ލ. ގަމު އިހައްދޫ ސްކޫލުގައި މި އަހަރުގެ މުދައްރިސުންގެ ދުވަހުގައި ބޭއްވި މޭވާގެ ކެއުން. (ފޮޓޯ/އިހައްދޫ ސްކޫލް)

އިހައްދޫ ސްކޫލުން ދެއްކި މިސާލުން ނަމޫނާ ނެގުން މުހިއްމު

ލ. ގަމު އިހައްދޫ ސްކޫލުން މި އަހަރުގެ މުދައްރިސުންގެ ދުވަހު ފެނުނީ، އާންމުކޮށް އެފަދަ މުނާސަބަތަކުން ފެނިދާނެ ހެދިކާގެ އެތައް ބާވަތެއްގެ ބަދަލުގައި، ތާޒާ މޭވާގެ ޖާފަތެއް
16 އޮކްޓޯބަރު 2023
1

ސްކޫލްތަކުގައި ބާއްވާ އެކި ހަފުލާތަކުގައި އަބަދުވެސް ހުންނަނީ ހެދިކާ އެވެ. ސޭންޑްވިޗާއި ޕިއްޒާ ފަދަ އެއްޗިއްސެވެ. ދަރިވަރުންނާއި ޓީޗަރުންނަށް ވެސް އެއީ އެ ވަގުތަށް އެންމެ ހިނގާނެ އެއްޗެހި ކަމަށް ގަބޫލުކުރެވެ އެވެ.

ނަަމަވެސް މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރަން ލ. ގަމު އިހައްދޫ ސްކޫލުގައި ބޭއްވީ މުޅިން ތަފާތު ކެއުމެކެވެ. ދިގު މޭޒު ފުރާލާފައި އޮތީ މޭވާގެ ބާވަތްތަކުންނެވެ.

އެހާމެ ކުލަގަދަ މަންޒަރެކެވެ. އިހައްދޫ ސްކޫލްގެ ފޭސްބުކް އެކައުންޓުން އެ ފޮޓޯތައް ފެނުމުން އެތައް ބައެއްގެ ތައުރީފު ވެސް ލިބުނެވެ. 

ލ. ގަމު އިހައްދޫ ސްކޫލުގައި މި އަހަރުގެ މުދައްރިސުންގެ ދުވަހުގައި ބޭއްވި މޭވާގެ ކެއުން.(ފޮޓޯ/އިހައްދޫ ސްކޫލް)

ތަފާތު މަންޒަރެއް

އިހައްދޫ ސްކޫލުން ޕޯސްޓުކުރި 50 އެއްހާ ފޮޓޯއިން ފެނުނީ ހުސް މީރު މޭވާ އެވެ. ފަޅޯ، ކަރާ، އަލަނާސި، ޕެޝަން ފްރުޓް، އޮރެންޖު އަދި ކާމަރަނގަ ފަދަ، ކާލުމުން މީހާ ވަގުތުން ތާޒާކޮށްދޭ މޭވާތަކެވެ. ބަރިއަކަށް އަތުރާލާފައި، ދޮންކެޔޮ ފަތްތަކެއްގެ މަތީގައި ހުރި މޭވާތަކުގެ ތެރޭގައި ކުރުނބާ ވެސް ހިމެނި އެވެ. ބައެއް ކަހަލަ މޭވާއާ ޖައްސައިގެން ކާން ރިހާކުރު ވެސް ހުއްޓެވެ.

ގަސްތަކުގެ ހިޔަލުގައި ތިބެގެން ޓީޗަރުން ހިތްހަމަޖެހުމާ އެކު، މޭވާގެ ޖާފަތުގައި ބައިވެރިވި އެވެ.

އިހައްދޫ ސްކޫލުގެ ކީ ސްޓޭޖް 1ގެ ލީޑިން ޓީޗަރު ހަސީނާ އަލީ ވިދާޅުވިގޮތުގައި ކޮންމެ މުދައްރިސުންގެ ދުވަހެއްގައި ވެސް އެ ސްކޫލުގެ ކީ ސްޓޭޖް 1ގެ މުދައްރިސުން، އެ ދުވަސް ފާހަގަކުރުމަށްޓަކައި ކޮންމެވެސް ތަފާތު ކަމެއް އިންތިޒާމްކޮށް ބާއްވަ އެވެ. މިދިޔަ ހަފްތާގައި ސްކޫލުން ޝާއިއުކުރި ފޮޓޯތަކުން ދައްކާލީ މި އަހަރުގެ އިންތިޒާމްތަކުގެ ނަތީޖާ އެވެ. 

"ޓީޗާސްއަށް ކަމެއް ކޮށްދޭން ވެގެން ބޭއްވި ކެއުމެއް އެއީ. ދެން އެ މީހުން ވެސް ވަރަަށް ލައިކްވާނެ އެ ހުރިހާ ވެރައިޓީއެއް،" ހަސީނާ ވިދާޅުވި އެވެ.

"އާދައިގެ މަތިން ވެސް ޖަންކް ފުޑް މަނާވާނެ ސްކޫލަށް ގެނައުންް. ޖޫސް އެކަނި ކުދިންނަށް ހުއްދަވާނީ. ފްރެޝް ޖޫސް. މުދައްރިސުންނަށް ވެސް އެ ގަވައިދު އޮވޭ. ސިންގަލް ޔޫސް ޕްލާސްޓިކް ވެސް ބޭނުމެއްނުކުރެވޭނެ."

މޭވާ ޖައްސައިގެން ކާލަން ރިހާކުރާއި ހަވާދުކޮޅެއް ބަހައްޓާފައި. (ފޮޓޯ/އިހައްދޫ ސްކޫލް)
ސިކުނޑިއަށް ވެސް ގިނަގުނަ ފައިދާ ކުރާ މޭވާ ހިމަނައިގެން އެކި ހަފްލާތަކަށް ކެއުން ތައްޔާރުކުރުން މާ ފައިދާ ބޮޑު. (ފޮޓޯ/އިހައްދޫ ސްކޫލް)

މިއީ ސްކޫލްތަކުގެ މިފަދަ މުނާސަބަތުތަކުގައި އާއްމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ހެދިކާ ނުވަތަ އެހެނިހެން 'ޖަންކް' ކާނާ އިން ކެއުން ތައްޔާރުކޮށް ނިންމާލަނީ އެވެ. ބޮޑަށް ކާން ބޭނުންވަނީ އެފަދަ ބާވަތްތަކަށް ވުން އެކަށީގެންވެ އެވެ. ނުވަތަ އެ ވަރަށް މޭވާ ގަތުމުގެ ހަރަދު، ހެދިކާ ފަދަ އެއްޗެހީގެ އަގަށް ވުރެ ބޮޑުވާނެތީ ކަމަށް ވުން ގާތެވެ. 

ނަމަވެސް، ހާއްސަކޮށް ސްކޫލް މާހައުލުގައި ބާއްވާ މުނާސަބަތުތަކުގައި ދުޅަހެޔޮ ކާނާ އިސްކުރުން މުހިއްމުވަނީ ހަމައެކަނި އެ ފަހަރަކު މޭވާ ކާލައިގެން ލިބޭ ފައިދާގެ ސަބަބުންނެއް ނޫނެވެ. ނަމަވެސް، އެކަމުގެ ސަބަބުން ދުޅަހެޔޮ ކާނާއަށް ޝައުގުވެރިވުމަށް މަގުފަހިވާތީ އެވެ. އަދި އެފަދަ ހާލަތްތަކުގައި މުދައްރިސުންނަށް ލިބެނީ ދުޅަހެޔޮކަމާ ބެހޭގޮތުން ދަރިވަރުންނަށް ދަސްކޮށްދިނުމަށް ރަނުގެ ފުރުސަތެކެވެ. 

ޑައެޓީޝަން އާސިޔާ އަބްދުއްރަހީމް އިހައްދޫ ސްކޫލުގެ ޕޯސްޓު ޝެއާކުރައްވައި ފާޅުކުރެއްވި ޝުއޫރަކީ ވެސް އެއީ އެވެ. އަންނަން އޮތް ޖީލު އިތުރަށް ހަރުދަނާކޮށް ވީހާވެސް ދުޅަހެޔޮކުރުމަށް ހުރިހާ ސްކޫލެއް ވެސް 'ޕްރޯ-ހެލްތު' މާހައުލެއް އިސްކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި، އިހައްދޫ ސްކޫލް ނަމޫނާއަކަށް ނަގައި، ސްކޫލްތަކުގައި ބާއްވާ ކެއުންތަކާއި މުނާސަބަތުތަކުން ޖަންކް ފުޑް އުނިކުރުމަށް އޭނާ ބާރުއެޅުއްވި އެވެ. 

މޭވާއިން ހަށިގަނޑަށް ކުރާ ޖިސްމާނީ ގިނަގުނަ ފައިދާގެ އިތުރުން ބުއްދިއަށް ވެސް ފައިދާތައް ކުރެ އެވެ. މިސާލަކަށް، އޮރެންޖާއި ކީވީ ފަދަ މޭވާތަކުގައި ހިމެނޭ ގިނަ އަދަދެއްގެ ވިޓަމިން ސީގެ ސަބަބުން، ސިކުނޑިއަށް ގެއްލުންދޭ މާއްދާތަކުން ދިފާއުކޮށްދެ އެވެ. އަދި، ޖުމްލަކޮށް ސިކުނޑި ވަރުގަދަކޮށްދީ، ވިސްނުން ރަނގަޅުކޮށްދެ އެވެ.

ދަރިވަރުން މޭވާ ކެއުމަށް ލޯބި ޖައްސުވައި އެކަން އާދައަކަށް ހަދަން އެހީތެރިވުމަކީ އެކުދިންގެ ކިޔެވުމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއްކަން ޔަގީނެވެ.

"ވަރަށް ފެނޭ، ހަމަ ގިނައިން ބާއްވާނީ ޕިއްޒާ ޕާޓީ ކަހަލަ ކަންކަން ސްކޫލްތަކުގައި. އެކަމަކު އެހާ ކޫލް ކަމެއް ނޫން އެއީ، އަނެއްހެން،" ހަސީނާ ވިދާޅުވި އެވެ.

އޭނާ ވެސް ބާރުއެޅުއްވީ މޭވާ ފަދަ ދުޅަހެޔޮ ކާނާ، ހާއްސަކޮށް ސްކޫލްތަކުގައި، ކެއުމުގެ ގޮތުގައި އިސްކުރާށެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް، އެކަމަށް ނުހޭނުނަސް، އެންމެން އެކަން ކުރުމުން މަޑުމަޑުން އެ އާދަ ފެތުރި މަގުބޫލުވާނެ ކަމަށް ހަސީނާ ގަބޫލުކުރައްވަ އެވެ.

ކޮމެންޓް (1)

ލޮލް

30 އޮކްޓޯބަރު 2023
ރިހާކުރު ކިހާ ސިއްހަތަށް ފައިދާހުރިތޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް