ފުޑް

ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުކުރަން ކާންވީ ކޮން އެއްޗެއް؟

ކަނޑުމަހާއި ބިހާއި ގަދަ ފެހި ކުލައިގެ ފަތާއި ތަރުކާރީގެ ބާވަތްތަކަކީ މި މައްސަލައަށް ހައްލެއް

ހަށިގަނޑުގައި ހުންނަ ދަގަނޑުގެ ބަޔަކީ މިނެރަލްއެކެވެ. އިނގިރޭސި ބަހުން ނަމަ 'އަޔަން' އަކީ ރެޑް ބްލަޑް ސެލްސް އުފެދުމުގައި އެކުލެވޭ މާއްދާއެއް ކަމަށްވާ  ހިމޮގްލޯބިން ގައި ހިމެނޭ ވަރަށް މުހިއްމު މާއްދާއެކެވެ. ހިމޮގްލޯބިންއަކީ މުޅި ހަށިގަނޑަށް އޮކްސިޖަން ދައުރުކުރުވަން އެހީވެދޭ އެއްޗަކަށް ވުމުގެ އިތުރުން، ހަށިގަނޑުގައި ހުންނަ ކާބޮންޑައިއޮކްސައިޑް، ހަށިގަނޑުން ބޭރުކުރަން ފުއްޕާމެއަށް ގެންގޮސްދޭން މެދުވެރިވާ މާއްދާއެއް ވެސް މެ އެވެ.

މި މުހިއްމު ނިޒާމާއި އެ ނިޒާމް ރަނގަޅަށް މަސައްކަތް ކުރަން އެހީވެދޭ  އެކައްޗަކީ  ދަގަނޑު ނުވަތަ އަޔަންގެ ބަ އެވެ. ދަގަނޑުގެ ބައި ރަނގަޅަށް ނުލިބުމުން ދިމާވާ މައި މައްސަލައަކީ އަޔަން ޑެފިޝެންސީ އެނީމިއާ އެވެ.

އަޔަން ޑެފިޝެންސީ އެނީމިއާއަކީ ރާއްޖޭގެ އާބާދީގައި ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންގެ ތެރޭގައި ވަރަށް އާންމު ބައްޔެކެވެ. 

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އަންހެނުންގެ ތެރެއިން 15-49 އުމުރުފުރައިގެ މީހުންގެ %63 އަކީ އެނީމިކް މީހުންނެވެ. ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން %49.7އަކީ ވެސް ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން އެނީމިއާ ތަހައްމަލުކުރާ ކުދިންނެވެ.

ކާންވީ ކޮން ބާވަތްތަކެއް؟

ރާއްޖޭގެ ޒުވާން ޑޮކްޓަރެއް ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑރ. ފާތިމަތު ޝަރާ ޝަރީފް ވިދާޅުވި ގޮތުގައި ދަގަނޑުގެ ބައި އިތުރުކުރަން ބޭނުންކުރެވިދާނެ ގިނަ ބާވަތްތަކެއް ރާއްޖެއިން ލިބެން އެބަ ހުއްޓެވެ. އެގޮތުން ފާހަގަކުރެއްވި އެއްޗެހީގެ ތެރޭގައި؛

ހިކި މޭވާ: މިއީ ނަން-ހީމް އަޔަންއިން މުއްސަނދު ބާވަތްތަކެއް
  • 1-

    ހީމް އަޔަން ލިބޭ ތަކެތި: މަސް، ކަނޑުމަސް، ބިހުގެ ޔޯކް

  • 2-

    ނަން-ހީމް އަޔަން ލިބޭ ތަކެތި: ހިއްކާފައި ހުރި މޭވާ (ޑްރައި ފްރުޓްސް)، ގަދަ ފެހި ކުލައިގެ ފަތް. މިސާލަކަށް ސްޕިނެޗް، ބީންސް، މުރަނގަ ފަތް، މައްސާގު ފަތް (އިންޑިއަން ސްޕިނެޗް). އޭގެ އިތުރުން ފެހި އޮށް، އަދި ލެންޓިލްސްގެ އެކި ބާވަތްތައް (މުގު ފަަދަ ކާނާ)

  • 3-

    މަތީގައި އެވާ އެއްޗެހި ކާ އިރު ވިޓަމިން ސީ އެކުލެވޭ ތަކެތި (އޮރެންޖް ފަނި، ލުނބޯ ފަނި) ބޭނުންކުރުމުން ދަގަނޑުގެ ބައި ހަށިގަނޑަށް ދަމައިގަންނަ ވަރު އިތުރުކޮށްދޭ

ކަނޑުމަސް، ބިހުގެ ގޮބޮޅި، ފަތް ފަދަ އެއްޗެހިން ވެސް ދަގަނޑު ލިބޭނެ 

ދަގަނޑުގެ ބައި އިތުރުވާން ހުރަސްއަޅާ ކާނާތައް:

ޑރ. ޝަރާ ވިދާޅުވި ގޮތުގައި ދަގަނޑުގެ ބައި ހަށިގަނޑުގައި އިތުރުވުމަށް، ނުވަތަ ކެވޭ އެއްޗެއްގެ ސަބަބުން ރަނގަޅަށް ހަށިގަނޑުގައި ދަގަނޑު ހަރުލާން ހުރަސް އެޅެ އެވެ. އެފަދަ އެއްޗެހީގެ ގޮތުގައި އޭނާ މިސާލު ދެއްކެވީ؛

  • 1-

    ކޮފީ

  • 2-

    ސައި

  • 3-

    ސީރިއަލް ކަހަލަ ކާނާގެ ބޭރުގައި އޮންނަ ފަށަލަ، ނުވަތަ 'ބްރޭން'

ކޮފީ އާއި ސަައިގައި އެކުލެވޭ 'ޓެނިން' މާއްދާގެ ސަބަބުން ހަށިގަނޑަށް ދަގަނޑު ވަންނަ ހުރަސްއެޅޭ

މި ތިން ބާވަތުގައި ވެސް 'ޓެނިން' ކިޔާ މާއްދާއެއް އެކުލެވެ އެވެ. ނަތީޖާއަކީ ދަގަނޑު ފަދަަ ބައެއް މިނެރަލްތަކާއި އެހެން މުހިއްމު މާއްދާތައް ހަށިގަނޑުގައި ދެމިހުންނަން ހުރަސް އެޅުން ކަމަށް ޑރ. ޝަރާ ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ ބޮޑެތި ސިއްހީ އިދާރާތަކުން ކޮށްފައިވާ ދިރާސާތަކަށް ބަަލާއިރު  ދެކުނު  އޭޝިއާ، އަދި ހާއްސަކަށް ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ މީހުންގެ ގައިގައި ކަންބޮޑުވާ ވަރަށް ދަގަނޑުގެ ބައި މަދުކަމަށް ފާހަގަކުރެވެ އެވެ.

ނަމަވެސް މަތީގައި ބުނި ކާނާގެ ބާވަތްތައް ބޭނުންކޮށްގެން އެ ހާލަތް ރަނގަޅުކުރެވިދާނެ އެވެ. މީގައި އޮތް ތަންކޮޅަކީ ދަގަނޑުގެ ބައި މަދުވެގެން ފެންނަ އަލާމާތްތަކާ އެކު ޑޮކްޓަރަށް ދެއްކުމެވެ. އޭރުން ކަމާ ބެހޭ މާހިރުންގެ ލަފަޔާ އެކު އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެވޭނެ އެވެ.

ދަގަނޑުގެ ބައި މަދުވުމުގެ ބައެއް އަލާމާތްތައް

  • ވަރުދެރަވުން

  • ހަންގަނޑުގެ ކުލައަށް ބަދަލު އައުން

  • މޭގައި ރިއްސުން

  • ނޭވާކުރުވުން

  • ވިންދު އަވަސްވުން

  • ހަތަރެސް ފައި ފިނިވުން

  • ނިޔަފަތި ހަލާކުވުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް