
ކެއުމަށްފަހު ނިދި އައުމަކީ ވަރަށް އާއްމުކޮށް ދިމާވާ ކަމެއް
ކާލާ އިރަށް ވަރުބަލިވެ ނިދި އަންނަނީ ކީއްވެ؟
މުހިންމު ނުކުތާތައް
ކެއުމަށް ފަހު އަންނަ ނިންޖަށް 'ފުޑް ކޯމާ'އޭ ކިޔައި އުޅޭ
މިންހެޔޮކޮށް ފައިދާހުރި ކާނާ ކެއުން މުހިއްމު
ވަކި އާދަތަކެއް ގެންގުޅޭ ނަމަ ނިދިން ދުރުކޮށްދޭނެ
ކާލާ އިރަށް ލޮޑުވެ، ދެ ލޯ މެރި، އެނދު މަތިން ހަދާންވޭ ހެއްޔެވެ؟ އިންނަ ތަނުން ތެދުވަން ވެސް ބުރަ މަސައްކަތަށްވޭ ހެއްޔެވެ؟ މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ.
ކާނާ އަކީ އަހަރެމެންނަށް ހަކަތަ ފޯރުކޮށްދޭ އެއްޗެކެވެ. އެކަމަކު ކެއުމުން މީހާ އެއްކޮށް ލޮޑުވަނީ ކީއްވެގެން ހެއްޔެވެ؟
ކާލާ އިރަށް ވަރުބަލިވަނީ މިވެނި ސަބަބަކާ ހެދިއޭ ސީދާ ބުނަން ސައިންސްވެރިނަނަށް އަދިވެސް އުނދަގުލެވެ. މިކަމާ ގުޅޭ އެއް ތިޔަރީއެއް ބުނާ ގޮތުން، ކެއުމުން ކާބޯތަކެތި ހަޖަމްކުރުމަށް، ހަަޖަމުގެ ނިޒާމަށް ލޭ ދައުރުކުރާ މިންވަރު އިތުރުވެ، ސިކުނޑިއަށް ލޭ ފޮނުވުން މަދުވަނީ އެވެ.
އެހެން ދިރާސާއެއް މި ތިއަރީއާ ހިލާފެވެ. ކެއުމުން ނިދި އަންނަ ގޮތް މެދުވެރިވަނީ ކެއުމަށް ފަހު ގޮހޮރުން ދޫކުރާ ހޯމޯންތަކެއްގެ ސަބަބުން ކަމަށާއި މި ހޯމޯންތައް ސިކުނޑީގެ ސްލީޕް ސެންޓަރުތަކަށް އަސަރު ފޯރުވާ ކަމަަށް އެ ދިރާސާ ބުނެ އެވެ.

ކެއުމުން ނިދި އަންނަ އަސްލު ސަބަބަކީ ކޮބާކަން ބުނެދޭން ނޭނގުނަސް، މިއީ ވަރަށް ގިނަ މިހުންނަށް މެދުވެރިވާ ކަމެކެވެ. މިކަމަށް ކިޔާ ޓެކްނިކަލް ނަމަކީ "ޕޯސްޓްޕެރެންޑިއަލް ސޮމްނުލެންސް" އެވެ. އާއްމުކޮށް މިކަމަށް ކިޔާ އުޅެނީ "ފުޑް ކޯމާ" އެވެ.
ކެއުމުން ނިދި އައިސް ވަރުބަލިވާން މެދުވެރިވާ ބައެއް ސަބަބުތައް

ބައެއް ކަހަލަ ސިއްހީ މައްސަލަތައް ހުންނަ މީހުންނަަށް ކެއުމުން ވަރުބަލިކަން އިހްސާސް ކުރެވޭ މިންވަރު އިތުރެވެ. ކާ ކާނާގެ ބާވަތުގެ ސަބަބުން ވެސް މިކަން މެދުވެރިވެ އެވެ.
ތިރީގައި މިވަނީ ކެއުމުން ނިދި އަންނަ ކަމަށް ބެލެވޭ ބައެއް ކަންކަމެވެ.
1. ކާނާގެ ބާވަތް
އެއް ދިރާސާއެއް ބުނާ ގޮތުން ކޮންމެ ބާވަތެއްްގެ ކާނާއެއް ކެއުމުން ވެސް ނިދި އާދެ އެވެ. ނަމަވެސް ސަރުބީ އާއި ކާބޯހައިޑްރޭޓްސް ގިނައިން އެކުލެވޭ ކާނާ ކާ ނަމަ، ކެއުމަށް ފަހު ބޮޑަށް ނިދި އައުމަށް މެދުވެރިވެ އެވެ.
ބައެއް ކާނާގައި ނިދި ގެނެސްދޭ ހޯމޯން އެކުލެވެ އެވެ. މިކަމުގެ ސަބަބުން، ކެއުމަށް ފަހު ނިދި އައުމަށް މެދުވެރިވެ އެވެ.

2. ގިނައިން ކެއުން
ގިނަ ފަހަރަށް ކެއުމުން ވަރުބަލިވެ ނިދި އަންނަނީ ގިނައިން ކެއުމުންނެވެ. ނަމަވެސް، މިކަމާ ގުޅޭ ގިނަ ދިރާސަތަކެއް ހެދިފައެއް ނުވެ އެވެ.
އެއް ދިރާސާއެއްގައި ބެލީ މޭވާގައި ޖައްސާ މެހި އުޅޭ ގޮތަށެވެ. މި ސޫފިތައް ގިނައިން ކައިފި ނަމަ، ގިނަ ވަގުތު ވަންދެން ނިދާކަން ދިރާސާ އިން އެނގުނެވެ. އެހެންކަމުން އިންސާނުންނަށް ވެސް މި ގޮތް މެދުވެރިވާނެ ކަމަށް ބެެލެވެ އެވެ. އެއް ދިރާސާއެއް ބުނާ ގޮތުގައި ޓްރަކް ޑްރައިވަރުން މަދުން ކާ ނަމަ ވަރުބަލިކަން އިހްސާސްވާ މިންވަރު ކުޑަ އެވެ.

3. ކާ ގަޑިތައް
ހަށިގަނޑުގެ ސަކޭޑިއަން ރިދަމް އަކީ ނިންޖާއި ހޭލާ ހުންނަ ގަޑިތައް ކޮންޓްރޯލް ކުރާ ސައިކަލެކެވެ. ރޭގަނޑު ނިދަން ފަސޭހަވެ، މެންދުރު ވަގުތު މީހާގެ ވިސްނުމުގެ ހުޝިޔާރުކަން ދަށްވަނީ މިކަމުގެ ސަބަބުންނެވެ.
"އާފްޓަނޫން ސްލަމްޕް" ނުވަތަ މެންދުރުގަޑީގައި ހަކަތަ ދަށްވާން އާއްމުކޮށް މެދުވެރިވަނީ ގަޑިން 1 އާއި 4އާ ދެމެދު އެވެ. މެންދުރު ކެއުމަށް ފަހު ނިދި އަންނަ ނަމަ އޭގެ މާނައަކީ ހަށިގަނޑުގެ ސަކޭޑިއަން ރިދަމް މުހިއްމު ރޯލެއް އަދާކުރަނީ އެވެ.

4. އިންސިއުލިން ރެސިސްޓަންސް
އިންސިއުލިން ރެސިސްޓަންސް ހުންނަ ނަމަ، ކެއުމަށް ފަހު މީހާ ވަރުބަލިކޮށްލަ އެވެ. މިކަން މެދުވެރިވަނީ ހަށިގަނޑުގައި ހުންނަ އިންސިއުލިންއަށް، ސެލްތަކަށް ގުލްކޯޒް ފޮނުވައިދިނުމަށް ނުކުޅެދޭތީ އެވެ. ގުލްކޯޒްއަކީ ހަށިގަނޑަށް ހަކަތަ ފޮނުވައިދިނުމުގެ މައިގަނޑު އެއްޗަކަށްވާ އިރު، މީހާގެ ގައިގައި ހަކަތަ ނެތް ކަމުގެ އިހްސާސް ކުރެވެނީ މި ސަބަބާ ހުރެ އެވެ.

އާއްމުކޮށް އިންސިއުލިން ރެސިސްޓަންސް ހުންނަނީ ހަކުރުބަލި ހުންނަ މީހުންނާއި ހަކުރުބަލި ޖެހެން ކައިރިވެފައި ތިބޭ މީހުންގެ ކިބައިގަ އެވެ. ހަކުރު ބަލި ނުހުންނަ މީހުންގެ އެހެން ސަބަބުތަކާ ހުރެ އިންސިއުލިން ރެސިސްޓަންސް ހުރެ އެވެ. މީގެ ތެރޭގައި ހެލިފެލިވެނޫޅޭ ހަރަކާތްތެރިކަން ކުޑަ ލައިފްސްޓައިލެއް، އަބަދު ސްޓްރެސްވެފައި ހުރުން އަދި އާދަޔާހިލާފަށް ފަލަވުން ހިމެނެ އެވެ.
5. ސިއްހީ އެހެން މައްސަލަތަކެއް ހުރުން
ހަކުރު ބަލި ނޫން ސިއްހީ ސަބަބުތަކާ ހެދި ވެސް ތަންކޮޅެއް ބޮޑަށް ބައެއް މީހުން ނިދި އާދެ އެވެ. އަދި ކެއުމުން ވަކިން ހާއްސަކޮށް ވަރުބަލިކަން އިހްސާސް ކުރެވެ އެވެ. ވަރުބަލިކަން އިހްސާސް ކުރެވޭ ބައެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި ތިރީގައި މިވާ ކަންކަން ހިމެނެ އެވެ.
-
ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުން ނުވަތަ އެނީމިއާ
-
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ
-
އާދަޔާހިލާފު ތައިރޮއިޑް ހޯމޯން ލެވެލްތަކެއް ހުރުން
-
އެންޒައިޓީ އާއި ޑިޕްރެޝަން
-
ފައިބްރޯމަޔަލްޖިއާ
6. ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވުން
ވަރަށް ގިނަ މީހުން ކެއުމަށް ފަހު "ޝުގާ ކްރޭޝްއެއް" އަންނަ ވާހަކަ ދައްކަ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހެއް ނަމަ، ކާ ވަގުތު ހަށިގަނޑުގެ އިންސިއުލިން ލެވެލް ރެގިއުލޭޓް ކުރެ އެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސިއުލިން އުފައްދައި، ސެލްތަކަށް ގުލްކޯޒުން ހަކަަތަ ފޯރުކޮށްދެ އެވެ. އެހެންކަމުން ޝުގާ ކްރޭޝެއްގައި އުޅުން އެއީ ގިނަ ފަހަރު ހަގީގަތެއް ނެތް ވާހަކައެކެވެ.
ނަމަވެސް، ބަައެއް މީހުންގެ ހުންނަ ސިއްހީ މައްސަލައެއްގެ ސަބަބުން، ކައި ނިމުމުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރެ އެވެ. މިކަމަށް ކިޔަނީ ރިއެކްޓިވް ހައިޕޯގްލައިސީމިއާ އެވެ. މިކަން އާއްމުކޮށް މެދުވެރިވަނީ ކެއުމަށް ފަހު ދެ ގަޑި އިރާއި ފަސް ގަޑި އިރާ ދެމެދު އެވެ. މިއީ އާއްމުކޮށް ކެއުމަށް ފަހު 30 މިނެޓާއި ގަޑިއެއްހާ އިރު ތެރޭ ނިދި އައުމާ ތަފާތުކޮށް މެދުވެރިވާ ހާލަތެކެވެ.
ނިދި އަންނަނީ ވަކި އެއްޗެއް ކެއިމަތަ؟

ވަކި ބާވަތްތަކެއްގެ ކާނާ ކެއުމުން ނިދި އަންނަ ވަރު އިތުރެވެ. މީގެ ތެރޭގައި ހިމެނެނީ:
ކާބޯހައިޑްރޭޓްސް ގިނަ ކާނާ
ޕާސްތާ، ޕާން، ހުދު ބަތް، ޕޮޓޭޓޯ ޗިޕްސް އަދި ޕޭސްޓްރީ
ސަރުބީ ގިނަ ކާނާ
ތެލުލި އެއްޗެހި، ރެޑް މީޓް، ހެވީ ކްރީމް އަޅައިގެން ހަދާފައިވާ ތަކެތި އަދި ބަޓަރު ހިމެނޭ އެއްޗެހި
މެލަޓޯނިން ހިމެނޭ ކާނާ
ބިސް، ޕިސްޓާޝިއޯ އަދި ޓާޓް ޗެރީ އަކީ މެލަޓޯނިން ގިނައިން އެކުލެވޭ ބާވަތްތަކެއް
ކައިގެން ނިދި ނާންނަ ގޮތް ހެދިދާނެތަ؟

ކެއުމަށް ފަހު ނިިދި އަންނަ ނަމަ ކުރަން ހުންނަ ކަންކަން ނުކުރެވި މީހާގެ ޝެޑިއުލަށް ބުރޫ އަަރަ އެވެ. އެންމެ ބޭނުން ނޫން ގަޑިތަކުގައި ނިދި އާދެ އެވެ. ކައިގެން ކުރާ ބައެއް ކަންކަމުގެ ސަބަބުން ހަށިގަނޑުގައި ހަކަތަ މަތިކޮށް ބެހެއްޓުމަށް އެހީތެރިވެ އެވެ.
-
އެންމެ މުހިއްމީ މިންހެޔޮކޮށް ކެއުން، މިކަމުން މީހާއަށް ހަކަތަ ލިބިދޭ
-
އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި ގިނަ ފަހަރަށް އެތިއެތިކޮޅުން ކެއުން މުހިއްމު
-
ރޭގަނޑު ހަމަ ނިދި ހޯދުން މުހިއްމު
-
ގަވާއިދުން ކަސްރަތު ކުރުމަކީ ވެސް އެހީވެދޭ ކަމެއް
ކެއުމަށް ފަހު މާ ބޮޑަށް ވަރުބަލިވާ ނަމަ ޑޮކްޓަރަކަށް ދައްކައި ހަށިގަނޑުގައި އެއްވެސް ބައްޔެއް ހުރިތޯ ބެލުން މުހިއްމެވެ. އަދި އަބަދު ވަރުބަލިވެފައި ހުންނަ ނަމަ ވެސް ޑޮކްޓަރަކަށް ދެއްކުން މުހިއްމެވެ. މީގެ އިތުރުން، ކެއުމަށް ފަހު ގިނަ ފަހަރަށް ވަރުބަލިވެގެން ގޮސް ނިދަން ޖެހޭ ނަމަ ޑޮކްޓަރަކަށް ދައްކާށެވެ.
ކޮމެންޓް (1)
ސަރީފު