އުމަރު ސްކޫލުގެ ހާއްސަ އެސެމްބްލީގައި ބައިވެރިވުމަށް އަރަބި ހެދުމެއް އަޅައިގެން

ޕޭރެންޓިން

އުމަރު ތިހިރީ ހަމަ ސަޅިކޮށް، މައްސަލައަކީ އެހެން ކުދިން

ސްކޫލްތަކުގައި ކުދިންނަަށް ބުލީ ކުރުން އާއްމު އިރު މިކަން ހުއްޓުވަން ބެލެނިވެރިން މަސައްކަތް ކުރަން ޖެހޭ
9 ފެބްރުއަރީ 2024

މީހަކު ފޭސްބުކް ޕޯސްޓެއްގައި ބުނީ އޭނާ ހުރީ ހިތުގައިޖެހި، ފޫހިވެ، ރުޅިގަދަވެފައި ކަމުގަ އެވެ. އޭނާގެ ދަރިފުޅު އުމަރު ސްކޫލް އެސެމްބްލީގައި ގުރުއާން ކިޔަވައި މަދަހަ ކިޔުމަށް ލިބުނު ފުރުސަތުގައި ހާއްސަކޮށް ނަލަވެގެން ދިޔައީ ހުދު ކުލައިގެ ޖުއްބާއަކާ އެކު ބޮލުގައި ޝިމާގް އަޅައި ތައްޔާރުވެގެންނެވެ.

މީގެ ކުރިން ސައުދީ އަރަބިއްޔާގައި ދިރިއުޅެމުން އައި އުމަރުއަށް ސައުދީގައި ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން ދިއުން ވީ ނުހަނު ބޮޑު އުފަލަކަށް ކަމުގައި އޭނާގެ މަންމަ ލިޔެފައިވެ އެވެ. ހެދުން އިސްތިރިކޮށް ތައްޔާރު ކުރުމަށް އަވަސް ކުރުމަށް މަންމަ ގާތު އޭނާ އެދުނެވެ.

ނަމަވެސް ސްކޫލަށް ދިޔަތަނާ ގޭޓާ ހިސާބުން އުމަރުގެ ކްލާސް ކުއްޖަކު އޭނާ ހެދުން އަޅައިފައި ހުރި ގޮތާ މެދު ދިމާކޮށް މަލާމާތް ކުރަން ފެށި އެވެ. ހީވަނީ ބުރުގާ އަޅާފައި ހުރި އަންހެން ކުއްޖެއްހެން ކަމުގައި ކިޔަން ފެށި އެވެ. އުމަރު އޭނާގެ އަމިއްލަ ނަފްސް ދިފާއު ކުރި އެވެ. ނަމަވެސް، ކްލާސް ކުއްޖާގެ މި ބަސްތަކުން އޭނާގެ ހިތްވަރު އެލުނީ އެވެ. އަދި ސްކޫލަށް އެގޮތަށް ހެދުން އަޅައިގެން ދާން ދެން ބޭނުން ނުވާ ކަމުގައި އޭނާގެ މަންމަ ގާތު ބުންޏެވެ.

އުމަރުގެ މަންމަ އެންމެ ބޮޑަށް ފާހަގަ ކުރީ އެ ކުއްޖާ މަލާމަތްކޮށް ހީ ހެދީ އޭނާގެ ބެލެނިވެރިޔާއާ އެކު ހުރެ ކަމުގައިވިޔަސް މި އަމަލު ހުއްޓުވަން މަސައްކަތް ނުކުރާ ކަމެވެ.

ފޭސްބުކްގައި މި ވާހަކަ ކިޔައިދެމުން ބެލެނިވެރިންނަށް އޭނާ ދޭން ބޭނުންވި މެސެޖަކީ އެހެން މީހުންނާ ރީތިކޮށް މުއަލާމާތް ކުރުމަށް ދަރިންނަށް ދަސްކޮށްދިނުން މުހިއްމުކަމެވެ. އަދި، ބުނާނެ ހެޔޮ ބަހެއް ނެތް ނަމަ އެއްޗެއް ނުބުނުން މާ ރަނގަޅުވާނެ ކަމެވެ.

އުމަރު އޭނާގެ ހާއްސަ ހެދުމުގައި ހުއްޓިގެން ހުރި ފޮޓޯ ސޯޝަލް މީޑީއާގައި ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ. އެއް ބަޔަކު އެ މީހުންނަށް ކުޑައިރު ދިމާވި މިފަދަ ކަންކަމުގެ ވާހަކަ ދަނީ ކިޔައިދެމުންނެވެ. އުމަރުގެ ހެދުމަށް އެންމެންގެހެން ތާއީދު ވަނީ ލިބިފަ އެވެ.

އަހަރެމެންގެ މުޖުތަމައުގައި މިހާރު ބުލީ ކުރުން މި އޮތީ މުޅިން އެހެން ދަރަޖައަކަށް ގޮސްފަ އެވެ. އެކަން އާއްމުވެފައިވާ މިންވަރުން، ބައެއް މީހުން ނަގަނީ އެއީ ނޯމަލް ކަމެއްގެ ގޮތުގަ އެވެ. ސްކޫލްގެ ދޮރާށިން ނުވަދެވެނީސް، ބެލެނިވެރިންގެ ހާޒިރުގައި ބުލީ ކުރަން ފެށުން ބަލައިގަންނަން ދައްޗެވެ. ދޮރާށިން އެތެރޭގައި ވެސް ބުލީކުރުން ބަލައިގަނެވޭކަށް ނެތެވެ.

ކުޑަކުދިންގެ ތެރޭ މިކަހަލަ ކަންކަން ހިނގާފާނެ އެވެ. ނަމަވެސް އަނެކާ ނުރުހޭ ގޮތަކަށް މުއާމަލާތް ކުރާ އިރު ބެލެނިވެރިޔާ އެކަން މަނާނުކޮށް ކައިރީގައި ހުއްޓި ހުރުން ރަނގަޅެއް ނޫނެެވެ. ބުލީ ކުރުން ހުއްޓުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަންވީ ބެލެނިވެރިންނެވެ. އެމީހެއްގެ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދީގެންނެވެ.

ކުދިންނަށް ދަަސްކޮށްދޭންވީ އޯގާތެރިކަމެވެ. އެހެން ކުއްޖަކާ ދިމާއަށް ހިތްހަމަނުޖެހޭ ބަސްތައް ނުބުނުމަށެވެ. ހުރިހާ އެންމެން އެއްގޮތަކަށް ނުތިބޭނެ ކަމާއި އެއް ކަންތައްތަކަކާ ގަޔާނުވެދާނެ ކަމެވެ. މިއީ ބާކީކޮށްލާ މަލާމާތް ކުރަންވީ ކަމެއް ނޫންކަމެވެ.

އިސްކަންދަރު ސްކޫލް ކުދިންތަކެއް އެސެމްބްލީގައި (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ސްކޫލްތަކުގައި ބުލީ ކުރުމުގެ މައްސަލަ އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ. ޝިކާރައަކަށްވާ ކުދިންނަަށް ނަފްސާނީ ގޮތުން ފޯރުކޮށްދޭންވާ އެހީތެރިކަން ދޭނެ ފަންނީ މީހުންނާއި ވަސީލަތްތަކެއް އަހަރެމެންގެ ތައުލީމީ ނިޒާމުގެ ތެރެއަކު ނެތެވެ.

ބުލީ ކުރުމަކީ ކުދިންގެ ހިތްމަރުވެ، ކަންކަމާ ކުރިމަތިލާން ޖެހިލުންވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެގެންދާ ކަމެކެވެ. ކުދިންގެ ކުރިމަގަށް އެޅޭ ހުރަހެކެވެ. 

ތިމާގެ ދަރިއަކަށް މިފަދަ ކަމެއް ދިމާވުމުން މި މަންމަގެ އިހްސާސްތައް އިނގޭނެ އެވެ. 

އުމަރަށް ބުނެލަން އޮތީ އުމަރު ތިހިރީ ވަރަށް ސަޅިކޮށް ހެދުން އަޅައިގެންނޭ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް