ޕޮމޮޑޯރޯ ޓެކްނީކް: 25 މިނެޓު މަސައްކަތްކޮށްފައި ފަސް މިނެޓުގެ ބްރޭކެއް ނަގާފައި އެ މަރުހަލާ ތަކުރާރު ކޮށްގެން ކަންކަން ކުރުމުގައި ދެމިހުރުމަށް ފަރިތަކޮށްދޭ އުކުޅެއް

'ޕޮމޮޑޯރޯ' އުކުޅު: އެއް ކަމެއްގައި ސަމާލުކަން ދަމަހައްޓަން އުނދަގޫ މީހުން ބޭނުންކުރަން އެއްވަނަ

މި އުކުޅުގެ ސަބަބުން، ތިމާ ކުރަން ކަނޑައަޅާ ކަންތައް ފަސޭހައިން، އެކަމެއް ކުރާ ވަގުތުގައި ސިކުނޑިއަށް ބަރުނުވެ ނިންމާލެވޭ
29 އޯގަސްޓު 2023

އެއް ބަޔަކަށް އެކަން ވަރަށް ވެސް ފަސޭހަ އެވެ. އަނެއް ބަޔަކަށް ވަނީ ވޭނަކަށެވެ. މީގެ ތެރެއިން ކޮންމެ ކަހަލަ މީހަކަށް ވިޔަސް، ބައެއް ހާލަތްތަކުގައި، އެއް ކަމެއް ކުރުމަށް އިށީނދެ ފުރިހަމަ ސަމާލުކަން ދީގެން އެކަމެއް ނިންމުން އޮންނަނީ ތުރާލަކަށް ވެފަ އެވެ. އަދި އެކަމާއި ހެދި ތިމާ ނިންމަން ޖެހޭ ކަންކަން ގަޑިއަށް ނުނިމި، ސުންގަޑިތައް ފަހަނައަޅާ ގޮސް ހިތި ނަތީޖާތަކަކާ ކުރިމަތިލާން ޖެހުމަކީ ގިނަ ބައެއްގެ ހަގީގަތެވެ. މިއީ ހުދު އަހަރެން ވެސް ކުރިމަތިލާ ކަމެކެވެ. 

ޕޮމޮޑޯރޯ އުކުޅު ބޭނުން ކުރުމުން، މަސައްކަތުގައި މާ ބޮޑެތި ތަކުލީފުތަކެއް ތަހައްމަލު ކުރަން ނުޖެހި ފަސޭހައިން އެކަމެއް ނިންމުމާ ގާތަށް ދެވޭ

ސަމާލުކަން ނުދެވުމުގެ ފަހަތުގައި ސަބަބުތަކެއް ހުރެ އެވެ. އޭގެ ތެރޭގައި:

  • 1-

    ތިމާ ފޫހިވާ ކަމެއް ކުރަން ޖެހުން

  • 2-

    އެކަމެއް ނިންމަން ޖެހޭ ސުންގަޑި ކައިރި ވުމުން ހާސްވުން

  • 3-

    ކުރަން ޖެހޭ ކަންތައް ބޮޑުވެފައި ގިނަ ވަގުތު ނަގާނެކަން އެނގުން

  • 4-

    ސަމާލުކަން ދޭން އުނދަގޫވާން މެދުވެރިވާ ނަފްސާނީ ހާލަތެއް ހުރުން - އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑަރަކީ (އޭޑީއެޗްޑީ) އޭގެ ތެރެއިން އެންމެ އާންމު ނަފްސާނީ ހާލަތު

ތިމާގެ ސަމާލުކަން އެއް ކަމެއްގައި ދަމަހައްޓަން އުނދަގޫ ވަންޏާ އެކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ބުއްދީގެ ގިނަ ކަސްރަތުތަކެއް ހުރެ އެވެ. ރާޒުވާ ކުޅުން ފަދަ ބޯޑު ގޭމުތައް ކުޅުމާއި ހިސާބު ހަދަން މަސައްކަތް ކުރުމަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ. ރާޒުވާ ކުޅެގެން ނުވަތަ ހިސާބު ހަދައިގެން ތިމާގެ ބުއްދި ހަރަކާތްތެރިވެ، ވިސްނުމުގެ ހަލުވިކަމާއި ފަަސޭހަކަމަށް އެކި ފައިދާތައް ކުރިޔަސް އެކަންކަމުން ތިމާ ނިންމަން ޖެހޭ މަސައްކަތެއް ނިމުމަށް، ނުވަތަ ދަސްކުރަން ޖެހޭ ފިލާވަޅެއް ދަސްވުމަށް އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ. 

ނަމަވެސް، އެ ކުރިއެރުން ހޯދުމަށް ވަރަށް ފަސޭހަ އުކުޅެއް، 1980ގެ އަހަރުތަކުގެ ފަހުކޮޅުގައި، އިޓަލީއަށް އުފަން ވިޔަފާރިވެރިޔާ ފްރެންޗެސްކޯ ޗިރީލޯ ފަރުމާކޮށްފައިވެ އެވެ. 

ޕޮމޮޑޯރޯ ޓެކްނީކް އުފެދުނު ގޮތް

ޕޮމޮޑޯރޯ ޓެކްނިކް އުފެއްދި ފްރެންޗެސްކޯ ޗިރީލޯ: އިޓަލީއަށް އުފަން މީނާ ޕޮމޮޑޯރޯ ޓެކްނީކް ފަރުމާކުރީ 1980ގެ އަހަރުތަކުގައި

ފްރެންޗެސްކޯ ކިޔަވަން އުޅުނު ދުވަސްކޮޅުގައި، ފިލާވަޅުތައް ދަސްކުރުމަށް ފަސޭހަ، އުފެއްދުންތެރި އަދި ވަގުތު ސަލާމަތްވާ ތާވަލެއް އުފެއްދުމުގެ މަސައްކަތް ފެށި އެވެ. އޭނާ ގެންގުޅުނު، ޓޮމާޓޯއެއްގެ ބައްޓަމަށް ހުރި ޓައިމަރެއް ބޭނުންކޮށްގެން، އެކިއެކި މުއްދަތަށް އެ ޓައިމަރު ޖައްސައި މީހާގެ ސަމާލުކަން އެންމެ ގިނަ އިރު ވަންދެން ނުގެއްލި ހުރެ، ސިކުނޑި ވެސް ވަރުބަލިނުވެ އެންމެ ފަސޭހައިން ކަންކަން ނަގައިގަނެވެނީ ކިހާ މުއްދަތެއްގެ ތެރޭގައިތޯ ބެލި އެވެ. ފުރަތަމަ ދެ މިނެޓު ވަންދެން ޓައިމަރު ޖައްސައިގެން ބަލާފައި އެ މުއްދަތު އިތުރުކުރަމުން ގޮސް އެއް ގަޑިއިރު ތެރޭގައި މީހާގެ ސަމާލުކަން ދެމެހެއްޓެނީ ކިހާ ފަސޭހައަކުންތޯ ބަލާ ދިރާސާ ކުރި އެވެ.

ފްރެންޗެސްކޯގެ ހޯދުންތަކުން އުފެދުނީ ޕޮމޮޑޯރޯ ޓެކްނީކެވެ. އިޓަލީ ބަހުން ޕޮމޮޑޯރޯ އަކީ ޓޮމާޓޯ އެވެ. އޭނާ ގެންގުޅުނު ޓައިމަރުގެ ބައްޓަމާ ގުޅުވާފައި އުފެއްދި އުކުޅުގެ ވައްޓަފާޅި ތިރީގައި މިވަނީ އެވެ.

ޕޮމޮޑޯރޯ އުކުޅު

ފްރެންޗެސްކޯ އޭނާގެ ދިރާސާތަކުގެ ނަތީޖާއަށް ބިނާކޮށް އެކުލަވާލި އުކުޅުގެ ތެރެއަށް ފުންކޮށް ނަޒަރެއް ހިންގާލުމުގެ ކުރިން އެ އުކުޅުގެ އެކި ފިޔަވަޅުތަކަށް ބަލާލަމާ އެވެ.

  • 1-

    ޓައިމަރު 25 މިނެޓަށް ސެޓުކުރުން - އެ 25 މިނެޓުގެ ވަގުތަށް މި އުކުޅުގައި ކިޔަނީ އެއް ޕޮމޮޑޯރޯ އެވެ. 

  • 2-

    ތިމާގެ ސަމާލުކަން ދަމައިގަންނާނެ ހުރިހާ އެއްޗަކާ އެ ވަގުތުގެ ތެރޭގައި ދުރުވުން - މިސާލަކަށް ފޯނު ސައިލެންޓް ކުރުން، ސޯޝަލް މީޑިއާގެ ނޯޓިފިކޭޝަންތައް ނިއްވާލުން، ޓީވީ ފަދަ ޑިވައިސްތައް ނިއްވާލުން.  

  • 3-

    އެއް ޕޮމޮޑޯރޯ ހަމަވަންދެން (25 މިނެޓު) ހަމައެކަނި އެކަމަކަށް ސަމާލުކަން ދިނުން - މިއީ ތިމާގެ ހިތްވަރު އެންމެ ބޮޑަށް ބޭނުންވާނެ ވަގުތެވެ. ކިތަންމެ އުނދަގޫ ވިޔަސް އެއް ޕޮމޮޑޯރޯ ހަމަވަންދެން އެކަން ކުރުމުގައި ދެމިހުންނާށެވެ.

  • 4-

    އެއް ޕޮމޮޑޯރޯ ހަމަވުމުން ކުޑަ ބްރޭކެއް ނެގުން - ފުރަތަމަ ނިންމާ ޕޮމޮޑޯރޯގެ ވަގުތަށް ފަހުގައި ދެ މިނެޓާއި ފަސް މިނެޓާ ދެމެދުގެ ހުސް ވަގުތުކޮޅެއް ނެގުމަކީ އެންމެ ރަނގަޅު ގޮތެވެ.

  • 5-

    މިފަދައިން ހަތަރު ޕޮމޮޑޯރީ (ގިނަ ޕޮމޮޑޯރޯއަށް އިޓަލީ ބަހުން ބޭނުން ކުރާ ލަފުޒު) ހަމަވުމުން ބްރޭކުގެ މުއްދަތު 10-15 މިނެޓަށް ދިގުކުރުން

  • 6-

    ހަތަރު ވަނަ ޕޮމޮޑޯރޯ ނިންމާފައި ދެން ފަށާ ބުރެއްގައި އަނެއްކާވެސް ނަގާނީ 2-5 މިނެޓުގެ ބްރޭކެއް؛ ދެން އަނެއްކާވެސް ކުރީގެ މަރުހަލާ ތަކުރާރު ކުރާނީ

ޕޮމޮޑޯރޯ އުކުޅު ބޭނުންކުރާން ގޮތާއި އެކަމުން ލިބޭ ފައިދާތަކުގެ ލިސްޓެއް.

މި އުކުޅުގެ ބޭނުން ވަރަށް ގިނަ މީހުން ހިފަ އެވެ. މިކަމުން އެންމެ އަސާސީ މިންގަނޑެއްގައި މީހުންނަށް ދަސްކޮށްދެނީ ބުއްދިވެރިކަމާއި ފަރުވާތެރިކޮށް މީހާގެ ވަގުތާއި ނަފްސާނީ ހަކަތަ ބޭނުންކުރާނެ ގޮތެވެ.

އެއީ، ކުރު މުއްދަތެއްގެ ތެރޭގައި އެއް ކަމަކަށް ގުޑުމެއްނެތް ސަމާލުކަން ދީގެން އެކަމެއް ކުރުމަށް ފަހުގައި، ކުރު ބްރޭކެއް ނެގުމުން މީހާގެ ސިކުނޑިއަށް ވެސް މާ ބުރަނުވެ ނުވަތަ ބާންއައުޓް ނުވެ، މަޑުމަޑުން ކަންކަން ކުރުމުގައި ދެމިހުރުމަށް ދަސްވެ އެވެ. ހަމައެއާއެކު، މި އުކުޅުގެ ސަބަބުން، ކަންކަން ކުރުން ފަސްކުރުމުގެ އާދަ އާއި ބައިވަރު ކަންކަން އެއްފަހަރާ ކުރުމުގެ އާދައާ ދުރުވުމަށް މަގުފަހިވެ އެވެ. އެ ދެ ކަމަކީ ވެސް މީހާގެ އުފެއްދުންތެރިކަަމަށް ބުރޫއަރާ ކަންކަމެވެ.

ޕޮމޮޑޯރޯ އުކުޅު އެކި މީހުން ބޭނުން ކުރާއިރު، ޕޮމޮޑޯރޯގެ މުއްދަތާއި އެއަށް ފަހުގައި ނަގާ ބްރޭކުގެ މުއްދަތު ކުޑަކޮށް ތަފާތު ކުރެ އެވެ. އެމީހާގެ ގާބިލުކަމަށް ބަލާފައި އެއް ޕޮމޮޑޯރޯގެ ވަގުތަށް ބަދަލު ގެނެވިދާނެ އެވެ. ފަންސަވީސް މިނެޓަކީ އެންމެ އަސާސީ މިންގަނޑެވެ. 

ޕޮމޮޑޯރޯ އުކުޅު ބޭނުންކުރުމުގައި، ތިމާގެ ގާބިލްކަމަށް ބަލާފައި، ޓައިމަރުގެ ވަގުތަށް ބަދަލު ގެނެވިދާނެ

ފާހަގަކޮށްލަން މުހިއްމު އެއް ކަމަކީ އެއް ޕޮމޮޑޯރޯގެ މުއްދަތަށް ފަހުގައި (25 މިނެޓު) ނަގާ ބްރޭކުގައި ކުރާ ހަރަކާތުގެ ޒާތެވެ. މި ބުނީ، މިސާލަކަށް، މި އުކުޅު ބޭނުންކުރަނީ ކޮމްޕިއުޓަރަކުން ކުރާ މަސައްކަތެއް ނިންމަން ކަމަށް ވަންޏާ، ބްރޭކު ގަޑީގައި ކޮމްޕިއުޓަރާ ދުރުވެ ކޮންމެވެސް ލުއި ކަސްރަތެއް ކޮށްލުމެވެ. ނުވަތަ، ކަސްރަތެއް ކުރަންޏާ އޭގެ އިދިކޮޅެވެ. 

މިސާލަކަށް ފިލާވަޅެއް ދަސްކުރިޔަސް، 25 މިނެޓު ދަސްކުރުމަށް ފަހުގައި ބްރޭކު ގަޑީގައި ލަވައެއް އަޑުއަހާލާ، ނުވަތަ ލުއި ކާނާއެއް ކާލުން ވެސް ރަނގަޅެވެ.

ޕޮމޮޑޯރޯ އުކުޅުގެ ސަބަބުން ޖުމްލަކޮށް ލިބޭ ފައިދާތައް

  • 1-

    އުފެއްދުންތެރިކަން އިތުރުކުރުމަށް ވަގުތު ބޭނުންކުރާނެ ފަސޭހަ ގޮތެއް ދަސްވެ، އެކަން އާދައަކަށް ވުން.

  • 2-

    ކުރާ ކަމަކަށް ސަމާލުކަންދީ ދަމަހައްޓަން ފަސޭހަވުމުން މާ ބުރަ މަސައްކަތެއް ކުރަން ނުޖެހި އެކަންތައް ނިންމާލެވޭލެއް ފަސޭހަވުން.

  • 3-

    ކޮންމެ ކަމެއް ކުރުމަށް މި އުކުޅު ބޭނުންކުރިޔަސް، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ނިންމުމުގައި ފަސޭހަވެ، ވަރުބަލިނުވެ ގިނަ ކަންކަން ނިންމަން މަގުފަހިވުން.

  • 4-

    ކޮންމެ ދުވަހެއްގައި ކުރަން ޖެހޭ ކަންކަން ނިންމަން ފަސޭހަވާ ބީދައިން، ކޮންމެ ހަފްތާއެއްގައި ވެސް ކުރަން ޖެހޭ ކަންކަން ނިންމުމުގައި ހޭދަ ކުރާ ވަގުތު ތަންކޮޅެއް ފަރުވާތެރިކޮށް ހޭދަކުރަން ދަސްވުން.

ކުރާ ކަންތައް ތަފާތުވިޔަސް އެއް ނަތީޖާއެއް

ފިލާވަޅެއް ދަސްކުރިޔަސް، ވަޒީފާގެ ޒިންމާތައް އަދާކުރިޔަސް، ހަމައެހެންމެ އަމިއްލަ ކަމެއް ނިންމަން އުޅުނަސް މި އުކުޅުން ނެރެވެނީ އެއް ނަތީޖާ އެކެވެ. މީހާގެ ހަކަތަ އާއި ވަގުތު ތަރުތީބުކޮށް ބޭނުންކުރާ މި އުކުޅުގެ ސަބަބުން، ތިމާ ކުރަން ކަނޑައަޅާ ކަންތައް ފަސޭހައިން ނިމި، އެކަމެއް ކުރާ ވަގުތުގައި ސިކުނޑިއަށް ބަރުނުވެ، ނުވަތަ އެކަން ނިމޭއިރު މީހާ އެއްކޮށް ވަރުބަލިވެގެން އިތުރު ކަމެއް ނުކުރެވޭ ވަރު ނުވެ ފަރުޖެހުމެވެ. އެހެންވުމުން، ދެން ކުރަން ޖެހޭ ކަމެއް ނުކުރެވިގެން އުޅޭކަށް ނުޖެހޭނެ އެވެ. 

ނިންމަން ޖެހޭ މަސައްކަތްތައް ޕޮމޮޑޯރޯ އުކުޅު ބޭނުންކޮށްގެން ވަރަށް ފަސޭހައިން ނިންމަން އުޅުމުގެ ފަސޭހަ ފަހިކަން އެބަ އޮތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް