އައިލީން އަބްދުއްލަތީފްގެ ދެވަނަ ފޮތް 'ބެޑްޓައިމް ސުންނަސްް ފޯ ކިޑްސް'

ޕޭރެންޓިން

އައިލީން: މަޔަކަށް ވުމުގެ ތަޖުރިބާއިން ފޮތް ލިޔުމުގައި

މިހާތަނަށް ދެ ފޮތް ނެރެ ތިންވަނަ ފޮތް ލިޔަމުން އަންނަ އައިލީންގެ ފޮތްތަކަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުން
21 ނޮވެމްބަރު 2023
1

މުހިންމު ނުކުތާތައް

އައިލީންގެ ފުރަތަމަ ފޮތް އަމާޒުކޮށްފައިވަނީ މައިންނަށް އަދި ދެވަނަށް ފޮތް އަމާޒުކޮށްފައިވަނީ ކުޑަކުދިންނަށް

ދެވަނަ ފޮތުގައި ވަނީ ނިދުމުގެ ކުރިން ފުރިހަމަކުރަންވާ ސުންނަތްތައް ކުޑަކުދިންނަށް ފަސޭހައިން އެނގޭނެ ގޮތަށް ކިޔައިދީފައި

އޭނާ ދެން ނެރޭނީ ކުޑަކުދިންނަށް ރޯދަމަހާ ގުޅޭ މައުލޫމާތު ގެނެސްދޭ ފޮތެއް

އައިލީން އަބްދުއްލަތީފްއަކީ ކުޑަ ދެ ފިރިހެން ކުދިންގެ މަންމައެކެވެ. އަބަދުވެސް ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުންނަ އައިލީން، 33، ބޮޑަށް މިކަމުގެ ތެރެއަށް ވަދެ، ލިޔުންތެރިކަމަށް ހިތްދަމައިގަތީ އޭނާގެ ޔުނިވާސިޓީ ދުވަސްވަރު އެވެ.

އޭނާ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ރެޑިންގައި ކިޔެވި އިރު އެ ޔުނިވާސިޓީގެ ނޫހަށް ލިޔެ، އެ ނޫހުގެ އެޑިޓަރުގެ ދައުރު އަދާކުރި އެވެ. އައިލީން މިހާރު ވަނީ ދެ ފޮތެއް ލިޔެ ބާޒާރަށް ނެރެފަ އެވެ.

ފޮތް ލިޔުމުގެ އިތުރުން އައިލީން އަންނަނީ 'އަ_މަމް_ލައިފް_އެމްވީ'ގެ ނަމުގައި އިންސްޓަގްރާމް ޕޭޖެއް ހިންގަމުންނެވެ. ކުޑަކުދިންނަށް ސެންސަރީ ޕްލޭގެ ފުރުސަތުތައް ހޯދައިދޭނެ ގޮތް ކިޔައިދޭ އެ ޕޭޖު މެދުވެރިކޮށް އޭނާ ބެލެނިވެރިންނަށް ބޭނުންތެރި މައުލޫމާތުތަކެއް ގެނެސްދެ އެވެ.

އައިލީން ނެރުނު ފުރަތަމަ ފޮތަކީ 'ދިސް ޖާނީ ކޯލްޑް މަދާހުޑް' އެވެ. ވަރަށް ތަފްސީލުކޮށް ލިޔެފައިވާ އެ ފޮތުގައި ހިމެނެނީ މާބަނޑުވުމާއި ވިހެއުމަށް ފަހުގެ ތަޖުރިބާތަކާއި ދަރިފުޅު ލިބުމާ އެކު ކުރެވޭ އިހްސާސްތަކެވެ. 

އައިލީން ބުނީ އެއީ އޭނާ ފޮތެއްގެ ސިފައިގައި ކޮންމެހެން ނެރެ ވިއްކަން ގަސްދުކޮށްގެން ލިޔުނު ލިޔުންތަކެއް ނޫން ކަމުގަ އެވެ. މާބަނޑުއިރު އަދި މަންމައަކަށް ވުމުން ކުރެވޭ އިހްސާސްތައް ފޯނުގައި ކުދިކުދި ލިޔުންތަކާއި ވާހަކަތައް ގޮތަށް ލިޔަމުން އައިސް ގިނަވުމުން އޭނާ ގަސްދުކުރީ ދަރިފުޅު ބޮޑުވީމާ އޭނާ ކިޔަން ދޭށެވެ. 

ނަމަވެސް އައިލީން އެ ލިޔުންތައް ޕްރިންޓްކޮށް އޭނާގެ ރައްޓެހިންނާ ހިއްސާކުރުމުން އެމީހުންގެ ފަރާތުން އޭނާގެ ލިޔުންތެރިކަމަށް ބޮޑު ތަރުހީބެއް ލިބުނެވެ. އައިލީން ބުނިގޮތުގައި ފޮތެއްގެ ސިފައިގައި ލިޔުންތައް ޝާއިއުކޮށް އާއްމުންނަށް ގަންނަން ލިބޭނެ ގޮތް ހެދުން އެއީ އޭނާގެ ފިރިމީހާ ދިން ހިޔާލެކެވެ.

"އެހެން މަންމައިންނަށް މި ފޮތާ ރިލޭޓް ކުރެވޭނެތީ މިގޮތަށް ނެރެން ނިންމީ،" އައިލީން ބުންޏެވެ.

އައިލީން އަބްދުއްލަތީފްގެ ފުރަތަމަ ފޮތް 'ދިސް ޖާނީ ކޯލްޑް މަދާހުޑް'

އައިލީން މިދިޔަ 1 ސެޕްޓެމްބަރުގައި ނެރުނު އޭނާގެ ދެވަނަ ފޮތް، ފުރަތަމަ ފޮތާ ހިލާފަށް، އަމާޒުކޮށްފައިވަނީ ކުޑަކުދިންނަށެވެ. 'ބެޑްޓައިމް ސުންނަސްް ފޯ ކިޑްސް' ފޮތުގައި ހިމަނާފައިވަނީ ސުންނަތުން ސާބިތުވާ ގޮތަށް، ނިދުމުގެ ކުރިން ކުރަންވާ ކަންކަމެވެ.

އިންޝާ ހަސަން ކުރަހާފައިވާ ކުލަގަދަ ތަސްވީރުތަކާ އެކު އެ ސުންނަތްތައް ފޮތުގައި ގެނެސްދީފައިވަނީ ކުޑަކުދިން ގަޔާވާނެ އަދި ކުދިންގެ ހިތްތަކަށް ފަސޭހައިން ނަގައިގަނެވޭނެ ގޮތަށެވެ. ވުލޫކުރާނެ ގޮތާއި ކިޔަންވީ ސޫރަތްތަކާއި ޒިކުުރުތައް ފޮތުގައި ހިމެނެ އެވެ.

އައިލީން އަބްދުއްލަތީފްގެ ދެވަނަ ފޮތް އަމާޒުކޮށްފައިވަނީ ނިދުމުގެ ކުރިން އަމަލުކުރަންވާ ސުންނަތްތައް ކުޑަކުދިންނަށް ދަސްކޮށްދިނުމަށް

އައިލީން ބުނިގޮތުގައި 'ބެޑްޓައިމް ސުންނަސް ފޯ ކިޑްސް' ލިޔެ ނެރުމުގެ ހިޔާލު ލިބުނީ ދިވެހި ބަހުން ލިޔެފައިވާ ކުޑަކުދިންގެ ފޮތެއް ދަރިންނަށް ކިޔައިދޭން އުޅުމުގެ ތެރޭގަ އެވެ. އޭނާގެ މަގްސަދަކީ ނިދަން ތައްޔާރުވުމުގެ ރަނގަޅު އަދި މުހިއްމު އާދަތައް ކުޑައިރުއްސުރެ ކުދިންނަށް ދަސްކޮށްދީ ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ބެލެނިވެރިންނަށް އެހީތެރިވުމެވެ. އައިލީންގެ ޖީލު ބޮޑުވެގެން އައި އިރު މިފަދަ ފޮތްތައް ފަސޭހައިން ލިބޭކަށް ނުހުރެ އެވެ.

"ބޮޑުވާ ފަހުން މި މައުލޫމާތުތައް ލިބުނީމަ މި އާދަތައް ހަރުލައްވަން އުނދަގޫވާނެ،" އައިލީން ބުންޏެވެ.

އައިލީންގެ 'ބެޑްޓައިމް ސުންނަސް ފޯ ކިޑްސް' ފޮތުގެ ސޮފްހާއެއް

އޭނާ ފޮތް ލިޔުމަށް ފުރަތަމަ ގަސްދުކުރީ ދިވެހި ބަހުންނެވެ. ނަމަވެސް، އިނގިރޭސި ބަހުން ފޮތް ލިޔުނީ، ހަދީސްތަކުގެ މާނަ އިނގިރޭސިން ގެެނެސްދިނުމުން މި ޖީލުގެ ކުދިންނަށް ފަހުމްވާން ފަސޭހަވާނެތީ ކަމުގައި އައިލީން ބުންޏެވެ.

'ބެޑް ޓައިމް ސުންނަސް ފޯ ކިޑްސް' އަމާޒުކޮށްފައިވަނީ 4 އަހަރުން މަތީގެ ކުދިންނަށެވެ. އައިލީން ބުނިގޮތުގައި 10 އަހަރު ފުރުމާ ހަމައަށް މި ފޮތް ބޭނުން ކުރެވިދާނެ އެވެ. އޭނާ ހިންގާ އިންސްޓަގްރާމް ޕޭޖު ޔޫނޫބުކްސް އިން ފޮތާ ގުޅޭ މައުލޫމާތު ލިބޭނެ އެވެ. 

އައިލީން ފާހަގަކުރި ގޮތުގައި ފޮތެއް ލިޔެ ޝާއިއުކުރުމަކީ އުނދަގޫ މަސައްކަތެކެވެ. ރާއްޖެއިން އަތްފޯރާ އަގެއްގައި ޗާޕު ކުރެވެން ނެތުމުން ކުރިމަތިވާ ދަތިތައް ގިނަ ކަމަށް އޭނާ ބުންޏެވެ. ސްރީ ލަންކާ އިން ޗާޕުކޮށްގެން ގެނައި ފުރަތަމަ ސްޓޮކްގެ ފެންވަރު ރަނގަޅު ނުވުމުން މިހާރު އޭނާ މި މަަސައްކަތް ކުރުމަށް ބަރޯސާވަނީ 'ތަކެތި' އަށެވެ. ދިވެހި ލިޔުންތެރިންގެ ފޮތްތައް ގަނޑުކޮށް އެމީހުން ޕްރިންްޓްކޮށްދެ އެވެ.

"ލިޔެ، ޕަބްލިޝްކޮށް، ސްޓޮކް ބަލަހައްޓައި، މާކެޓްކޮށް، ޑިސްޓިރިބިއުޓް ކުރަން ޖެހެނީ އަމިއްލައަށް،" އައިލީން އޭނާ ފޮތް ނެރެން ކުރާ މަސައްކަތް ކިޔައިދިނެވެ.

މި ބުރަތައް ހުރި ނަމަވެސް ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ ފޮތްތަކަށް ލިބޭ ތަރުހީބެވެ. އޭނާ ހީކުރި ވަރަށް ވުރެ ބޮޑު މާ ތަރުހީބެއް ލިބެމުން އަންނަކަން އައިލީން ފާހަގަކުރި އެވެ. އޭނާ ބުނީ ވަރަށް ގިނަ މައިން އޭނާއަށް މެސެޖްކޮށް، އޭނާގެ ފުރަތަމަ ފޮތަކީ އެމީހުންނާ ގުޅޭ ފޮތެއް ކަމުގައި ބުނެ އަދި ފޮތް ކިޔާލުމުން ވިހެއުމުގެ ފުރަތަމަ ދުވަސްވަރުގެ ހަނދާންތައް އާވެގެން ގޮސްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

"އެއް މަންމަ މެސެޖްކޮށްފައި، އޭނާ ވިހަން ހޮސްޕިޓަލަށް ދިޔަ އިރު، 'ދިސް ޖާނީ ކޯލްޑް މަދާހުޑް' ފޮތް ހިފައިގެންނޭ ދިޔައީ ބުނީމަ ވަރަށް އުފާވި،" އައިލީން އޭނާގެ އިހްސާސްތައް ކިޔައިދެމުން ބުންޏެވެ.

އޭނާގެ ފޯނުގައި ލިިޔުނު ލިޔުންކޮޅެއް އެހެން މީހުންގެ އިހްސާސްތަކާއި ތަޖުރިބާތަކާ ގުޅިގެންދިޔަ މިންވަރު ފެނިފައި އައިލީން ހުރީ ހައިރާންވެފަ އެވެ.

ދެން އެންމެ އަވަހަށް އައިލީންގެ ފޮތަކަށް ފެންނާނީ ކުޑަކުދިންނަށް ރޯދަމަހާ ގުޅޭ މައުލޫމާތު ގެނެސްދޭ ފޮތެކެވެ. މި ފޮތް އަންނަ އަހަރު ނެރެން އޭނާ އަންނަނީ ތައްޔާރުވަމުންނެވެ.

އައިލީން ފާހަގަކުރި ގޮތުގައި ކުޑަކުދިންނަށް ފޮތް ކިޔައިދިނުމުގެ ފައިދާތައް ގިނަ އެވެ. އަދި މިއީ އޭނާ ވެސް މިހާރަށް ވުރެ ބޮޑަށް ކުރަންޖެހޭ ކަމެއް ކަމަށް ބުންޏެވެ.

"ހާއްސަކޮށް ރޭގަނޑު ނިދުމުގެ ކުރިން ކުދިންނަށް ކޮންމެވެސް ފޮތެއް ކިޔައިދިނުމަކީ ދަރިފުޅާ އޮންނަ ގުޅުން ބަދަހިވެ، ލޯބި އިތުރުވާ ކަމެއް،" އައިލީން ބުންޏެވެ.

ނިންމާލަމުން އައިލީން ދޭން އޮތް މެސެޖަކީ މިއީ އެވެ.

"ދަރިފުޅު ތުއްތު އިރުން ފެށިގެން ރަނގަޅު އާދަތައް އަށަގަންނުވަން މަސައްކަތްކޮށްފި ނަމަ ކުއްޖާގެ ކިބައިން ތަފާތެެއް ފެންނާނެ. ފޮތް ކިޔުމަކީ މުޅި އުމުރު ދުވަހަށް ވެސް ހަރުލެއްވިދާނެ އާދައެއް. މިކަމުގެ ފައިދާތައް ގިނަވެފައި ދިގު މުއްދަތުގައި މިކަމުގެ ސަބަބުން ފައިދާ ކުރާނެ،" އައިލީން ބުންޏެވެ.

ކޮމެންޓް (1)

ޑޮން

21 ނޮވެމްބަރު 2023
ޥަރަށް ބޭނުންތެރި ކަމެއް
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް