އިޒްރޭލާ ދެކޮޅަށް އިއްޔެ މާލޭގައި ބޭއްވި މުޒާހަރާ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ލިވިން

މުޒާހަރާގައި ދިވެހިން ދައްކައިދިނީ އިލޮށިފަތި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނަށް ތާއީދުކޮށް ބާއްވާ މުޒާހަރާތަކުގައި އެބައެއްގެ އާދަކާދަ އާއި ސަގާފަތުގެ ހަރަކާތްތައް ވެސް އަންނަނީ ބޭނުން ކުރަމުން
21 ނޮވެމްބަރު 2023

އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ގޮވާލާ އިއްޔެ ވެސް މާލޭގައި މުޒާހަރާކުރި އެވެ. ރައްޔިތުންގެ މަޖްލިސް ކައިރީގަ އާއި ފޮރިން މިނިސްޓްރީ ދޮށަށް އެއްވި އެވެ.

މުޒާހަރާގެ ބައިވެރިން އެއް ތަނުން އަނެއް ތަނަށް ދިޔުމަކީ މާ އާދަޔާ ހިލާފު ކަމެއް ނޫނެވެ. އެކަމަކު ފަލަސްތީނާ އެއްކޮޅަށާއި އިޒްރޭލާ ދެކޮޅަށް އަޑުއުފުލަން ދިވެހިން މިހާރު ކުރާ މުޒާހަރާތަކުގައި ބޭނުންކުރާ ބައެއް އެއްޗެހި ވަރަށް ތަފާތެވެ. 

ފަލަސްތީނުގެ ހައްގުގައި ކުރާ މުޒާހަރާތަކުގައި ގިނައިން ފެންނަނީ އެފަދަ ހަރަކާތްތަކަށް އާ މޫނުތަކެއް (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
މި މުޒާހަރާތަކުގައި ޟދިވެހިންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ބުނެދޭ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އަޑުއުފުލުމަކީ ގިނައިން ޒުވާނުންނެވެ. ބައެއް މީހުން އެގޮތަށް މަގުމައްޗަށް ނުކުމެ އަޑުއުފުލަނީ އަލަށެވެ. ގެންގުޅެނީ ކުލަ ގަދަ ލިއުންތަކެވެ. އަމިއްލަ އަތުން ކުރަހާފައި ހުންނަ ވަރުގަދަ މެސެެޖުތަކެވެ. އޭގެ ތެރެއިން އެއް ބޯޑު ލޮލުގައި އަޅައިގަތެވެ. ސަބަބަކީ އޭގައި، ދިވެހިންގެ ސަގާފީ އާލާތެއް ކަމަށްވާ އިލޮށިފަށި ބޭނުންކޮށްފައި ހުރުމެވެ. 

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯއެއް ޖަހައި، އޭގައި އޮތީ އިލޮށިފައްޗެއް ހަރުކޮށްފަ އެވެ.

އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލި މުޒާހަރާގެ ބައިވެރިންގެ ކުރިމަތީގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

"ވީ ޑޯންޓް ވޯންޓް ޔުއާ ބްލަޑް މަނީ" މިއީ އެ ބޯޑުގައި ރަތް އަކުރުން ޖަހާފައި އޮތް ލިއުންކޮޅެވެ. މިއީ ދިވެހިންގެ ވަރުގަދަ ސްޓޭޓްމަންޓްއެކެވެ.

އިލޮށިފައްޗަކީ ހަމައެކަނި ކުނިކަހަން، ނުވަތަ ތަންތަން ސާފުކުރަން ގެންގުޅުނު އެއްޗެއް ނޫނެވެ. އެއީ ކުރިން އަދަބު ދޭން ވެސް ބޭނުންކުރި އެއްޗެކެވެ. އިލޮށިފަތިން ޖަހާ ބޮނޑިއެއްގައި ދިލަ ހުންނާނެ އެވެ.

އުމުރުން މިހާރު 30 އަހަރުން މައްޗަށް ގޮސްފައި ތިބި ބައެއް ޒުވާނުންނަށް ގޭގައި އިލޮށިފަތީގެ ހޫނުކަން ހުންނާނީ އިހުސާސްކުރެވިފަ އެވެ. މައިންބަފައިން ނުރުހޭ ގޮތަކަށް އުޅެވިއްޖެ ނަމަ، އެކުދިން އެންމެ އަވަހަށް ފޮރުވާނީ ވެސް އިލޮށިފައްޗެވެ. ގެއަށް އާ އިލޮށިފައްޗެއް ގެންނަ ދުވަހުގެ ނުތަނަވަސްކަން ވެސް އެހާމެ ބޮޑެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯގެ މޫނަށް އަމާޒުކުރީ އިލޮށިފަތި (ފޮޓޯ/ ނަވިން ސައީދު)

ނަތަންޔާހޫއަށް ދިވެހިން ދިން މެސެޖަކީ ވެސް އެ އެވެ. އެމީހުންގެ ރުޅިވެރިކަމުގެ ދިލަ އާއި ހޫނު ބޮޑުކަމެވެ.

އިލޮށިފަތި އެކަންޏެއް ނޫނެވެ. ފާހަގަކުރެވޭ އަނެއް ކަމަކީ، މި މުޒާހަރާތައް ތަފާތުކަމެވެ. ކަމާ ގުޅޭ މީހާއާ ބައްދަލުކޮށް ބޭނުންވާ ކަންކަން ވަގުތުން ވަގުތަށް ބުނެދެ އެވެ. އިއްޔެގެ މުޒަހަރާގައި ފޮރިން މިނިސްޓްރީ ދޮޮށަށް ގޮސް އާ ފޮރިން މިނިސްޓަރާ ބައްދަލުކުރި އެވެ. ކަންބޮޑުވުންތައް ފާޅުކުރި އެވެ. މިއީ ދެކޮޅަށް ވެސް މޮޅެކެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ

މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ނަވީން ސައީދު ބުނީ އޭނާއަކީ މީގެ ކުރިން ދުވަހަކު ވެސް ސިޔާސީ ނުވަތަ އެނޫން ވެސް ކަމެއްގައި މުޒާހަރާކުރި މީހެއް ނޫން ކަމަށެވެ. 

ނަމަވެސް މި މުޒާހަރާއާ ގުޅުނީ ފަލަސްތީނުގައި ކުރިއަށްދާ ގަތުލުއާއްމު ހުއްޓުވަން މުޅި ދުނިޔެ ތެދުވެގެން އުޅޭ އިރު، އޭނާ ވެސް އޭނާގެ 'ކޮމްފޯޓް ޒޯން' އިން ބޭރުވާން މަޖުބޫރުވީ ކަމަށް ބުންޏެވެ.

"ހިތަށް ކުޅަދާނަ ނުވެގެން. ކުރެވެން ހުރި ކަމެއް ކުރުމުގެ ނިޔަތުގައި ނުކުތީ،" ނަވީން ކިޔައިދިނެވެ.

އޭނާއަކީ، ނަވީން ބުނި ގޮތުގައި، 'ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ރައްޔިތެކެ'ވެ.

"އެގާރަ އަހަރު އެމްއެންޑީއެފްގައި މަސައްކަތްކުރި މީހެއް. ފަލަސްތީނުގައި ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވަން، ހަމްދަރުދީވެ އެއްކަހަލަ ހިޔާލުތަކެއް ހުރި ބަޔަކާ މި ގުޅުނީ،" ނަވީން ބުންެޏެވެ.

ދިވެހިން ކުރަމުން އަންނަ މުޒާހަރާއެއްގައި ހިތްހަމަނުޖެހުން ފާޅުކުރަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް) (ފޮޓޯ/ ނަވިން ސައީދު)

ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރާ ނަވީން މި މުޒަހާރާގެ މަންޒަރުތައް ދައްކަނީ އިންސްޓަގްރާމް ލައިވް އާއި ޓިކްޓޮކް ލައިވްގަ އެވެ. އޭނާގެ ލައިވްތައް އެތައް ބަޔަކު އެއްފަހަރާ ބަލަ އެވެ. މުޒަހަރާގައި ބައިވެރިނުވެވުނަސް ހިތްވަރުދެ އެވެ. މިއީ ވެސް ތަފާތެކެވެ.

ދިވެހިރާއްޖޭގެ އިތުރުން، މުޅި ދުނިޔޭގައި ވެސް މުޒަހަރާ ކުރާ ބައިވެރިން އެމީހުންގެ އަޑުތައް އިއްވާށާއި ސަމާލުކަން ހޯދަން ތަފާތު ކަންކަން ކުރެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގޮވާލަން ރައްޔިތުން މަޖިލީހާއި ފޮރިން މިނިސްޓްރީ ދޮށުގައި މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ފާހަގަކޮށްލެވޭ އެއް ކަމަކީ، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމުތައް ކުށްވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒަހާރާ ކުރާ އިރު އެބައެއްގެ ސަގާފަތާއި އާދަކާދައިގެ ނިޝާންތައް ހިމެނޭކަމެވެ. 

އޮސްޓްރޭލިއާގެ ސިޑްނީގައި ފަލަސްތީނަށް އޮތް ތާއީދު ދައްކަން ކުރި މުޒާހަރާއެއްގައި  އެމެރިކާގެ ރައީސްގެ ފޮޓޯއެއްގައި ފައިވާން ކިބައެއް ތަތްކޮށްފައި އޮތް ފޮޓޯ ވައިރަލްވި އެވެ. އެއް ބަޔަކު މިކަން ސިފަކުރީ އިރާގުގެ ނޫސްވެރިޔާ، މުންތަަޒަރު އަލް ޒައިދީ، 2008ގައި އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ބުޝްއާ ދިމާލަށް، ލައިވް ޕްރެސްއެއްގައި، އަމިއްލަ ބޫޓު އެއްލުމުގެ ހަނދާންތައް އާކުރުމެއްގެ ގޮތުގަ އެވެ.

މީގެ އިތުރުން ސިޑްނީގައި އިޒްރޭލުގެ އުޅަނދަކަށް އެ ގައުމުގެ ބަނދަރަށް ކައިރި ނުކުރެވޭ ގޮތް ހަދަން ޖެޓް ސްކީގައި ވެސް މުޒާހަރާކޮށް ހުރަސް އެޅި އެވެ.

އެމެރިކާގެ އަސްލު ރަށްވެހިން ވަނީ އެމީހުންގެ ސަގާފީ ގޮތުގައި ތިބެ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައިފަ އެވެ.

ނިއު ޒިލޭންޑްގެ އަސްލު ދަރިކޮޅު ކަމަށްވާ މައޯރީ މީހުން ބޭނުންކުރީ އެމީހުންގެ މަޝްހޫރު  ހަނގުރާމަމަތީ ނެށުން ކަމުގައިވާ ހަކަ އެވެ. މިއީ އާއްމުކޮށް ގަބީލާތަކުގެ ވަރުގަދަކަމާއި އެއްބައިވަންތަކަން ދައްކާލާ ހަރަކާތެކެވެ.

މުޒަހަރާކުރުމުގައި އެ ބަޔަކު އެބައެއްގެ ސަގާފަތާއި އާދަކާދައާ ގުޅުން ހުރި ކަންކަން ބޭނުންކުރަމުން އަންނާތީ ދިވެހިންގެ ފަރާތުން ވެސް ތަފާތު ކަންކަން ކުރިއަށް އޮތް ތަނުގައި މި މުޒާހަރާތަކުގައި ފެނުން އެކަށީގެންވެ އެވެ. 

މިފަހަރު ދިލަހޫނު އިހުސާސްކުރެވޭ އިލޮށިފައްޗެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް