ކެޕްސޫލް ވޯޑްރޯބެއް އުފައްދަން ބޭނުންވާ މައިގަނޑު 8 އައިޓަމެއް

ފެޝަން

ކޮންމެ ޒަމާނަކާ ވެސް ގުޅޭ ކެޕްސޫލް ވޯޑްރޯބްއަކަށް ބޭނުންވާނެ 8 ބާވަތެއް

އަބަދުވެސް ބޭނުންކުރެވޭ، މަދު އަދަދެއްގެ ހެދުމާއި އެކްސެސަރީޒް ގެންގުޅޭ ނަމަ ހަރަދާއި އިސްރާފު ކުޑަވާނެ
11 ފެބްރުއަރީ 2024

ދިވެހިންނަކީ ރީތިވުމަށާއި ފެޝަނަށް ލޯބި ކުރާ ބައެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އަދި މި ޒަމާނުގައި ފެޝަނަށް ލޯބި ކުރާ މީހުންނަށް 'ކެޕްސޫލް ވޯޑްރޯބް' އަކީ ކޮބާކަން އެނގޭނެ އެވެ. އެކަމަކު ފާސްޓް ފެޝަން އާއި މަހުން މަހަށް ފެޝަން ޓްރެންޑު ބަދަލުވާ ޒަމާނެއްގައި ކެޕްސޫލް ވޯޑްރޯބެއް ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ނަމަވެސް ކެޕްސޫލް ވޯޑްރޯބަކަށް ބޭނުންވާ އައިޓަމްތަކެއް ގެންގުޅުމަކީ މިހާރު ނިހާޔަތަށް މުހިއްމު ކަމަކަށް ވެއްޖެ އެވެ. އެއީ ކޮންމެ މުނާސަބަތަކަށް ވެސް އެކަށީގެންވާ، ހަރަދު ކުޑަ އަދި ތިމާވެއްޓަށް ރައްކާތެރި އުސޫލެއް ގެންގުޅުމަށް ވެސް އެހީތެރިވެދޭނެ ދިރިއުޅުމަކަށް މަގުފަހި ކޮށްދޭ ކަމަކަށް ވީމަ އެވެ. 

ކެޕްސޫލް ވޯޑްރޯބަކީ މަދު އައިޓަމްތަކެއް ބޭނުން ކޮށްގެން ކޮންމެ ޒަމާނަކާ އަދި ކޮންމެ މުނާސަބަތަކާ ގުޅުވާލެވޭ ހެދުމާއި އެކްސެސަރީޒް އެވެ. އަދި މިއީ މި ޒަމާނުގެ އަންހެނުންނަށް ސްޓައިލިޝްކޮށް އަވަހަށް ތައްޔާރުވެލަން ބޭނުންތެރި އުކުޅެކެވެ.

ކެޕްސޫލް ވޯޑްރޯބަކަށް ބޭނުންވާނެ ބައެއް ތަކެތި ތިރީގައި ލިސްޓު ކޮށްލާނަމެވެ.

އޯވަސައިޒްޑް ބްލޭޒާއެއް

ބްލޭޒާ އަކީ މިފަހުގެ 'ސްޓޭޕްލް ވޯޑްރޯބް ޕީސް' އެކެވެ. ވަކިން ހާއްސަކޮށް ބޮޑު ބްލޭޒާ އަކީ ޒަމާނީ ސްޓައިލަކަށް ވެފައި ރަސްމީ އަދި 'ސެމީ ފޯމަލް' ގިނަ މުނާސަބަތުތަކަށް އެކަށީގެންވާ ވައްތަރެކެވެ. 

ހުޅަނގުގެ ގައުމުތަކުގައި އަދިވެސް މަގުބޫލު މި އައިޓަމަކީ ރާއްޖޭގައި ވެސް ލެވިދާނެ ވައްތަރެކެވެ. އޮފީހަށް ނުވަތަ ކޮންފަރަންސްއަކަށް ނުވަތަ މިފަދައިން ރަސްމީކޮށް ތައްޔާރުވެލައިގެން ދާން ޖެހޭ ތަންތަނަށް ބްލޭޒާއެއް ވަރަށް ސްޓައިލިޝް ވާނެ އެވެ. 

ކެޕްސޫލް ވޯޑްރޯބް އަކަށް ނިއުޓްރަލް ކުލައެއްގެ ބްލޭޒާއެއް ބޭނުން ކުރުން ބުއްދިވެރި އެވެ. އެއީ ކަޅު، މުށި އަދި އަޅި ފަދަ ކުލަތަކެވެ. އަދި އެކި ފާޑުގެ ޕްރިންޓު ޖަހާފައި ހުންނަ ބްލޭޒާއެއްގެ ބަދަލުގައި ސާދާ މެޓީރިއަލަކުން ފަހާފައި ޕްރިންޓު ނުޖަހާ ހުރި ގޮތް ބޮޑު ނޫން ބްލޭޒާއެއް ރަނގަޅު ވާނެ އެވެ.

އޯވަސައިޒްޑް ބްލޭޒާ
އޯވަސައިޒްޑް ބްލޭޒާ
ނިއުޓްރަލް ކުލައެއްގެ ބްލޭޒާއެއް އެކަށީގެންވޭ

ކޮންމެ މުނާސަބަތަކާ ވެސް ގުޅޭނެ އަތް ދަބަހެއް

ރޭގަނޑު ނުވަތަ ދުވާލުގެ ކޮންމެ މުނާސަބަތަކާ ވެސް ގުޅޭ އަތް ދަބަހެއް ގެންގުޅުން ބުއްދިވެރި އެވެ. އެއީ ގަދަ ކުލައެއްގެ ބަދަލުގައި ނިއުޓްރަލް ކުލައެއްގެ އަތް ދަބަހެކެވެ. އަދި ދަބަހުގެ ބައްޓަން ވެސް ކްލެސިކް ސްޓައިލަކަށް ހުރުން މުހިއްމެވެ.

ދަބަހުގައި އެކި ފާޑުގެ ޕްރިންޓު ޖަހާފައި ނުވަތަ ވިދާ ބަބުޅާ ސްޓައިލަކަށް ހުރެގެން ނުވާނެ އެވެ. ސާދާ ލެދާ ފިނިޝެއް ދީފައި ކުޑަ ރަން 'ބަކްލް'އެއް ނުވަތަ ބްރޭންޑު ލޯގޯއެއް 'މިނިމަލް' ގޮތަކަށް ހުރުމުން ގިނަ މުނާސަބަތުތަކާ ގުޅޭނެ އެވެ. އަދި އަތުގައި ހުރި ގިނަ ހެދުންތަކާ ވެސް ގުޅުވާލައިގެން ބޭނުން ކުރެވޭނެ އެވެ.

ކޮންމެ މުނާސަބަތަކާ ވެސް ގުޅޭ އަތް ދަބަހެއް
ނިއުޓްރަލް ކުލައެއްގެ އަތްދަބަހެއް
ކޮންމެ މުނާސަބަތަކާ ވެސް ގުޅޭ އަތް ދަބަހެއް

ގަޔަށް ރީތިކޮށް ފަހާފައިވާ ހަރުވާޅެއް

ހުނަރުވެރި ފަހާ މީހެއް ލައްވާ، ގަޔަށް ރީތިކޮށް، ހެޔޮވަރުކޮށް ފަހާފައިވާ ހަރުވާޅެއް އަތުގައި އޮތުން ވަރަށް މުހިއްމެވެ. ހަރުވާޅެއް ފިހާރައަކުން ގަތުމަށް ވުރެން މިއީ ބުއްދިވެރި ގޮތަކަށް ވެފައި ގިނަ ދުވަހަށް ގެންގުޅެވޭނެ އިންވެސްޓްމެންޓް އެކޭ ބުނެވިދާނެ އެވެ.

މިފަހުގެ ސްޓައިލުތަކަށް ބަލައިލާ އިރު އޮފީހަށް ނުވަތަ ސެމީ ފޯމަލް ހަފްލާއަކަށް ވެސް މި ކަހަލަ ހަރުވާޅެއް އެކަށީގެންވާނެ އެވެ. ހައި ވެއިސްޓް ހަރުވާޅެއް ނިއުޓްރަލް ކުލައަކުން، ޓީޝާޓަކާ އެކު ނުވަތަ ބްލައުޒްއަކާ ވެސް ގުޅުވާލައިގެން ލެވިދާނެ އެވެ. 

ގަޔަށް ރީތިކޮށް ފަަހާފައިވާ ހަރުވާޅެއް
ގަޔަށް ހެޔޮވަރުކޮށް ފަހާފައިވާ ހަރުވާޅެއް
ނިއުޓްރަލް ކުލައެއްގެ ހަރުވާޅެއް

ފްލެޓް ބޫޓު

މި އަހަރު އެންމެ ގިނައިން ފެންނާނެ އެއް ސްޓައިލު ކަމަށްވާ ފްލެޓް ބޫޓަކީ ހަގީގަތުގައި ކްލެސިކް ސްޓައިލެކެވެ. އެކި ވައްތަރުގެ ބެލޭ ފްލެޓްސް އަދި ކްލެސިކް ލޯފާޒް އަކީ ކޮންމެ ހެދުމެއް ވެސް ފުރިހަމަ ކޮށްލަން ލެވިދާނެ ބޫޓުގެ ވައްތަރެކެވެ. 

މިއީ ކޮންމެ ޒަމާނަކަށް އަދި ކޮންމެ މުނާސަބަތަކަށް ވެސް އެކަށީގެންވާ، އަރައިގެން އުޅެން ފަސޭހަ ވައްތަރެއް ވެސް މެ އެވެ.

ފްލެޓް ބޫޓުގެ ސްޓައިލެއް
ފްލެޓް ލޯފާޒްގެ ސްޓައިލެއް
ފްލެޓް ބޫޓުގެ ސްޓައިލެއް

ސްޓްރެއިޓް ލެގް ޖިންސު

ޖިންސަކީ ކޮންމެ މީހެއްގެ އަތުގައި ވެސް އޮންނަ އައިޓަމެކެވެ. އެކަމަކު ޖިންސުގެ އެކި ވައްތަރުތަކުގެ ތެރެއިން ކޮންމެ ޒަމާނަކާ ވެސް ގުޅޭ 'ޓައިމްލެސް ސްޓައިލް'އެއްގެ ޖިންސެއް އޮތުން ބުއްދިވެރި އެވެ.

ޖިންސުގައި އެކި ޒާތުގެ އެއްޗެހި ޖަހާފައި ނުވަތަ ހަރުކޮށްފަ ހުރުމަށް ވުރެ ބޮޑަށް މަޑު ފޭޑެއް ދީފައި ހުންނަ ޖިންސެއް އެކަށީގެންވާނެ އެވެ. ސްޓްރެއިޓް ލެގް ޖިންސަކީ ގިނަ މުނާސަބަތުތަކާ ގުޅޭނެ ސްޓައިލެކެވެ.

ސްޓްރެއިޓް ލެގް ޖިންސުގެ ވައްތަރެއް
މަޑު ކުލައެއްގެ ސްޓްރެއިޓް ލެގް ޖިންސެއް
ސްޓްރެއިޓް ލެގް ޖިންސުގެ ވައްތަރެއް

އޯވަސައިޒްޑް ގަމީހެއް

ގަމީހަކީ ކޮންމެ މީހަކާ ވެސް ގުޅޭ ޒަމާނީ އައިޓަމެކެވެ. އެއީ ކެޝުއަލްކޮށް ނުވަތަ ރަސްމީކޮށް ވެސް ލެވޭނެ އެއްޗެކެވެ. މިފަހުގެ ގަމީސް ސްޓައިލް އަކީ އޯވާސައިޒްޑް ގަމީހެވެ.

ސާދާ ކްލެސިކް ސްޓައިލެއްގެ ހުދު، ގަޔަށް ބޮޑު ގަމީހެއް ކޮންމެ މުނާސަބަތަކާ ވެސް ގުޅޭނެ އެވެ. އަދި މިއީ ޖިންސެއް، ފަޓުލޫނެއް ނުވަތަ ސްކާޓްއަކާ ވެސް ގުޅުވާލެވޭނެ އެއްޗެކެވެ.

ހުދު ކުލައިގެ ގަމީހެއް ކެޕްސޫލް ވޯޑްރޯބެއްގައި ހިމަނާލުން ބުއްދިވެރި
ނިއުޓްރަލް ކުލައެއްގެ ގަމީހެއް
ނޫ ކުލައިގެ ބޮޑު ގަމީހެއް ރަސްމީ އަދި ސެމީ ފޯމަލް މުނާސަބަތަކަށް އެކަށީގެންވާނެ

ކަޅު ދިގު ހެދުމެއް

ގިނަ މުނާސަބަތުތަކަށް އެކަށީގެންވާ އަދި ގިނަ މީހުންގެ ހަށިގަނޑާ ގުޅޭ އެއް ކުލަ އަކީ ކަޅު ކުލަ އެވެ. ކަޅު ކުލައިގެ ދިގު ނުވަތަ މިޑީ ހެދުމެއް ކޮންމެ ހަފްލާއަކަށް ވެސް އެކަށީގެންވާނެ އެވެ. 

ކަޅު ކުލައިގެ ހެދުމެއް ކެޕްސޫލް ވޯޑްރޯބެއްގައި ހިމަނާލުން މުހިއްމު
ކަޅު މިޑީ ނުވަތަ ދިގު ހެދުމެއް ގެންގުޅުން ބުއްދިވެރި

ސްނީކާޒް 

އެއާޕޯޓަށް ނުވަތަ ސެމީ ކެޝުއަލް ހަފްލާ އަކަށް ނުވަތަ އޮފީހަށް ވެސް ސްނީކާ ޖޯޑެއް އަތުގައި އޮތުން މި ޒަމާނުގައި މުހިއްމެވެ. 

ޕްރައިވެޓް އޮފީހެއްގައި އަދި ވަކިން ހާއްސަކޮށް ފަންނުވެރި ވަޒީފާއެއްގައި މަސައްކަތް ކުރާ މީހުންނަށް ތަފާތު ސްނީކާ ސްޓައިލްތައް ހެދުމާ އެކު ގުޅުވާލެވިދާނެ އެވެ. ޖިންސާއި ހަރުވާޅާ އެކު ވެސް މިއިން ޒަމާނީ ލުކްއެއް ގެނެސްދޭނެ އެވެ. 

ކެޕްސޫލް ވޯޑްރޯބެއްގައި ސްނީކާޒް ހިމަނާލުން ރަނގަޅު
ސާދާ ސްޓައިލުގެ ސްނީކާޒް ގިނަ މުނާސަބަތުތަކާ ގުޅޭ 
ކެޕްސޫލް ވޯޑްރޯބެއްގައި ސްނީކާޒް ހިމެނުން ބުއްދިވެރި

ކެޕްސޫލް ވޯޑްރޯބެއްގައި ހަމައެކަނި ހިމަނަން ޖެހެނީ ނިއުޓްރަލް ކުލައިގެ ހެދުމާއި އެކްސެސަރީޒްއެއް ނޫނެވެ. އަދި މަތީގައި ހިމަނާލި ލިސްޓް އަކީ މައިގަނޑު ގޮތެއްގައި ފަސޭހައިން ގުޅުވާލެވޭނެ ކުލަތަކެކެވެ. އެކަމަކު އެމީހެއްގެ އަމިއްލަވަންތަކަން ބުއްދިވެރި ގޮތަކަށް އަދި އިސްރާފު ކުޑަ ވައްޓަފާޅިއަކަށް ގެންގުޅެވިދާނެ އެވެ.

މިސާލަކަށް ތިމާ އަކީ ކުލައަށް ލޯބި ކުރާ މީހެއް ނަމަ އާއްމުކޮށް ގެންގުޅޭ ކުލައެއް އަތް ދަބަހެއްގެ ގޮތުގައި ނުވަތަ ބޫޓެއްގައި ބޭނުން ކުރެވިދާނެ އެވެ.

ކެޕްސޫލް ވޯޑްރޯބް އަކީ ހަމައެކަނި އެއްމެ ވައްޓަފާޅިއަކަށް ލެވޭ އެއްޗެއް ވެސް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް