ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކު، ދަރިން ތަރުބިއްޔަތުކުރުމުގެ ވައްޓަފާޅިއަށް ވެސް ބޮޑެތި ބަދަލުތަކެއް އައި

ޕޭރެންޓިން

ބެލެނިވެރިން ޓެކްނޮލޮޖީގެ ބޭނުން ފުރިހަމައަށް ހިފަންތަ؟

ދަރިން ތަރުބިއްޔަތުކުރުމުގައި ޝައްކެއް ނެތި މިހާރު އިންޓަނެޓުގެ ހިއްސާ ވަރަށް ބޮޑު. ހުޝިޔާރުކަމާ އެކުގައި ބޭނުންކުރާ ނަމަ ގިނަ ފައިދާތަކެއް ލިބުން ގާތް
28 ނޮވެމްބަރު 2023

ޓެކްނޮލޮޖީ އާއި އިންޓަނެޓުގެ ސަބަބުން އަހަރެމެންނަށް ލިބިފައި މިވާ ފައިދާތައް އެންމެ މުހިއްމުވަނީ ކާކަށްކަމާ މެދު އަހަރެންނަށް ސުވާލު އުފެދެ އެވެ. އަދި އެ ފައިދާތަކުގެ ފޮނި އެންމެ ބޮޑަށް ބޮނީ ކޮން ބައެއްތޯ ވެސް ސުވާލު އުފެދެ އެވެ. އެ ސުވާލުގެ ޖަވާބަކަށް އަންނަ އެންމެ މުހިއްމު އެއް ބަޔަކީ ބެލެނިވެރިންނެވެ.

އިންޓަނެޓަކީ ދަރިން ތަރުބިއްޔަތުކުރުމުގެ ތަކުލީފުތަކާއި ގޮންޖެހުންތަކުން އަރައިގަންނަން އެހީތެރިވާ މައުލޫމާތުގެ ހަޒާނާއެކެވެ. އެހެން ބުނެވޭ މައިގަނޑު އެއް ސަބަބަކީ، މުޅި ދުނިޔެ އެންމެންނަށް، ޓެކްނޮލޮޖީގެ ޒަރިއްޔާއިން، ހުޅުވިފައި އޮތީމަ އެވެ. އެންމެން ގުޅިފައި އޮތީމަ އެވެ.

ޓެކްނޮލޮޖީގެ އީޖާދުތަކުން ފަހިކޮށްދިން ފަސޭހަތަކުގެ ބޭނުން، ދަރިން ތަރުބިއްޔަތުކުރުމުގައި ހިފޭ ހެއްޔެވެ؟ އެއީ ބެލެނިވެރިންނަށް ބޮޑެތި ލުއިތަކެއް ގެނެސްދޭ ކަންކަމެވެ.

އެތަކެއް މައުލޫމާތު ހޯދުމުގެ ފަސޭހަކަން

އެންމެ ފުރަތަމަ ވެސް ފާހަގަކޮށްލާނީ އެންމެ ޓަޗަކުން ލިބެން ހުރި މައުލޫމާތުގެ ބިޔަ ހަޒާނާ އެވެ. ތެދެކެވެ. އިންޓަނެޓުން ފެންނަ ކޮންމެކޮންމެ މައުލޫމާތަކީ ތެދުކަމަށް ނުވިޔަސް، ފައިދާ ހުރި އެތައް ކަމެއް ދަސްވެ އެވެ. 

މިސާލަކަށް، ކުދިންގެ ސިއްހަތަށް ބަލަމާ ހިނގާށެވެ. 

ދަރިފުޅު އެއް ރޭ ކުއްލިއަކަށް ހަޅޭލަަވައިގެންފައި ނިދިން ހޭލީ އެވެ. ގިނަ ބެލެނިވެރިންނަށް ފުރަތަމަ ވެސް ކުރެވެން ފަށާނީ ނައްސި އިހުސާސްތަކެވެ. އެއީ ކިހިނެއްވެގެން ވާކަމެއް ކަން އެނގިފައި ނެތިއްޔާ އެ ނައްސިކަން ދާނީ ވިހަވަމުންނެވެ. ނަމަވެސް، އިންޓަނެޓުގެ ޒަރިއްޔާއިން، އިތުބާރު ކުރެވޭ މަސްދަރުތަކުން އެ މައުލޫމާތު ސާފުކޮށްލުމުން އެނގޭނެ ކަމަކީ، އެއީ 'ނައިޓް ޓެރާސް' ކަމަށް ވުން ގާތްކަމެވެ. އަދި، އެއީ ގިނަ އަދަދެއްގެ ކުދިން ކުރިމަތިލާ ވަރަށް އާންމު ކަމެއްކަން ވެސް އެނގޭނެ އެވެ.

ސިއްހީ މާހިރެއްގެ ލަފާ ހޯދުން އެއްކިބާކޮށްލަނީއެއް ނޫނެވެ. ސިއްހީ މީހަކަށް ދެއްކުމަކީ އެންމެ ރަނގަޅު، އެންމެ ބުއްދިވެރިގޮތެވެ. ނަމަވެސް، މައިގަނޑު ނުކުތާއަކީ އިންޓަނެޓުން ފޯރުކޮށްދިން މައުލޫމާތުން ބެލެނިވެރިންނަށް އެޅިދާނެ ފިޔަވަޅުތައް އެނގުމެވެ. ހަމައެއާއެކު، އެހެން ބެލެނިވެރިންގެ ބަހެއް ވެސް ލިބުމެވެ. 

އެފަދަ މުހިއްމު މައުލޫމާތު ލިބުމަކީ އިންޓަނެޓުން ލިބޭ އެންމެ މުހިއްމު އެއް ފައިދާ އެވެ. 'ކިޑްސްހެލްތު' ފަދަ ވެބްސައިޓުތަކުގެ ޒަރިއްޔާއިން އެފަދަ މައުލޫމާތު ފަސޭހައިން ލިބެ އެވެ.

އެހެން ބެލެނިވެރިންގެ ތަޖުރިބާތައް ދަސްވެ، އަމިއްލަ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު

އިންޓަނެޓުން އެކި ޒާތުގެ މައުލޫމާތު ލިބެ އެވެ. 'ދަރިފުޅަށް ދޭންވީ އެންމެ ރަނގަޅު ކާނާ،' 'ހެދިބޮޑުވާ އިރު ދަރިފުޅުގެ ކިބައިން އޭޑީއެޗުޑީގެ އަލާމާތްތައް ފެނުމުން ހަދަންވީ ގޮތް،' މިފަދަ އެކި މައުލޫއުތަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލެނިވެރިން އެމީހުންގެ ހިޔާލާއި ތަޖުރިބާ ފާޅުކޮށް ކޮމެންޓު ކޮށްފައި، ނުވަތަ ލިޔުން ލިޔެފައި ހުރެ އެވެ. 

އިންޓަނެޓުގެ ޒަރިއްޔާއިން އެހެން ބެލެނިވެރިންގެ ތަޖުރިބާތައް ކިޔުމުގެ އެންމެ ބޮޑު ފައިދާއަކީ، އެކި ކަހަލަ މިޒާޖާއި ހާލަތު ހުންނަ ކުދިން ބަލާ ބޮޑުކުރުމުގައި ދިމާވާ ކަންކަން އެނގިގެންދިޔުމެވެ. އެ ތަފާތުތައް ދެނެގަނެ، އެމީހުންގެ އަމަލުތަކާއި ތަޖުރިބާތަކުން، ތިމާގެ އަމިއްލަ ދަރިފުޅުގެ ހާލަތާ ކުރިމަތިލާން ސިންދަފާތު ހިޔާލުތަކާއި އުކުޅުތައް ދަސްވެ އެވެ.

ކުދިންގެ ހަބަރު އަބަދުވެސް ބަލައިލެވޭ

ސްމާޓް ފޯން ބޭނުންކޮށްގެން ކޮންމެ ތާކު ހުރެ ވެސް ދަރިންގެ ހާލު ބަލާލެވޭ

މި ފައިދާ ހާއްސަ ވަނީ އޮފީހުގައި އުޅޭ، ނުވަތަ މަސައްކަތަށް ރަށުން ބޭރަށް، ގައުމުން ބޭރަށް، ނުވަތަ އެ ނޫނަސް ދަރިފުޅާ ދުރަށް ދާން ޖެހޭ ބެލެނިވެރިންނަށެވެ. މިހާރު ކޮންމެ ޗެޓް ޕްލެޓްފޯމަކުން ވެސް ގޭގައި އިން ދަރިފުޅަށް ވީޑިއޯ ކޯލްކޮށް ހެދެ އެވެ. އަބަދުވެސް ދަރިފުޅުގެ ހާލަތު، ނުވަތަ ވީ ކޮންތާކުތޯ ބަލާލެވެ އެވެ. 

ދަރިފުޅުގެ ހެދިބޮޑުވުމާ ގުޅޭ ލަފާ އެކި އެޕްތަކުން

ބޭބީ ސްޕާކްސް އަކީ އެފަދަ އެއް އެޕެވެ. ހާއްސަކޮށް އެކަނިވެރި ބެލެނިވެރިންނަށް ވަރަށް ބޭނުންތެރި މިފަދަ އެޕްތައް މެދުވެރިކޮށް ކުއްޖާއާ ބެހޭ އެކި ކަންކަމުގެ މައުލޫމާތު އެއްތަނަކުން ހޯދެ އެވެ.

މިސާލަކަށް ބޭބީ ސްޕާކްސް އެޕު މެދުވެރިކޮށް ލިބޭ ބައެއް ފަސޭހަތަކަކީ، ސިއްހީ މާހިރުންގެ ލަފާ ހޯދައިގެން މައުލޫމާތު އެކުލަވާލާފައި ހުރުން، ވަރަށް ގިނަ މައުލޫއުތަކުގައި އެހެން ބެލެނިވެރިންގެ ހިޔާލާއި ތަޖުރިބާ ކިޔަން ލިބުން އަދި ދަރިފުޅު ހެދިބޮޑުވުމުގައި ފާހަގަވާ ކަންކަން ޓްރެކްކުރުމުގެ ފުރުސަތު ލިބުމެވެ. 

ޒަމާނީ އެޕުތަކުގެ ޒަރިއްޔާއިން ބެލެނިވެރިންނަށް، އެއް ތާކުން އެެތަކެއް އަގުހުރި މައުލޫމާތު ލިބޭ

ޓެކްނޮލޮޖީގެ އީޖާދުތައް ތައާރަފްވުން ވަރަށް ހަލުވި އެވެ. އެ ތަރައްގީ އާއި އަލަށް އުފައްދާ ވަސީލަތްތަކަށް އަޕްޑޭޓްވެ ހުރުން އެންމެ ބުއްދިވެރި ގޮތަށް ވަނީ ތިމާގެ ހަޔާތަށް ގެނެސްދޭ ލުއިތަކާއި ހުޅުވޭ ހެޔޮ ފުރުސަތުގެ ދޮރުތަކުގެ ސަބަބުންނެވެ. ހާއްސަކޮށް ބެލެނިވެރިއަކަށް، ދަރިންގެ ތަރުބިއްޔަތާ ބެހޭގޮތުން ވިޔަސް، ކުއްޖާ މުނިފޫހިފިލުވާނެ ގޮތްތައް ކަމަށް ވިޔަސް، ލިބޭ އައު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެންމެ ހެޔޮ ގޮތް އިހުތިޔާރު ކުރެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް