
17 ނޮވެމްބަރު 2023: ރާއްޖޭގެ އަށް ވަނަ ރައީސްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
ހުވާކުރުމުގެ ރަސްމިއްޔާތުގައި ލޮލުގައި އަޅައިގަތް ކަންކަން
މުހިންމު ނުކުތާތައް
ހުވާކުރުމުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބޭއްވުން ތަފާތު
ޖުމްލަކޮށް ޖަލްސާ ދިޔައީ ފުރިހަަމަކޮށް، ނުކިއްސަރު ބައެއް ކަންކަން ލޮލުގައި އަޅައިގެން
ޖަލްސާގައި ދިވެހިންގެ ހިތުގައި ޖަހަނީ ފަލަސްތީނުގެ ވިންދުކަން ދައްކާލި
ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާ ހުވާކުރުމުގެ ރަސްމިއްޔާތު އިއްޔެ ޖުމްހޫރީ މައިދާނުގައި ކުރިއަށް ދިޔަ އިރު ފެނުނު ބައެއް ކަންކަން ހިއްސާކޮށްނުލާ ދޫކޮށްލުން މުޅިން ފުރިހަމައެއް ނުވާނެ އެވެ.
ރަސްމިއްޔާތު ފެށުމުގެ ކުރިން ޓީވީ ދޮށުގައި ގޮނޑިއަޅައިން އިނީމެވެ. އަަހަންނެކޭ އެއްގޮތަށް ހއ. އިން ފެށިގެން ސ. އަތޮޅާ ހަމައަށް އެތައް ދިވެހިން ވެސް އެގޮތަށް ތިބޭނެ ކަން ޔަގީނެވެ. ސޯޝަލް މީޑިއާ ހާވާލުމުން ބައެއް އަންހެނުން ޓީވީ ދޮށުގައި ތިބީ ދިގުހެދުން ލައި، ނަލަ ވެސް ވެގެންނެވެ.

ޖަލްސާއަށް ދައުވަތު ދީފައިވާ އިއްޒަތްެތެރިންނާއި އާންމުން ޖުމްހޫރީ މައިދާނަށް ޖަމާވާން ފެށީ، ރަސްމިއްޔާތުގެ ދޮޅު ގަޑިއިރެއްހާ ކުރިންނެވެ.
މިއީ ރައްޔިތުންގެ މަޖުލިހުގެ ޖަލްސާއެއް ޖުމްހޫރީ މައިދާނުގައި ކުރިއަށް ދިޔަ ފުރަތަމަ ފަހަރެވެ. ފެންނަނީ އެހާ ބޮޑު އިވެންޓެއް، އޮމާންކޮށް ކުރިއަށްދާ މަންޒަރެވެ.
އެކަމަކު ވެސް، ނުކިއްސަރު ތަންތަން ލޮލުގައި އަޅައިގަތެވެ. ފުރަތަމަ ކަމަކަށް، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖަލްސާއަށް ވަޑައިގަން އިރު މާ މުހިއްމު ކަމެއް ދީފައިނުވުމެވެ. ފުރަތަމަ ހިންގަވާފައި ވަޑައިގަތީ ރަތް ދޫލައަށް ނާރުއްވަ އެވެ. ރަތް ދޫލައިގެ މައްޗަށް ނެވެ. ރަތް ދޫލައަށް އަރައިވަޑައިގަތީ ފަހުންނެވެ.

ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމެސިންހައަކީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭރު ގައުމެއްގެ ހަމައެކަނި ވެރިޔާ އެވެ. އަދި އެހާމެ އަވަށްޓެރި ބޭފުޅެއް ވެސް މެ އެވެ. ނަމަވެސް އޭނާއަށް މާ ބޮޑު ސަމާލުކަމެއް ދީފައެއް ނުވެ އެވެ. ޔަގީނުން ވެސް ރަނިލް މި ރަސްމިއްޔާތަށް ވަޑައިގަންނަވާނީ ގައުމުގައި ކުރައްވާނެ މަސައްކަތެއް ނެތިގެންނެއް ނޫނެވެ.
ޖަލްސާ ފެށުމުގެ ކުރިން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންގެ ހަރަކާތް ވެސް ލޮލުގައި އަޅައިގަތެވެ. މުޅި ދުނިޔޭގައި މިހާރު އެންމެ އިސް ވާޖިބަކަށް ވެފައި އޮތީ ފަލަސްތީނުގެ ބިމުގައި އިޒްރޭލުން ކުރިމަތިކުރުވާ ގަތުލުއާއްމު ހުއްޓުވުމެވެ. ފަލަސްތީނަށް އޮތް ތާއިދު ދެއްކެވުމުގެ ގޮތުން އަލީ ހުސެއިން ހުންނެވީ ކެފިއްޔާ އަޅުއްވައިގެންނެވެ. އަދި ޖަލްސާގެ ބައިވެރިންނަށް ކެފިއްޔާ ބައްސަވާތަން ވެސް ފެނުނެވެ.

އަލީ ހުސެއިން ވިދާޅުވީ ބައެއް މީހުން ކެފިއްޔާ ބޭނުންކުރައްވަން އިންކާރު ކުރެއްވި ކަމަށެވެ.
"އިތުރު ނިޝާނެއް، އިތުރު އެއްޗެއް ލުން ހުއްދައެއް ނުވާނެއޭ ވެސް ބުނި. އެކަމަކު އަޅުގަނޑު ދެންނެވިން މިއީ މަޖްލިސް ޖަލްސާއެއް ނޫން ހެއްޔޭ؟" އޭނާ ވިދާޅުވި އެވެ.
ތެދެކެވެ. ބައެއް ދުވަސް ދުވަހު މެންބަރުން ގޮނޑި މޭޒަށް އަރުއްވާ، ދުންމާރި ވެސް ފުއްމަވެ އެވެ. އެހެންކަމުން ފަލަސްތީނަށްޓަކައި ތެދުވާންވީމާ ނުކުރެންވީ ސަބަބެއް ނެތެވެ.
ރިޔާސީ ރޭހުގައި ވާދަކުރެއްވި ފާރިސް މައުމޫން ޖަލްސާގައި އިންނެވީ ފަލަސްތީންގެ ކެފިއްޔާ އަޅުއްވައިގެން ފަހުރުުވެރިކަމާ އެކު އެވެ. މިއީ ވެސް ސޯޝަލް މީޑިއާގައި ހިނގި ފޮޓޯއެކެވެ.
#CeasefireNOW pic.twitter.com/CzwUF9NR2m
— faris 🇲🇻 🇵🇸 (@afarismaumoon) November 17, 2023
ކުރީގެ ރައީސް މުހައްމަދު ވަހީދު ވެސް ކެފިއްޔާގައި އިންނެވި އެވެ.
ގޭތެރޭގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކަ އަކީ ޗަމްޕާ މުހައްމަދު މޫސާ ނުވަތަ އުއްޗު މާ ކުރީ ގޮނޑި ބަރިއެއްގައި ބައިންދާފައި ކުރީގެ ރައީސަކަށް ފަހަތުން ގޮނޑިއެއް ހަމަޖެއްސި ސަބަބާ މެދުގަ އެވެ. ބައެއް މީހުންނަށް އެކަން އައިބެވެ. އެކަމަކު ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ، ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު އަބަދުވެސް ގެންގުޅުއްވާ ސާދާ ގޮތެވެ. ގަމީސްކޮޅަކާއި މުންޑުގައި އެ ހުންނަވާ ހުންނެވުމެވެ. ކިތައްމެ ބޮޑު ރަސްމިއްޔާތަކަށް ވަޑައިގަތަސް މުހައްމަދު މޫސާގެ އެ އަސްލު ހަމަ ދޫކޮށެެއް ނުލައްވަ އެވެ.

އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންގެ ކުއްލި ހަރަކާތެއް ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ. ރައީސް ސޯލިހު އޭނާ އިންނެވި ގޮނޑި ބަރި ކައިރިން ހުރަސްކޮށްލިތަން ފެނިވަޑައިގަތީ ކުއްލިއަކަށެވެ. ހަމަ އެވަގުތު ގޮނޑިން ކުއްލިއަކަށް ތެދުވެ، އިހުތިރާމް އަދާކުރެއްވި އެވެ. ރައީސް ސޯލިހަށް އެ މަންޒަރު ފެނިވަޑައިގަތްހެންނެއް ހިއެއްނުވެ އެވެ. އެކަމަކު ގައްސާންގެ އެ ރީތި އަމަލް އާންމުންނަށް ފެނި، އޭނާއަށް ތައުރީފްކުރި އެވެ.
I just saw this when raees Ibu walk pass by Mp Qassaan “
— Azzam Latheef 🇵🇸 (@athirisoru) November 17, 2023
ހަމަ ޔަގީނުންވެސް މީ ވަރުގަދަ ބަފަޔަކު ތަރުބިއްޔަތު ކޮށްފައިވާ ދަރިއެއް @maumoonagayoom pic.twitter.com/8cbWVL8nQZ
ދައުލަތުން 22 މިލިއަން ހަރަދުކޮށްގެން ރަސްމިއްޔާތު އެހާ ފުރިހަމަކުރަން މަސައްކަތްކޮށްފައިވާ މެދު ގޮނޑި ބަރި އެއްކޮށް ހުހަށް އޮތުމަކީ ލިބުނު ފަޅުކަމެކެވެ. ދައުވަތު ކާޑު ބަހާފައި ހުންނާނެ އެވެ. ކާޑު ނުލިބިގެން ވެސް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ޝަކުވާކުރި އެވެ. އެ ދައުވަތު ކާޑު ގަންނަން ލިބޭނެތޯ ވެސް އަހާފައި ހުއްޓެވެ.
ދައުވަތު ލިބި އެހާ ގިނަ ބަޔަކު ނުދިއުމަކީ އިހުތިރާމް ކުޑަކުރުން ކަމަށް ބެލިދާނެ އެވެ.
އަންހެނުންގެ ދިގު ހެދުންތައް ރީއްޗެވެ. ކޮންމެ މީހެއް ވެސް ފެނުނީ ވަރަށް ނަލަވެގެން ގޮސްފައި ހުރި ތަނެވެ. ބޭނުންކޮށްފައިވާ ގަހަނާ އާއި ފައިވާނާއި އަތްދަބަހުން ދިގުހެދުން ސްޓައިލްކޮށްފައިވާ ގޮތް ތަފާތެވެ.

ރައީސްގެ ފުރަތަމަ ތަގުރީރުގައި ވެސް އުނި ބައެއް ކަންކަން ފާހަގަކުރެވުނެވެ. ތަގުރީރުގެ ބައެއް ހިސާބުތަކުގައި ގައުމީ ލޯބި ދެއްކެވުމުގެ ބަސްތައް އަތުރާލާފައި ހުރީ ވަރަށް ފަށުއިކޮށް، ރީތިކޮށެވެ. އެބައިގައި މައްސަލައެއް ނެތެވެ. ނަމަވެސް އާ ވެރިކަމެއް ފެށޭ އިރު، ޝުކުރުގެ ބަސް ވަރަށް މުހިންމެވެ. މިސާލަކަށް ރައްޔިތުންނަށް ޝުކުރުއަދާކުރުމެވެ. އޭގެ އެއްވެސް ވާހަކައެއް ނުގެންނަވަ އެވެ. އެންމެ ހައިރާންވީ، ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވަން ބޭނުންކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު އެއްވެސް ހިސާބެއްގައި ބޭނުންކުރައްވާފައި ނުވުމެވެ. އެމަނިކުފާނަށް ޝުކުރުގެ ބަހެއް ވެސް ނުގެންނަވަ އެވެ.
އާ ރައީސް ގައުމާ ހަވާލުވެވަޑައިގެންފި އެވެ. ދެން އޮތީ ތަގުރީރުގައި ދެއްވި ޔަގީންކަމާ އެކު ގައުމުގެ ދަތުރު ބަލަން ތިބުމެވެ.
ކޮމެންޓް (8)
ކިނާރީ
ތާވަލް
ޙައްޕު
ޛުހް
މުންޖިޗޭ
ވަތަން
ބަޗަން
ވަތަން