
މާޔޫސްވެ ހިތްހަމަނުޖެހިގެން ކާން ބޭނުންވާ ވަގުތުތަކުގައި ވެސް ދުޅަހެޔޮކަންމަތީ ދެމިހުރެވޭތޯ ބެލުން މުހިއްމު
މޫޑު ރަނގަޅުކޮށްދޭ ރަނގަޅު ބައެއް ކާނާ
މޫޑު ގޯސް ނަމަ ފަސޭހައިން ބަރޯސާވެވޭ އެކައްޗަކީ ކެލޮރީގެ މިންވަރު ގިނަ ކާނާ އެވެ. މީހާގެ ސްޓްރެސް ކުޑަކޮށް، ހަމަ ނިދި ހޯދާ، ގަވާއިދުން ކަސްރަތުކުރުމުގެ އިތުރުން، ވަކި ކަހަލަ ކާނާތަކެއް ވެސް މޫޑު ރަނގަޅު ކުރުމަށް އެހީވެދެ އެވެ.
ތިރީގައި މިވަނީ މޫޑު ރަނގަޅު ކުރުމަށް އެހީވެދޭ 10 ކާނާއެކެވެ.
1. މަސް

މަހަކީ ސިކުނޑިއަށް ފައިދާ ހުރި ކާނާއެއްގެ ގޮތުގައި އަހަރެމެންނަށް އެންމެ ކުރިންސުރެ ވެސް އެނގިފައިވާ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މަސް ކާ ނަމަ، އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް އަންނަ ބަދަލުތައް ކުޑަކޮށްދީ މީހާގެ ހަނދާން ވަރުގަދަކޮށްދެ އެވެ.
މިއީ މަހުގައި ހުންނަ އޮމެގާ-3 ފެޓީ އެސިޑުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. މަހުން މީހާގެ ނާރުތަކުގެ ސިގްނަލް ވަރުގަދަކޮށްދެ އެވެ. މިކަން ކުރަނީ ނާރު ސެލްތަކުގެ މެދުގައި އިލެކްޓްރިކަލް ސިގްނަލިން ޕްރޮމޯޓްކޮށް، ސިކުނޑިއަށް އަވަހަށް އަދި ފަސޭހައިން މުއާމަލާތް ކުރެވޭނެ ގޮތް ހަދައިދީގެންނެވެ. މިކަމުން މޫޑު ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެ އެވެ.
2. ޑާކް ޗޮކްލެޓް

ޑާކް ޗޮކްލެޓަކީ މީހާ އުފާކޮށްދޭ މާއްދާއެއް ހިމެނޭ އެއްޗެކެވެ. ޑާކް ޗޮކްލެޓް ކާ އިރު މި ފައިދާ ހޯދުމަށް ބޭނުން ނަމަ، %70 ކޮކޯ ހުންނަ ޗޮކްލެޓް އިހްތިޔާރު ކުރާށެވެ. މިކަމުން މީހާ އަށް ހަމަޖެހުން ގެނެސްދޭނެ އެވެ.
3. ބިސް
ބިހަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ފޯރުކޮށްދޭ އެކައްޗެވެ. ވިޓަމިން ޑީ އަކީ މީހާގެ މޫޑު ރަނގަޅުކޮށްދޭ އެއްޗެއް ވެސް މެ އެވެ. ކާނާގެ ތެރެއިން ވިޓަމިން ޑީ ހުންނަނީ މަދު ބާވަތްތަކެއްގައި ކަމަށް ވީ ނަމަވެސް ބިހުން ޔަގީނުން ވެސް ވިޓަމިން ޑީ ހަށިގަނޑަަށް ފޯރުކޮށްދެ އެވެ. ބިހުގެ އިތުރުން ދެން ވިޓަމިން ޑީ ލިބެނީ މަހާއި ސީރިއަލް އަދި ސްޕްރެޑްތަކުންނެވެ.
4. ކަމީރު ކޮށްފައިވާ ކާނާ
ފާމަންޓް ނުވަތަ ކަމީރު ކޮށްފައިވާ ކާނާ، މިސާލަކަށް ޔޯގަޓާއި ކިމްޗީ، އާއި ކޮމްބޫޗާ ފަދަ ބުއިންތަކުން ގޮހޮރުގެ ދުޅަހެޔޮކަން ރަނގަޅު ކޮށްދެ އެވެ. މިފަދަ ކާނާ އިން، ގޮހޮރުގައި ހިމެނޭ ރަނގަޅު ބެކްޓީރިއާ ބެލެންސްކޮށްދެ އެވެ. އަދި މީހާގެ އުފާވެރިކަމާ ގުޅިފައިވާ ސެރޮޓޯނިން ހޯމޯން އިތުރުކޮށްދެ އެވެ.
5. ދޮންކެޔޮ

ދޮންކޭލަކީ ވިޓަމިން ބީ6 ހިމެނޭ މޭވާއެކެވެ. މިއީ މީހާގެ އުފާވެރިކަމާ ގުޅިފައިވާ ދެ ކެމިކަލެއް ކަމުގައިވާ ޑޮޕަމެއިން އާއި ސެރޮޓޯނިން އުފެއްދުމަށް އެހީތެރިވެދޭ އެއްޗެކެވެ.
މީގެ އިތުރުން ދޮންކޭލަކީ ގުދުރަތީގޮތުން ހަކުރާއި ފައިބަރު ހުންނަ އެއްޗެއް ކަމުން މީހާގެ ހަކަތަ އެއްވަރަކަށް ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ. ދޮންކޭލުން ފޯރުކޮށްދެނީ ފައިބަރު ރެސިސްޓަންޓް ސްޓާޗެއް ކަމުން މިއީ ގޮހޮރުގެ ބެކްޓީރިއާ އަށް ވެސް ފައިދާ ހުރި އެއްޗެކެވެ.
6. ބަރަބޯ އޮށް
ބަރަބޯ އޮށުގައި އެމައިނޯ އެސިޑެއް ހިމެނެ އެވެ. މިއީ ސެރޮޓޯނިން އުފެއްދުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން ބަރަބޯ އޮށުން ޒިންކް އަދި މެގްނީޒިއަމް ވެސް ހަށިގަނޑަށް ފޯރުކޮށްދެ އެވެ.
7. ވޯލްނަޓްސް
ނަޓްސްގެ ހުރިހާ ބާވާތްތަކުގެ ތެރެއިން ވެސް ވޯލްނަޓްސް އުޅެނީ ފައިދާގެ ގޮތުން ކުރީގަ އެވެ. މިއީ އޮމެގާ-3 ގިނައިން ހުންނަ ބާވަތެކެވެ. ދެތިން ވޯލްނަޓެއް ހަފާލުމުން ވެސް މީހާގެ މޫޑު ރަނގަޅުވެ ޑިޕްރެޝަނާ ދުރުވާން އެހީތެރިވެދެ އެވެ.
8. ކުކުޅު

ކުކުޅު އަދި ޓާކީ މަހުން ހަށިގަނޑަށް ޕްރޮޓީން ލިބިދެ އެވެ. ހަށިގަނޑުގައި ސެރޮޓޯނިން އުފެއްދުމަށް ބޭނުންވާ އެމައިނޯ އެސިޑް ކުކުޅުން ލިބެ އެވެ. މީގެ އިތުރުން ވިޓަމިން ބީ12 ހަށިގަނޑަށް ފޯރުކޮށްދެ އެވެ. މިއީ މީހާގެ މޫޑު ރަނގަޅު ކުރުމަށް އެހީތެރިވެދޭ މާއްދާ އެެކެވެ.
9. ބީންސް އަދި މުގުގެ ބާވަތްތައް
ބީންސް އާއި މުގުގެ ބާވާތްތަކުން، ގަސްގަހާގެހިން ލިބޭ ޕްރޮޓީންތައް ހަށިގަނޑަށް ހޯދައިދެ އެވެ. މި ބާވަތްތަކުގައި ވިޓަމިން ބީ މަތިވުމުގެ ސަބަބުން މީހާގެ މޫޑު ރަނގަޅުކޮށްދެ އެވެ. ބީންސް އާއި މުގުގެ ބާވަތްތަކުގައި ޒިންކް އަދި މެގްނީޒިއަމް މަތިވުމުން ހަށިގަނޑުގެ ވަރުބަލިކަން ފިލުވައިދީ ހަކަތަ ހޯދައިދެ އެވެ.
10. ކޮފީ

ދިހަވަނަ އަށް މި އޮތީ ކޮފީ އެވެ. ހާސްބޮޑު ދިރިއުޅުމުގައި އުޅޭ އިރު އެންމެ އަވަހަށް ކޮފީއަކަށް ނައްޓާލެވެނީ ވެސް ސަބަބުތަކެއް އޮންނާތީ އެވެ. ކޮފީގައި ހިމެނޭ އެޑެނޯސައިންގެ ސަބަބުން މީހާ ކަންކަމުގައި ހުޝިޔާރުކޮށްދެ އެވެ. މީގެ އިތުރުން މޫޑު ރަނގަޅުކޮށްދޭ ޑޮޕެމައިން ކޮފީ އިން ފޯރުކޮށްދެ އެވެ.
ދެރަވެ މާޔޫސްވެ މޫޑު ގޯސްވާ ކޮންމެ ފަހަރަކު ކެއުމަކީ ބައެއް މީހުންގެ އާދަ އެކެވެ. ދެރަވުމުން ކެއަސް ހަށިގަނޑަށް ހުސް ކެލޮރީތަކެއް އެޅުމުގެ ބަދަލުގައި މޫޑު ރަނގަޅުކޮށް، މީހާ ހިތްހަމަޖެހުން ގެނެސްދޭ ފައިދާ ހުރި ކާނާ އިހްތިޔާރު ކުރުން މުހިއްމެވެ.