އާޓިސްޓު އައިޝަތު ހުދާގެ އަމިއްލަ މައުރަޒު 'ހޯލްޑް' ގެލެރީ 350ގައި ކުރިއަށްދަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އާޓް

ހުދާގެ 'ހޯލްޑް' މައުރަޒު ގޮވާލަނީ ފެނާ މެދު ފުންކޮށް ވިސްނާލަން

އައިޝަތު ހުދާ އޭނާގެ އެންމެ ފަހުގެ މައުރަޒުން އަލިއަޅުވާލަނީ ފެނާއި ދަބަރު އަދި ޗައިނީޒް އިންކް ފަދަ ތަކެތީގެ ޒަރިއްޔާ އިން އުފެދޭ އެކި ބައްޓަންތަކާއި އެއިން ނެރެވޭ މާނަތަކަށް
10 ޑިސެމްބަރު 2023
6

ފެނަކީ ދިރިއުޅުމުގެ މުޅި ނިޒާމަށް ނިހާޔަތަށް މުހިއްމު ވަސީލަތެކެވެ. އަދި މިއީ އެހެން ގިނަ މޮލިކިއުލްތަކާ ލާމެހި، ގުޅުވައިދޭ ނުފޫޒުގަދަ މޮލިކިއުލެއް ވެސް މެ އެވެ. މިކަމުގެ ސަބަބުން ފެނަކީ 'ސޮލްވެންޓް' އެކެވެ.

މަޝްހޫރު އާޓިސްޓު އައިޝަތު ހުދާ ވަނީ އާޓިސްޓެއްގެ ނަޒަރުން މި ކަންކަން ބަޔާން ކޮށްދީފަ އެވެ. އޭނާގެ އެންމެ ފަހުގެ މައުރަޒު 'ހޯލްޑް'ގައި އަލިއަޅުވާލާފައިވަނީ ފެނުގައި އެކުލެވިގެންވާ ބާރުތަކާއި ފެނުގެ ނުފޫޒުތަކަށެވެ.

'ހޯލްޑް' މައުރަޒު ގެލެރީ 350ގައި 20 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާނެ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ހުދާ އަކީ އިތުރު ތައާރަފެއް ބޭނުންނުވާ ހުނަރުވެރި އާޓިސްޓެކެވެ. އޭނާގެ މަސައްކަތް މީގެ ކުރިން ގައުމީ އާޓް ގެލެރީގެ އިތުރުން ޝިކާގޯ، ބާސެލޯނާ، ސާޑީނިއާ، ޒަންޒިބާ އަދި ނިއު ދިއްލީ ފަދަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކާލައިފައިވެ އެވެ.

ހުދާގެ ދިގު މުއްދަތުގެ ތަޖުރިބާގެ ތެރޭގައި ރާއްޖޭގައި އާޓް ޓީޗަރެއްގެ ގޮތުގައި ކިޔަވާދިނުން ހިމެނެ އެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް އިލިނޯއީ ޝިކާގޯ އިން އެމްއެފްއޭ އަދި ޗައިނާ އެކަޑަމީ އޮފް އާޓް ހަންގްޒޫ އިން ބީއެފްއޭ ހާސިލްކޮށްފަ އެވެ. 

އާޓް އިން މަތީ ތައުލީމު ހޯދައިފައިވާ އާޓިސްޓެއްގެ މަސައްކަތް ބަލާލައި އެ އާޓިސްޓަކާ ބައްދަލުކޮށް އޭނާގެ ވާހަކަތައް އަޑުއަހާލުމަކީ އާޓްއަށް ޝައުގު ހުންނަ ކޮންމެ މީހަކަށް ވެސް އަގުހުރި ފުރުސަތެކެވެ.

'ހޯލްޑް' އަކީ ފެނުގައި އެކުލެވިގެންވާ އެކި ބާރުތަކާއި އޭގެ ނުފޫޒުތަކަށް އަލިއަޅުވާލާ މައުރަޒެއް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ހުދާގެ ތަޖުރިބާކާރު ނަޒަރުން ގެނެސްދޭ އޭނާގެ އެންމެ ފަހުގެ މައުރަޒު 'ހޯލްޑް'ގައި ހަމައެކަނި ދައްކައިދެނީ ފެނަށް ގިރުވައި ފޯކޮށްފައި ހުރި ކަރުދާސްތަކެއް ނޫނެވެ. މިއީ ފުންކޮށް ވިސްނަން ބޭނުންވާ ކޮންމެ މީހަކަށް ލިބޭ ފިލާވަޅެކެވެ.

ހުދާ ދެކޭ ގޮތުގައި ފެނުގެ ޒަރިއްޔާއިން އެތައް ކަމެއް މީހަކަށް އުނގެނެވެ އެވެ. މި މައުރަޒުން ފެންނަ އުފެއްދުންތަކަށް ފެން ބޭނުންކޮށްގެން މަސައްކަތް ކުރަމުން އައި އިރު ހުދު އޭނާއަށް ވެސް ވީ އުނގެނުމުގެ މަރުހަލާ އަކަށެވެ.

އާޓިސްޓު އައިޝަތު ހުދާގެ އަމިއްލަ މައުރަޒު 'ހޯލްޑް' ގެލެރީ 350ގައި ކުރިއަށްދަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

"މި މައުރަޒުގައި ހުރި އުފެއްދުންތަކަކީ ގާތްގަނޑަކަށް ތިން އަހަރުގެ މަސައްކަތް. ކޮންމެ އެއްޗަކީ ވަކި މަސައްކަތެއް ނޫން. އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިފައި ހުންނާނީ،" ހުދާ ކިޔާދިނެވެ.

ހުދާގެ މަސައްކަތުގައި އެކި ޒާތުގެ ފެން ބޭނުން ކޮށްފައި ހުރި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މައުރަޒުން ފެންނަ އުފެއްދުންތަކުގައި ހުދާ ވަނީ އެކި ވައްތަރުގެ ފެން ބޭނުންކޮށްފަ އެވެ. މޫދުން ނަގާފައިވާ ލޮނު ފެނުން ފެށިގެން، ސުނޯއިން އުފެދޭ ފެން، ދަބަރު ޖަހާފައިވާ ހޮޅިން ފައިބާ ފެން، ފިލްޓާ ފެން އަދި އެކި ފެންގަނޑުތަކުން ނަގާފައިވާ ފެން ހިމެނެ އެވެ. މީގެ އިތުރުން އޭނާ ފެން ބެނުންކޮށްފައިވަނީ ވެސް އެކި ގޮތްގޮތަށެވެ. އެގޮތުން އޮކްސިޑޭޝަން، ޑީކޮމްޕޮޒިޝަން، ސެޑިމެންޓޭޝަން، ކޮރޯޝަން، ދެލި އަދި އެދީޝަން ފަދަ ކަންތައްތައް ހިމެނެ އެވެ.

މައުރަޒުން ފެންނަ ބައެއް އުފެއްދުންތަކުގައި ފެނާއި ޗައިނީޒް އިންކު ބޭނުންކޮށްފައިވޭ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ހުދާ ބުނިގޮތުގައި ފެނުން ވަރަށް މުހިއްމު އެއް ކަމެއް ދައްކުވައިދެ އެވެ. އެއީ ވަގުތެވެ. ފެނަކީ އޭގެ ޒާތުގައި އެއްވެސް ކުލައެއް އެކުލެވޭ އެއްޗަކަށް ނުވާތީ ވަގުތު ދައްކައިދޭން ބޭނުން ކުރީ ޗައިނީޒް އިންކް އާއި ދަބަރު ފަދަ އެކި ބާވަތްތަކެވެ.

ހުދާ އެމެރިކާގައި ކިޔަވަން ހުރި ދުވަސްވަރު އެކި ހިސާބުތަކުން ސުނޯ ހޯދައި ވިރުވައިގެން އެ ފެނުން އެކި އުފެއްދުންތައް ތައްޔާރުކުރަމުން އަ އެވެ. ފެނުގެ މޮލިކިއުލް އާއި އެކި ޒާތުގެ އެހެން މޮލިކިއުލްތަކާ އެއްވެ، ދެވޭ ވަގުތުގެ ސަބަބުން ނުކުތް ނަތީޖާތައް އާޓްގެ ސިފައިގައި ދައްކާދިނެވެ.

"އެއިން ފެންނަނީ އައިސް މެލްޓު ވަމުން ދާއިރު އޭގެ ޓްރާންސްފޯމޭޝަނަށް ވާ ގޮތްތައް. ދެން އިންކް ބޭނުންކުރީ ޓްރޭސް ކުރަން - ފެނަކީ ޓްރާންސްޕޭރަންޓު އެއްޗެއް ވީމަ އިންކު ބޭނުންކުރަނީ ފެނުގެ ލޭންގުއޭޖެއް ގޮތަށް،" ހުދާ ބުންޏެވެ.

'ހޯލްޑް' މައުރަޒުން 'ދަ ސިންކް އެންޑް ދަ ޑްރެއިން' 2022 ސްކަލްޕްޗާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފެނުގެ ޒަރިއްޔާއިން އުފެދޭ އެކި އުފެއްދުންތައް ދައްކުވާދޭން ހުދާ ބޭނުންކުރި މައިގަނޑު ވަސީލަތަކީ ވަގުތެވެ.

"މިސާލަކަށް 'މައިޓް ދިސް ބީ ވޯޓާ-ޓައިމް' ސްކަލްޕްޗާ ހުދާއަށް ފެންނަނީ އެންމެ ބޮޑަށް 'ޓައިމް'އާ ކައިރިވި މަސައްކަތަކަށް. މިއީ އެއް އަހަރާއި ބައިގެ މަސައްކަތް. ދަބަރު ފެނުގައި ކަރުދާސް ފޯކޮށްގެން، އެކި އިރު އިރު ނެގީމަ، ފެނުގެ ސަބަބުން އުފެދޭ ކަންކަން ރެކޯޑު ކުރެވިގެން ދިޔަ،" ހުދާ ކިޔާދިނެވެ.

މައުރަޒުގައި ދައްކާލި އުފެއްދުންތަކަކީ ގާތްގަނޑަކަށް ތިން އަހަރުގެ މަސައްކަތް ކަމަށް ހުދާ ބުނި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ހުދާގެ ހިތުގައި ފެނަށް އޮތް ޝައުގުވެރިކަމާއި ފެން މަސައްކަތް ކުރާ ގޮތާއި ދައުރުވާ ގޮތާ މެދު ފުންކޮށް ވިސްނައި އެއަށް ހިޔާލު ހޯދަން ފެށީ މީގެ އަހަރުތަކެއް ކުރިން ޗައިނާގައި ކިޔަވަމުން ދަނިކޮށެވެ. ޗައިނާގެ ހުނަރުވެރި އާޓިސްޓުން އެންމެ ގިނައިން ބޭނުންކުރާ އެއް ވަސީލަތަކީ ފެނާއި ޗައިނީޒް އިންކެވެ. ފެނުން ފޯވެފައި ހުންނަ ކަރުދާހުގައި އެމީހުންގެ ދެލި ފިހި ޖައްސާލުމުން އަންނަ ބަދަލުތަކާއި އެ ދެ ތަކެތީގެ ސަބަބުން އުފެދޭ އުފެދުންތަކާ މެދު ވިސްނަން ފެށުނު ކަމަށް ހުދާ ބުންޏެވެ.

އާޓިސްޓު އައިޝަތު ހުދާގެ އަމިއްލަ މައުރަޒު 'ހޯލްޑް' ގެލެރީ 350ގައި ކުރިއަށްދަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

'ހޯލްޑް' އިން ފެންނަ އާޓްވޯކްތަކަކީ ގުދުރަތީ ބާރުތަކާއި އިންސާނެއްގެ މަސައްކަތް ލާމެހިގެން އުފެދޭ އާޓްގެ ގޮތުގައި ބަލައިގަތުން އެކަށީގެންވެ އެވެ.

މި މައުރަޒުން ދައްކުވާދޭ އަނެއް ކަމަކީ ކެތްތެރިކަމެވެ. މިކަހަލަ ހަލަބޮލި ޒަމާނެއްގައި ފެން، އޭގެ ޒާތުގައި ބަދަލުވެ ތަފާތުވަމުން އަންނަ އިރު އެއަށް ވަގުތު ދީގެން ރެކޯޑު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި އަޅުގަނޑަށް ވިސްނޭ ގޮތުގައި މި އާޓިސްޓު މި މަސައްކަތް ކުރަމުން އައި އިރު އެއީ އޭނާއަށް ތެރަޕިއުޓިކް ކަމަކަށް ވުން ވެސް އެކަށީގެންވެ އެވެ.

'ހޯލްޑް' އިން މި ކިޔާދެނީ އެކި ޒާތުގެ ވާހަކަތަކެވެ. އަދި ވިސްނާ ފިކުރު ކުރަން ބޭނުންވާ މީހުންނަށް މި އުފެއްދުންތަކުން ބޮޑު އިބުރަތެއް ލިބުން ވެސް އެކަށީގެންވެ އެވެ.

ހުދާގެ މައުރަޒު ގެލެރީ 350ގައި މި މަހުގެ 20ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ކޮންމެ ހޯމަ ދުވަހަކުން ފެށިގެން ހޮނިހިރު ދުވަހަށް، ހަވީރު 4 އިން 10އަށް ގެލެރީ ހުޅުވާފައި ހުންނާނެ އެވެ.




ކޮމެންޓް (6)

ކަޕް ކޭކް

13 ޑިސެމްބަރު 2023
ވީ ނީޑް މޯ ކުރެހުން ތެރިން ލައިކް ދިސް!
0 0

ލައިށާން

13 ޑިސެމްބަރު 2023
މާށާﷲ ވަރަައް ފުރިހަމަ!
1 0

މާޒިން

13 ޑިސެމްބަރު 2023
މި މަައުރަޒުން ވަރައް ބައިވަރު ފިލާވަޅު ތައް ލިބިގެން ދިޔަ! އުއްމީދު ކުރަން ހުދާ ގެ މިފަދަ އާ މަސަތްކަތްތަަައް މުސްތަގުބަލުގަ މެންނާނެ ކަމަށް!
1 0

ނަޖޫ

13 ޑިސެމްބަރު 2023
އެމޭޒިން ވޯކް!
1 0

ށާން

13 ޑިސެމްބަރު 2023
ތި ފަދަ ގިނަ މައުރަޒު ތައް ރާއްޖޭ ގަ ބޭއް ވުމަކީ ފަހުރެއް. މި މައުރަޒަކީ މިހާތަނަށް ރާއްޖޭގަ ބޭއްވުނު އެއްމެ ތަފާތު އަދި ކްރިއޭޓިވް އާރޓް މަސައްކަތް ކަން ވެސް ފާހަގަ ކޮއްލަން. ސާބަސް ކަމަނާ!!
1 0

ހަސަން

10 ޑިސެމްބަރު 2023
ވަރަށް ބޭނުންތެރި މައުރަޒެއް. ހުދާ އަށް ސާބަސް!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް