
ނާސިސިސްޓިކް މީހެއްގެ ސިފަތައް އެކުވެރިއެއް، ލޯބިވެރިޔާ، އަވަށްޓެރިއެއް، ގާތްތިމާގެ މީހެއް ނުވަތަ އެކީގައި މަސައްކަތް ކުރާ މީހެއްގެ ފުށުން ފެނުމަކީ އެކަށީގެންވާ ކަމެއް
އަމިއްލަ އެދުން ބޮޑު މީހަކަށް ރައްދު ދޭން މިގޮތަށް ވާހަކަ ދައްކާ
މުހިންމު ނުކުތާތައް
ނާސިސިސްޓިކް މީހުންނާ ވާހަކަ ދެއްކުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ދިރާސާތައް ބުނޭ
އެފަދަ މީހުންނާ ވާހަކަދައްކާ އިރު މުހިއްމީ ހަމަޖެހިގެން ހުރުން
ނާސިސިސްޓިކް މީހުން ހަގީގަތް އޮޅުވާލަން މަސައްކަތް ކުރޭ، ބުނި އެއްޗެއް ނުބުނާ ކަމަށް ހަދަން އުޅޭ
ނާސިސިސްޓިކް ނުވަތަ އެހެން މީހުންގެ އިހްސާސްތައް ނުދަންނަ، އަމިއްލަ އެދުމުން ފުރިގެންވާ މީހުންނާ އެކީގައި އުޅެ، ވާހަކަ ދައްކާ ހަދަން ޖެހޭ މީހުންނަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރެ އެވެ. ރުޅިގަދަވެ، ހިތުގައިޖެހި، ފޫހިވެ، އޮޅުންބޮޅުމެއްގެ ތެރޭގައި އުޅޭ ކަމުގެ އިހްސާސް ކުރެވެ އެވެ. ނާޖާއިޒު ގޮތުގައި ތިމާގެ ބޭނުން އަނެކާ ހިފާކަން އިހްސާސް ކުރެވި ކަންބޮޑުވެ އެވެ.
ނާސިސިސްޓިކް މީހެއްގެ ސިފަތައް އެކުވެރިއެއް، ލޯބިވެރިޔާ، އަވަށްޓެރިއެއް، ގާތްތިމާގެ މީހެއް ނުވަތަ އެކީގައި މަސައްކަތް ކުރާ މީހެއްގެ ފުށުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ދިރާސާތަކުން ބުނާ ގޮތުގައި ނާސިސިސްޓިކް މީހުންނާ މުއާމަލާތްކޮށް ހެދުން އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި މިކަމުން މީހާ އެއްކޮށް ވަރުބަލިކޮށްލަ އެވެ.

ނާސިސިސްޓިކް މީހުންނާ ވާހަކަ ދައްކާ އިރު އަމިއްލަ ދިފާއުގައި ބައެއް އިބާރާތްތައް ބޭނުން ކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ނާސިިިސިސްޓިކް މީހުންނަށް ރައްދު ދޭނެ ގޮތް
ނާސިސިސްޓިކް މީހަކާ ވާހަކަ ދައްކާ އިރު ތިމާއަށް ނަފްސާނީ ލުއެއް ލިބޭނެ ބައެއް އުކުޅުތައް ހުރެ އެވެ.
1. މުހިއްމީ ހަމަޖެހިގެން ހުރުން
ނާސިިސިސްޓިކް މީހުން އަނެކާގެ މައްޗަށް އެމީހުންގެ ކޮންޓްރޯލް އޮތް ކަމަށް ދައްކަން ބޭނުންވެ އެވެ. އިމޯޝަނަލް ރިއެކްޝަނެއް ހޯދަން މަސައްކަތް ކުރާނެ އެވެ. އޮޅުވާލުން، ދޮގުހެދުން، ޒާތީގޮތުން ޖައްސާލުން ފަދަ ކަންކަން ކުރަނީ ތިމާގެ ރިއެކްޝަނެއް ހޯދުމަށެވެ.
އެހެންކަމުން މުހިއްމީ ހަމަޖެހިގެން ހުރުމެވެ. މިއީ ކުރަން ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. މިކަން ކުރުން މުހިއްމުވަނީ އެ އަމަލު ހިންގާ މީހަކު ކުރާ ކަމަކާ ހެދި މާ ބޮޑަށް ޖަޒްބާތުގައި ޖެހި ރުޅިއަންނަ ނަމަ އަނެކާގެ ކޮންޓްރޯލްގެ ދަށަށް ތިމާ ފަސޭހައިން ދާތީ އެވެ. އެއީ އޭނާ ބޭނުންވާ ގޮތެވެ.
2. ދޭންވީ ކުރު ޖަވާބުތަކެއް
ނާސިިސިސްޓިކް މީހުންނާ ވާހަކަ ދައްކާ އިރު ދޭންވީ ކުރު ޖަވާބެެވެ. ތަފްސީލަށް ދިއުމުގެ ބޭނުމެއް ނެތެވެ. ސަބަބަކީ ތިމާގެ ޖަވާބުތައް އޮޅުވާލައިގެން ތިމާއަށް ބަހުގެ ހަމަލާތައް ދިނުމަށް އެމީހުން ބޭނުން ކުރާތީ އެވެ.

3. ހައްދެއް ގެންގުޅުން މުހިއްމު
ނާސިސިސްޓިކް މީހުގެ ކިބައިން ފެންނަ އެއް ސިފައަކީ އާދަޔާހިލާފު އުއްމީދުތަކެއް ކަންކަމުގައި ގެންގުޅުމެވެ. ތިމާގެ ޒާތީ ކަންކަން ހުންނަންވީ ގޮތުގެ ގޮތްފާޑު އެމީހުން ކިޔަ އެވެ. މިސާލަކަށް ކުރަންވާ މަސައްކަތް، ތިމާ ހުންނަންވީ ގޮތް، މިހެން ގޮސް ވަރަށް ޒާތީ ކަންކަމަށް ކޮމެންޓް ކުރެ އެވެ. އެންމެ ރަނގަޅު ގޮތަކީ މިފަދަ މީހުން ގާތްކޮށްގެން ނޫޅުމެވެ.
4. ރަނގަޅީ އެމީހުން ލައްވާ ލިޔުމުން ކަންކަން ނިންމުން
ނާސިސިސްޓިކް މީހުން އެންމެ އާއްމުކޮށް ކުރާ އެއް ކަމަކީ "ގޭސްލައިޓު" ކުރުމެވެ. މާނައަކީ ހަގީގަތުގައި ކަންހިނގި ގޮތް ބަދަލު ކުރަން މަސައްކަތް ކުރުމެވެ. ބައެއް ފަހަރު، ބުނި އެއްޗެއް ނުބުނާ ކަމަށް ހަދަ އެވެ. އަނެއްބައި ފަހަރު ދޮގު ހަދަ އެވެ.
އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ކަންކަން ލިޔުމުން ފެންނަ ގޮތަށް ބޭއްވުމެވެ. މިސާލަކަށް މެސެޖުން ނުވަތަ އީމެއިލުން ހޯދާފައި ބޭއްވުން މުހިއްމެވެ.

މިސާލަކަށް ތަނަކަށް ދާން ބުނަންޏާ ވަގުތާއި ގަޑި މެސެޖު ކުރަން ބުނެވިދާނެ އެވެ. އޮފީހުގައި ނަމަ މަސައްކަތެއްގެ ލަނޑުދަނޑިތައް ނުވަތަ ޝަރުތުތައް ހޯދާފައި ބެހެއްޓުމަށް ފަހު އެކަމެއް ކުރަން މަސައްކަތް ކުރުން ބުއްދިވެރި އެވެ.
4. މުހިއްމީ އެމީހުންގެ އަމަލުތަކަކީ ތިމާގެ މައްސަލައެއް ކަމުގައި ނުދެކުން
ތިމާއަށް ކަމެއް ގޯސްކޮށް ކުރެވިފައި އޮތް ނަމަވެސް އެއް ކަމެއް އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. އެމީހުންގެ އަމަލުތަކަށް ތިމާ ޒިންމާ ނަގާކަށް ނުޖެހޭނެ އެވެ. އަދި އެހެން މީހަކު އަމަލުތައް ބަހައްޓާ ގޮތަކީ ތިމާގެ މައްސަލައަކަށް ވެގެން ނުވާނެ އެވެ. ކަމެއް ހިނގައިފި ނަމަ އެންމެ ރަނގަޅު ގޮތަކީ، ހަމަޖެހޭ މީހަކު އެކަމެއްގައި އަމަލު ކުރާނެ ގޮތާ މެދު ވިސްނާލުމެވެ. އަދި ނާސިސިސްޓިކް މީހަކު އަމަލު ކުރާނެ ގޮތާ ތަފާތުކަން ދެނެގަތުމެވެ.

ނާސިސިސްޓިކް މީހަކާ ވާހަކަ ދައްކާ އިރު ބޭނުން ކުރެވިދާނެ ބައެއް އިބާރާތްތައް
ނާސިސިސްޓިކް މީހަކާ ވާހަކަ ދައްކާ ނަމަ، އޭނާ ތިމާ ކުޑަކޮށްލާ ދެރަކޮށްލާ ނަމަ، ރައްދުގައި ތިރީގައި މިވާ ގޮތަށް ވާހަކަ ދައްކާށެވެ.
'ތި ގޮތް އަހަންނަކަށް ކަމަކު ނުދޭ'
ނާސިސިސްޓިކް މީހުން ތިމާއާ ގުޅޭ ކަންކަން ތިމާގެ މަޝްވަރާއާނުލާ ނިންމަން މަސައްކަތް ކޮށްފާނެ އެވެ. ތިމާއާ ގުޅޭ ކަންކަން އެހެން މީހުން ނިންމާ ނަމަ، އަދި އެ ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ އެކަން ހާމަ ކުރާށެވެ. އެފަދަ ދަނޑިވަޅުގައި "ތި ގޮތް އަހަންނަކަށް ކަމަކު ނުދޭ،" އެހެން ބުނާށެވެ.
'އަހަންނަށް ތިކަން އިހްސާސް ކުރެވެނީ ތަފާތުކޮށް'
ކޮންމެ ހާލަތެއްގައި ކާކުތޯ ރަނގަޅީ ކާކުތޯ ގޯސްވީ ބަލާކަށް ނުޖެހެ އެވެ. ބައެއް ހާލަތްތައް ތިމާ ދެކޭ ގޮތް ތަފާތު ވެދާނެ އެވެ. ތިމާ ދެކޭ ގޮތް އަނެކާއަށް ކިޔައިދޭން މަސައްކަތް ކުރާ ނަމަ، އަނެކާއަށް ލިބެނީ ހައްތަހާ ތިމާ ކުޑަކޮށްލާ ޖަދަލު ކުރަން ފުރުސަތެވެ. މި ފަދަ ދަނޑިވަޅެއް ނަމަ "އަހަންނަށް ތިކަން އިހްސާސް ކުރެވެނީ ތަފާތުކޮށް،" އެހެން ބުނާށެވެ.

'އަހަރެން އަމިއްލަ ނަފްސާ މެދު ދެކެނީ ތިގޮތަކަށް ނޫން'
ނާސިސިސްޓިކް މީހުން ވަރަށް ގިނަ ފަހަރަށް އެމީހުންގެ އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ރަނގަޅުކޮށްލަން ނުވަތަ ގަދަވާން، އަނެކާ ދެރަކޮށްލަން ވާހަކަ ދައްކާނެ އެވެ. އެކަހަލަ ހާލަތްތަކުގައި އަމިއްލަ ނަފްސު ދިފާއު ކުރުމަށް ދަންނާށެވެ. އަދި "އަހަރެން އަމިއްލަ ނަފްސާ މެދު ދެކެނީ ތިގޮތަކަށް ނޫން" ކަމުގައި ބުނާށެވެ.
'އަހަރެންގެ ހަނދާނުގައި ހުރީ ތިގޮތަކަށް ނޫން'
މިއީ ވަރަށް މުހިއްމު ކަމަކެވެ. ސަބަބަކީ، ނާސިސިސްޓިކް މީހުން ހަގީގަތް އޮޅުވާލައި އެމީހުންގެ ކޮޅު މޮޅު ކުރަން އުޅެ އެވެ. ހަގީގަތުގައި ހިނގި ކަމެއް ނުހިނގާ ކަމަށް ބުނެ އެވެ. އެހެންކަމުން ތިމާގެ ހަނދާނުގައި ކަންވީ ގޮތް ރަނގަޅަށް ހަނދާން ހުރި ކަމަށް ބުނާށެވެ. އަދި ކަން ހިނގި ގޮތާއި އަމިއްލަ ނަފްސާ މެދު ސުވާލު އުފައްދާނެ ފުރުސަތު ނުދޭށެވެ. "އަހަރެންގެ ހަނދާނުގައި ހުރީ ތިގޮތަކަށް ނޫން،" އެހެން ބުނާށެވެ.
'އަހަރެން މިވާހަކަ ދައްކާނީ އަހަރެންގެ ކޮޅު އަޑުއަހާ ނަމަ'
ވާހަކަ ދެއްކުމަށް ފެށުމުގެ ކުރިން ތިމާގެ ކޮޅު އަޑުއަހަން ބުނާށެވެ. ތިމާ ދައްކާ ވާހަކައަށް އިހްތިރާމް ކުރަން ބުނާށެވެ. އެހެން ނޫން ނަމަ އެކަމަކާ މެދު މަޝްވަރާ ކުރުމުގެ ބޭނުމެއް ނެތެވެ. ވާހަކައިގެ ދެކޮޅު އޮންނާނެކަން ބުނެދިނުމަށް، "އަހަރެން މި ވާހަކަ ދައްކާނީ އަހަރެންގެ ކޮޅު އަޑު އަހާ ނަމަ"އޭ ދުރާލާ ބުނާށެވެ.

'އަހަރެންނަށް މިކަން މުހިއްމު'
ނާސިސިސްޓިކް މީހުންނާ ބައެއް ވާހަކަތައް ދައްކާ އިރު، މުހިއްމުވާ ސަބަބު އިތުރަށް ބުނެދޭކަށް ނުޖެހެ އެެވެ. ބައުންޑަރީއެއް ގެންގުޅެން ޖެހެ އެވެ. ތިމާ ދައްކާ ވާހަކަ މުހިއްމުވާ ސަބަބުތައް ކިޔައިދިނުމުން ދުރުވާން ޖެހެނީ ބަހުގައި ހިފައިގެން އޮޅުވާލަން މަސައްކަތް ކުރާތީ އެވެ. އިތުރު ތަފްސީލް އަދި ވާހަކައިގެ ބުރަދަން ކިޔައިދޭން މަސައްކަތް ކުރާނެ ކަމެއް ނެތެވެ. ބަދަލުގައި އެކަމަކީ ތިމާއަށް މުހިއްމު ކަމެއް ކަމުގައި ހާމަ ކުރާށެވެ. އެކަމަށް އިހްތިރާމް ކުރަން އަނެކާ ދަންނަންޖެހެ އެވެ.
'ތި ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން'
ތިމާ ދައްކަން ބޭނުން ނޫން ވާހަކައެއް އަނެކާ ދައްކަން މަސައްކަތް ކުރާ ނަމަ އަދި އޭނާގެ ކޮޅު މޮޅުވާ ގޮތަށް ވާހަކަ ދައްކަން އުޅޭ ނަމަ އެ ވާހަކައެއް އިތުރަށް ދައްކަން ބޭނުން ނޫން ކަމުގައި ބުނާށެވެ.
ބައެއް ވާހަކަ ޓޮކްސިކް ނަމަ، އަނެކާގެ އިހްތިރާމް ކުޑަ ކޮމެންޓްތައް ތިމާއަށް ރަައްދުވާން ބޭނުން ނޫންކަން ސާފުކޮށް ބުނާށެވެ. އެ ވާހަކަ ދެއްކުމަށް ފުރުސަތުނުދީ ދުރަށް ދާށެވެ. ވާހަކައިގައި ބައިވެރިވާން ބޭނުން ނޫން ކަމުގައި ވެސް ބުނާށެވެ. މިފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ "ތި ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން،" އެހެން ބުނާށެވެ.

'ދައުވަތު ދިނީތީ ޝުކުރިއްޔާ، އެކަމަކު ބައިވެރިވެވޭކަށް ނެތް'
ނާސިސިސްޓިކް މީހުންގެ ދައުވަތުތައް ބަލައިނުގަންނާށެވެ. އެފަދަ މީހުންގެ މަޝްވަރާތަކުގައި ބައިވެރިވާން އުޒުރުވެރިވާށެވެ. ރީތި ގޮތުގައި ނޫނެކޭ ބުނަން ދަސްކުރާށެވެ. މިއީ ތިމާއަށް ރަނގަޅަކަށް ކުރާ ކަމެކެވެ. ޝައުގުވެރިކަމެއް ނެތްކަން ފާޅުކުރާށެވެ. "ދައުވަތު ދިނީތީ ޝުކުރިއްޔާ، އެކަމަކު ބައިވެރިވެވޭކަށް ނެތް،" މިހެން ބުނާށެވެ.

ނާސިިސިސްޓިކް މީހުންނާ މުއާމަލާތް ކުރަން އަދި އެފަދަ މީހުންނާ ދުރުވާން އުނދަގޫ ނަމަ އާއިލާ، ރައްޓެހިން އަދި ނަފްސާނީ ގޮތުން ޕްރޮފެޝަނަލް ހިދުމަތްދޭ ފަރާތްތަކުގެ އެހީތެރިކަން ހޯދާށެވެ.
އެމީހުންގެ އެހީއާ އެކު ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ތިމާގެ އިހްސާސްތަކަކީ ސައްހަ އެއްޗެއް ކަމުގައި ދެނެގަނެވޭނެ އެވެ. އަދި ހަގީގަތަކީ ކޮބާކަމާއި ތިމާގެ އަމިއްލަ ނަފްސު ރައްކާތެރި ކުރުމަށް އިންތަކެއް ކަނޑައެޅުމަށް އެހީތެރިވެދޭނެ އެވެ.