމާ ނުނިންމައި، އަނެކާގެ ވާހަކަ އަޑު އެހުން

  • އެމީހުންގެ ހިތްހަމަނުޖެހުންތައް ބޭރުކޮށްލަން އެހީތެރިވުން

  • އެމީހުންނަށް ފަރުވާ ހޯދަން ހިތްވަރުލައިދިނުން. ޑިޕްރެޝަންއާ ކުރިމަތިލާ ގިނަ މީހުންނަށް ބޭނުންވާ އެހީތެރިކަން ހޯދަން އުނދަގޫ

  • 'ސުއިސައިޑް' މި ބަސް ބޭނުންކުރަން ބިރުގަނެ ޖެހިލުން ނުވާންވީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް