މުއުތާޒް ހިލާލް އަޒާއިޒާ: ގާޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާ މުޅި ދުނިޔެއަށް ދައްކައިދޭން ސާބިތުވެ ހުރި ހީވާގި ރިޕޯޓަރެއް

ގާޒާ

މުއުތާޒް އަޒާއިޒާ: ފަލަސްތީނު މީހުންގެ ގަދަ ހިތްވަރުގެ ރަމްޒެއް

ރެފިއުޖީ ކޭމްޕެއްގައި އުފަންވި 24 އަހަރުގެ މުއުތާޒް މުޅި ދުނިޔެ މިހާރު ދަންނަނީ ބަތަލެއްގެ ގޮތުގައި
24 ނޮވެމްބަރު 2023

"ދުވަހަކުވެސް މަގޭ ލޮބުވެތި ބިން ދޫކޮށެއް ނުދާނަން. އަދި މަ [މަރުވެގެން] ދިޔަޔަކަސް އަަހަރެންގެ އަހުން އެބަ ތިބި [ގާޒާގެ] ހަގީގަތް ދުނިޔެއަށް ދައްކަން،" މުއުތާޒް ހިލާލް އަޒާއިޒާ މިދިޔަ ހޯމަ ދުވަހު އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުންޏެވެ. 

އޭނާގެ މަސައްކަތް ހުއްޓާލުމަށް އެކި ދިމަދިމާލުން އިންޒާރު ލިބެމުންދާ ކަމަށް ވެސް މުއުތާޒް ބުންޏެވެ. އަދި ގާޒާއަށް އިޒްރޭލުން ދެމުންދާ ރަހުމުކުޑަ ހަމަލާތަކުގެ ހަބަރު ދުނިޔެއަށް ދެއްކުން ހުއްޓާލާފައި ރަނގަޅު ހަޔާތެއް ހޯދުމަށް ގާޒާ ދޫކޮށް ދިއުމުގެ ފުރުސަތު އެކި ފަރާތްތަކުން ހުށަހަޅަމުންގެންދާ ކަމަށް ވެސް 24 އަހަރުގެ މުއުތާޒް ލިޔުނެވެ. އެ އިންޒާރުތަކާއި ފުރުސަތުތަކުގެ ރައްދުގައި އޭނާ ބުނަން އޮތީ ހަމަ އެންމެ އެއްޗެކެވެ. އޭނާގެ ވަތަން ދޫކޮށްލާފައި ދުވަހަކުވެސް ނުދާނެ ކަމެވެ. 

ގާޒާގެ ދޭރް އަލް-ބަލަހް ރެފިއުޖީ ކޭމްޕުގައި 1999 ވަނަ އަހަރު އުފަންވި މުއުތާޒްގެ އިންސްޓަގްރާމް އެކައުންޓު މިހާރު 14.9 މިލިއަން މީހުން ފޮލޯކުރެ އެވެ. އެ މީހުންނަށް ކޮންމެ ދުވަހަކުމެ ފެންނަނީ ގާޒާގެ ރައްޔިތުން، ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން، ބަލާލަން ނުކެރޭހާ ވެސް އަނިޔާވެރިކޮށް ޝަހީދުވެފައި ތިބި ތަނެވެ. ސްކޫލު އިމާރާތްތަކާއި މީހުންގެ ގެދޮރާއި ހޮސްޕިޓާތައް ސުންނާފަތިވެ، ބިމާ ހަމަވެފައިވާ މަންޒަރުތަކެވެ. އަދި އެ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ނުވަތަ މަރުވެފައި ތިބި މީހުންގެ މަންޒަރުތަކެވެ. އިޒްރޭލުން ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި ފަލަސްތީނުގެ ރައްޔިތުން ހުށަހަޅަމުންދާ ނަސްލު ނައްތާލުމުގެ އަމަލެވެ. 

އޮކްޓޯބަރު 7 އިން ފެށިގެން އަދަށްދާންދެން 47 ދުވަހު މެދުނުކެނޑި އިޒްރޭލުން ފަލަސްތީނަށް ދީފައިވާ ހަމަލާތަކުގެ ސަބަބުން 14،300 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފަ އެެވެ. އޭގެ ތެރެއިން 6،000 އަކީ ކުޑަކުދިންނެވެ. އެ ހަމަލާތަކުގެ ސަބަބުން ޒަހަމްވެފައިވާ މީހުންގެ އަދަދު ގާތްގަނޑަކަށް 33،000 އަށް އަރަ އެވެ. އޭގެ %70 އަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

މުއުތާޒްއަކީ މިހާރު ގާޒާގައި ތިބި މަދު، ނަމަވެސް ވަރުގަދަ އަޒުމަކާއި ދެވަނައެއްނެތް ވަރުގެ ހިތްވަރު ހުރި ރިޕޯޓަރުންގެ ތެރެއިން އެކަކެވެ. މިހާތަނަށް އިޒްރޭލުން ފަލަސްތީނުގެ މަދުވެގެން 53 ރިޕޯޓަރުން މަރާލައިފި އެވެ. ގިނަ ބަޔަކު ދެކޭގޮތުގައި އޭގެ އަޑީގައި އޮތީ އެމީހުންގެ އަނިޔާވެރިކަން ފޮރުވުމާއި ފަލަސްތީނުގެ ހާލަތު ދުނިޔެއަށް ދައްކަން އުޅޭ އެންމެން ވެސް 'ފޮހެލުމުގެ' ނިޔަތެވެ. 

ބަތަލެއްގެ ނަމޫނާ

ޒުވާން މުއުތާޒް އެ ގެންދަނީ، އަހަރެމެންނަށް ފޯނުގެ ސްކްރީނުން ވެސް ބަލާލަން ބައެއް ފަހަރު ނުކެރޭ މަންޒަރުތައް ހަމަލޮލުން ހެކިވެ، މުޅި ޖިސްމާއި ނަފްސުން ތަޖުރިބާކޮށް، އަމިއްލަ ގައުމުގެ އަހުންނާއި އުހުތުންގެ ފުރާނަ ކޮންމެ ދުވަހަކުމެ ބަލަމުން، އެ މަންޒަރުތައް މުޅި ދުނިޔެއަށް ފޯރުކޮށްދެމުންނެވެ. ހަގީގަތުގައި ވެސް އާޝޯހުވާވަރުގެ ހިތްވަރެކެވެ. 

އޮކްޓޯބަރު 6 ގައި އޭނާގެ އިންސްޓަގްރާމް އެކައުންޓުން ދައްކާލި ފުރަތަމަ ތަސްވީރަކީ ޖައްވުން، ވިލާތަކުގެ މަތިން ގާޒާ ސްޓްރިޕްގެ ފޮޓޮއެކެވެ. އެ ތަސްވީރުގެ ކުރިން ފެންނަނީ ހިނިތުންވެގެން ހުރި ކުޑަ އަންހެންކުއްޖެކެވެ. އޭނާގެ ފަހަތުގައި އޮއްސޭ އިރުގެ މަޑު ކުލަތަކުން އުޑުމަތި ވަނީ ޒީނަތްތެރިކޮށްލާފަ އެވެ. މޫދު ވެސް ފަނޑު ރަން ކުލައަކުން ދިއްލާލާފަ އެވެ. 

މުއުތާޒްގެ ފޮޓޯތައް ހާވާލިއިރު އަހަރެންގެ ހިތަށް ވެރިވެގަތީ ތަފާތު ޖަޒުބާތުތަކެކެވެ. ގާޒާގެ ދިރިއުޅުމާއި ރައްޔިތުންގެ އުފާ، ކުޑަކުދިންގެ ހިނިތުންވުމާއި ދުވަސްވީ މީހުންގެ ތަސްވީރުތައް ނަގަމުން އައި މުއުތާޒް، އޭނާ ކުރިން ފޮޓޯ ނަގަން އެހާމެ ޝައުގުހުރި ތަންތަން ސުންނާފަތިވެފައިވާ ތަނާއި އަދި އެ ރައްޔިތުން ޝަހީދުވެފައިވާ ތަން ތަޖުރިބާ ކުރުމަކީ ކޮން ކަހަލަ އިހުސާސްތަކެއް އޭނާގެ ހިތުތެރޭ އުފެދޭނެ ކަމެއް ހެއްޔެވެ؟

އެ ސުވާލުގެ ޖަވާބު ފުރިހަމައަށް ހިޔާލަކަށް ނުގެނެވެ އެެވެ. ޔަގީންވާ އެއް ކަމަކީ އެއީ އިންސާނެއްގެ ރޫހު ފުނޑުފުނޑުކޮށްލާހާ އަސަރުގަދަ އިހުސާސްތަކެއް ކަމެވެ. ނަމަވެސް، މުއުތާޒްގެ ފަރާތުން ފެންނަނީ ފަލަސްތީނުގެ އެންމެހާ ރައްޔިތުންގެ ކިބައިން ފެނިގެންދާ ހިތްވަރުގަދަކަމެވެ. އެފަދަ އަނިޔާވެރިކަމާއި ލޭއޮހޮރުވުމާއި މަރުގެ ތެރޭގައި ދިރިއުޅެމުން އެދަނީ ގައުމީ ރޫހު އެއްވެސް ވަރަކަށް ބީވެދިއުމަށް ފުރުސަތު ނުދީ އެވެ. ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފެންނަ އީމާނާއި ފަސްނުޖެހުން މުއުތާޒް ރަމްޒުކޮށްދެ އެވެ.

ގާޒާގެ ރީތިކަން ދައްކައިދެނީ ލޯތްބާ އެކު

އޮކްޓޯބަރު 7 ގައި މުއުތާޒް ތިބީ އެންމެ 25،000 އެއްހާ ފޮލޯވަރުންނެވެ. އެ މީހުންނަށް މުއުތާޒް ދައްކައިދިނީ، ގާޒާގެ އާންމުކޮށް ނުފެންނަ، ނުވަތަ މީޑިއާތަކުން ނުދައްކާ ޗާލުކަމާއި ރިވެތިކަމާއި އުފަލެވެ. 

ބައެއް ފޮޓޯތައް ފެނިފައި ކޮސްވެ އެވެ. އަނެއްބައި ފޮޓޯތަކުން ހިތް ފުރާލަނީ އަރާމު ފިންޏަކުންނެވެ. ހަމައެއާއެކު، ޝައުގުން ވެސް މެ އެވެ. 

މިފަހުން މުއުތާޒް 'ދަ ނިއު އަރަބް'އަށް ދިން އިންޓަވިއުއެއްގައި، އޭނާގެ ލޮބުވެތި ގާޒާގެ ރީތިކަމާއި ސަގާފަތާއި ރައްޔިތުންގެ ފޮޓޯތައް ނެގި ހަނދާން، ހިތާމަޔާ އެކު އާވާ ކަމަށް ބުންޏެވެ. 

މިހާރު އޭނާއަށް މަޖުބޫރުވެފައި ވަނީ 24 ގަޑިއިރުހެން ހުޝިޔާރުވެ ހުރުމަށެވެ. އިޒްރޭލުގެ ހުރިހާ އަނިޔާވެރިކަމެއް ދުނިޔެއަށް ދެއްކުމުގެ ނިޔަތް ގަނެގެން ހުރި މުއުތާޒްގެ ޒިންމާތައް އަދި އެހިސާބަކުން ނުނިމެ އެވެ. އޭނާއަކީ، އެކަންކަން ރިޕޯޓު ކުރުމުގެ އިތުރުން އޭނާގެ އާއިލާއަށް ކާނާ އާއި ފެނާއި އަސާސީ ތަކެތި ފޯރުކޮށްދޭން ހުރި މީހާ އެވެ. އަދި، އޭނާ ދިން އިންޓަވިއުގައި، އޭނާގެ އާއިލާގެ ޒިންމާތަކަކީ އޭނާއަށް ހިތްވަރު ލިބޭ، ހުއްޓާނުލާ ކުރިއަށް ދިއުމުގެ ރޫހު އޭނާގެ ޖިސްމުގައި އާލާވާ ސަބަބެެއްކަން ފާހަގަކުރި އެވެ. 

އިޒްރޭލުން ދަނީ ނޫސްވެރިންނަށް ވަކިން ޝިކާރަ ޖަހަމުންނެވެ. މަދުވެގެން 53 ނޫސްވެރިން މިހާރު ވެސް މަރާލާފައިވާ ކަމަށް ގިނަ ހަބަރުުތަކުން ބުނެ އެވެ. އަދި އެ ހިސާބުން ނިންމައެއް ނުލަ އެވެ. ނޫސްވެރިންގެ އާއިލާ ވެސް މަރާލަ އެެވެ. މުއުތާޒްގެ އާއިލާގެ 15 މެމްބަރުން ވެސް އިޒްރޭލުގެ ރޮކެޓު ހަމަލާތަކުގައި ވަނީ ޝަހީދުވެފަ އެވެ. 

ބިރުވެރިކަމާއި، އުއްމީދުގެ ހިލަމެއް ވެސް ގެންގުޅެން އުނދަގޫ ދަނޑިވަޅެއްގައި ފަލަސްތީނުގެ ރައްޔިތުން ދައްކާ ހިތްވަރާއި އަޒުމު ފެނި ދުނިޔޭގެ ގިނަ ބަޔަކު ތިބީ ކޮސްވެފަ އެވެ. 

މުއުތާޒްގެ މަސައްކަތުން ފެނިގެންދަނީ އެ ހިތްވަރެވެ. އޭނާގެ ހިތުގައި ބިންވަޅުނެގިފައި އެ އޮތީ މުޅި ގާޒާގެ، މުޅި ފަލަސްތީނު ރައްޔިތުންގެ ފަސްނުޖެހޭ އަޒުމެވެ. ވެއްޓޭ ބޮމަކުން، ޖަހާލާ ވަޒަނަކުން ނުވަތަ ފުނޑުފުނޑުކޮށްލާ އިމާރާތެއްގެ ދަށުވެގެން މީހާގެ ފުރާނަ ދާނީ ކޮން އިރަކު ކަމެއް ނޭނގޭ ހާލުގައި ވެސް، ގާޒާގެ ހާލަތު ދުނިޔެއަށް ދެއްކުން ހުއްޓާނުލުމުގެ އަޒުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް