ވިލިމާލޭގައި ބަޔަކު ބަހަށް އަރަނީ. (ދައުރު ފޮޓޯ)

ބަސް ޑްރައިވަރުންނަށް ސަލާން ގޮވާލައި 'ޝުކުރިއްޔާ' ބުނެލަނީ ކޮން ބައެއް؟

ފަސިންޖަރުން ބަސް ޑްރައިވަރުންނަށް ހިނިތުންވެލައި ޝުކުރު އަދާކުރުމުން އުފާވެރިކަން އިތުރުވެ އިހުތިރާމް އާލާވޭ
4 އޮކްޓޯބަރު 2023
3

މުހިންމު ނުކުތާތައް

ބަސް ދުއްވާ މީހާއަށް ޝުކުރު އަދާ ކުރާ ނަމަ ހެޔޮ އަަސަރުތަކެއް ކުރޭ

ފަސިންޖަރުންގެ ތެރެއިން މިކަން ކުރަނީ މަދު ބައެއް

މިއީ ކުޑަ ކަމަކުން އެހެން މީހެއްގެ ދުވަހަށް ހެޔޮ ބަދަލެއް ގެނެވޭނެ ގޮތުގެ މިސާލެއް

ރާއްޖޭގެ އާބާދީ ބޮޑު ހިސާބުތަކުގައި ބަހުގެ ހިދުމަތް ފެށިތާ ދުވަސްގަނޑެއްވެއްޖެ އެވެ. މާލެ ސަރަހައްދުގެ އިތުރުން އައްޑޫ، ފުވައްމުލައް، ލ، ގަން، އިސްދޫ އަދި ފޮނަދޫގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ގާއިމްކޮށް، ގަވާއިދުން އެ ހިދުމަތް ފޯރުކޮށްދެ އެވެ. އަދި މިފަހުން ކުޅުދުއްފުށްޓާއި ހއ. ދިއްދޫ މި ލިސްޓަށް ވަނީ އިތުރުވެފަ އެވެ. 

ކުޑަކުދިންނާއި ކޮލެޖު/ޔުނިވާސިޓީ ދަރިވަރުންނަށް ބަސް ދަތުރުތައް ހިލޭ ކުރެވޭ އިރު، ބައެއް ބަސްތަކުގެ ހިދުމަތް 24 ގަޑި އިރު ލިބެ އެވެ.

ހުޅުމާލެ އާއި މާލެ ގުޅުވައިދޭ މައި މަގުގައި ބަހެއް މަޑުކޮށްފައި (ދައުރު ފޮޓޯ/އަލީ ރަފީގް)

ދުވާލަކު އެތައް ހާސް ބަޔަކު ބަހުގައި ދަތުރު ކުރާ އިރު، ބަސް ދުއްވަން އިންނަ މީހާއަށް އިސް އުފުލާލާ ބަލާލައި ޑްރައިވަރާއި ކޮންޑަކްޓަރަށް ސަލާން ގޮވާލާ ހަދަނީ ކިތައް މީހުން ހެއްޔެވެ؟ އަދި ދަތުރު ނިމުމުން 'ޝުކުރިއްޔާ'އޭ ބުނެލަނީ ކިތައް މީހުން ހެއްޔެވެ؟

މިކަން ކުރަން ޖެހެނީ ކީއްވެ؟

އިނގިރޭސިވިލާތުގެ ދިރާސާއެއް ބުނާ ގޮތުގައި ގިނަ ފަސިންޖަރުން ގަބޫލު ކުރާ ގޮތުގައި ބަސް ޑްރައިވަރަށް 'ހާއި' ޖަހާލުން ނުވަތަ ސަލާން ގޮވާލުމުން އެމީހުންނަށް ހެޔޮ އަސަރުތަކެއް ކުރެ އެވެ.

އެކަމަކު މިކަން ކުރަނީ ބަސް ދަތުރު ކުރާ ފަސިންޖަރުންގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައަށް ވުރެ ވެސް މަދު މީހުންނެވެ. 

ޔުނިވާސިޓީ އޮފް ސަސެކްސް އާއި ޓްރާންސްޕޯޓް ފޯ ލަންޑަން ގުޅިގެން ހެދި ދިރާސާ އަކުން ބުނާ ގޮތުގައި ބަހުގައި ދަތުރުކުރާ ފަސިންޖަރުން ބަސް ޑްރައިވަރާ މުއާމަލާތް ކުރުމުގެ ފުރުސަތު ބޮޑީ އެކަމަށް ބާރުއަޅާ ފަދަ މެސެޖުތައް ބަހުގައި ހިމަނާފައިވާ ނަމަ އެވެ.

ލަންޑަނުގެ ބަސް ޑްރައިވަރެއް ބަސްތަކެއްގެ ކައިރީ ހުއްޓިލައިގެން

ބަސް ދުއްވާ 77 ޑްރައިވަރަކު ބައިވެރިކޮށްގެން ހެދި ސާވޭއެއްގައި ޑްރައިވަރުން ބުނިގޮތުގައި ފަސިންޖަރުން ސަލާން ގޮވާލުމަކީ އެ މީހުންނަށް މާނަ ހުރި ކަމެކެވެ.

އަދި ބަސް ސްޓޭޝަންތަކުން 116 ފަސިންޖަރުންނާ ސުވާލު ކުރުމުން %84 މީހުން ބުނެފައިވަނީ، ބަސް ދުއްވާ މީހުންނާ މުއާމަލާތް ކުރުމުން ހެޔޮ އަސަރު ކުރާ ކަމަށް  ގަބޫލު ކުރާ ކަމަށެވެ.

ލަންޑަނުގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި، ބަސް ޑްރައިވަރުންނަށް "ހެލޯ" ބުނުމަށް ހަނދާންކޮށްދީ އަދި ޝުުކުރު އަދާކުރުމަށް ހަނދާންކޮށްދޭ މެސެޖުތަކެއް، ބަހުގެ ދޮރުފަތާއި ސީޓުތަކުގައި، ފަސިންޖަރުންނަށް ފެންނަ ގޮތަށް ބެހެއްޓި އެވެ. އެއާއެކު، މި އިސްޓިކާތައް ބެހެއްޓި ބަސްތަކުގައި ދަތުރުކުރާ މީހުން ބަސް ޑްރައިވަރާ މުއާމަލާތް ކުރުން އިތުރުވެގެން ދިޔަ އެވެ.

މި ނިޝާންތައް ހަރުނުކުރާއިރު އިރު ބަަސް ޑްރައިވަރާ މުހާތަބު ކުރީ، 117 ބަސް ދަތުރެއްގައި، %23 މީހުންނެވެ. ނިޝާންތައް ބެހެއްޓި ފަހުން މި އަދަދު %30 އިތުރުވި އެވެ.

މިއީ އަހަރަކަށް ބަލާ ނަމަ އެކަކު އަނެކަކާ މުހާތަބުކޮށް އިންސާނީ ގުޅުން ދަމަހައްޓަން، ގާތްގަނޑަކަށް 140 މިލިއަން ފުރުސަތެވެ.

ލަންޑަނުގެ މަގެއްގައި ބަހެއް ދުއްވާފައި ދަނީ

ބަސް ޑްރައިވަރުން ބުނާ ގޮތުގައި ފަސިންޖަރުން "ގުޑް މޯނިން" ނުވަތަ "ތޭންކް ޔޫ" ބުނުން އޮންނަނީ އެމީހުންގެ އުފާވެރިކަމާ ގުޅިފަ އެވެ. މިކަމުގެ ސަބަބުން އެމީހުންނަށް މަސައްކަތުން ލިބޭ ހިތްހަމަޖެހުން ބޮޑުވެ އެވެ. އެމީހުންނަށް އިހްތިރާމް ކުރާ ކަމާއި އެމީހުންގެ މަސައްކަތް އެހެން މީހުންނަށް ފާހަގަވެ ބަލައިގަންނަ ކަމުގެ އިހްސާސް ކުރެވެ އެވެ.

މި ދިރާސާ ހެދުމަށް އިސްނަގައިގެން މަސައްކަތް ކުރި ގްރެއިން އޯޑަޔާ ބުނި ގޮތުގައި މި ދިރާސާއިން ހާމަވެގެން ދިޔައީ ކުދިކުދި މުއާމަލާތްތަކުގެ މުހިއްމުކަމެވެ.

"ކުޑަކުޑަ ކަމަކުން ހެޔޮ ބަދަލެއް ގެނެވޭނެކަން ބުނެދީފި،"  އޭނާ ބުންޏެވެ.
ފޯނުން އިސްއުފުލާލައި އެހެން މީހަކަށް ސަލާން ގޮވާލުން ނުވަތަ ޝުކުރު އަދާކުރުމަކީ މާ ބޮޑު ކަމެއްހެން ހީނުވިޔަސް އެއީ މާނަ ހުރި ކަމެއް ކަމުގައި ގްރެއިން ފާހަގަ ކުރި އެވެ.

މީހުން އެކަކު އަނެކަކާ އޮންނަ ގުޅުން އިތުރުކުރަން ބޭނުންވިޔަސް ބައެއް ފަހަރަށް މިއީ ކުރެވޭ ކަމެއްހެން ހީނުވެދާނެ އެވެ.  ނަމަވެސް ބަސްތަކުގައި ޖެހި އިސްޓިކާތަކުގެ ސަަބަބުން މިކަން ބަދަލުވެގެން ދިޔަ ކަމުގައި ސަސެކްސް ސެންޓާ ފޯ ރިސާޗުގެ ޑިރެކްޓަރު ފާހަގަ ކުރި އެވެ.

"މީހުން މިކަން ކުރަނީ ހެޔޮ ހިތަކުން. އަދި މިކަން ރައްދުވާ މީހުން މިކަން ބަލައިގަނޭ. މިއީ މާނަހުރި ކަމެއް،" އޭނާ ބުންޏެވެ.

ރާއްޖޭގައި މިކަން ކުރެވިދާނެތަ؟

އަހަރެމެންގެ މުޖުތަމައު ވެސް ވަރަށް ބޮޑަށް މި އޮތީ އެކަކު އަނެކަކާ ގުޅުން ރަނގަޅުކޮށް އެކުވެރިކަން އިތުރުކުރުން ބޭނުންވެފަ އެވެ. ހިދުމަތްދޭ މީހުންގެ އަގުވަޒަންކޮށް، ހިދުމަތް ހޯދާ މީހުން ޝުކުރު އަދާކުރަންޖެހޭ ސަގާފަތެެއް އުފައްދަންވެފަ އެވެ.

އާއްމު ތަނެއްގައި، ހޮސްޕިޓަލެއްގެ ވެއިޓިން ރޫމެއް ނުވަތަ އެހެންވެސް ތަނެއްގައި މަޑުކޮށްގެން ތިބޭ އިރު، އިސްއުފުލާލައި ޖެހިގެން އިންނަ މީހާއަށް ބަލާލައި ހާލު ކިހިނެއްތޯ އަހާލުން، އެއީ މިހާރުގެ މުޖުތަމައުގައި ވާނީ އައިބު ކަމަކަށެވެ. ބަދަލުގައި ކޮންމެ މީހަކު އިންނަނީ އަތުގައި އޮންނަ ސްމާޓް ފޯނަށް ގެއްލި ހުސްވެފަ އެވެ.

އެމްޓީސީސީގެ ޑްރައިވަރަކު މީނީ ބަސް ދުއްވަނީ (ފޮޓޯ/ ޕީއެސްއެމް)

ބަސް ޑްރައިވަރުންގެ ހިދުމަތުގެ ސަބަބުން، އަހަރެމެން ކޮންމެ ދުވަހަކުވެސް ދާން ބޭނުންވާ މަންޒިލަށް ރައްކާތެރިކަމާ އެކު ދަތުރު ކުރެވެ އެވެ. ކެއިން ބުއިމަށް މަސައްކަތް ކުރުމަށް އާމްދަނީ ހޯދުމަށް ވަޒިފާއަށް ދިއުމަށް އަރަނީ އެ ބަހަށެވެ. ސްކޫލަށް ކިޔަވަން ދާން އަރަނީ ވެސް ހަމަ އެ ބަހަށެވެ. އަތުގައި ވެހިކަލެއް ނެތިގެން ނޫނީ ޓެކްސީއަށް ދޭނެ ފައިސާ ނެތިގެން ވެސް އަރަނީ އެ ބަހަށެވެ. ރޭގަނޑުގެ ދަން ވަގުތުތަކުގައި ވެސް ބަހުގައި ދަތުރެއް ކުރަން ޖެހިލުންނުވަނީ އެހެން މީހުން އޭގައި ތިބޭނެތީ އެވެ. ރައްކާތެރިކަން ޔަގީންވާތީ އެވެ.

ދުވަހީ ގޮތުގައި ވަޒީފާއަށް ބަހުގައި ދަތުރުކުރުން އެއީ ބައެއް މީހުންނަށް އަމިއްލަ ނަފްސަށް ލިބޭ މުހިއްމު ވަގުތުކޮޅެއް ވެސް މެ އެވެ. ބަހުގެ ގޮނޑިއެއްގައި އޭސީގެ ފިނީގައި އިށީނދެލައިގެން އިނދެ، ސިކުނޑީގައި އޮޅުންބޮޅުމެއްގެ ތެރޭގައި އެނބުރޭ ހިޔާލުތައް ތަރުތީބުކޮށްލައި މީހާ އިންތިޒާމްވެލަން ލިބޭ ފުރުސަތެކެވެ. 

އަހަރެން މިފަހުން އައްޑޫ ފޭދޫ އިން ހިތަދޫއަށް ބަހުގައި ދަތުރު ކުރީ އެންމެ 10 ރުފިޔާ އަށެވެ. ޓެކްސީގައި 150 ރުފިޔާއަށް އާއްމުކޮށް ކުރާ މި ދަތުރު 10 ރުފިޔާއަށް ކުރެވުމަކީ ކޮން ފަދަ ބޮޑު ނިއުމަތެއްހޭ ހިތަށް އަރައި ޝުކުރު ކުރެވުނެވެ.

އާރުޓީލް ބަހުގެ ހިދުމަތުގައި ބޭނުންކުރާ އެމްޓީސީސީގެ ބަހެއް މާލޭގައި މަޑުކޮށްގެން (ފޮޓޯ/ބީއެމްއެލް)

ބަސް ދުއްވާ މީހުންނަށް ބޮޑު ޝުކުރެއް އަަދާކޮށް ސަލާންގަލާން ނުކުރަންވީ ސަބަބެއް ނެތެވެ. މިކަން އަހަރެމެން މިހާރު ކުރަން ފަށަންވީ އެވެ. އަދި އަހަރެމެންގެ ދަރިންނަށް ވެސް މިކަން ކުރަން ދަސްކޮށްދޭންވީ އެވެ. އެކަކު އަނެކަކަށް އިހްތިރާމް ކުރުމަށް އަހަރެމެންގެ މުޖުތަމައުއަށް ދަސްކޮށްދިނުމަށް މިއީ ވެސް ކުރެވިދާނެ ކުޑަ ކަމެކެވެ.

މީގެ ކުރިން ޝުކުރު އަދާކުރެވިފައިވާ ނުވާތީ، އަދި އެއީ މާ މުހިއްމު ކަމެއް ކަމުގައި ނުދެކޭ އެންމެންގެ ފަރާތުން، އެންމެހާ ބަސް ޑްރައިވަރުންނަށް، ތިޔަ ދޭ ހިދުމަތަށްޓަކައި، ޝުކުރިއްޔާ އެވެ. ބާއްޖަވެރި ދުވަހަކަށް އެދެމެވެ.

ކޮމެންޓް (3)

އާސަން

5 އޮކްޓޯބަރު 2023
ދިވެހިންނަކީ، ހާއްސަކޮށް މާލޭގަ އުޅޭ މީހުންނަކީ ވަރަށް ބޮޑަށް އެކަކު އަނެކަކަށް ބަހައްޓަން ޖެހޭ އިހުތިރާމާ ގުޅުން ކެނޑިފަ ތިބި ބައެއް...
1 0

ޚާން

4 އޮކްޓޯބަރު 2023
ފްލައިޓުތަކުގައި ތިކަން ކުރަނީ ޕައިލަޓުންނާއި ކްރޫވުން. ބަހުގަވެސް ތިކަން ކުރަން ޖެހޭނީ ޑްރައިވަރާއި ޓިކެޓް ކަޑާމީހާ
0 2

ޙހހހ

4 އޮކްޓޯބަރު 2023
ރާއްޖޭގަ ތިކަން ކުރެވޭވަރަށްވުރެ މީހުން ނާތަހުޒީބު.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް