މިދިއަ ހުކުރުދުވަހު އޮތް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 5 ކިލޯމީޓަރު ދުވުން: މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރޭސް (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އޭ، ނެތޭ 45 އަހަރުން މައްޗެއް! ދެން ކޮން ދުވުމެއް؟
އަހަންނަށް ބަލައިނުލެވުނީ އެވެ. އޮންލައިންކޮށް ފޯމް ފުރާލި އިރު، ގަބޫލުކުރެވުނީ އަހަރެންގެ އުމުރާ ގުޅޭ ކެޓެގަރީއަށް އޮޓޯއިން ދާނެ ކަމަށެވެ.
އުމުރުން 45 އަހަރު 2015ގައި، ފުރުމާ އެކު ކޮންމެ އަހަރަކު ވެސް ދިރާގު މޯލްޑިވްސް ރޯޑް ރޭސްއަށް ހާއްސަ ސަމާލުކަމެއް ދެވެވެ އެވެ. ފުރަތަމަ 2016ގައި، 45 އަހަރުން މަތީގެ ބައިގައި ދުވަން ތައްޔާރުވިއިރު، ކޯޗު އަދި ރާއްޖޭގައި އުފެދުނު އެެންމެ މޮޅު އެއް ދުވުންތެރިޔާ ނަސީރު އިސްމާއިލް ބުނި ގޮތުން ނަމަ، ވަނައެއް ލިބުން ކައިރި އެވެ. ތެދެކެވެ. ވަރަށް ކައިރިއަށް ދެވުނެވެ. ރޭސް ނިންމަން 600 މީޓަރު އޮތް އިރު ކުރިމަތިން ފެނުނީ އިބްރާހިމް ނައީމް (އިބާން) އެވެ. އުމުރުން 45 އަހަރުން މަތީގެ އެހެން ބައިވެރިއެކެވެ. ހިތަށްއެރީ ރޭހުގެ އެންމެ ދޮށީ އުމުރު ފުރައިން ނައީމް އެ އޮތީ އެއް ވަނާގައި ކަމަށާއި އަހަރެން ދެ ވަނާގައި ކަމަށެވެ. ވަރަށް ހިތްހަމަޖެހުނެވެ.
ނަމަވެސް ރޭސް ނިންމި އިރު ކަން ވީ އެހެންނެއް ނޫނެވެ. އަހަރެމެންގެ އުމުރުގެ އެހެން ދެ ދުވުންތެރިޔަކު ނައީމްއަށް ވުރެ ކުރިން ނިންމައިފި އެވެ. އެހެންކަމުން އަހަރެން ދިޔައީ، ނައިމަށް ވުރެ އެންމެ ހަ ސިކުންތު ލަސްވެގެން، ހަތަރު ވަނަ އަށެވެ.
އޭގެ ފަހުން، ކޮވިޑް-19އާ ގުޅިގެން މެދުކަނޑާލުމާ ހަމައަށް ދުވި ތިން ރޭހުގައި، ފަހަރަކަށް ވުރެ ފަހަރެއް ދަށްވަމުން، އަހަންނަށް ވުރެ މާ ބާރަށް ދުވާ މީހުން ގިނަވަމުން އަ އެވެ. އެކަމަކު އުމުރުން 45 އަހަރުން މަތީގެ ބައިން ގަދަ 10 އިން ނުވެއްޓެ އެވެ. އެހެންކަމުން އަބަދުވެސް އަމާޒަކަށް ހަދާފައި އޮންނަނީ އެ އުމުރުގެ ގަދަ 10ގައި ހިފެހެއްޓޭތޯ އެވެ. އެ މުއްދަތުގައި ނައީމް ވަނީ 2017 ،2018ގައި އެއް ވަނަ، 2019ގައި ދެ ވަނަ ހޯދައިފަ އެވެ. އޭގެ ތެރެއިން 2019ގައި އޭނާ 5 ކިލޯމީޓަރު 20 މިނިޓަށް ވުރެ އަވަހަށް ދުވި އެވެ. މިފަހަރުގެ ރޭސް 20 މިނިޓުންނެވެ. ސާބަހެވެ.
މިދިއަ ހުކުރުދުވަހު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކްގައި އަހަރެން ހުރީ، ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 5 ކިލޯމީޓަރުގެ ދުވުމަށް ވާމްއަޕް ކުރާށެވެ. ސިކުނޑީގައި އޮތީ 23 މިނިޓުން ނިންމުމުގެ އަޒުމެވެ. އުމުރުން 52 އަހަރުގައި 22 މިނިޓުން ނިންމިއްޖެ ނަމަ، އެއީ އަމިއްލަ ނަފުސަށް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބަލައިގެންނެވެ. އެ އުމުރުގައި ވަނައަކަށް އުއްމީދުކުރެވޭ ވަރަށް ވުރެ ބާރަށް ދުވާ ދުވުންތެރިން ގިނަ އެވެ. އެކަމަކު ގަދަ 10 އަތުލެވުން ކައިރި އެވެ.
"މިފހަރު ނެތޭ 45 އަހަރުގެ ބައެއް. އެ ކެޓެގަރީ ދިރާގުން އޮތީ ކާލާފައި،" ރޭހުގެ ކުރިން ގަދައަށް ވާމްއަޕްކުރާ ތަން ފެނިގެން ރައްޓެހި އެހެން ދުވުންތެރިޔަކު ބުންޏެވެ.
ލިބުނީ ސިހުމެވެ. އައީ ރުޅި އެވެ. ވީ ފޫއްސެވެ.
"ދުވާ ހިތް ވެސް ކެނޑިއްޖެ،" އޭނާ ކައިރިއަށް މަޑުކޮށްލާފައި އަހަރެން ބުނީމެވެ.
"މި ރޭހުގައި އަހަރެން ބައިވެރިވަނީ ވެސް 45 އަހަރުން މަތީގެ ބައި އޮތީމަ. ދެން ދާންވީ ގެއަށް،" އަހަރެން ބުނީމެވެ.
އެކަމަކު ރާއްޖޭގެ އެންމެ ބޮޑު ރޭސް އަދި އެކި އުމުރުގެ އެންމެ ގިނަ މީހުން ބައިވެރިވާ ރޭސް ދޫކޮށްލާފައި ގެއަށް ދިއުމުގެ ވިސްނުމެއް ނެތެވެ. ދިރާގުން ކުރި ކަމެއް ދިރާގުން އެ އޮތީ ކޮށްފަ އެވެ. ނަމަވެސް އެއީ 2006ގައި ވަރަށް އާދައިގެ ގޮތަކަށް ފެށި ރޭހުގެ މިދިއަ 13 އަހަރުގެ ތާރީހުގައި (13 އަހަރު ކަމަށް މި ބުނީ ރޭސް ބޭއްވި އަހަރުތައް ގުނައިގެންނެވެ.) ފަހަތަށް އެޅި ފިޔަވަޅެކެވެ. އަމިއްލަ ފަރާތްތަކުން މިހާރު ބާއްވާ ރޭސްތަކުގައި ފެންނަނީ އަހަރަކަށް ވުރެ އަހަރެއްގައި ކަންކަން ރަނގަޅުކުރަމުން އަންނަ ތަނެވެ.
ދިރާގުގެ އިސް ވެރިއެއް ކައިރީގައި އަހާލީމެވެ؛ ކުރިން އޮތް ވަކި ކެޓެގަރީއެއް މިފަހަރު އުނިކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ އެއް ޖަވާބަކީ، ގިނަ ކެޓެގަރީތައް ހެދީމާ ރޭހުގެ ކަންކަން އުނދަގޫވުމެވެ. އަނެއް ޖަވާބަކީ '45 އަހަރުން މަތީގެ ބައެއް ވަކި އޮންނަންވީ ކީއްކުރަންހޭ، ބައެއް މީހުން ކުރާ ސުވާލެ'ވެ.
ރޭހުގެ މަގުސަދަށް ފުރަތަމަ ބަލަމާ ހިނގާށެވެ. އާންމުންގެ ތެރޭގައި ދުވުމުގެ ފޯރި ގަދަކޮށް، ދުޅަހެޔޮ ސިއްހަތަކަށް މަގެއް ކޮށައިދިނުމަކީ މިކަހަލަ ރޭސްތަކުގެ އެންމެ ބޮޑު އެއް މަގުސަދެވެ. ދުވުމަކީ އިންސާނުންގެ ސިއްހަތާ ގުޅިފައި އޮތް އެންމެ މުހިންމު އެއް ހަރަކާތެވެ. އުފެދުމުގައި އުނިކަމެއް ނެތް ނަމަ، ކޮންމެ މީހަކަށް ވެސް ދުވެވޭނެ އެވެ. ކޮންމެ މީހަކަށް ވެސް، އެއް ރޭހަށް ވުރެ އަނެއް ރޭހުގައި ދުވެވޭ ސްޕީޑް ބާރުވެ، ވަގުތު އަވަސްކުރެވޭނެ އެވެ. އާއެނކެވެ. އޭނާގެ އެންމެ މަތީ ގާބިލްކަމާ ހަމައަށް ދަންދެނެވެ. އެ ގާބިލްކަމާ ހަމައަށް ދެވޭއިރު ދުވުމުން ލިބޭ އުފަލާއި އަރާމާއި ސިއްހީ ފައިދާ އޭނާއަށް ހުންނާނީ ތަޖުރިބާކުރެވިފަ އެވެ.
އަހަންނާއި ނައީމް އާއި އަހަރެމެން އުމުރުގެ އެހެން ދުވުންތެރިން ފަދައިންނެވެ. މި ދުވުންތެރިންނަކީ ސިއްހީ ދުޅަހެޔޮކަމަށް ދުވާ މީހުންނެވެ. އޭގެ ސަބަބުން ލިބޭ ބޮޑު އުފާ ކޮންމެ ދުވަހަކު ތަޖުރިބާކުރަމުން އަންނަ މީހުންނެވެ.
ދުވުމަކީ ފޯރި ވެސް ހުރި ކަމެއްކަން ގިނަ މީހުންނަށް ދަސްކޮށްދޭން ދިރާގު ރޭސް ފަދަ ސީރިއަސް ރޭސްތައް ވަރަށް މުހިންމެވެ. އެހެންކަމުން އޭގެ ތެރެއަށް މީހުންގެ ޝައުގުވެރިކަން ދަމައިގަންނާނެ ބައިތައް އިތުރުކުރުމަކީ، ރޭސް ކުރިއެރުވުމެވެ. އެކަމަކު ދިރާގުން މިދިއައީ ފަހަތަށެވެ.
މިކަހަލަ ބޮޑެތި ރޭސްތަކުގައި، އެންމެ މޮޅެތި ދުވުންތެރިންގެ ބަޔާއި ޖޫނިއަ ބައި ވަރަށް މުހިންމެވެ. މިއީ ގައުމުގެ އެންމެ މަތީ ހުނަރާއި ކުރިމަގުގެ ހުނަރު ދައްކުވައިދޭ ބަ އެވެ. ފައިސާގެ އިނާމާއި އެނޫން ވެސް ގިނަ އިނާމްތައް ހާއްސަކުރަން ޖެހޭ ދެ ބަަ އެވެ.
ދެން އޮންނާނީ އެކި އުމުރު ފުރައިގެ ބައިތަކެވެ. މިސާލަކަށް 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 50 އަހަރުން މަތި، 55 އަހަރުން މަތި، މިހެން ގޮސް ކޮންމެ ފަސް އަހަރަކުން ކެޓެގަރީއެކެވެ. މި ކެޓެގަރީތަކުން ވަނަ ހޯދާ މީހުންނަށް ކޮންމެހެން ފައިސާގެ އިނާމެއް މުހިންމެއް ނޫނެވެ. މި ގްރޫޕްތަކުގައި ދުވާނީ ދުވުމަކީ ދިރިއުޅުމުގެ އާދައަކަށް ހަދައިގެން އުޅޭ މީހުންނެވެ.
މަތީ އުމުރު ފުރައިގެ ކެޓެގަރީތަކުގެ ވަނަތަކަށް ހަމައެކަނި މެޑެލް އާއި ސެޓްފިކެޓެއް ވެސް ފުދެ އެވެ. އެ އުމުރު ފުރައިގެ ގައުމީ ރެކޯޑްތައް ދިރާގުން ވިޔަސް ނުވަތަ އެތުލެޓިކްސް އެސޯސިއޭޝަނުން ކަމަށް ވިޔަސް، ބަލަހައްޓަން ވާނެ އެވެ. ރެކޯޑް މުގުރީމާ، އެކަން ރޭހުގައި އިއުލާންކުރަންވީ އެވެ.
މިއީ ދުޅަހެޔޮކަމާ އެއްކޮށް ރޭހެއްގައި ވާދަވެރިކަން ބޮޑުކުރަން ވެސް މުހިންމު ފިޔަވަޅުތަކެކެވެ. މިސާލަކަށް 65 އަހަރުގެ ކާފައަކާއި މާމައެކެވެ. ރަނގަޅަށް ދުވެ އުޅެ އެވެ. ދިރާގުގެ ރޭހުގައި އޮންނަ 65 އަހަރުން މަތީގެ ކެޓެގަރީގެ ވަނައަކަށް ދާން ބޭނުންވި އެވެ. ރެހަށް ރަނގަޅަށް ފަރިތަކޮށް ގައުމީ ރެކޯޑް ވެސް ހެދީ އެވެ. އެމީހުންގެ ދަރިންނާއި ކާފަ/މާމަ ދަރިން، އެވަގުތު ކިހާ އުފާވާނެ ހެއްޔެވެ؟ ދިރާގުގެ ރޭހަށް އިތުރު ލޯތްބެއް ލިބުނީ އެވެ.
ރޭހުގެ އުމުރު ފުރާތައް ގިނަކޮށްގެން މާ ބޮޑު އުނދަގޫތަކެއް ދިމާވާނެ ކަމަކަށެއް ނުފެނެ އެވެ. ވަގުތު ބަލަމުން އެ އަންނަނީ އެއަށް ހާއްސަ ނިޒާމަކުންނެވެ. ރޭސް ނިންމާ އިރަށް ވަގުތު އެ އޮންނަނީ ފެންނާށެވެ. އެހެންކަމުން ވަގުތު ނޭނގިގެން، ނުވަތަ އެކަމަށް މާ ގިނަ ބަޔަކު ހާއްސަކޮށްގެން ތިބޭކަށް ނުޖެހެ އެވެ. ހަމައެކަނި ދިރާގަށް ގިނަކޮށްލަން ޖެހޭނީ ވަނަތަކަށް ދޭ ހާއްސަ މެޑެލްތަކެވެ. ރޭހުގެ ހަނދާނަކަށް ބާއްވާ މުޅި ރޭހުގެ އާންމު މެޑެލްތަކަށް ވުރެ، ވަނަތައް ރަމްޒުކޮށްދޭ ހާއްސަ މެޑެލް އެވެ.
ދިރާގު ރޭހުގެ އެންމެ ބޮޑު ބައި، 5 ކިލޯމީޓަރުގެ ރޭސް ފެށި އިރު އެއްވެފައި ތިބި އެތައް ހާސް ބަޔަކު އެ ދައްކައިދެނީ، ކޮންމެވެސް ފެންވަރެއްގައި ތިމަންނަމެން ދުވަން ބޭނުންވާ ކަމެވެ. ދެމަފިރިން އެކުގައި ދުވާތަނެވެ. ދަރިންނާ އެކު ދުވެލުމަކީ އުފަލެއް ކަމެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިންނާ އެކު އެއް ތަނަކުން ބައްދަލުވުމަކީ ހިތްހަމަޖެހުމެއް ކަމެވެ. ރަހުމަތްތެރިންނާ އެކު ގްރޫޕް ހަދާލައިގެން އެކަކަށް ވުރެ ބާރަށް އަނެކަކު ދުވެލަން އުޅުމަކީ، މަޖަލެއް ކަމެވެ. މުޅި އާއިލާ އެއްކޮށް ރޭސް ނިންމާލުމުގެ ހާއްސަ ހިނިތުންވުމެވެ.
ދިރާގު ރޭސް ފަހަތަށް ގޮސްގެން ނުވާނެ އެވެ. އަބަދުވެސް ދައްކައިދޭން ޖެހޭނީ ކުރިއެރުމެވެ. އުއްމީދުކުރަނީ، އަންނަ އަހަރު ރޭސް ފަށާއިރު މިފަހަރު އެ ލިބުނު ފަދަ މާޔޫސް ހަބަރެއް އަޑުނީވޭނެ ކަމަށެވެ. އިވުނަސް އިވެން ޖެހޭނީ، 'އޭ، މިފަހަރުގެ ރޭސް ހާދަ ތަފާތޭ' ބުނެލާ އަޑެވެ.
ކޮމެންޓް (3)
ނައީމް
ޙަސަން
މޫޔާ