ދުބާއީ މެެެރެތަންގައި ބައިވެރިވި ކުޅުދުއްފުށީ ދުވުުންތެރިން އެ މީހުންގެ ތަޖުރިބާ ހިއްސާ ކުރުމަށް ބޭއްވި ޕާޓީއެއްގައި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މުޅިން އަލަށް ކުޅުދުއްފުށީ މަގުމަތިން ގޮސް ދުބާއީގައި މެރެތަނެއް

ތަފާތު މަސައްކަތްތައް ކުރާ ތަފާތު މިޒާޖުގެ މި 9 މީހުން ދުވަން ފެށީ އެކި މީހުން އެކި ސަބަބުތަކާ ހެދި. ދުވުމަށް ޖެހުނު ލޯބިން އެއްތަންކުރި މި މީހުން މެރެތަންއަށް ތަމްރީނުވީ މާލޭގައި ހުރި ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުދުއްފުށީގެ މަގުތަކުގައި ދުވެގެން
23 ޖެނުއަރީ 2024
4

މިއީ އާދައިގެ ބައެއް ނޫނެވެ. ބޮޑު ތިލަދުންމަތީ ފަހުލަވާނުންތަކެކެވެ. މިތަނުން ކޮންމެ މީހަކީ މިހާރު މެރެތަނާއެކެވެ.

ހުކުރު ދުވަހަކު މާލެއަށް ވެހުނު ބޯ ވާރޭގައި ތެމިގެން ވެސް، އެ މީހުންގެ މެރެތަން ތަޖުރިބާ އަޑުއަހާލުމަށް ދިޔުން އަހަންނަށް މުހިއްމުވި ސަބަބަކީ އެއީ އެވެ. ރަނިން ކްލަބް އައިރަނާސްގެ އެހެން މެންބަރުންނާ އެކު އެ މީހުން ބާއްވާ ޕާޓީ އޮތް ތަނަށް ގޮސް ވަން އިރު ފެނުނީ ކަރުގައި މެޑަލް އަޅައި ބޮލުގައި ކަފިއްޔާ އޮޅައިގެން ތިބި ބައެކެވެ.

އެ މީހުން ވަނީ މި މަހު 7 ގައި އޮތް ދުބާއީ މެރެތަން ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ. އެ މީހެއްގެ ހަށީގައި ހުރި ވަރެއް ލައި ކަނޑައެޅި އަމާޒު ހާސިލްކޮށް ކަރުގައި އޮތް މެޑަލް ކާމިޔާބުކުރި އެ އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ބޮޑެތި ހިނިތުންވުމެވެ.

އައިރަނާސްއާ އެކު ދުވާ ބައެއް މީހުން، މެރެތަން ޖެހި މީހުންގެ ތަޖުރިބާ ޝައުގުވެރިކަމާ އެކު އަޑު އަހަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އައިރަނާސްއާ އެކު ތަމްރީންވި ކުޅުދުއްފުށީ މި ނުވަ ދުވުންތެރިން ދުބާއީ މެރެތަން ނިންމީ:

  • 1-

    އުދައިޝާން: 3 ގަޑިއިރާއި 15 މިނެޓް 19 ސިކުންތު

  • 2-

    އަލީ އަހުމަދު: 3 ގަޑިއިރާއި 39 މިނިޓް 58 ސިކުންތު

  • 3-

    އަބްދުއްސަލާމް ގާސިމް: 3 ގަޑިއިރާއި 48 މިނިޓް 28 ސިކުންތު

  • 4-

    މުހައްމަދު އަހުމަދު: 4 ގަޑިއިރާއި 26 މިނިޓް 20 ސިކުންތު

  • 5-

    އަހުމަދު އަލީ: 4 ގަޑިއިރާއި 27 މިނިޓް 28 ސިކުންތު

  • 6-

    އަހުމަދު ހާމީ: 4 ގަޑިއިރާއި 48 މިނިޓް 03 ސިކުންތު

  • 7-

    އަޝްރަފް މޫސާ: 4 ގަޑިއިރާއި 57 މިނިޓް 57 ސިކުންތު

  • 8-

    ސޮލާހު ހަސަން :5 ގަޑިއިރާއި 18 މިނިޓް 38 ސިކުންތު

  • 9-

    އަބްދުއްރަޝީދު ސައީދު: 5 ގަޑިއިރާއި 20 މިނިޓް 25 ސިކުންތު

ދުބާއީ މެެެރެތަންގައި ބައިވެރިވި ދިވެހި ދުވުންތެރިންނަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާއެއްގައި ކޭކެއް ފަޅަން ތައްޔާރުކޮށްފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ހދ. ކުޅުދުއްފުށީގައި ދިރިއުޅޭ މި ދުވުންތެރިންނަކީ އެކި މަސައްކަތް ކުރާ މީހުންނެވެ. އެކަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ނަރުހެކެވެ. އަނެކަކު މަސައްކަތް ކުރަނީ އެ ރަށުގެ ސްކޫލްގެ ކަރިކިއުލަމް ބައިގަ އެވެ. އަނެކަކަކީ ވަޑިއެކެވެ. އަނެކަކު އުޅެނީ ކޯޓުގެ ވަޒީފާއެއްގަ އެވެ. މިހެން ގޮސް ތަފާތު މަސައްކަތް ކުރާ ތަފާތު މިޒާޖުގެ މި މީހުން އެއް ކަމަކަށް އަމާޒު ހިފައި އެއްތަންކުރީ ދުވުމަށް އޮތް ލޯތްބެވެ.

އައިރަނާސްއާ އެކު ތަމްރީނުވެގެން ދުބާއީ މެރެތަންގައި ދުވި ދުވުންތެރިން

ނަމަވެސް މި އެންމެން ދުވުމަށް ހިތްޖެހި ދުވަން ފެށީ އެކި މީހުން އެކި ސަބަބުތަކާ ހެދި އެވެ. އެކަކު ނަފްސާނީ ގޮތުން ކުރިމަތިވާ ހާސްކަމުން އަރައިގަންނާށެވެ. އަނެކަކު ޓެސްޓްތަކެއް ހެދުމުން ފާހަގަވީ ކޮލެސްޓްރޯލް މަތިކަމެވެ. ރަނގަޅު ދުޅަހެޔޮ ލައިފްސްޓައިލެއް ހޯދުމަށް ފެށި ދަތުރު އެ މީހުން ނިންމާލީ މެރެތަންއަކުންނެވެ.

ގިނަ ދުވުންތެރިން ރަށުތެރޭ ކޮންމެވެސް ވަރަކަށް ދުވެލަން ނުކުމެ އުޅުނަސް މެރެތަންއަކީ އުއްމީދު ކުރި ކަމެއް ނޫނެވެ. މެރެތަންއެއް ޖެހުމުގެ ހިޔާލު މި މީހުންނަށް ހުށަހެޅީ މުހައްމަދު ޝިހާމް (އާރުޑީ) އެވެ. އޭނާ އަކީ ފުލުހުންގެ ރީޖަނަލް ކޮމާންޑަރެކެވެ. ދެ ގަޑިއެއްހާ އިރަށް ގަވާއިދުން ދުވަން ނުކުންނަ ބަޔަކު ކުޅުދުއްފުށީގައި އުޅޭކަން އޭނާއަށް ފާހަގަވީ ކުޅުދުއްފުއްޓަށް ކުރި ރަސްމީ ދަތުރެއްގަ އެވެ.

ފުލުހުންގެ ހިދުމަތުގައި އުޅޭ މުހައްމަދު ޝިހާމް ފުރަތަމަ މެރެތަން ޖެހީ ދުބާއީގައި. ކުޅުދުއްފުށީގެ ޓީމަށް މެރެތަނެއް ޖެހުމުގެ ހިތްވަރު ދިނީ އޭނާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޝިހާމް އަކީ ފުލުހުންގެ ތެރޭން ވެސް މީހުން ދުވުމަށް ހިތްޖައްސައި ނެރުމުގެ ތަޖުރިބާ ހުރި މީހެކެވެ. ފުލުހުންގެ ސީނިއާ އޮފިސަރުންގެ ހަ މީހަކު ގަވާއިދުން ދުވުމަށް އޭނާ ބާރުއަޅާ ހެދި އެވެ. ފަހުން އެ އަދަދު 60 އަށް ބަދަލުވި އެވެ.

ޝިހާމް ކުޅުދުއްފުށީގެ ދުވުންތެރިންނަށް ދުބާއީ މެރެތަންގައި ބައިވެރިވުމުގެ ހިޔާލު ހުށަހަޅައި މިކަމަަށް ތަމްރީންވުމަށް އައިރަނާސްގެ ކޯޗް ހުސެއިން ޝުޖާއު ހަމަޖެއްސި އެވެ. އަދި އޭނާ ވެސް މެރެތަންއަށް ތައްޔާރުވުމަށް ތަމްރީން ހަދައި ހަޔާތުގައި ފުރަތަމަ ފަހަރަށް މެރެތަނެއް ޖެހި އެވެ. ވަގުތަކީ ހަތަރު ގަޑިއިރާއި 46 މިނެޓު 23 ސިކުންތެވެ.

ޝިހާމް (ވ) ދުބާއީ މެރެތަން ނިންމާލުމަށް ފަހު އައިރަނާސްގެ އެހެން ދުވުންތެރިޔަކާ އެކު ފޮޓޯއަކަށް ހުއްޓިގެން

މި މީހުން މިކަން ކުރި ގޮތް ތަފާތެވެ. ކޯޗު ޝުޖާއު މާލޭގައި ހުރެގެން، ދުވުންތެރިން މެރެތަންއަށް ތަމްރީނުވީ ކުޅުދުއްފުށީގެ މަގުތަކުގައި ދުވެގެންނެވެ. ރިމޯޓްކޮށް ކޯޗްކޮށްދީ، ހަ މަސް ދުވަސް ތެރޭ މި ދުވުންތެރިންނަށް ހާއްސަ ތަމްރީންތަކެއް އޭނާ ހިންގި އެވެ. ޝުޖާއު އާއި ޓީމު ބައްދަލުވީ ތަމްރީނުގެ ހަ މަސް ދުވަހުގެ ތެރޭ ދެ ފަހަރެވެ.

އެހެންކަމުން ޝުޖާއުއަށް ވެސް މިއީ ތަފާތު ތަޖުރިބާއެކެވެ. ކޮންމެ ދުވުންތެރިއެއްގެ ވާހަކަ ނިންމާލަނީ އޭނާއަށް ޝުކުރު އަދާކުރަމުންނެވެ. ކޮންމެ ދުވުންތެރިޔަކާ މެދު ވެސް ޝުޖާއު ބެހެއްޓި އުއްމީދާއި އެމީހެއްގެ މައްސަލަތައް ވަކިވަކިން އަޑުއަހައި ދިން ލަފާ އަދި ދުވުންތެރިންނަށް އޮތް އިތުބާރާއި ޔަގީންކަން އެއީ މި ދުވުންތެރިންނަށް ލިބުނު ހިތްވަރުކަން ވާހަކައިން އެނގެ އެވެ.

މެރެތަން ނިންމީ ވަރަށް ހާލުން އެކަމަކު އެވަރުގެ އުފަލެއް ނެތް

މެރެތަނުގައި ބައިވެރިވުމަށް ދުބާއީއަށް ދިއުމަކީ ބައެއް މީހުން ރާއްޖެއިން ބޭރަށް ކުރި ފުރަތަމަ ދަތުރު ވެސް މެ އެވެ. ދުވުމުގެ ތެރެއިން އެކި ދުުވުންތެރިންނަށް މެދުވެރިވަނީ އެކި ކަންކަމެވެ. ދުބާއީއަށް ދިޔަ ތަނުން އެއް ބަޔަކަށް  ބޭރަށް ހިންގުން ޖެހި ފާހަނާއިން ނާރާ އުޅެން ޖެހުނެވެ.

ކޯޗު ޝުޖާއު (މ) އޭނާ ތަމްރީން ކުރި ދެ ދުވުންތެރިޔަކާ އެކު ދުބާއީ މެެރެތަންއަށް ފަހު ފޮޓޯއަކަށް ހުއްޓިގެން

ދުވުމުގެ ތެރޭގައި އަކުނިވަޔަށް ދަމައި އެކި ކަހަލަ ތަދުތައް ކުރިމަތިވި އެވެ. ނަމަވެސް މި އެންމެން ބޮލުތެރޭ އެނބުރުނީ އެންމެ ބަހެކެވެ. "މެރެތަން ފެށޭނީ 30 ކިލޯމީޓަރުން" ކަމަށް ޝުޖާއު ބުނި ވާހަކައަކީ ހަގީގަތެއްކަން ދުވުންތެރިން ތަޖުރިބާ ކުރި އެވެ. މިއީ ދުވުމުގެ ގަދަ ހިފުމަށް ދާން ޖެހޭ ހިސާބެެވެ. ކަށިން ހިތްވަރު ނެރެން ޖެހޭ ވަގުތެވެ.

ދުބާއީ މެރެތަންގައި ޝުޖާއު ވެސް ބައިވެރިވި އެވެ. އޭނާ 10 ކިލޯމީޓަރުގެ ދުވުން ނިންމާފައި ދިޔައީ އޭނާގެ ކޯޗުކަމުގެ ދަށުން މެރެތަންގައި ބައިވެރިވި މި ފަހުލަވާނުންގެ ދުވުން ޓްރެކް ކުރުމަށެވެ.

އައިރަނާސްގެ ފައުންޑާ އަދި ކޯޗު ހުސެއިން ޝުޖާއު (ދައުރު ފޮޓޯ/ހުސައިން ސުނޭން)

"އެންމެ ބޮޑު އިންޖަރީގައި ހުރި އެކަކު އަބްސީއަކީ. އަބްސީ ދުވާތަން ފެނުނީމަ ލިބުނީ ވަރަށް ބޮޑު އުފަލެއް. ދެން އެންމެން ވެސް ޓްރެކް ކުރަމުން ދިޔައީ. އެކަމަކު އެކަކު ގެއްލުނު. ވީ ނުވީއެއް ނޭނގިގެން ވަރަށް ހާސްވި،" ޝުޖާއު ބުންޏެވެ.

ފަހުން އޭނާއަށް އެނގުނު ގޮތުގައި އެ ދުވުންތެރިޔާގެ ދުވުން އެޕުން އަޕްޑޭޓް ނުވީ އެވެ. ދުވުންތެރިޔާ ރޭސް ދޫކޮށްލީއެއް ނޫނެވެ.

މި ދުވުމުގައި ބައިވެރިވި ވަކިވަކި ބައެއް ބައިވެރިން އެމީހުންގެ ތަޖުރިބާ ކިޔައިދިނެވެ.

އަލީ އަހުމަދު

އަލީ އަހުމަދު (ވ) މެޑަލް ދައްކާލަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އުމުރުން 40 އަހަރު ވުމުގެ ކުރިން މެރެތަންއެއް ޖެހުމަކީ އަލީ އަހުމަދުގެ އަޒުމެކެވެ. އޭނާއަށް މިކަން ހާސިލްވެއްޖެ އެވެ. އޭނާ ބުނިގޮތުގައި ކުރެވެނީ ބުނަން ނޭނގޭ އިހުސާސެކެވެ. މެރެތަން ނިންމާފައި ހޮޓަލަށް ގޮސް ނިދަން ލިބުނު ވަގުތުގައި ވެސް އޭނާއަށް މެޑަލްއަށް ބަލަހައްޓައިގެން އޮވެވުނީ އެވެ.

އަލީ، 33، އަކީ ހޮޮސްޕިޓަލްގައި ނާސް އެޓެންޑެންޓަކަށް މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާ ގަވާއިދުން ދުވަން ފެށިތާ މިވީ ތިން އަހަރެވެ.

އަލީ ދިވެހި ދިދަ ހިފައިގެން ދުބާއީގައި ދުވަނީ

އަލީގެ އުއްމީދަކަށް ވެފައި އޮތީ ވެސް ރާއްޖެއިން ބޭރަށް ގޮސް ދުވުމެވެ. އާއްމުކޮށް ދަތުރުނުކުރާ މީހަކަށް ވުމުން އޭނާއަށް މިއީ "ފޮނިވާ ވަރު" ކަމެކެވެ. ދިވެހި ދިދަ ވިހުރުވަމުން ދުބާއީ މެރެތަން ނިންމާލުމަށް ފަހު އެންމެ ފުރަތަމަ ގުޅީ އޭނާގެ މަންމަ އަށެވެ. މަންމަ ހުރީ އޭނާއާ މެދު ފަހުރުވެރިވެފަ އެވެ.

އަބްދުއްރަޝީދު ސައީދު (އަބްސީ)

ދުބާއީ މެެެރެތަންގައި ބައިވެރިވި އަބްދުއްރަޝީދު (ވ) އިތުރު ބައެއް ދުވުންތެރިންނާ އެކު (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އަބްސީ އަކީ ކަރިކިއުލަމް އެނަލިސްޓެކެވެ. ކުޅުދުއްފުށީ ސްކޫލްގައި މަސައްކަތް ކުރާ އަބްސީގެ މަސައްކަތަކީ ޓީޗަރުންނަށް ތަމްރީންދިނުމެވެ. އަބްސީ މީގެ އަހަރެއް ކުރިން ދުވަން ފެށި އިރު އުއްމީދަަކީ މެރެތަނެއް ޖެެހުމެއް ނޫނެވެ. ފިޓްކޮށް ހުރުމެވެ.

މެރެތަންގެ ކުރިން އޭނާއަށް ލިބުނު އަނިޔާއެއްގެ ތަދު ނުފިލާ ހުރެ ދުބާއީއަށް ދިޔަ އިރު ވެސް ފައި ރަނގަޅަކަށް ނޭޅެ އެވެ. އެކަމަކު އިންޖަރީއާ އެކު ވެސް އޭނާ މެރެތަން ޖެހީ އެވެ.

"ކޯޗުގެ ވެސް ކުރިން ހަމަ މިފަދަ އިންޖަރީއެއް ހުރި. ކޯޗުގެ ލަފަޔަކަށް ވީ ޓްރައި ކުރުން،" އަބްސީ، 47، ބުންޏެވެ.

އިންޖަރީ ވިޔަސް، މެރެތަންއަށް ތައްޔާރުވާން ކުރި މަސައްކަތް ބޮޑުކަމުން ދުވަން ނިންމައި އަބްސީ މެރެތަން ފުރިހަމަ ކުރި

ނުކުރެވޭ ވަރު ކަމެއްގެ ގޮތުގައި ނިންމާނީ އެންމެ ފަހު ވަގުތުގައި ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދީގެން އަބްސީ ދިޔައީ ކުރިއަށެވެ. އޭނާ ބުނިގޮތުގައި "އިންޖަރީ އަކީ ވެސް އެކްސްޕީރިއަންސެއް ކަމަށް ނެގީ" އެވެ.

"ބޮޑު ކާމިޔާބީއެއް. ބޮޑު ހިތްހަމަޖެހުމެއް. އެންމެން އެއްކޮށް ބައިވެރިވެ އެންމެންނަށް ވެސް ނިންމާލެވުނީމާ އެއީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް،" އަބްސީ ބުންޏެވެ.

"މެރެތަންތަކެއް އަދި ދުވާނަން."

އުދެއިޝާން

ދުބާއީ މެރެތަންގައި ބައިވެރިވި އުދެއިޝާން އައިރަނާސްގެ މެންބަރުންނަށް އޭނާގެ ދުވުމުގެ ތަޖުރިބާތައް ކިޔައިދެނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އުދެއިޝާންއާ ބައްދަލުވުމާ އެކު އަހަރެންނަށް އެންމެ ފުރަތަމަ ބުނެވުނީ "ހާދަ ރީތި ނަމެކޭ" އެވެ. ނަމުގެ މާނަ އަހާލުމުން، ޕްރޮގްރެސް ނުވަތަ ކުރިއެރުން ކަމުގައި އޭނާ ފަހުރުވެރިކަމާ އެކު ބުނެލި އެވެ. ދުވުމުގެ މި ކާމިޔާބީ އެ ނަމާ ގުޅެ އެވެ.

އުދެއިޝާން އަކީ ރާއްޖޭގެ ހަވަނަ ފިރިހެން ނަރުހެވެ. އޭނާ މަސައްކަތް ކުރަނީ ކުޅުދުއްފުށި ހޮސްޕިޓަލްގެ އައިސީޔޫ އިންޗާޖްގެ ގޮތުގަ އެވެ.

އުދެއިޝާން ދުބާއީ މެރެތަންގައި ދުވަނީ

އުދެއިޝާން ބުނިގޮތުގައި އޭނާ ދުވަން ފެށީ ނަފްސާނީ ދުޅަހެޔޮކަމަށެވެ.

"ކަންކަމާ ދެރަވެ ސްޓްރެސްވާތީ އެކަން ރިލީޒްކުރަން. ރައްޓެއްސަކާ ދިމާވެގެން އޭނާ ބުނީ ދުވަން ފަށަން. އެގޮތަށް އެންމެ ފުރަތަމަ ދުވަން ފެށީ. ތިން ކިލޯމީޓަރަށް، ފަސް ކިލޯ މީޓަރަށް ދުވެ ސްޕީޑް ބާރުވީމާ ދެން ވިސްނީ އެއަށް ވުރެ ބާރަށް ދުވަން،" އޭނާ ކިޔައިދިނެވެ.

"ވަރަށް އުފާވި، ރަނގަޅު ޓައިމެއްގައި މެރެތަން ނިންމާލެވުނީމަ."

އުދެއިޝާންއަށް ދުބާއީ މެރެތަން ނިންމާލެވުނު ވަގުތާ މެދު ފަހުރުވެރިވޭ އަދި މި މެރެތަންގައި އޭނާ ހާފް މެރެތަންއެއް ވެސް ދުވީ އޭނާގެ ޕާސަނަލް ބެސްޓްގައި

ކުޅުދުއްފުށިން ދުބާއީއަށް މެރެތަންއަށް ދިޔަ ޓީމުގެ ތެރެއިން އެންމެ ހަގީ 26 އަހަރުގެ އުދެއިޝާން އެވެ. އަސްލު ށ. ފޯކައިދޫއަށް ނިސްބަތްވާ އުދެއިޝާން ބުނިގޮތުގައި، ކުޅުދުއްފުށީގައި އޭނާ އަކީ ރަށުން ބޭރު މީހެއް ކަމުގެ އިހްސާސެއް ނުވެ އެވެ. އޭނާއާ މެދު ރަށު މީހުން ބަހައްޓާ ގާތްކަން "ފުކެއް ވެސް ތަފާތެއް ނޫނެ"ވެ.

އަބްދުއްސަލާމް

ދުބާއީ މެެެރެތަންގައި ބައިވެރިވި އަބްދުއްސަލާމް (ކ) އައިރަނާސް އިން ބޭއްވި ޕާޓީގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އަބްދުއްސަލާމް، 40، އަކީ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ގަވާއިދުން ދުވާތާ ވީ އަދި އެންމެ އަށް މަހެވެ. މިދިޔަ ރޯދަ މަހު އޭނާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން އިނގުނީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށް ވުރެ ހަކުރު މަތި ކަމެވެ. ޑޮކްޓަރުގެ ލަފަޔަކަށް ވީ ކަސްރަތެވެ.

މި ގުރޫޕްގައި އުޅޭ އަބްސީމެންނާ އެކު އޭނާ ގަވާއިދުން ދުވަން ފެށީ އެވެ. 

"ތިން މަސް ދުވަހުގެ ބޭސް ދިން. އެކަމަކު މިހާރު އެއްވެސް ބޭހެއް ކާކަށް ނުުޖެހޭ،" ފަސް ކުދިންގެ ބައްޕަ، ސަލާމް ބުންޏެވެ.

"މެރެތަންގެ ޓައިމިންއާ މެދު ވަރަށް ހިތްހަމަޖެހޭ. އަދި ދުވާނަން."

ސަލާމް އެންމެ ބޮޑަށް ފާހަގަކުރީ އާއިލާގެ އެއްބާރުލުމެވެ. މެެރެތަންއަށް ތައްޔާރުވުމަށް ތަމްރީންވި އިރު ދަރިންގެ ހުރިހާ ކަމެއް ބެލެހެއްޓީ އޭނާގެ އަންހެނުން އެކަންޏެވެ. އެކަމަށް އޭނާގެ އޮތީ ޝުކުރުވެރި ހިތެކެވެ.

"ނިމުނު ތަނުން އަންހެނުން ގުޅައިފި. ވަރަށް އުފާވި،" ސަލާމް މެޑަލްއާ އެކު ރަށަށް ދާން ކެތްމަދުވެފައި ހުރި ރާގެއްގައި ބުންޏެވެ.

މެރެތަން ދުވި ބައެއް ބައިވެރިން ތަޖުރިބާތައް އަޑުއަހަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މި މެރެތަންއާ އެކު މި މީހުން މި ދައްކައިދިނީ މަސައްކަތްކޮށްފިއްޔާ ނުވާނެ ކަމެއް ނޯންނާނެ ކަމެވެ. ހަޔާތުގައި އަލަށް މިހާ ބޮޑު ކަމެއް އަމިއްލަ ރަށަށް ނިސްބަތްވާ ގިނަ ބަޔަކާ އެކު އެއް ޓީމެއްގެ ގޮތުގައި އެއް ކޯޗެއްގެ އެހީތެރިކަމާ އެކު ނިންމާލުމަކީ މި މީހުންގެ ހަނދާނުން ފިލައިގެން ދާނެ ކަމެއް ވެސް ނޫނެވެ.

ކޮމެންޓް (4)

ޢަހުމަދު Muhammad

5 ފެބްރުއަރީ 2024
Congratulations to the amazing individuals from Kulhudhufushi who participated in the Dubai marathon! Your dedication and hard work shine through, not just in the race itself, but in the motivation and inspiration you bring to our island community. Each step you took was a testament to your commitment and passion. Keep running, keep inspiring! 🏃‍♀️🏃‍♂️ #KulhudhufushiRunners #InspirationInMotion"
0 0

ފާތުން

23 ޖެނުއަރީ 2024
މުޅި ކުޅުދުއްފުށީ ޕޮލިސް ހައި ހދ އަދި އެ ރީޖަން ހަލާކުކޮށްފާ ސިހާމު ތިޔަ ދިޔައީ ދުވަން.
2 11

މޫސަ

24 ޖެނުއަރީ 2024
@ފާތުން ތި އުޅުއްވަނީ ހަޖަމުގެ މައްސަލައެއް
5 1

އެޑަމް

23 ޖެނުއަރީ 2024
ޓީމް އާއި ދެތެރޭ ވަރަށް ފަހުރުވެތިވެވޭ، ޝުކުރިއްޔާ ޓީމް
12 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް