ހަދާފައިވާ މި ފޮޓޯގައި ޕެރިހުގެ މަޝްހޫރު އައިފިލް ޓަވަރުގެ މަންޒަރަކާ އެކު ތަންމަކުނެއް

ޕެރިހުގައި ތަންމަކުނު އަޅައި ގައުމީ ކަންބޮޑުވުމަކަށް

ފްރާންސްގެ ސަރުކާރުން އަންނަނީ ތަންމަކުުނު ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން
5 އޮކްޓޯބަރު 2023

މުހިންމު ނުކުތާތައް

ޕެރިހުގައި ތަންމަކުނު ބާރަށް ފެތުރިގަތީ ފަތުރުވެރިކަން އިތުރުވެފައި ވަނިކޮށް

އެ ސިޓީގައި އަންނަ އަހަރު ސަމާ އޮލިމްޕިކްސް ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު މިއީ ބޮޑު ކަންބޮޑުވުމެއް

ތަންމަކުުނު ނައްތާލުމަށް ދިމާވެފައިވާ ހުރަހަކީ އެކަމަށް އާއްމުކޮށް ބޭނުންކުރާ ކެމިކަލަށް އެ ސޫފި ނުގުޑުން

ފްރާންސްގެ ވެރިރަށް ޕެރިހުން މިފަހަރު ސަމާލުކަން ހޯދީ ތަފާތު ސަބަބަކާ ހެދި އެވެ. އެ ސިޓީގެ ފެޝަނާއި ކާނާ އާއި ފްރެންޗް ބަހުގެ ހިތްކިޔާ ގޮތްގަނޑުގެ ސަބަބުންނެއް ނޫނެވެ. ދުނިޔޭގެ އެންމެ ރޮމޭންޓިކް މަންޒިލް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕެރިސްއަށް މިފަހަރު ސަމާލުކަން ހުއްޓުނީ ތަންމަކުނު އަޅައިގެން އުޅޭތީ އެވެ.

ޕެރިހުގެ ހޮޓާތަކާއި ކުއްޔަށްދޭ އެޕާޓްމަންޓްތަކުގެ އިތުރުން، ޕަބްލިކް ޓްރާންސްޕޯޓް އަދި ސިނަމާތަކުގައި ތަންމަކުނު ދަނީ ފެތުރެމުން

ޕެރިހުގައި ތަންމަކުނު އެންމެ ފުރަތަމަ ފެތުރެން ފެށީ ހޮޓާތަކުގަ އާއި ޗުއްޓީއަށް ދާ މީހުންނަށް ދޫކުރާ އެޕާޓްމަންޓްތަކުގަ އެވެ. އެއަށް ފަހު ފިލްމު ތިއޭޓަރުތަކާއި ހައި ސްޕީޑް ރޭލުތަކުގެ ގޮނޑިތައް ދަށުންނާއި ހޮސްޕިޓަލުތަކުން ވެސް ތަންމަކުނު ވަނީ ފެނިފަ އެވެ.

ކުރިއަށް އޮތީ ފްރާންސަށް މުހިއްމު ދުވަސްކޮޅެކެވެ. 'ޕެރިސް 2024 ސަމާ އޮލިމްޕިކްސް'  10 މަސް ފަހުން ފަށާނެ އެވެ.

ތަންމަކުނަކީ ކޮބާ؟

ތަންމަކުނުގެ ކާނާއަކީ އިންސާނުންގެ ލޭ

ތަންމަކުނަކީ ލޮލަށް ފެންނަ ވަރު ކުޑަ ސޫތްޕެކެވެ. ފަސޭހައިން ފެތުރޭ މި ސޫފި އާއްމުކޮށް އަޅަނީ އެނދުގެ ގޮދަޑީގަ އެވެ. އެކަމަކު ދޮރުފޮތި، ފްލޯބޯޑް، ފާރުގައި ހުންނަ ކަރަންޓު ސޮކެޓް އަދި ވޯލް ޕޭޕަރުގައި ވެސް މި ތަކެތި އާލާވެދާނެ އެވެ.

ތަންމަކުނު އާއްމުކޮށް ހާލިތަކުން ނުކުންނަނީ ރޭގަނޑުގެ ވަގުތުތަކުގަ އެވެ. މި ސޫފި ކާނާއެއްގެ ގޮތުގައި ބޮނީ އިންސާނުންގެ ލެ އެވެ.

ޕެރިހުގައި ތަންމަކުނު ބާރަށް ފެތުރެން މެދުވެރިވި ސަަބަބެއް ކަމުގައި ތަޖުރިބާކާރުން ފާހަގަކޮށްފައިވަނީ ފަތުރުވެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި މީހުން ފޮށިތައް ހިފައިގެން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމެވެ. ތަންމަކުނު އަޅާފައިވާ ހޮޓަލަކުން އެހެން ތަނަކަށް ޕަބްލިކް ޓްރާންސްޕޯޓް މެދުވެރިކޮށް ދާ ދިއުމުގައި އެ ތަންތަނަށް ވެސް ފެތުރެނީ އެވެ.

ފްރާންސްގެ ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ މި މައްސަލަ ހައްލު ކުރުމަށް ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ޕެރިހުގެ ޑެޕިއުޓީ މޭޔަރު އެ ގައުމުގެ ބޮޑުވަޒީރަށް މިކަމާ ގުޅޭގޮތުން ހާއްސަ ސިޓީއެއް ވެސް ފޮނުއްވި އެވެ. ސިޓީގައި ބުނެފައިވަނީ އަންނަ އަހަރުގެ އޮލިމްޕިކް އަދި ޕެރަލިމްޕިކް މެޗުތައް ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށް ކުރިމަތިވި މި ވަބާއާ ދެކޮޅަށް ދައުލަތުން އެކްޝަން ޕްލޭނެއް އެކުލަވާލައި މިކަމުން އަރައިގަތުން މުހިއްމު ކަމުގަ އެވެ.

ފްރާންސްގެ ސަރުކާރުން އަންނަނީ ތަންމަކުނުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން

މިފަދަ ސޫފިތައް ނައްތާލާ ފަރާތްތަކުން ބުނާގޮތުގައި ތަންމަކުުނު ނައްތާލުމަށް ދިމާވެފައިވާ ދައްޗަކީ އާއްމުކޮށް މިފަދަ ސޫފި ނައްތާލުމަށް ބޭނުންކުރާ ކެމިކަލަށް ސޫފި ނުގުޑުމެވެ. އަދި ތަންމަކުނުން ސަލާމަތްވުމަށް ކޮންމެ ކޮންމެ ކެމިކަލެއް ބޭނުން ކުރެވެން ނޯންނަނީ އިންސާނުންނަށް ކޮށްފާނެ އަސަރަކާ ހެދި ކަމުގައި އެ ފަރާތްތަކުން ބުނެ އެވެ.

މިފަދަ ސޫފިތައް އާލާވެއްޖެކަން ދެނެގަނެވިއްޖެ ނަމަ އަވަސް ފިޔަވަޅު މުހިއްމު ކަމުގައި ކަމުގެ މާހިރުން ފާހަގަ ކުރެ އެވެ. ހުރިހާ އަންނައުނާއި ބެޑްޝީޓްތައް ކުނި ކޮތަޅަކަށް ލުމަށް ފަހު ބަންދު ކުރުން މުހިއްމެވެ. އަދި އެ ތަކެތި ހޫނު ފެނުން ދޮންނަން ޖެހެ އެެވެ.

ތަންމަކުނު އާލާވެއްޖެ ނަމަ ވަރަށް ބާރަށް ފެތުރިގަނޭ

ތަޖުރިބާކާރުން ބުނަނީ ތަންމަކުނު އާލާވެ ފެތުރެމުން ދަނީ ނުތާހިރުވުމުގެ ސަބަބުން ނޫން ކަމުގަ އެވެ. ތަންމަކުނު ބާރަށް ފެތުރެނީ އެއީ ވަރަށް އަވަހަށް ވިހާ، ގިނަވެ، އާލާވާ އެއްޗެއް ކަމުން، ކާން ލިބިއްޖެ ނަމަ އަވަަހަށް ފެތުރިގަންނަން ފަސޭހަވުމުންނެވެ.

ފްރާންސްގެ ދެކުނުގެ ސިޓީއަކުން މޮރޮކޯއަށް ކަނޑުމަގުން ދަތުރުކުރި ބޯޓަކުން މޮރޮކޯއަށް ތަންމަކުނު ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިގެން، އެ ފެރީ މޮރޮކޯއަށް ލެފުމުން ކަމާބެހޭ ފަރާތްތަކުން ވަނީ ފެރީ ޑިސްއިންފެކްޓް ކުރުމުގެ ކުރިން މޮރޮކޯއަށް މީހުން ފޭބުން މަނާކޮށް، ފަސިންޖަރުން އޭގައި ހިފަހައްޓާފަ އެވެ.

އަންނަ ޖުލައިގައި ފަށާ ސަމާ އޮލިމްޕިކްސްއަށް އެކަނި ވެސް ބައި މިލިއަން މީހުން ޕެރިހަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވިފައިވާތީ، އާއްމު ސިއްހަތަށް ނުރައްކާ ހުރި މި ސޫފިތަކުން އަވަހަށް ސަލާމަތްވުމަށް ފްރާންސުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް