އައްޑޫގެ ފޯކްލޯރު ވާހަކަތަކުގައި ކިޔައިދޭ 'ފަރުފުރޭތަ'ގެ ހިޔާލީ ކުރެހުމެއް. (ދައުރު އިލަސްޓްރޭޝަން/ބޯކިބާ)

ރާޅުފަށް

ބަލާއް ނިއޭށީ އައްޑޫ ފެރެއިތާ: އައްޑޫއަށް ފުރޭތަ އެރުން، ރަށްތައް ފަޅުވުން

ޝައްކެއް ވެސް ނެތް ގޮތުގައި ފުރޭތަ އަކީ އައްޑޫގެ ފޯކްލޯރު ތާރީހުން ފައުޅުވެގެން އަންނަ އެންމެ ވަރުގަދަ އަދި އެންމެ ބިރުވެރި ޝަހުސިއްޔަތެވެ. އަދި ހަމަ އެހެންމެ އެންމެ މުހިންމު ކެރެކްޓާ އަކީ ވެސް އެމީހުންގެ މި 'ފެރެއިތާ' އެވެ.
3 ޖެނުއަރީ 2024
5

ނޫލަނޑަޔަކީ އޭގެ މަސް މީރު ކަމަށް މަޝްހޫރު ފަރުމަހެކެވެ. އަދި އައްޑޫ އަތޮޅުގައި ޒަމާނުއްސުރެން އެންމެ މަގްބޫލު އެއް ފަރުމަހެވެ. އެކަމަކު މި މަހަކީ ފުރޭތައަށް ވެސް ހަމަ އެންމެ މީރު މަހެވެ. ފުރޭތަޔަށް އެންމެ ކަމުދަނީ މި ނޫލަނޑައިގެ ލޮލެވެ. ލޯ ބޮއެފައި ފަރުމައްޗަށް އެއްލައިލަނީ އެވެ.

މަސްވެރިކަމުގައި ނުކުޅެ އުޅެނިކޮށް، ލޯ ބޮއެފައި އެއްލާލާފައި އޮތް ފަރުމަހެއް ފެނިއްޖެ ނަމަ އެއީ ނާމާންކަމެއްގެ އަލާމާތެކެވެ. ބަލާއާފާތެއް ކުރިމަތިވާން އުޅެނީކަން މަސްވެރިންނަށް އެ ހިސާބުން ކަށަވަރުވީ އެވެ. އަދި މާގިނައިރުތަކެއް ނުވެ ފަރުމަތީގައި ރެދަންލައި އަލިގުޅަތައް ކޮޅުކޮޅަށް ދުވަން ފަށަ އެވެ.

އެފަދަ މުސީބާތެއް ކުރިމަތިވެއްޖެ ނަމަ ފުރޭތައިގެ ކިބައިން ސަލާމަތްވެ އެނބުރި ރަށަށް ދިއުން ވެސް ވާނީ ނާދިރު ކަމަކަށެވެ. އަދި ސަލާމަތްވި ބަޔަކު މި ވާހަކަތައް އެކި ގޮތްގޮތަކަށް އެކި ޖީލުތަކަށް ކިޔައިދިނެވެ.

އައްޑޫ މީހުންގެ މެދުގައި މަގްބޫލު މި ފަރުމަސް، ފުރޭތައިގެ 'ފެވަރިޓަކަށް' ބަދަލުވުމުން އަތޮޅުގެ ބައެއް ރަށްރަށުގައި މި ނޫލަނޑާ ނުކާ މީހުން ވެސް ތިބެ އެވެ. ހުޅުދޫ މީހުން މި ލަނޑަޔަށް ކިޔާ ވަނަމެއް ވެސް އޮވެ އެވެ. އެއީ 'ފެރެއިތާ ލަނޑައި' އެވެ. ނުވަތަ 'ފުރޭތަ ލޯ ބޯ ލަނޑާ' އެވެ.

ކޮންމެއަކަސް މި ފޯކްލޯރު ބުނެދެނީ އައްޑޫ މީހުންގެ ހިތް ނޫލަނޑަޔަށް ދޫވެފައި އޮތް މިންވަރެއް ނޫނެވެ. އެކަމަކު ފުރޭތަޔާއި އައްޑޫ މީހުންނާ ދެމެދު އޮތް ހިތާއިހިތުގެ ގުޅުމެވެ. އަދި އެމީހުންގެ އާންމު ދިރިއުޅުމާއި ހޭޑިފޭޑިއަށް ފުރޭތަ އަރާފައި އޮތް މިންވަރެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި ފުރޭތަ އަކީ އައްޑޫގެ ފޯކްލޯރު ތާރީހުން ފައުޅުވެގެން އަންނަ އެންމެ ވަރުގަދަ އަދި އެންމެ ބިރުވެރި ޝަހުސިއްޔަތެވެ. އަދި ހަމަ އެހެންމެ އެންމެ މުހިންމު ކެރެކްޓާ އަކީ ވެސް އެމީހުންގެ މި 'ފެރެއިތާ' އެވެ.

އެހެންވީމަ އައްޑޫގެ ފޯކްލޯރު ތާރީހުން 'ފެރެއިތާ' އަށް މިވަރުގެ ޖާގައެއް ކަށަވަރުވީ ކިހިނެއް ހެއްޔެވެ؟ އަދި އައްޑޫގެ ރަށްތައް އެކި ފަހަރުމަތިން ފަޅުވިއިރު މި 'ފެރެއިތާ' ހިންގީ ކޮން ބަގާވާތެއް ހެއްޔެވެ؟

ހިތަދޫ ފަޅުކޮށްލި ކަމަށް ބުނާ ދެޔޯގެ ކުޅިވަރު

އައްޑޫ އަތޮޅުގައި މީހުން މިހާރު ދިރިއުޅޭ ހަ ރަށަކީ ވެސް ތާރީހުގެ އެތަން މިތަނުގައި ފަޅުވެ އަލުން މީހުން އާބާދުވެފައިވާ ރަށްތަކެވެ. އެންމެ ފަހުގެ ތާރީހެއްގައި 'ފަޅުވެފައި' އެ އޮތީ ގަމެވެ. އެއީ 'އިނގިރޭސިން' ކިޔާ ފުރޭތައެއް އަރައި އެ ރަށުން މީހުން ފައްސާލި ހާދިސާ އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރި އައްޑޫގެ ފުރަތަމަ ރަށް، ވިލިނގިލި އަކީ ވެސް އެއް ޒަމާނެއްގައި މީހުން ދިރިއުޅެފައި ފަޅުވި ރަށެއް ކަމަށް ބުނެވެ އެވެ. އެކަމަކު ވެސް ރަށްތައް ފަޅުވުމާއި ފުރޭތައިގެ ކުޅިވަރުގެ އެންމެ ކުރީގައި އޮތީ މި އަތޮޅުގެ އެންމެ އާބާދީ ބޮޑު ހިތަދޫ އެވެ.

ހިތަދޫ އަކީ ހަތް ފަހަރަށް ފަޅުވެ އަލުން އާބާދުވެފައި އޮތް ރަށެކެވެ. އަދި ހަތްވަނަ ފަހަރަށް އެ ރަށް ފަޅުވި ހާދިސާ އަކީ އަންތަރީސްކޮށްލާވަރުގެ ފޯކްލޯރެކެވެ. އެހެން ހުރިހާ ފޯކްލޯރެއް ލަދުން ކުޑަކަކޫޖަހާވަރުގެ ސްޓޯރީއެކެވެ.

ހިތަދޫއަށް އެރީ އައްޑޫގެ ތާރީހުގައި ވެސް އެމީހުން ލޯދެކެފައިނުވާ ވަރުގެ ބިޔަ ފުރޭތައެކެވެ. އެ ފުރޭތަ އަރައި ހިތަދޫގެ މިނިވަން ޖައްވު އެންމެ ފުރަތަމަ ގަދަ ރީނދޫކުލައަކުން ދިއްލައިލީ އެވެ. އެއާ އެކު ބިރުވެރިކަމާއި ނާމާންކަން ހިތްތަކަށް ވެރިވެ ރޯދި ބަރަކާތް ވެސް ކުއްލިއަކަށް ހުއްޓިއްޖެ އެވެ. އަދި އޮއްސޭ އިރާ އެކު ރަށު ތެރޭގައި ގުގުމަން ފެށި ތޫލި އަޑުތަކުން ތޫރި ފަޅައިގެންދާން ފަށައިފި އެވެ. އަދި އެއް ބަޔަކު މި އާދަޔާހިލާފު އަޑުތަކުގެ އަވާގައި ޖެހި އެމީހުންގެ އަމިއްލަ ބާރު ގެއްލި، ފުރޭތަ ކުޅެމުން ގެންދިޔަ ވަސްވާހުގެ މިއުޒިކު އެމީހުންގެ ނަފުސާއި ޖިސްމުތައް ޖަހައިގެން ގެންދަން ފަށައިފި އެވެ.

ކޮންތާކަށް ހެއްޔެވެ؟ އެމީހުން ދިރިއުޅެމުން ދިޔަ ހިސާބާ ގާތުގައި އޮތް ފަޅުރަށަކަށެވެ. މަޝްހޫރު 'ކަށްބޯ ހެރަ' އަށެވެ.

"އަޅަމެންނަށް ލައިގަނެފައި މި އޮތީ ކޮން ފަދަ ބޮޑު މުސީބާތެއްތޯ އެވެ؟"

ކަންވެރިން ސަފުސަފަށް އެތުރި ކިޔެވެލި ކިޔަވަމުން ތުރުތުރުއަޅަން ފަށައިފި އެވެ. ފާލުބަލާ މީހުން ބުރުޖު ކަލަންޑަރު އަނބުރައިގެން، ގިރައިގެން ބޮނީ އެވެ. އެކަމަކު އޭރު މުޅި ރަށް ފާލުން ނެއްޓިއްޖެ އެވެ. މީހުންތައް ގެއްލެން ފަށައިފި އެވެ. ރަށުގައި އޮތް ބޮޑު އާބާދީ ހުސްވާ އަތަށް އަޅައިފި އެވެ.

ހިތަދޫ ފަޅުވި ކަމަށް ބުނާ ފޯކްލޯރުގެ އަސްލަށް ކުރަހާފައިވާ ހިޔާލީ ކުރެހުމެއް. (ދައުރު އިލަސްޓްރޭޝަން/ބޯކިބާ)

އެންމެފަހުން މި 'ފެރެއިތާ'ގެ ކުރިމަތީގައި ފަންޑިތަވެރިން ހަތިޔާރު ބަހައްޓައިފި އެވެ. އަދި ރަށުގައި ބާކީ ތިބިހާ ބަޔަކު ކިހިލީގައި ޖަހައިގެން ގޮސް މަސްދޯނިތަކަށް އަރައި ފަލިޖަހަމުން ގޮސް ގެއްލިއްޖެ އެވެ.

ސ. ހިތަދޫ ހަތްވަނަ ފަހަރަށް ފަޅުވީ އެވެ. ޗަކަޗަކަލާފައި 'ފެރެއިތާ' ހޭން ފެށި ގޮތަށް އަދިވެސް ހެނީ އެވެ. އެކަމަކު މިއީ އައްޑޫގެ ފޯކްލޯރު ތާރީހުގައި ފުރޭތައަކަށް މިހާ ފަސޭހައިން ކުރި ލިބުނު ފުރަތަމަ ފަހަރެވެ. އަދި މުޅި ރާއްޖެއަށް މަޝްހޫރު އައްޑޫގެ ފަންޑިތަރިވެރިން ފުރޭތައަކާ ހަނގުރާމަކޮށް ބަލިވި ފުރަތަމަ ފަހަރު ކަމަށް ވެސް ވެދާނެ އެވެ.

ކޮންމެއަކަސް ހިތަދޫ 'ފަޅުކޮށްލި' މި މަޝްހޫރު ފޯކްލޯރުގެ ޝައުގުވެރިކަން އިތުރުވެގެން ދަނީ އޭގެ އަސްލަށް ވިސްނާލުމުންނެވެ. އައްޑޫގެ ތާރީހު ދިރާސާކުރާ މީހުން ބުނާ ގޮތުން ނަމަ މި ފޯކްލޯރުގައި ފުރޭތަ އަކީ ޕޯޗުގީޒުންގެ އަރުމާޒެކެވެ. އަދި ހިތަދޫ ހަތްވަނަ ފަހަރަށް ފަޅުވި ކަމަށް ބުނެވޭ ތާރީހުގެ ދުވަސްވަރަށް ނަޒަރު ހިންގާލާއިރު އެއީ ޕޯޗުގީޒުންގެ އަރުމާޒުތައް ރާއްޖޭގެ އުތުރާއި ދެކުނު ބިތް ހުރަސްކޮށް ދަތުރުކުރި ޒަމާނެކެވެ.

އެފަދަ ދިގު އަދި ނުރައްކާތެރި ދަތުރުތަކުގައި އޭގެ ބައެއް މަނަވަރުތައް ރާއްޖޭގެ ރަށްތަކުގެ ބޭރުގައި މަޑުކޮށް ރަށްތަކަށް އެމީހުންގެ ސިފައިން ފައިބައި ކޭމްޕުކޮށްގެން އުޅުނު ކަމަށް ވެސް ލަފާކުރެވެ އެވެ. އެގޮތަށް އުޅުނު އުޅުމުގައި އިރުއޮއްސުމުން ޕާޓީކޮށް ހަވާއަރުވައި ބެރުދުންމާރިން މިއުޒިކު ކުޅެ މަޖާކޮށް އުޅުމަކީ އެމީހުންގެ އާދަކާދައެކެވެ. އަދި އެ ޒަމާނުގައި ހަވާއަރުވާއިރު ބަޑިބޭސްގަނޑު މައްޗަށް ޖަހައި ގޮއްވާލުމުން ބުރައިގެން ފައިބާ އެތިކޮޅުތައް ދިއްލޭނީ ރަން ރީނދޫ ކުލައަކުންނެވެ. ހިތަދޫ އަށް 'ފެރެއިތާ' އަރައި އެމީހުންގެ މިނިވަން ޖައްވު އެކުގައި ގަދަ ރީނދޫ އައްޔަކުން ހިސޯރުކޮށްލި ކޮށްލުމަކީ މިއީ ކަމަށްވުން ވަރަށް ގާތެވެ.

އެކަމަކު މިއީ ހުސް ފޯކްލޯރެވެ. އެހެންވީމަ މި ފޯކްލޯރުގައިވީ އެންމެ މުހިންމު ކެރެކްޓާ ކުޑައިމީސްކޮށް ހެދުމުގެ އެއްވެސް ހައްގެއް އަހަންނަކަށް ނެތެވެ.

މިހައި ހިސާބުން ދެން މި އޮތީ އަދި މާ ޝައުގުވެރި ވާހަކައެކެވެ. 'ފެރެއިތާ' ބިޓުންތަކެއް ސެޓުކުރަން މީދޫއަށް އެރި ވާހަކަ އެވެ.

މީދޫ ކުޑިއެށާމެން ފެރެއިތާ ހިފުން

ދެޔޯގެ ދަޅަ އަޅުވައިގެން ހިތަދޫ މީހުން ބިރުގަންނަވައި ވަޒަނުން ފައްސާލި ފުރޭތައަށް ކުރި ލިބުނަސް މީދޫއަށް އެރި ފުރޭތައަށް ލިބުނީ މުޅި ފޯކްލޯރު ތާރީހުގައި ވެސް ފުރޭތައަކަށް ނުލިބޭވަރުގެ ބޮޑު ލަނޑެކެވެ. ލޯބީގައި ދީވާނާވެ މޮޔަވީމަ އާންމުކޮށް އެ ވާހަކައެއް ނިމިގެން ދަނީ ލެޔާއި ކަރުނައިން ތަތްތެޅިގެންނެވެ. މީދޫއަށް އެރި ފުރޭތަ އެރީ ތާރީހު ނުކިޔަވަ އެވެ.

ބުނެވޭ ގޮތުގައި މީދޫއަށް އެރި ފަރުފުރޭތަ އަކީ ފިރިހެން ގޮލައެކެވެ. ރީތި އަންހެންކުދިންނާ ދޯޅު މައްލަވަ މިޒާޖުން ފުރިގެން އުތުރިއަރަމުން ދިޔަ ހަރާމުޖާދާ އެކެވެ. ކޮންމެއަކަސް މީދޫގެ ފަރު މަތީގައި ނޫލަނޑާ ހިފައި ލޯ ބޯން އުޅެނިކޮށް މި ސޮރެއްގެ ލޮލުގައި އަޅައިގަތީ ރަށުގެ އެންމެ ރީތި ހަތް އަންހެންކުދިންނެވެ.

މި ހަތް ކުދިންނަކީ ވެސް މީދޫގެ އެއް އާއިލާއަކަށް ނިސްބަތްވާ އަދި އެއް ގެއެއްގައި ދިރިއުޅެމުން ދިޔަ ޒުވާން ފަތްމިނި ޕަރީންތަކެކެވެ. އެ ކުދިންތައް ދިރިއުޅޭ ގެ ހޯދައިގެން ފުރޭތަކަލޯ އަވަސްއަވަހަށް ޓައިމްޓޭބަލް ހަދާލައިފި އެވެ. އަދި ސިފަ ބަދަލުކޮށްގެން ރަށަށް އަރައި މި އަންހެންކުދިން ގާތަށް 'ޖައްސަން' ފަށައިފި އެވެ. ނަމަވެސް ރަށުގެ ފިރިހެންވެރިން އެހެން ކަންކަމާ ބިޒީވެ އަވަދިނެތި އުޅޭ ވަގުތުތައް ހޯދައި ބަލައިގެންނެވެ.

އެގޮތުން ދުވާލު ނަމަ ފުރޭތަ ރަށަށް އަރަނީ ހުކުރު ދުވަހުގެ ހުކުރު ވަގުތެވެ. ރޭގަނޑު ނަމަ، މަސްވެރިކަމުގައި ފިރިހެންވެރިން އަވަދިނެތިއުޅޭ ވަގުތުތަކުގައި ހުކުރުވިލޭ ރެ އާއި ހޯމަވިލޭރެ އެވެ.

ކޮންމެއަކަސް މި ސިލްސިލާ ހުއްޓުމެއް ނެތި ކުރިއަށް ގޮސް އެންމެފަހުން ހައްދުންނެއްޓި މި ރީތި ހަތް އަންހެންކުދިން ރަތަށް އަރައިފި އެވެ. އަދި ފުރޭތަކަލޭގެއަށް ފިސާރި ދޯކާއެއް ދޭން އެމީހުން ރާވަން ފަށައިފި އެވެ. އާދަޔާހިލާފު ބާރުތަކެއް ލިބިފައިވިޔަސް މި އަންހެންކުދިންގެ ނުބައި ރޭވުމާ ބެހޭ އެއްވެސް މައުލޫމާތެއް ފުރޭތަކަލޭގެއަށް އޮތީ ނުލިބި އެވެ.

ހުކުރު ދުވަހެއްގެ ހުކުރު ވަގުތު މި ސޮރު އަނެއްކާވެސް ރަށަށް އަރައިފި އެވެ. ލޯބީގެ ލަވަތައް ކިޔަމުން ގޮސް ހަތް އަންހެންކުދިންގެ ގެއަށް ވަދެއްޖެ އެވެ. އަދި ކުރިމަތިވާން އުޅޭ ނުރައްކަލުގެ ހަމަ އެއްވެސް އިހުސާސެއް ނުކުރެވި އުޅެނިކޮށް މި ހަތް އަންހެންކުދިން ވެގެން ބޮޑު ރޯނުގަނޑަކުން ފުރޭތަކަލޭގެ ބަނދެލައިފި އެވެ.

މި މަޅީގައި ޖެހި ވެއްޓިގެން ގޮސް ބިންމަތީގައި ޖެހުނުއިރު ފުރޭތައަށް ފެންނަނީ ލޮނުމިރުސް ދޮލަނގެއް ހިފައިގެން ވަޅިތައް ތޫނުކުރަމުން އަންނަ އޭނާގެ ރީތި ހަތް ޕަރީންނެވެ. ފުންމައިގެން އައިސް އޭގެ ތެރެއިން އެކަކު ފުރޭތައިގެ ފުންނާބުން ތަންގަނޑެއް ކަނޑައި ލޭ އޮހޮރުވާލި އެވެ. އަދި އަނެކަކު އަނެއް ފައިގެ ފުންނާބުން ތަންގަނޑެއް ބުރިއަރުވާލުމާ އެކު އެންމެންވެގެން ދެ ފުންނާބުގައި ލޮނުމިރުސް ޖަހައިފި އެވެ.

މީދޫ ކުޑިއެށާ ފޯކްލޯރްގެ އަސްލަށް ކުރަހާފައިވާ ހިޔާލީ ކުރެހުމެއް. (ދައުރު އިލަސްޓްރޭޝަން/ބޯކިބާ)

ފުރޭތަކަލޭގެއަށް ހީވީ އޭނާގެ ކަންފަތު ފޫޅުގައި ހިފައި ނަރަކައިގެ އެންމެ ފުނަށް ކޮއްޕާލެވުނުހެންނެވެ. ރޮއި ހޭރިގަތެވެ. ދޫކޮށްލުމަށް އެދި އާދޭސްކޮށްގަތެވެ.

ފުރޭތައިގެ ރުއިމުގެ އަޑަށް، ހުކުރުން ފައިބައިގެން ރަށުގެ ހުރިހާ ފިރިހެންވެރިން މި ގޭ ދޮށަށް އެއްވެއްޖެ އެވެ. އޭރު ވެސް އަންހެންވެރިން ފުރޭތައާ ދިމާލަށް އިންޒާރުގެ އިނގިއްޔާއި ވަޅި އުކަނީ އެވެ. އަދި އެ މީހުން ކަނޑައެޅި ހުރިހާ ޝަރުތަކަށް ފުރޭތަކަލޭގެ އެ ހިސާބުން އެއްބަސްވެއްޖެ އެވެ.

"އަހަރެން މީގެ ފަހުން ދުވަހަކުވެސް މީދޫ އަކަށް ނާރާނަމެވެ. ފޫހިފިލުވައި ބަނޑުފުރާލަން ފަރުމައްޗަށް އެރިޔަސް މީދޫ އަކަށް ނާރާނަމެވެ. މީދޫ އަކަށް މަށެއް ދުވަހަކުވެސް ނާރާނަމެވެ،" ރޮމުން ރޮމުން ގޮސް ފުރޭތައިގެ ލޮލުން ކަރުނަ ހުސްވެއްޖެ އެވެ.

"ކަލޯ ގޮނޑުދޮށަށް ވުރެ އެންމެ އިންޗިއެއް އެތެރެއަށް ޖެހިލިޔަސް ކުޅިދައްކާލާނަމެވެ،" އަންހެންވެރިން އިންޒާރުގެ ފުރޭތައަކަށް ބަދަލުވެ އަސްލު ފުރޭތަ ފިތްކަނޑުވާލި އެވެ.

ބޯޖެހިތާ ނަގޫ ޖަހާފައި ފުރޭތަކަލޭގެ އެންމެފަހުން ދުވެ ފިލައިފި އެވެ. އޭގެ ފަހުން ދުވަހަކުވެސް މި ބުނާ ފުރޭތައެއް އެ ރަށަކަށް ނާރަ އެވެ. އެކަމަކު ޒަމާންތަކެއް ފަހުން، އެއް ދުވަހަކު ފަރުމަތީގައި އުޅެނިކޮށް ފުއްޓަރު ފަރާތު ގޮނޑުދޮށުން ރީތި އަންހެނަކު ފެނުމުން ސަމާސާއަކާއި ގޯނާއެއް ކޮށްލުމުގެ ނިޔަތުގައި މި ފުރޭތަ އެ އަންހެން މީހާއާ ދިމާކޮށްލި ކަމަށްވެ އެވެ.

މީދޫ މީހުންނާ ދިމާލަށް ވަނަމަކަށް ކިޔައި އުޅޭ 'ކުޑިއެށާ'ގެ އަސްލު އުފަން ވެގެން އަންނަނީ މި ފޯކްލޯރުގެ މި ހިސާބުންނެވެ.

"މިހާރު ވެސް މީދޫ ކުޑިއެށާމެން އުޅޭ ހެއްޔެވެ؟" ފުރޭތަ އެ އަންހެން މީހާ ގާތުން ކުއްލިއަކަށް ފައުޅުވެ ވަރަށް ލޯބިން އަހާލި އެވެ.

އަންހެން މީހާ ދިޔައީ ސިހިގެންނެވެ. އެކަމަކު ރާއަކިރިން ފުރާލާފައި އޮތް މުޅޯށިގަނޑު ނަގައި ފުރޭތައާ ދިމާލަށް ތަޅުވައިގަތެވެ.

"މީގައި މި އޮތީ ހުސް ކުޑިއެށާއެވެ،" މިހެން ބުނުމާއެކު ގަންނާކުރެއްވި ބިރަށް ފުރޭތަ ފިލައިރައްކާވެއްޖެ އެވެ.

އެހެންވީމަ 'ކުޑިއެށާ' އަކީ ލޮނުމިރުސްގަނޑު ހެއްޔެވެ؟ ނުވަތަ ލޮނުމިރުސްގަނޑު ތައްޔާރުކުރި ބިޓުންތައް ހެއްޔެވެ؟ ޖަވާބު އޮތީ 'ފެރެއިތާ'ގެ އަތުގަ އެވެ. އެކަމަކު އޭގެ ފަހުން އަދިވެސް އެ ސޮރުގެ ހަބަރެއް ނުވެ އެވެ.

ކޮންމެއަކަސް މި ފުރޭތައެއްގެ ދުއްޕާނުން މީދޫ އެފަހަރު ސަލާމަތްވީ އެވެ. ރަށް ފަޅެއް ނުވެ އެވެ. އެކަމަކު މީދޫގެ ބޯދާ ތާރީހު އުކާ މީހުން ބުނަނީ ކޮންމެވެސް ހިސާބަކުން މީދޫ ވެސް ފަޅުވެ އަލުން އާބާދުވި ކަމަށެވެ. އަދި ފޯކްލޯރު ސަފުހާތަކުގައި އޮތީ ފުރޭތައިގެ ނުހޮރުއްޕާން ބޮޑުވެ އެތައް ރަށެއް ފަޅުވި ވާހަކަ އެވެ.

އެކަމަކު މިއީ ހުސް ފޯކުލޯރެވެ. އަސްލު މުސީބާތަކީ ފުރޭތައެއް ނޫނެވެ. އަސްލު މުސީބާތަކީ އާލަމީ ވަބާ އެވެ. އަދި ފުރެތިކާލުންގެ ބަލާ އެވެ.

ކޮމެންޓް (5)

ކުސް

5 ޖެނުއަރީ 2024
މަހީކުރީ މިރުސްގަނޑު އުނގުޅީ އެހެން ތަނެއްގަކަމަށް. ދެން ކޮންމެތާކު އުނގުޅިއަސް އޯކޭތާ ދޯ !
0 0

ސައީދު

3 ޖެނުއަރީ 2024
ނަދީމު! ކުޑިއެށާއު ނިކެއި އެބެހިށު!
0 0

ހުޅުދޫ ހުޅައްމަހައް

3 ޖެނުއަރީ 2024
ނަދީމުގެ ވާހަކަތައް ވަރައް ފުރިހަމަ. މަކީ ހުޅުދޫ މީހައް ނަދީމު ހުޅުދޫ އޭއި ބެހެހޭގޮތުން ލެތީ ކަމުގެ ހިގީގައް. މީދޫ މީހުންނައް އަދިޔަސް ބައެއް ހުޅުދޫ މީހާ ހަސަދަ ލާގެން ވޭޑެތާ
4 0

ނާދިމު

3 ޖެނުއަރީ 2024
ނަދީމު ކަލޯ މާމޮޅު މިހަކަށް ވެގެން ހުސް ރޯގޯސް ވާހަކަ ނުލިޔެ ބަލަ.، ކަލޯ ތިހުރީ ދެރަށެއްގެ މީހުން ޖައްސާ ފިތުނަ އުފައްދާފައެއްނު.
2 3

ހެލޯ

3 ޖެނުއަރީ 2024
@ނާދިމު އިނގޭ މީހާ ލިޔަންވީނު
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް