ރިމްޝާދު އަބްދުﷲ ހުޅުމާލޭ ބީޗް ސަރަހައްދުގައި އިށީނދެލައިގެން ކުރެހުމުގެ މަސައްކަތް ކުރަން އިން އިރު، ކުރިމަތީގައި ބަހައްޓާފައިވާ ފަންބުޑެއްގައި އިރުއޮއްސޭ މަންޒަރު ކުރަހާފައި (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ފަންނުވެރިން

ހުޅުމާލެއިން ސްޓްރީޓް އާޓިސްޓަކާއި 500 ރުފިޔާގެ ފަންބުޑެއް

ރިމްޝާދު އަބްދުﷲ ޗުއްޓީއެއްގައި އުޅެނިކޮށް ހާނީއްކައެއްވެ، އަނބުރާ ރިސޯޓު ވަޒީފާއަށް ނުދެވި މަހެއްހާ ދުވަސް ވުމުން ކުލަ ފިހިތައް މަގުމައްޗަށް ނުކުތީ އޭނާގެ ފަންނުވެރިކަން ބޭނުންކޮށްގެން އާމްދަނީއެއް ލިބޭތޯ

ހޮނިހިރު ދުވަހު، ހުޅުމާލޭގެ އެންމެ އިރަށް އޮންނަ ހިރުނދުމަގުގައި ހުންނަ ބީޗްސްޓްރޯގައި ކޮފީ ތަށްޓެއް ބޯން އިނދެފައި ކުޑަދޮރުން ބޭރަށް އެއްލި ކަޅިއަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ ޒުވާން އުމުރުގެ ފިރިހެނެކެވެ. 

އޭނާ ބީޗްސްޓްރޯއާ ޖެހިގެން ހުރި ސީޒަން ހޮލިޑޭ ގެސްޓްހައުސްގެ އޮޅިގަނޑުގައި ޖައްސާލައި ހަމަޖެހިލި އެވެ. ދެން ނެގީ ފިއްސާއި ކުލަ ފުޅިތަކަކާއި ކާށިތަކެކެވެ.

އެ ތަކެތި އެތާ އަތުރާލައިގެން ކުރަހަން ފެށި އެވެ. 

މި އާޓިސްޓް މަސައްކަތް ކުރާ މަންޒަރު، ބީޗްސްޓްރޯގެ ކުޑަދޮރުން
20 ޖަނަވަރީ 2024: ސްޓްރީޓް އާޓިސްޓް ހުޅުމާލޭ ބީޗް ސަރަހައްދުގައި މަސައްކަތުގައި (ދައުރު ފޮޓޯ/މުހައްމަދު އަމާން)

މިއީ ޝައުގުވެރި މީހެކެވެ. ބަލާބެލުމަށް އޭނާގެ ހުނަރު ތަފާތެވެ.

އެ މަގުން ދާހާ ފަތުރުވެރިން އޭނާ ގާތު މަޑުކޮށްލާފައި އެ ކުރާ ކަމެއް ބަލަ އެވެ. ބައެއް މީހުން އޭނާ ކުރަހާފައި ހުރި ކާށިތައް ގަންނަތަން ފެނެ އެވެ.

ކޮފީ ތަށި ދޫކޮށްލާފައި އޭނާއާ ވާހަކަ ދައްކާލަން ނިންމީމެވެ. ކައިރިއަށް ގޮސް ހުއްޓުނު ނަމަވެސް، ބަޔަކު އޭނާއާ ގާތްވެ ވާހަކަ ދައްކަން އުޅޭކަން އިހްސާސް ކުރެވެން އިރުކޮޅެއް ނެގި އެވެ.

އޭނާގެ ސިކުނޑި ހުސްކޮށްލައިގެން އިނީ ހުޅުމާލޭގެ ގޮނޑުދޮށުން ހޮވި ކުޑަ ކާށްޓެއްގައި ފިހިން ކުލަ ޖެއްސުމަށެވެ. ފަށަލައަކަށް ފަހު ފަށަލައެއްގެ ކުލަ ހާކަމުން އޭނާ ދިޔަ އެވެ. 

ހުޅުމާލެ ބީޗް ސަރަހައްދުގައި ހުރި ސްޓްރީޓް އާޓިސްޓް ކާށްޓެއްގައި ކުރަހަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އެންމެ ފަހުން އިސް އުފުލާލައިފައި އޭނާ ތައާރަފުވި އެވެ. ރިމްޝާދު އަބްދުﷲ، 32، އަކީ އައްޑުއަށް ނިސްބަތްވާ މީހެކެވެ. މިތަނުގައި އޭނާ މި މަސައްކަތް ކުރާ މިއީ ފުރަތަމަ ދުވަހެވެ.

އެކްރިލިކް ކުލަތަކާއި ފިހިތައް ކައިރީގައި އަތުރާލައިގެން ޕްލާސްޓިކް ކޮތަޅެއްގެ މައްޗަށް ކުލަ އަޅައިގެން އިނދެ އޭނާ ދިޔައީ ކުލައިގެ ޖާދޫ ދައްކަމުންނެވެ.

މަގުމަތީގައި ހަމަޖެހިލައިގެން ރިމްޝާދު ކުރަމުން ދިޔަ މަސައްކަތަށް ފަތުރުވެރިން ބޮޑު ޝައުގުވެރިކަމެއް ލިބުނު (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ރިސޯޓެއްގައި މަސައްކަތް ކުރަމުން އައި ރިމްޝާދު ޗުއްޓީއެއްގައި އުޅުމުގެ ތެރޭގައި ފަޔަށް ހާނީއްކަ ވީ ކަމަށް އޭނާ ބުންޏެވެ. އަނބުރާ ރިސޯޓަކަށް ނުދެވި މަހެއްހާ ދުވަސް ވެފައިވާތީ އޭނާ ކުރި ހިޔާލަކީ މި ފަންނުވެރިކަން ބޭނުންކޮށްގެން އާމްދަނީއެއް ލިބޭތޯ މިއަދު މިތަނުގައި ޖައްސާލުމެވެ.

ރިމްޝާދުގެ ކުލަ ފިހިތައް (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ރިމްޝާދު ކުރަހަމުން، ކައިރީގައި އިން ފަންބުޑަކަށް އިޝާރާތްކޮށްލި އެވެ. އޭގައި އޭނާ ހުރީ އިރުއޮއްސޭ މަންޒަރެއް ކުރަހައިފަ އެވެ. ރަން ރީނދޫ ކުލައިން ޖަރީކޮށްފައިވާ އެ ފަންބުޑުގެ އަގަކީ 500 ރުފިޔާ އެވެ.

ފަންބުޑުގައިވާ ކުލަތަކާއި ކުރެހުން ފުރިހަމަ އެވެ. ކުރަހާފައިވަނީ ފަރުވާތެރިކަމާ އެކު އެވެ. ފަތުރުވެރިން ހިތްކިޔާ ކަހަލަ "މޯލްޑިވްސް ސަންސެޓް" އެެކެވެ. 

"މިއީ ހަމަ ފަންބުޑެއް. އެއް ބަޔަކަށް ކުނި،" ރިމްޝާދު ބުނެލި އެވެ. 

ރިމްޝާދު ފަންބުޑެއްގައި ކުރަހާފައިވާ ސަންސެޓެއް (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އޭނާ ބުނިގޮތުގައި ހޮވި މި ފަންބުޑުން ބުނެދެނީ ހުނަރެއް ހުރިއްޔާ އޭގެ ބޭނުން ކުރެވިދާނެ ކަމެވެ.

"ފަންބުޑުން 500 ރުފިޔާ މި ހޯދަނީ. މުއްސަނދި މީހެއްގެ ސިޓިން ރޫމްގައި މި ބައިންދަނީ މީތި. އަހަރެމެން ކްރިއޭޓިވް ވެއްޖެއްޔާ ކިތަންމެ ދަށް އެއްޗެއްގެ ވެސް އަގެއް އުފެއްދިދާނެ،" ރިމްޝާދު ބުންޏެވެ.

އޭނާ އެކްރިލިކް ކުރެހުމުގެ އިތުރުން މޮޑަން އާޓް އަދި ގްރެފިކް ޑިޒައިންކޮށް ހަދަ އެވެ.

ރިމްޝާދު ބުނާގޮތުން މީހާގެ ކިބައިގައި ހުނަރު ހުރިއްޔާ ކޮންމެ  އެއްޗަކަށް ވެސް  އަގެއް ކީދާނެ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އާ އަހަރާއި ފިނި މޫސުމާ ދިމާކޮށް ރާއްޖޭގައި ފަތުރުވެރިކަން ރަނގަޅު މި ދުވަސްވަރު ހުޅުމާލޭގައި ވެސް ފަތުރުވެރިން ގިނަ އެވެ.

ރިމްޝާދު ވަނީ ގޮނޑުދޮށުން ހޮވި ކާށްޓާއި ހިކިފައިވާ ފަތްތަކެއްގައި ކުރަހައި  ފަތުރުވެރިންތަކަކަށް ވިއްކާލައިފަ އެވެ.

"މުރަނަވެފައި އޮތް ތިން ފަތް އެއީ. ކަނޑު އަޑީގެ މަންޒަރާއި ކޯމަސްތަކެއް ކުރެހީ އެ ފަތްތަކުގައި. އެ ވިކިއްޖެ މިހާރު. ފަނަރަ ޑޮލަރަށް ފަތެއް،" އޭނާ ބުންޏެވެ.

ރިމްޝާދު ކާށިގައި ކުރަހަމުން ގެންދިޔަ ފެހުރިިއްސެއް ދައްކާލަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އެ ވަގުތު ކުރަހަމުން ގެންދިޔައީ އޯޑަރަކަށެވެ. އޭނާ ކުރަހާތަން ބަލަން، އެ މަގުން ހިނގާބިނގާވެ އުޅޭ ފަތުރުވެރިން ޝައުގުވެރިވެގެން މަޑުކޮށްލާފައި ވާހަކަ ދައްކާތަން ފެނުނެވެ.

ރިމްޝާދު ބުނި ގޮތުގައި މިއީ އޭނާ އަޖުމަބަލާލަން ކުރާ ވަގުތީ ކަމެކެވެ.

ރިމްޝާދު ކުރަހަމުން 'ދައުރު'އާ ވާހަކަ ދައްކަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ބަސްކިން އަކީ އާއްމު ކަމެކެވެ. ބޮޑު މަގަކުން ހިނގާފައި ދަނިކޮށް ގިޓާއަކުން ނުވަތަ އެހެންވެސް އިންސްޓުރުމެންޓަކުން ކުޅޭ ހިތްގައިމު މިއުޒިކަކުން ކަންފަތަށް އަރާމުވެދާނެ އެވެ. ނުވަތަ ތަފާތު ހުނަރު ދައްކާލާ އާޓިސްޓެއް ފެނުން ގާތެވެ. އާއްމުކޮށް ކޮންމެ ދުވަހަކު މަގު ހިނގާ މީހުންނަށް ވުރެ ބޮޑަށް މިފަދަ މީހުން ލޮލުގައި އަޅައިގަންނަނީ އެ ސިޓީއަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންނެވެ.

ލައިވް އާޓް އާއި ސްޓްރީޓް އާޓަށް ފަތުރުވެރިންގެ ލޯ ހުއްޓި އެ ބަލައިގަންނަ މިންވަރު ބޮޑެވެ. އެއް ސަބަަބަކީ "އޮތެންޓިކް" ވުމެވެ. އަރާމުކުރުމަށް ރާއްޖެ އައިސް މަގުމަތިން ފެނުނު އާޓިސްޓެއްގެ މަސައްކަތް ބަލައިގަނެ، އެއަށް ޝައުގުވެރިކަން އުފެދި ގަނެގެން އެ އަނބުރާ ގައުމަށް ގެންދަން އެއްވަނައިގެ ސުވެނިޔާއަކަށް ވުމެވެ.

ރިމްޝާދު ޖެހިގެން އައި ދުވަހު އެ ތަނުގައި ހަމަ އެ މަސައްކަތުގައި

ހުުޅުމާލޭގައި ދިރިއުޅޭ ރިމްޝާދު އޭނާގެ މި މަސައްކަތުގައި ޖެހިގެން އައި އާދިއްތަ ދުވަހު ވެސް އިށީނދެލައިގެން އިނެވެ. އެއްކަލަ ފަންބުޑު އޭނާ ބުނި ގޮތަށް ވިކިއްޖެ އެވެ.

ކޮމެންޓް (3)

ބިސް

25 ޖެނުއަރީ 2024
މިތަންފެނިފަ ދައުލަތުން މޭނުކަރައިފިއްޔާ ކިތައްމެހާވެސް ރަނގަޅު...އެމްޑީޕީ ސަރުކާރުނަމަ ކޮންމެވެސް ޓެކްސްއެއް ބޮލުގަ އަޅުވާނެ.
5 0

ޜިމޫ

25 ޖެނުއަރީ 2024
ވައްކަން ނުކޮށް ގޭގަ ހުންން އެއްޗިހި ނުވިއްކާ އާމްދަނީއެއް ހޯދަން ތިކަހަލަ ކަންތައް ކުރެވެން އޮތްވައޭ ބްރޯމެން އެގޮތަށް އުޅެނީ.
7 0

ގޮވެލި

24 ޖެނުއަރީ 2024
މީ މަބުނާ ވާހަކަ. މާލޭގަ ކުރެވޭނެ ބައިވަރު ކަންތައް ހުންނާނެ. އެއްވަނައިގެ ހުނަރެއް ބްރޯ.
28 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް