ކެއުމާ ވިއްދައި ކަޅު ސައި ބޯން އެންމެ ރަނގަޅީ ވިއްސަކަށް މިނެޓު ފަހުން

ކާ ވަގުތު ކަޅު ސައި ބޮންޏާ ދަގަނޑު ހަށިގަނޑަށް ލިބޭ ވަރު މަދުވޭ

ސައިގެ ފައިދާތައް ގިނަ. ސައި ބުއިން ދޫކޮށްލާކަށް ނުޖެހޭ. ނަމަވެސް، ކެއުމަށް ފަހުގައި ވިއްސަކަށް މިނެޓު ކެތްކޮށްލުން ބުއްދިވެރި
3 ޑިސެމްބަރު 2023
2

ހެނދުނުގެ ނާސްތާ ނަގާ ވަގުތު ކަޅު ސައި ނުބޮއެ ނުވެ އެވެ. މެންދުރާއި ރޭގަނޑުގެ ކެއުމުގެ ތެރޭގައި ވެސް ދިވެހިންގެ ގިނަ ބަޔަކު އެދެނީ މީރު ކަޅެއް ބޯލާށެވެ. ކާ ވަގުތު ނުވަތަ ކެއުމާ ވިއްދައި ބޯލާ ކަޅު ސައި ތަށިން ލަނީ ތަފާތު ރަހައެކެވެ. ލިބެނީ އެހެން ކަހަލަ ތަސައްލީއެކެވެ. 

ހަށިގަނޑުގެ ހަޖަމް ކުރާ ނިޒާމު ހިނގަނީ ލަހުންނެވެ. ކާނައިގައި ހިމެނޭ މާއްދާތައް ހަށިގަނޑަށް ދަމައިގަންނަނީ އެކި މަރުހަލާގެ މަތިން، އެ ތަކެތި ހުރަސް ކުރާ ގުނަވަންތަކުގެ ތެރެއިން ވަކި ވަރަކަށެވެ. ކާނާ ހަފަން ފަށާ ވަގުތުން ފެށިގެން، އަނގައިގެ ތެރޭގައި ހުންނަ އެންޒައިމްތައް ކާނާ ހަޖަމް ކުރަން ފަށަ އެވެ. ކާނާގެ ގިނަ މާއްދާތައް ހަށިގަނޑަށް ދަމައިގަންނަނީ ކުޑަ ގޮހޮރާއި ބޮޑު ގޮހޮރުގެ ތެރެއިން އެ ތަކެތި ދައުރު ކުރާ ދަނޑިވަޅުގަ އެވެ. 

ފާހަގަކޮށްލެވޭ ކަމަކީ، ކެއުމަށް ފަހުގައި ހޭދަވާ ހަތަރު ނުވަތަ ފަސް ގަޑިއިރަކީ، ހަށިގަނޑަށް ބޭނުންވާ އެ ނިއުޓްރިއެންޓްތައް ދަމައިގަންނަ ނިޒާމް އެންމެ ހަރަކާތްތެރި ވަގުތު ކަމެވެ.

ދެން، ކެއުމަށް ފަހު ސައި ބުއިމުން ވުން ގާތީ ކޮން ގެއްލުމެއް ހެއްޔެވެ؟

ސައިން ލިބޭ ފައިދާ ބޮޑު، ނަމަވެސް ބައެއް ކަންކަމަށް ހުރަހެއް

ސައިފަތަކީ ބުއިމަށް ބޭނުން ކުރުމުގެ އިތުރުން، އެކިއެކި ބޭސް ހެދުމަށް ޒަމާނުއްސުރެން ބޭނުން ކުރާ ފައިދާ ހުރި ފަތެކެވެ. ސައިގެ އެކި ބާވަތްތަކުން ލިބޭ ފައިދާތައް ތަފާތެވެ. ކަޅު ސައި، ފެހި ސައި، އޫލޯންގް ސައި އަދި މި ނޫނަސް ބައެއް އިތުރު ސައިގެ ބާވަތްތަކުން، ބައެއް ބަލިތައް ޖެހުމުގެ ފުރުސަތު ހަނިކޮށްދެ އެވެ. ހިތުގެ ބަލިތަކަކީ އެއިގެ އެއް މިސާލެވެ.

ކިތަންމެ ފައިދާ ކުރިޔަސް، ސައިގައި އެކުލެވޭ ބައެއް މާއްދާތަކަކީ ގިނައިން ބޭނުން ކުރުމުން، ނުވަތަ ވަކި އިރެއްގައި ބޭނުން ކުރުމުން ބައެއްް ގެއްލުންތައް ހުރި ކަމެކެވެ. 

ސައިގައި އެކުލެވޭ ޓެނިން މާއްދާ އަކީ، ބައެއް ކާނާ އިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަތުމަށް ހުރަސް އަޅާ މާއްދާއެކެވެ. ދިރާސާތައް ބުނާގޮތުގައި، ސައިގައި ހުންނަ ޓެނިން ބޮޑަށް ހިފަނީ ތަރުކާރީ އާއި ފަތުގައި ހުންނަ ދަގަނޑު މާއްދާގަ އެވެ. އެހެންވުމުން، ތިމާގެ ކެއުމުގައި އެކުލެވެނީ މައިގަނޑު ގޮތެއްގައި ތަރުކާރީ ނުވަތަ ފަތުން ތައްޔާރު ކުރާ ކާނާ ނަމަ، ކެއުމާ ވިއްދައި ސައި ބުއިން ލަސް ކުރާށެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނެޓު ފަހުން ބޯލުމަކީ އެންމެ ރަނގަޅު ގޮތެވެ. 

ދަގަނޑު މަދު މީހުން ދުވާލަކު ދެ ތަށި، ނުވަތަ ދެ ކެއުން ދެމެދު އެއް ތަށި 

ދަގަނޑަކީ ހެދިބޮޑުވުމަށް ބޭނުންވާ ޒަރޫރީ އެއް މާއްދާ

ހެދިބޮޑުވުން، ހޯމޯންސް އުފެއްދުން، ނޭވާލާ ވައި ހަށިގަނޑު ތެެރޭގައި ދައުރު ކުރުން ފަދަ، ހަށިގަނޑުގައި ހިނގާ ޒަރޫރީ ކަންކަމަކީ ދަގަނޑުގެ ސަބަބުން ފުރިހަމަވާ ކަންކަމެވެ. ގުދުރަތީ ގޮތުން ހަށިގަނޑުގައި ދަގަނޑު މަދު ނަމަ ނިޒާމުތައް ފުރިހަމަވުމަށް ހުރަހެއް ކުރިމަތިވެ އެވެ. 

އެ ހާލަތު ހުންނަ މީހުން ދުވާލަކު ބުއިމަށް އެންމެ ރަނގަޅީ ދެ ސައި ތައްޓެވެ. ނުވަތަ، ދެ ކެއުން ދޭތެރޭގައި ކަޅު ސައި ތައްޓެއް ބޯލުން ރަނގަޅެވެ. ސަބަބަކީ، ކެއުމަށް ފަހު ނޫން ވިޔަސް، މާ ގިނައިން ބޮންޏާ ހަށިގަނޑުގައި ޓެނިން މާއްދާ ހުރުމެވެ. އަދި ކާ ކެއުންތަކުން ލިބޭ ދަގަނޑުގެ ބައި ހަށިގަނޑަށް ދަމައިގަތުމަށް ހުރަހަކަށްވެ އެވެ. 

ދަގަނޑުގެ މާއްދާ އަކީ، މުޅި ދުނިޔޭގައި ވެސް ގުދުރަތީ ގޮތުންނާއި އަދި ކާނާ ނުލިބުމުގެ ސަބަބުން މީހުންގެ ގައިން މަދުވާ މާއްދާ އެވެ. 'އަޔަން ޑެފިޝަންސީ'އަކީ ހާއްސަކޮށް ދެކުނު އޭޝިއާގެ ގައުމުތަކުގެ މީހުން ކުރިމަތިލާ ހާލަތެކެވެ. 

ދަގަނޑު މަދުވުމުގެ އަސަރުތައް:

  • 1-

    ހަންގަނޑު ހުދުވުން

  • 2-

    އަތްފައި ފިނިވުން

  • 3-

    ބޮލަށް އެނބުރުން އެރުން

  • 4-

    ނޭވާ ކުރުވުން

  • 5-

    މެޔަށް ތަަދުވުން

  • 6-

    ހިތު ވިންދު އަވަސްވުން

ދަގަނޑު މަދުވުމުގެ ޝިފާއަކަށް މީހުން ބޭސް ބޭނުންކުރެ އެވެ. ނަމަވެސް، ސަޕްލިމެންޓްތަކަކީ ގުދުރަތީ އެއްޗެއް ނޫންކަމުން އެ ތަކެތި ބޭނުން ކުރުމުގައި ނޭދެވޭ ބައެއް ކަންކަން ހުރެ އެވެ. ސިއްހީ މާހިރެއްގެ ލަފާގެ މަތިން އެފަދަ ބޭސް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

ސައިގައި އެކުލެވޭ ޓެނިން މާއްދާގެ ސަބަބުން، ހަށިގަނޑަށް ދަގަނޑުގެ ބައި ނެގުން އެއްކޮށް އުނިވަނީއެއް ނޫނެވެ. ނަމަވެސް، ކާނާ ހަޖަމް ކުރާ ވަގުތުގައި އެ ކާނާ އިން ލިބޭ ދަގަނޑާއި ޓެނިން އެއްވަނީ އެވެ. ނަތީޖާއެއްގެ ގޮތުން، ހަޖަމް ކުރާ ވަގުތު، ލޭ ނާރުތަކަށް ދަގަނޑު ނުވަންނަނީ އެވެ.

ސައިގެ ފައިދާތައް ގިނަ އެވެ. މީހާ ހަމަޖައްސާލަދެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެކި ޒާތުގެ ސައި ތައްޔާރުކޮށްގެން، އެކި ކަހަލަ ހާއްސަކަމެއް އެކަމަށް ދީގެން ބޮއެ އުޅެ އެވެ. އަހަރެމެން ދިވެހީންގެ ގިނަ ބަޔަކު، ކާ ކޮންމެ ވަގުތަކު މީރު ކަޅެއް ޖަހާލުމަކީ އާދައެކެވެ. 

އެ އާދަ މުޅިއަކުން ދޫކޮށްލާކަށް ނުޖެހެ އެވެ. ނަމަވެސް، ކެއުމަށް ފަހުގައި ވިއްސަކަށް މިނެޓު ކެތްކޮށްލާށެވެ. އެ އިންތިޒާރަށް ފަހުގައި ބޯލާ ސައި ތަށީގެ ރަހަ އަދި 10 ގުނަ މީރު ވެސް ވެދާނެ އެވެ.

ކޮމެންޓް (2)

ސަމް

6 ޑިސެމްބަރު 2023
ބަރާބަރު ލިއުމެއް
0 0

އާދަން ނަސީރު

4 ޑިސެމްބަރު 2023
ދެން، ކެއުމަށް ފަހު ސައި ބުއިމުން ވުން ގާތީ ކޮން ގެއްލުމެއް ހެއްޔެވެ؟ ހާދަ ފައްކާ އިބާރާތްކުރުމެކޭ- ކީޕްއިޓްއަޕް އިނގޭ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް