ހައްވާ ޝެރީން އަކީ އޭނާގެ ހުނަރުވެރި ކުރެހުންތަކުން ފާހަގަވަމުން އަންނަ ފަންނުވެރިއެއް (ފޮޓޯ/ހައްވާ ޝެރީން)
ހައްވާ ޝެރީންގެ ޝައުގުވެރި ކުރެހުންތަކުން އޭނާގެ ހުނަރުގެ ދުނިޔެ
އާޓިސްޓު ހައްވާ ޝެރީންގެ 'ރިއަލިޒަމް' ސްޓައިލުގެ ކުރެހުންތަކަށް ބަލާލުމުން އަޅުގަނޑަށް ފުރަތަމަ ވެސް ވަރަށް ހިތްގައިމު އިހުސާސުތަކެއް ކުރެވުނެވެ. އަދި އެއިން ކޮންމެ ކުރެހުމަކުން އޭނާގެ ކުޅަދާނަކަމާއި ފަންނުވެރިކަމުގެ އިތުރުން ކޮންމެ އާޓްވޯކްއަކަށް އޭނާ ކޮށްފައި ހުރި މަސައްކަތް ވަރަށް ސާފުކޮށް ފެނުނެވެ.
އިންސްޓަގްރާމުން ފެންނަން ހުރި ޝެރީންގެ އެންމެ ފާހަގަ ކޮށްލެވޭ ކުރެހުންތަކުގެ ތެރޭގައި ފަންސޫރު ކުލައިގެ މަސައްކަތްތައް ހިމެނެ އެވެ. އޭނާ 'ލައިޓް އެންޑް ޝޭޑު' ނެރެދީފައި ހުރި ގޮތަށް ބަލާލުމުން އޭނާގެ ކުރެހުމުގެ ދަތުރާ މެދު ޝައުގުވެރިކަން އުފެދުނެވެ.
ޝެރީން، 30، އާޓިސްޓެއްގެ ގޮތުގައި އޭނާގެ ތަޖުރިބާ 'ދައުރު' ކިޔައިދިނެވެ.
އާޓްގެ ދާއިރާއަށް ވަދެވުނީ ކިހިނެއް؟
"ކުޑައިރުއްސުރެ ވާހަކަ ފޮތްތަކުން ފެނުނު ސިމްޕަލް ޑޫޑްލްސް އާއި ކާޓޫނިޝް ކެރެކްޓާތައް ކުރަހާ އުޅުނިން. ފަހުން މަޖައްލާތަކުން ފެނުނު ސެލެބްރިޓީންގެ ފޮޓޯތައް ބަލައިގެން ކުރަހަން ފެށީ. ސްކޫލްގައި ބޭއްވި އާޓް މުބާރާތްތަކުގައި އަބަދުވެސް ބައިވެރިވަން. ކުރެހުމަކީ ކުޑައިރުއްސުރެ އަޅުގަނޑު ވަރަށް ލޯބިކުރާ، އަދިވެސް ކުރާހިތްވާ ކަމެއް."
ގިނަ ފަހަރަށް އާޓިސްޓުން އެމީހުންގެ މަސައްކަތްތައް ދައްކާލަން އަމިއްލަ ސޯޝަލް މީޑިއާ ޕޭޖެއް ފަށަން ފަސްޖެހޭ. ޝެރީންގެ އަމިއްލަ ޕޭޖެއް ފަށަން ނިންމީ ކިހިނެއް؟
"އެންމެ ފުރަތަމަ އަޅުގަނޑުގެ ފޭސްބުކް ޕާސަނަލް ޕްރޮފައިލްގައި ކުރެހުންތައް ޕޯސްޓު ކުރަން ފެށީ ފޫހިވެގެން. ބައެއް ރައްޓެހިންނާއި އާއިލާގެ ފަރާތުން ރަނގަޅު ފީޑްބެކްތަކެއް ލިބުމުން ބައެއް މީހުން އެދުނީ އެމީހުންގެ ފޮޓޯތައް ވެސް ކުރަހަން. ގާތްގަނޑަކަށް 2018ގައި އަޅުގަނޑު އެކަން ސީރިއަސްކޮށް ކުރަން ފެށީ. ދެން ޕޭޖެއް ހެދީ އިތުރު ކްލަޔަންޓުން ބޭނުންވާތީ. ކުރެހުންތަކަށް އަގެއް ވެސް ނަގަން ފެށިން. އެއަށް ފަހު އިންސްޓަގްރާމް، ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ޕޭޖްތައް ހެދީ."
ކުރަހަން ޓްރެޑިޝަނަލް މީޑިއަމްއެއް ބޭނުން ކުރުމަށް ފަހު ޑިޖިޓަލް މީޑިއަމްއަކަށް ބަދަލުވުމަކީ ބައެއް މީހުންނަށް ފަސޭހަ ކަމެއް ނޫން. ދެ މީޑިއަމެއްގެ މެދުގައި ބަދަލުކުރާނީ ކިހިނެއް؟ އަދި ޑިޖިޓަލް އިހުތިޔާރު ކުރީ ކީއްވެ؟
"ޓްރެޑިޝަނަލް އިން ޑިޖިޓަލްއަށް ބަދަލުވުމަކީ ފަސޭހަ ކަމެއް ނޫން. ވިހި ވިހި ވަނަ އަހަރު ފޯނުން ޑިޖިޓަލް އާޓް ފެށިން. އޭރު ހަމައެކަނި އިނގިލި ބޭނުންކޮށްގެން ކުރެހީ. އެއީ އުނދަގޫ އެކަމަކު ޝައުގުވެރިވި ކަމެއް. ޑިޖިޓަލް އާޓް ދަސްކުރަން ހިޔާރު ކުރީ ތަފާތު މީޑިއަމްތައް ބޭނުންކޮށްގެން މަސައްކަތް ކުރެވޭނީ ކޮން މީޑިއަމެއްގައިތޯ ބަލަން ބޭނުންވާތީ. މިހާތަނަށް ވަރަށް ގިނަ މީޑިއަމްތައް ޓްރައި ކޮށްފިން. ބައެއް މީޑިއަމްތައް އަޅުގަނޑު ގޮތްބަލާފައި ދޫކޮށްލީ އެ މީޑިއަމްތަކަށް މާ ބޮޑު ޝައުގެއް ނެތީމަ."
އާޓް ދަސްކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބާ؟
"މިއީ ވަރަށް ވަގުތު ހޭދަވާ ކަމެއް. ޓިއުޓޯރިއަލްތައް ބެލުމާއި ޕްރެކްޓިސް ކުރުމުގައި އެތައް ގަޑިއިރެއް ހޭދަކުރަން ޖެހޭ. މަސައްކަތް ރަނގަޅަށް ދަސްކުރަން އާ ޓެކްނީކްތައް ދަސްކުރަން ޖެހޭ. އަދި ބައެއް ފަހަރު މިކަމުން ދިގު ބްރޭކެއް ނަގައިފި ނަމަ ދަސްވާ ކަންކަން ހަނދާން ނެތި، އަލުން ފަށަން ޑީމޯޓިވޭޓް ވެދާނެ. އަދި ކުޑަ ރަށެއްގައި އާޓިސްޓަކަށް ވުމަކީ ވެސް ބޮޑު ގޮންޖެހުމެއް. މިކަމަށް ބޭނުންވާ ތަކެތި ހޯދުމަކީ ފަސޭހަ ކަމެއް ނޫން. އަދި ކުރެހުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ ވެސް ފަސޭހަ ކަމެއް ނޫން."
މިކަން އަމިއްލައަށް ދަސްކުރަން ބޭނުންވާ މީހަކަށް ދޭނެ ނަސޭހަތަކީ ކޮބާ؟
"އަޅުގަނޑުގެ ނަސޭހަތަކީ މިކަން ފެށުމަށް ފަހު ހުއްޓާނުލައްޗޭ. އަދި އެމީހެއްގެ އާޓްވޯކް އެހެން އާޓިސްޓުންގެ މަސައްކަތާ އަޅާނުކިޔާށޭ. ހަނދާނުގައި ބަހައްޓަންވީ އެމީހުން ވެސް ފެށި އިރު އެހާ ރަނގަޅެއް ނުވާނެކަން. އަޅުގަނޑުގެ ވީޑިއޯތަކަށް ލިބޭ ގިނަ ކޮމެންޓުތަކަކީ 'އައި ވިޝް އައި ކޭން ޑްރޯ ލައިކް ދެޓް.' އެހެންވެ އަޅުގަނޑުގެ ނަސޭހަތަކީ 'ވިޝް' ކުރުން ހުއްޓާލައި ޕްރެކްޓިސް ފަށާށޭ. މަސައްކަތް ރަނގަޅުކުރަން ވަގުތު ނަގާނެ، އެކަމަކު ހުއްޓާނުލާ ކުރިއަށްގެންދާށޭ."
ކުރަހާއިރު އެންމެ ޝައުގުވެރިވަނީ ކޮން ކަހަލަ ސަބްޖެކްޓްތަކަކަށް؟
"އަޅުގަނޑު އެންމެ އިސްކަންދޭ ސަބްޖެކްޓަކީ ޕޯޓްރޭޓް. ދެން މޫޑު ހުންނަ ގޮތަކުން ލޭންޑްސްކޭޕްތަކާއި އެހެނިހެން ސަބްޖެކްޓްތައް ވެސް ކުރެހޭތޯ މަސައްކަތް ކުރަން. ބައެއް ފަހަރު އަޅުގަނޑަށް ލިބޭ ކަސްޓަމަރުން އެދޭ ނިޔާވި އާއިލާ މެމްބަރަކު ކުރަހަން. ނުވަތަ އެމީހުންގެ އާއިލީ ޕޯޓްރެއިޓެއް ކުރަހަން ވެސް އެދިފައި އެބަ ހުރި. މިފަދަ ހާއްސަ ހަނދާންތަކެއް އެމީހުންނަށް ކުރަހައިދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް."
ކުރެހުމަކަށް މަސައްކަތް ކުރާއިރު އެކަން ކުރިއަށްގެންދާ ގޮތް ކުރުކޮށް ކިޔައިދެވިދާނެތަ؟
"އިންސްޓަގްރާމާއި ޕިންޓެރެސްޓް ބްރައުޒް ކުރާއިރު ޝައުގުވެރިވާ ކަހަލަ ފޮޓޯތައް އާންމުކޮށް ސޭވް ކުރަން. ދެން ކުރަހަން ބޭނުންވީމަ، ސޭވްކޮށްފައިވާ ފޮޓޯތައް ބަލައި، އެއަށް އެންމެ ރަނގަޅީ ކޮން މީޑިއަމެއްތޯ ބަލަނީ. އާންމުގޮތެއްގައި އަޅުގަނޑު މަސައްކަތް ކުރަނީ ހަމައެކަނި އެއް ޕްރޮޖެކްޓެއްގައެއް ނޫން. އެކި މީޑިއަމްތަކުގައި އެކި ޕްރޮޖެކްޓްތައް ފަށަނީ. އެއް ދުވަހަކު ތެޔޮ ކުލަ ބޭނުންކޮށްފައި އަނެއް ދުވަހު ފެންކުލައިން ކުރަހައިފާނެ. އަދި ޖެހިގެން އަންނަ ދުވަހު އާދަޔާހިލާފު އެއްޗެއް ކުރަހަން ފަންސޫރު ކުލައަށް ދާން ޖެހިދާނެ.
އާންމުގޮތެއްގައި އެއް ދުވަހަކުން ޕްރޮޖެކްޓެއް ނިންމާކަށް ނޫޅެން. އެއީ އެ ދުވަހު އަޅުގަނޑުގެ މޫޑު ހުންނަ ގޮތަކަށް އެކަން ކުރާތީ. މިހެން ކަންތައް ކުރަނީ އެއް ޕްރޮޖެކްޓެއް ނިންމަން މަސައްކަތް ކުރާ އިރު އެއް މީޑަމްއެއް ބޭނުންކުރާ ނަމަ އެ މަސައްކަތެއް ނިންމާލަން ހިތްވަރު ނުލިބޭތީ. އަދި އެއް މީޑިއަމަކުން ދެ ޕްރޮޖެކްޓެއް ނުފަށަނީ ވެސް އޭގެ ސަބަބުން އެއް ޕްރޮޖެކްޓެއް ނުނިމޭތީ. މިގޮތަށް އަޅުގަނޑު މޯޓިވޭޓް ވަނީ އަދި ނުނިމި ހުންނަ ޕްރޮޖެކްޓްތައް މަދު ވެސް ވޭ."
'އާޓިސްޓްސް ބްލޮކް'އެއް ދިމާވީމަ ޝެރީން ދެން މަސައްކަތް ކުރިއަށްގެންދަނީ ކިހިނެއް؟
"އަޅުގަނޑަށް ވެސް އާޓިސްޓުންގެ ބްލޮކް ދިމާވޭ. އެކަމަކު އޭގެ ތެރެއިން ނުކުމެވޭތޯ މަސައްކަތް ކުރަން. ދެން އަޅުގަނޑު އުފާވާ އެއްޗެއް ކުރެހެންދެން މަސައްކަތް ކުރަނީ. އެކަމަކު އާޓިސްޓްސް ބްލޮކްއެއްގައި އުޅޭ ދުވަސްވަރު އާންމުކޮށް މާ ކޮމްޕްލިކޭޓެޑް އާޓްވޯކްތަކެއް ޓްރައިއެއް ނުކުރަން. އޭގެ ބަދަލުގައި ތަންކޮޅެއް ފަސޭހަ ކުރެހުމަކަށް މަސައްކަތް ކުރަނީ. އެކަމަކު ބައެއް ފަހަރު މި ގޮތް މަސައްކަތްނުކުރާ ފަހަރު ވެސް އާދޭ. އެކަހަލަ ދުވަސްވަރު ކުރެހުމުން ދުރުވެލަނީ. އެކަމަކު އެހެން ވަގުތު ހޭދަ ކުރީމަ، އަނބުރާ މަސައްކަތަށް ވަންނަން ވެސް އުނދަގޫވޭ.
އަޅުގަނޑު މޯޓިވޭޓު ކުރުވަން އަޅުގަނޑުގެ ފިރިމީހާ ވަރަށް އެހީތެރިވެދޭ. ކުރަހާނެ ރިފަރަންސާއި މީޑިއަމްތަކަށް އޭނާގެ ހިޔާލު ދޭނެ. ކޮންމެ ޕްރޮޖެކްޓެއްގައި ވެސް ފިރިމީހާ މިގޮތަށް އެހީތެރިވެދޭނެ. ބައެއްފަހަރަށް އެހެން މީހެއްގެ ހިޔާލު ހޯދީމަ މަސައްކަތް އިތުރަށް ރަނގަޅު ކުރަން ފަސޭހަވޭ."
އާޓިސްޓެއްގެ ހައިސިއްޔަތުން އެންމެ ދެކެން ބޭނުންވާ ކަންކަމަކީ ކޮބާ؟
"އަމިއްލަ އާޓް ސްޓޫޑިއޯއެއް ހުޅުވަން އުންމީދު ކުރަން. އަދި އަޅުގަނޑު އުންމީދު ކުރަނީ ކޮންމެވެސް ދުވަހަކުން އަޅުގަނޑުގެ އަމިއްލަ އެގްޒިބިޝަނެއް ބާއްވަން. ދެން ގައުމީ ނުވަތަ ބައިނަލްއަގްވާމީ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވުން."
ކޮމެންޓް (1)
ހައްޕު