ޝާލީ މުހައްމަދު ދީދީ އޭނާގެ ފުރަތަމަ މައުރަޒު 'ކަނޑުން ކުލަވަރު' އާޓް ގެލެރީ މާލެގައި ދައްކާލަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ކަނޑުން ކުލަވަރު: ޝާލީގެ ފުރަތަމަ އަމިއްލަ މައުރަޒު
އާޓް ގެލެރީ މާލެގައި މިވަގުތު ކުރިއަށްދާ 'ކަނޑުން ކުލަވަރު' އަކީ އާޓިސްޓު ޝާލީ މުހައްމަދު ދީދީގެ ފުރަތަމަ އަމިއްލަ މައުރަޒެވެ. އަރަމުން އަންނަ އާޓިސްޓުންނަށާއި ފުންނާބުއުސް އާޓިސްޓުންނަށް ހަމަހަމަ ފުރުސަތުތައް ދޭ އަމިއްލަ އެ ގެލެރީގައި މިފަހަރު ދައްކާލަނީ ޝާލީގެ 50 އަށް ވުރެ ގިނަ އުފެއްދުމެވެ.
ޝާލީ އަކީ ރާއްޖޭގެ ފަންނުވެރި ދާއިރާއަށް މުޅިން އާ ނަމެއް ނޫނެވެ. އޭނާގެ އަމިއްލަ އުފެއްދުންތަކެއް ފުރަތަމަ ދައްކާލީ 2015ގައި ގައުމީ އާޓް ގެލެރީގައި ބޭއްވި ފެއާއެއްގަ އެވެ. މީގެ އިތުރުން ޝާލީގެ އިންސްޓަގްރާމް ޕޭޖު ބްލޫޝެލް.އެމްވީ އިން އޭނާގެ އަމިއްލަ ގަހަނާ އާއި ކީ ޓެގް އަދި ކުޑަކުދިންގެ ހެދުން ވިއްކަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާއްމުންނަށް ހުޅުވާލި 'ކަނޑުން ކުލަވަރު' މައުރަޒުގައި ހިމެނެނީ ޝާލީގެ ހިތްގައިމު އަދި ކުލަގަދަ ކުރެހުންތައް ފެންނަ އެކި ސައިޒުގެ އަދި އެކި ބައްޓަމުގެ ތަށިތަކެކެވެ. އޭގައި ރާއްޖޭގެ ކަނޑުތަކުން ފެންނަ ހިތްގައިމު މަސްމަހާއި އެކި ޒާތުގެ މުރަކަ އޭނާގެ އަމިއްލަ ސްޓައިލަށް ކުރަހައިފައި ހުއްޓެވެ. އެ ހުނަރުވެރި ކުރެހުންތަކަކީ ކޮންމެ މީހަކަށް ވެސް ބޭނުންހިފޭނެ ނަލަ އާޓްވޯކްތަކެކެވެ.
ޝާލީ ބުނިގޮތުގައި އޭނައަށް ކަމުދަނީ ގަދަ ކުލަތަކެވެ. އޭނާ ބޭނުންކޮށްފައިވާ ނޫ، ފެހި، ރީނދޫ، ރަތް، އަދި ފިޔާތޮށި ފަދަ ކުލަތައް ނަލަ ޑިޒައިނުތަކަށް އަތުރާލައިފަ ހުއްޓެވެ. މިއިން ކޮންމެ އެއްޗެއް ފަރުމާކޮށްފައި ވަނީ ބަލައިލަން ރީތި އަދި ތަނެއް ޒީނަތްތެރި ކޮށްލަން ބޭނުން ނަމަ އެކަށޭނަ ވައްޓަފާޅިއަކަށެވެ. ޝާލީގެ ކަލެކްޝަނުގައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ރަމްޒުކޮށްދޭ ކުލަތަކެކެވެ.
ރާއްޖޭގެ ކަނޑުތަކުގެ ރީތިކަން ދައްކައިދިނުމުގެ އިތުރުން ރާއްޖޭގެ ގުދުރަތީ ނާޒުކުކަން ވެސް ދައްކައިދޭން ޝާލީ ބޭނުންވި އެވެ. ތިމާވެއްޓަށް ދިމާވާ ނުރައްކާތަކުގެ ސަބަބުން، މިހާރު އަޅުގަނޑުމެންނަށް ފެންނަ ކުލަ ގަދަ މުރަކަތަކާއި މަސްމަހާމެހި ކުރިއަށް އޮތް ޖީލުތަކަށް ނުފެނި ގެއްލިގެންދިއުން އެކަށީގެންވެ އެވެ. ރާއްޖެއަކީ އެ ނުރައްކާތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރަމުންދާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެހެންކަމުން ރާއްޖޭގެ ކަނޑުތަކުގެ ރީތިކަމާއި ނާޒުކުކަމަށް މި ކަލެކްޝަނުގެ ޒަރިއްޔާއިން ވަރަށް ބޮޑަށް އަލިއަޅުވާލަން ބޭނުންވި ކަމަށް ޝާލީ ބުންޏެވެ.
މި މަހު 28ގެ ނިޔަލަށް ކުރިއަށްދާ މައުރަޒުގައި ޝާލީ ދައްކާލަނީ އޭނާ މިދިޔަ އޭޕްރިލް މަހު ތައްޔާރުކުރަން ފެށި އުފެއްދުންތަކެކެވެ. އެއީ ހާއްސަކޮށް މި މައުރަޒަށް ތައްޔާރުކުރި އެއްޗެހި ކަމަށް އޭނާ ބުންޏެވެ.
މަޑުމައިތިރި އަދި ހިތްތިރި މިޒާޖެއް ގެންގުޅޭ ޝާލީ ބުނިގޮތުގައި އޭނާގެ ފުރަތަމަ ސޯލޯ މައުރަޒު ބާއްވަން އެކި މީހުންގެ ކިބައިން ހިތްވަރު ލިބުނެވެ. އެއް ބަޔަކީ ފާހަގަކޮށްލެވޭ މަޝްހޫރު ދިވެހި އަންހެން އާޓިސްޓުންގެ ތެރޭގައި ހިމެނޭ މަރިޔަމް ހަލީމް އާއި ޝިމްހާ ޝަކީބް އެވެ.
މުސްތަގުބަލުގައި ވެސް އޭނާގެ އިތުރު އުފެއްދުންތައް ފެނިގެންދާނެ ކަމަށް ޝާލީ ބުންޏެވެ.