ގާޒާގެ ހާން ޔޫނިސްގެ ހާލިދު ނަބާން އޭނާގެ ޝަހީދުވެފައިވާ ކާފަ ދަރިފުޅު ރީމް އަލީ ބަދްވާން އަތްމައްޗަށް ލައިގެން

ލިވިން

'އެއީ މަގޭ ފުރާނައިގެ ފުރާނަ'

ފަލަސްތީނުގެ ހާން ޔޫނިސްގެ ކާފައެއް ކަމަށްވާ ހާލިދު އޭނާގެ ޝަހީދުވި އުމުރުން ފަސް އަހަރުގެ ދަރިފުޅު ސިފަކުރީ އޭނާގެ 'ފުރާނައިގެ ފުރާނަ' ގޮތުގައި
27 ނޮވެމްބަރު 2023

މުހިންމު ނުކުތާތައް

ރީމް އާއި އޭނާގެ ކާފަގެ އޮންނަނީ އާދަޔާ ހިލާފު ބޮޑު ލޯތްބަކާއި ގާތްކަމެއް

ދުނިޔޭގެ ގިނަ ބަޔަކަށް މި ދެބަފައިންގެ ލޯބި ފެނި ވަނީ ފުން އަސަރެއްކޮށްފައި

ކުރެހުންތެރިން އަންނަނީ އެކި ގޮތްގޮތަށް އެ މަންޒަރު ސިފަކޮށްދީ، ސޯޝަލް މީޑިއާގައި ހިއްސާކުރަމުން

'އެއީ މަގޭ ފުރާނައިގެ ފުރާނަ' އެވެ.

އިޒްރޭލުގެ ލާއިންސާނީ އަނިޔާ އިން ޝަހީދުވެފައިވާ އުމުރުން ފަސް އަހަރުގެ ރީމް އަލީ ބަދްވާން ނަގާ ދެ އަތް މައްޗަށް ލައި، ބައްދާލާ ވީޑިއޯ ވައިރަލްވި އެވެ. އެއީ އެ ކުއްޖާގެ ކާފަ ހާލިދް ނަބާން އެވެ. 

ގާޒާގެ ހާން ޔޫނިސްގައި ދިރިއުޅޭ ހާލިދް އޭނާގެ ކާފަ ދަރިފުޅު ސިފަކުރީ އޭނާގެ "ސޯލް އޮފް މައި ސޯލް" ނުވަތަ 'ފުރާނައިގެ ފުރާނަ ގޮތުގަ' އެވެ. އެ އިންޓަވިއު ބަލާފައި އެތައް ބަޔަކަށް ރޮވުނެވެ. 

އުމުރުން ފަސް އަހަރުގައި ޝަހީދުވި ރީމް އަލީ ބަދްވާން

ރީމް ޝަހީދުވީ 22 ނޮވެމްބަރުގައި އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގަ އެވެ. ރީމްއާ އެއްކޮށް އޭނާގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮ ތާރިގް އާއި ރީމްގެ މަންމަ ވެސް ވަނީ ޝަހީދުވެފަ އެވެ.

ރީމްއާ ގުޅޭ ގޮތުން ހާލިދް ބުނީ ރީމްއަކީ އޭނާގެ ހިތާ ވަކިން ބޮޑަށް ކައިރި ކުއްޖެއް ކަމަށެވެ. ހާލިދު ބުނި ގޮތުގައި ކާފަ ދަރިފުޅު އުފަންވީ އޭނާ ވެސް އުފަންވި 23 ޑިސެމްބަރުގަ އެވެ.  

ޝަހީދުވުމުގެ ކުރިން ރީމް އޭނާގެ ކާފަގެ ކައިރީގައި ކޮންމެ ދުވަހަކު ހެން ދައްކަނީ ދޮންކޭލާއި ކަރާގެ މީރު ވާހަކަ އެވެ. ހަނގުރާމައިގެ ކުރިން ރީމް އަކީ އަބަދުވެސް ހާލިދާ އެކު ވަގުތު ހޭދަކުރި ކުއްޖެކެވެ. މަސައްކަތުން އެނބުރި ގެއަށް އައުމުން ފުރަތަމަ ވެސް ހާލިދަށް ސަލާން ގޮވައި، ބައްދާލާ ހަދާނީ ރީމް ކަމަށް އޭނާ ބުންޏެވެ. 

ރީމްގެ އިސްތަށިގަނޑު ދެ ފަށަށް އައްސާ ސްޓައިލް ކުރަނީ ވެސް ހާލިދު އެވެ.

ކާފަ ދަރިފުޅުގެ ހަށިގަނޑު ހާލިދަށް ފެނުނީ 100 އެއްހާ މީހުންގެ ހަށިގަނޑާ އެކު ބިންމަތީ ބާއްވާފައި އޮއްވަ އެވެ. ހިރަފުހުން ފޮރުވިފައި އޮތް ދަރިފުޅުގެ މޫނު ސާފުކޮށްލި އެވެ. ރީމް އޮތީ މަރުވެފައިކަން ގަބޫލުކުރަން ވެސް އުނދަގޫވި އެވެ. ހީވީ ނިދާފައި އޮތްހެން ކަމަށް އިންޓަވިއުގައި ހާލިދު ބުންޏެވެ.

ރީމްގެ ހަނދާނެއްގެ ގޮތުން އޭނާގެ އަތުގައި މިހާރު އޮތީ ކަންފަތުލާ އެއްޗެކެވެ.

އިޒްރޭލްގެ ހަމަލާތަކާ ދެކޮޅަށް ގާޒާގެ ރައްޔިތުން ދައްކާ ހިތްވަރަށް މުޅި ދުނިޔެ ހައިރާންވެ އެވެ.

"ހާލިދުގެ އިންޓަވިއުގައި ވެސް ފެނުނީ އެ މަންޒަރެވެ. އީމާންތެރިކަން ވަރުގަދަކަމާ އެކު ރީމްގެ ކާފަ ހާލިދު ބުނަނީ 'އަހަރެން ޝަކުވާކުރަނީ ﷲއަށް އެކަނި. އަހަރެންގެ ހިތް ހަލާކުވެފައި އޮތް މިންވަރު އެނގިވަޑައިގަންނަވާނީ އެކަލާނގެއަށް އެކަނި. އަދި ﷲ އިންސާފު ގާއިމްކުރައްވާނެ،" ހާލިދު ބުންޏެވެ.

އަހަރެން ޝަކުވާކުރަނީ ﷲއަށް އެކަނި. އަހަރެންގެ ހިތް ހަލާކުވެފައި އޮތް މިންވަރު އެނގިވަޑައިގަންނަވާނީ އެކަލާނގެއަށް އެކަނި. އަދި ﷲ އިންސާފު ގާއިމްކުރައްވާނެ

ހާލިދު ނަބާން

ކުރެހުންތެރިން މިހާރު އަންނަނީ ރީމްގެ ހަށިގަނޑާ އެކު ހާލިދު ހޭދަކުރި އެންމެ ފަހު ވަގުތުކޮޅުތައް ތަފާތު ގޮތްގޮތަށް ކުރަހަމުންނެވެ. ފަލަސްތީނާ އެކު ތިބި ކަން ދެއްކުމަށާއި އިޒްރޭލްގެ އަނިޔާތައް ކުށްވެރިކޮށް ލޭއޮހޮރުވުން ހުއްޓާލަން ހާލިދުގެ ބަސްތައް ވެސް އަންނަނީ ބޭނުންކުރަމުންނެވެ.

މުޅި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިއަދު ދައުރުވަމުން ދަނީ މި ދެބަފައިންނެވެ. ދުނިޔޭގެ އެކި ކުރެހުންތެރިންގެ ހިޔާކުތަކުގެ ތެރޭގަ އެވެ. ޑިޖިޓަލްކޮށް ވެސްމެ އެވެ.

  • މަރުވެފައި އޮތް ރީމްގެ ހަށިގަނޑުގައި އޭނާގެ ކާފަ ބައްދާލާތަން ކުރެހުންތެރިންގެ ނަޒަރުން (ފޮޓޯ އެކެްސް)
  • މުޅި ދުނިޔެއަށް މިހާރު ފެތުރިފައި ވަނީ ރީމް އާއި ހާލިދުގެ ކުރެހުންތައް (ފޮޓޯ އެކެްސް)
  • އެކ ކުރެހުންތެރިން އެކި ގޮތްގޮތަށް އަންނަނީ ރީމްގެ އެ ވަގުތުކޮޅު ދައްކައިދެމުން (ފޮޓޯ އެކްސް)
  • ހާލިދަށް ކޮންމެ ދުވަހަކު ގެއިން ފުރަތަމަ ސަލާން ގޮވާލަނީ ރީމް
  • ހާލިދު ބުނާ ގޮތުން ރީމް އޮތީ އޭނާގެ ހިތާ ވަރަށް ބޮޑަށް ގުޅިފައި

މަތީގައި އެ ވަނީ ރީމްގެ ހަނދާނާއި އޭނާގެ ކާފަގެ އަސަރު ގަދަ ބަސްތައް އެކި ކުރެހުންތެރިން ސޯޝަލް މީޑިއާއަށް ދޫކޮށްލި ގޮތުގެ ބައެއް މަންޒަރުތަކެވެ.

މި ޓްރެންޑްގައި ދިވެހި އާޓިސްޓުން ވެސް ބައިވެރިވާން ފަށައިފި އެވެ. އެމީހުންގެ ވެސް ހުރީ އެއް އިހްސާސްތަކެެކެވެ. އެއް ޝުއޫރުތަކެކެވެ. ހަންޑްރެޑް ހިއުސް އަކީ އިލަސްޓްރޭޓަރު އައިޝަތު ރައުފާ އޭނާގެ މަސައްކަތް ދައްކަލާ އިންސްޓަގްރާމް ޕޭޖެކެެވެ.

މީގެ ކުރިން ވެސް އޭނާ ވަނީ ފަލަސްތީނަށް އޮތް ތާއިދު ދައްކާލަން އޭނާގެ ހުނަރު ބޭނުންކޮށްފަ އެވެ. މިފަހަރު ދައްކާލީ ތުއްތު ރީމް އެވެ. 'ސޯލް އޮފް މައި ސޯލް' ސިފަކޮށްދިނީ އުފާވެރިކޮށެވެ. ރައުފާގެ ދުއާއަކީ މި ދެބަފައިން ސުވަރުގެ އިން އަލުން ބައްދަލުވުމެވެ.

"އާމީން،" އެއީ އަހަރެމެން އެންމެންގެ ވެސް ދުއާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް