'އަންވެއިލިން ވިޝަންސް' ސިލްސިލާގެ ހަވަނަ މައުރަޒު މި މަހު ގައުމީ އާޓް ގެލެރީގައި ކުރިއަށް ގެންދިޔަ އިރު ބައިވެރިންގެ އާޓްވޯކްތައް ދައްކާލަން ބަހައްޓާފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ވިސްނާ މީހަކަށް މި ފަންނުވެރިންގެ އުފެއްދުންތަކުން އެކަނި ވެސް ފުދޭނެ
ރާއްޖެއިން ބޮޑު އާޓް މައުރަޒެއް ފެންނާނީ މަދު ފަހަރަކުއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. މޯލްޑިވިއަން އާޓިސްޓު ކޮމިއުނިޓީ (މެކް) އިން މި މަހު ބޭއްވި 'އަންވެއިލިން ވިޝަންސް' މައުރަޒުގައި 84 އާޓިސްޓުންގެ 85 އުފެއްދުމެއް ދައްކާލި އެވެ. ދިވެހިންގެ، އެކި ވައްތަރުގެ ފަންނުވެރި މަސައްކަތްތަކެވެ.
ރާއްޖެ އަކީ ކުޑަ ޖަޒީރާ ގައުމަކަށް ވެފައި، ދިވެހިންނަކީ ޒަމާނުއްސުރެ ހުނަރުވެރި، އުފެއްދުންތެރި އަދި އެހާމެ ފަންނުވެރި ބައެކެވެ. އޭގެ އެންމެ އާދައިގެ މިސާލަކަށް ބަލައިލަމާ ހެއްޔެވެ؟ ދިވެހިންނަކީ ރުކުގެ އެކި ބައިތައް ތިމާވެއްޓަށް ރަނގަޅު އުސޫލަކުން ފުއްދުންތެރި އަދި އުފެއްދުންތެރި ގޮތްގޮތަށް ބޭނުން ކުރަމުން އައި ބައެކެވެ. ދިވެހިންގެ މިފަދަ އަސާސީ ސިފަތަކަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކުރެވޭނެ ކަންކަމެވެ.
'އަންވެއިލިން ވިޝަންސް'ގެ ހަވަނަ މައުރަޒުން ވެސް ފާހަގަވީ ހަމަ މިކަމެވެ. ގައުމީ އާޓް ގެލެރީގައި ބޭއްވި މައުރަޒުގައި 80 އަށް ވުރެ ގިނަ ހުނަރުވެރި ޒުވާން އާޓިސްޓުން ބައިވެރިވެފައިވާ އިރު، ތިރީގައި މި އޮތީ އޭގެ ތެރެއިން މަދު ބަޔަކު ހިމެނޭ ކުރު ލިސްޓެކެވެ. ދެވަނަ އަދި ކިއެއްތަ ތިންވަނަ ލިސްޓެއް ހަދާ ވަރަށް ވެސް ފަންނުވެރިން އެބަ ތިއްބެވެ.
ބާހީ ސުހެއިލް - 'ކޭއޮސް އިން ވޮންޑާ'
މިއީ އާޓިސްޓު ބާހީ ސުހެއިލް، 23، ރާއްޖޭގެ ބޮޑު މައުރަޒެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އޭނާ ވަރަށް ނަސީބުވެރިއޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ސަބަބަކީ މައުރަޒަށް ޒިޔާރަތް ކުރި ގިނަ މީހުން ބާހީގެ ކުރެހުން ކުރިމަތީ މަޑުކޮށްލައިގެން އާޝޯހުވެފައި ތިބި ތަން އާއްމުކޮށް ފެނުނެވެ. ދެން، އޭނާ ފުރަތަމަ ފަހަރަށް ރާއްޖޭގެ މައުރަޒެއްގައި ދައްކާލި އުފެއްދުން ވިކުމެވެ.
ގިނަ ބަޔަކަށް ރީތިވި 'ކޭއޮސް އިން ވޮންޑާ' އަކީ މާލޭގެ ހަލަބޮލިކަން ހިތްގައިމު އަދި ހުވަފެނީ ގޮތަކަށް ދައްކާލި އުފެއްދުމެކެވެ. ފިޔާތޮށި، ދަނބު އަދި ރީނދޫކުލައިގެ އެކި ޓޯންތައް ބޭނުން ކޮށްގެން އޭނާ ތައްޔާރު ކޮށްފައިވަނީ ޑިޖިޓަލް ކުރެހުމެކެވެ.
ބާހީ ބުނިގޮތުގައި އޭނާ ކިޔެވީ ކްރިއޭޓިވް މީޑިއާ އެވެ. އަދި ކޮންމެވެސް ވަރަކަށް އެނިމޭޝަން ވެސް ކިޔެވި އެވެ. އެކަމަކު އޭނާ ބޭނުންވަނީ މުސްތަގުބަލުގައި ފައިން އާޓްް އިން ކުރިއަށްދާށެވެ.
ފުރަތަމަ ފަހަރަށް އޭނާގެ އަމިއްލަ ކުރެހުމެއް މައުރަޒަކުން ދައްކާލުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށް ބާހީ ބުންޏެވެ.
ބާހީ ސްޕެޝަލައިޒް ވަނީ ހައިޕާ ރިއަލިޒަމް އަށެވެ. އެކަމަކު އޭނާ މި ދުވަސްކޮޅު ބޮޑަށް ފޯކަސް ކުރާ މީޑިއަމް އަކީ ޑިޖިޓަލް އާޓް އެވެ. ކިޔަވައި ނިމިގެން ރާއްޖެ އައިސް ބާހީ މިހާރު މަސައްކަތް ކުރަނީ ޑިޒައިނަރެއްގެ ގޮތުގަ އެވެ. މުސްތަގުބަލުގައި އޭނާގެ މަސައްކަތް އިތުރު މައުރަޒުތަކުން ފެންނާނެ ކަމަށް ބާހީ ބުންޏެވެ.
އަރުޝާމް އާއި އިރުޝާމް - 'ހޯރަ'
ފްރީލާންސް އާޓިސްޓުންގެ ގޮތުގައި މަސައްކަތް ކުރާ ދެބެއިން ކަމަށްވާ އަރުޝާމް އިބްރާހިމް އާއި އިރުޝާމް އިބްރާހިމް އަކީ އެކި ޒާތުގެ ފަންނުވެރި ޑިޒައިން އަދި އާޓް މަސައްކަތްތަކަށް ޝައުގުވެރިވާ ދެ ޒުވާނުންނެވެ.
މީގެ ކުރިން އެމީހުންގެ މަސައްކަތް 'ޗަރުކޭސް' އިވެންޓުގަ އާއި 'ފަންނުގެ ދަރިން'ގައި ދައްކާލައިފައި ވެ އެވެ. އެކަމަކު މިއީ، ސިލްސިލާކޮށް ބާއްވަމުން އަންނަ 'އަންވެއިލިން ވިޝަންސް'ގައި މި ދެބެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ.
އެމީހުން މައުރަޒުގައި ބައިވެރި ކުރި 'ހޯރަ' އަކީ 'މިކްސްޑް މީޑިއަމް އާޓްވޯކް އެކެވެ. އެކި ވައްތަރުގެ ލިއުންތަކުގެ ކްލިޕިން، މަޖައްލާ އަދި ފޮތި ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ. މި ދެބެއިން ބުނިގޮތުގައި އެމީހުންގެ ކޮލާޖް އާޓްވޯކްގައި ސްޕްރޭ ޕެއިންޓް އާއި އުކާލާފައިވާ ފޮތި ބޭނުންކޮށްފައި ވެ އެވެ.
'ހޯރަ' އަކީ ތިމާވެށި ހަލާކުވުމުގެ މައްސަލައަށް އަލިއަޅުވާލާ އުފެއްދުމެކެވެ. އަރުޝާމް އާއި އިރުޝާމް ފާހަގަކުރި ގޮތުގައި 'ތިމާވެށި' އެ ލަފުޒު އޮތް ގޮތުން ވެސް ދޭހަވަނީ ތިމާ އާއި ވެށި އެއީ އެކައްޗެކެވެ. މި ދެ ބައި ގުޅި ލާމެހި އެކުގައި މަސައްކަތް ކުރުމަކީ ނިހާޔަތަށް މުހިއްމު ކަމެއްކަން ދެބެއިން ފާހަގަކުރި އެވެ. ނަމަވެސް އުމްރާނީ ތަރައްގީއާ އެކު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ދަނީ ބޮޑުވަމުންނެވެ. ތިމާ، ވެއްޓަށް ވުރެ މަތިވެގެން ވެއްޓަށް ވެރިވެގެންފި އެވެ.
އަރުޝާމް އާއި އިރުޝާމް ބުނިގޮތުގައި މިއީ ވަކި ސަރުކާރަކަށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށްގެން އުފެއްދި އާޓްވޯކެއް ނޫނެވެ. އެމީހުން ބޭނުންވީ މި އުފެއްދުމުން ވަރަށް މުހިއްމު މެސެޖެއް ދޭށެވެ. އަދި އާއްމުން ކަންކަމާ ސުވާލު ކޮށް ތިމާގެ ވަށައިގެންވާ ވެއްޓަށް ކަމޭހިތުން މުހިއްމުކަން ދައްކައިދޭން ބޭނުންވި އެވެ.
"ތަރައްގީ އަކީ ހަމައެކަނި އެންމެ މަގަކުން ގެންދެވޭނެ ކަމެއް ނޫން. ތަރައްގީ ކުރަން، ވަށައިގެންވާ ވެށި ހަލާކު ކުރާކަށް ނުޖެހޭ. އަދި ހުޅަނގުގެ މޮޑެލްތައް ފޮލޯ ކުރާކަށް ކޮންމެހެން ނުޖެހޭ. ފަޅު ހިއްކުމާއި ބިން ހިއްކުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން ތިމާވެށި ރައްކާތެރި ކުރުން މުހިއްމު،" އަރުޝާމް ބުންޏެވެ.
މުޖުތަމައުގައި ހިނގާ މުހިއްމު ކަންކަމާ ބެހޭގޮތުން ވިސްނައި މަޝްވަރާ ކުރުމުގެ އިތުރުން އެ ކަންކަމަށް އާއްމުން ހޭލުންތެރި ކުރުމަށް އަރުޝާމް އާއި އިރުޝާމް ޝައުގުވެރިވެ އެވެ.
ދެބެއިން ބުނިގޮތުގައި ފަންނުވެރިކަމުގައި އެމީހުންނަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ ރާއްޖޭގެ އާޓިސްޓުންގެ ފަރާތުންނެވެ. އަދި ރާއްޖޭގެ އާޓް މުޖުތަމައު ބޮޑުވެ ކުރިއަރަން ހިތްވަރު ލިބޭނީ ވެސް އެކަކު އަނެކަކަށް އެހީތެރިވެގެންކަން އެމީހުން ފާހަގަކުރި އެވެ.
މާހީ އަބްދުލް މުހްސިން - 'ފިނިފެންމާ'
މާހީ އަބްދުލް މުހުސިން އަކީ ރާއްޖޭގެ އާޓް ދާއިރާއަށް އާ ނަމެއް ނޫނެވެ. މާހީގެ ތަފްސީލީ ހިތްގައިމު ކުރެހުންތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށް ދައުރުވެފަ އެވެ.
މިވަގުތު މާހީ މަސައްކަތް ކުރަމުން އަންނަނީ ފްރީލާންސް އާކިޓެކްޓެއް އަދި އާޓިސްޓެއްގެ ގޮތުގަ އެވެ. އޭނާ ބުނިގޮތުގައި އާކިޓެކްޗާ އާއި އިންޓީރިއާ ޑިޒައިންއަށް ބޮޑު ޝައުގުވެރިކަމެއް އޮވެ އެވެ.
މާހީ މި އަހަރުގެ 'އަންވެއިލިން ވިޝަންސް' މައުރަޒުގައި ދައްކާލީ 'ފިނިފެންމާ'ގެ ނަން ދީފައިވާ ކުރެހުމެކެވެ.
"މި ކުރެހުމުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވީ، އަޅުގަނޑުމެން އިންސާނުން ކެނޑިނޭޅި ބޭނުންކުރަމުން އަންނަ ކަނޑުތަކުގެ ނާޒުކުކަން. އަޅުގަނޑުމެންގެ ރީތި ކަނޑުތަކުގެ ތަނަވަސްކަން ލިބިފައިވާ ދިވެއްސެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންނަކީ ހަމައެކަނި މި ވަސީލަތްތަކުގެ ބޭނުން ހިފަންޖެހޭ އޮބްޒާވަރުންނެއް ނޫން. އެކަމަކު، ދިރިއުޅުމުގެ ނާޒުކު ބެލެންސް ދެމެހެއްޓުމަށް އަމަލީ ގޮތުން ހަރަކާތްތެރިވާ ބައިވެރިން ކަމަށް އަޅުގަނޑުމެން ވާންޖެހޭ،" މާހީ ބުންޏެވެ.
އެކްރިލިކް އިން ކެންވަސްގައި ކުރަހާފައިވާ 'ފިނިފެންމާ' އިން ދައްކައިދެނީ ގުދުރަތީ މާހައުލާއި އިންސާނުންނާ ދެމެދު އޮންނަ ގުޅުމާއި އެއްބައިވަންތަކަމެވެ. ކުރެހުމުން ފެންނަ އަންހެންކުއްޖާގެ އަތުގައި ވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް 'ސީ. ފިނިފެންމާ'ގެ ނަންދީފައިވާ 'ރޯޒް ވެއިލްޑް ފެއަރީ ރާސް' މަހެވެ. މިއީ ސައިންޓިފިކް ގޮތުން ދިވެހި ބަހުގެ ލަފުޒަކުން ނަން ދީފައިވާ ދުނިޔޭގެ ފުރަތަމަ މަހެވެ.
މާހީގެ ކުރެހުމުން ވަރަށް ފުން ވާހަކަތަކެއް ކިޔައިދެ އެވެ. އެއިން ފެންނަ އަންހެންކުއްޖާ ރަމްޒުކޮށްދެނީ ގެއެއްގެ ގޮތުގަ އެވެ. އެ މަހަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ލިބޭ ތަނެއްގެ ގޮތުގަ އެވެ. ކުރެހުމުގައި އެއްވެގެން އަންނަ ރޮނގުތަކުން ރަމްޒުކޮށްދެނީ އެ ސިމްބަޔޮޓިކް ގުޅުމެވެ. އަދި ކުރެހުމުގައިވާ ފިނިފެންމާތަކާއި ގަދަ ކުލަތަކުން ދައްކައިދެނީ އިންސާނުންނާއި ތިމާވެއްޓާ ދެމެދު އޮތް ހާއްސަ އަދި އަސާސީ ގުޅުމެވެ. މި އެކުވެރި ގުޅުމުގެ ސަބަބުން އެކުގައި ދެ ބައި ކުރިއަރަމުން އާދެ އެވެ.
މިއީ ދިރިއުޅުމުގެ ނާޒުކު ނިޒާމް ދަމަހައްޓަން މި ދެ ބަޔަކީ މުހިއްމު ބައިވެރިންކަން ހަނދާންކޮށްދޭ ކަމެކެވެ.
އަބުޑީ - 'ދަ ގާޑިއަން އޭންޖަލް'
އަބުޑީ 'އަންވެއިލިން ވިޝަންސް' މައުރަޒުގައި މި އަހަރު ބައިވެރިވީ އަލަށެވެ. މިއީ އޭނައަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެކެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް މައުރަޒުގައި ބައިވެރިވި ހުނަރުވެރި އެތަކެއް ފަންނާނުންނާ ބައްދަލުކުރަން ލިބުމުން ވަރަށް އުފާވި ކަމަށް އޭނާ ބުންޏެވެ.
އަބުޑީ އަކީ ސޯޝަލް މީޑިއާގައި ދިވެހިންނަށް އާ ނަމެއް ނޫނެވެ. އޭނާގެ ހުނަރުވެރި އަދި ރީތި އެމްބްރޮއިޑަރީ މަސައްކަތުގެ ސަބަބުން ފާހަގަކުރެވިފައިވާ ފަންނުވެރި އެކެވެ. އަބުޑީ ވަނީ 2019 ވަނަ އަހަރު ބޭއްވި ގައުމީ ފަންނު އެކްސްޕޯއިން އެވޯޑެއް ވެސް ހޯދައިފަ އެވެ.
ކުޑަ ވިޔަފާރިއެއް ހިންގަމުން އަންނަ އަބުޑީ އަކީ ކަސްޓަމް އުފެއްދުންތައް ތައްޔާރު ކުރާ ހުނަރުވެރި ފަންނުވެރިއެކެވެ. އޭނަގެ ސްޕެޝިއަލިޓީ އަކީ ތުރެޑް އާޓް އެވެ. އޭގެ ޒަރިއްޔާއިން ހިތްގައިމު ލޭންޑްސްކޭޕްތަކާއި އެހެނިހެން ވައްތަރުގެ އާޓް ތައްޔާރު ކުރެ އެވެ.
ތުރެޑް އާޓްގެ ޒަރިއްޔާއިން މީހުންގެ އާއްމު ދިރިއުޅުން ދައްކައިދޭން ބޭނުންވާ ކަމަށް އަބުޑީ ބުންޏެވެ. މީގެ އިތުރުން، ޒީނަތްތެރިކޮށްފައިވާ ތަބަކާއި ލޯގަނޑު ފަދަ ތަކެތި ވެސް އޭނާ ތައްޔާރު ކުރެ އެވެ.
އަބުޑީ އަންނަނީ މި މަސައްކަތަށް ޝައުގުވެރިވާ މީހުންނަށް ތުރެޑް އާޓް ކްލާސްތައް ވެސް ނަގައިދެމުންނެވެ. އޭނާގެ އިލްމާއި ހުނަރު އެހެން މީހުންނާ ހިއްސާކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އޭނާގެ އިރުޝާދުގެ ދަށުން މީހުން ކުރިއަރަމުން އަންނަތަން ފެނުމުން ވަރަށް ފަހުރުވެރިވާ ކަމަށް އަބުޑީ ބުންޏެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ސީރިއާ އަށް އައި ނުރައްކާތެރި ބިންހެލުމެއްގައި އެތައް ބަޔަކު މަރުވެ އިތުރު އެތައް ބަޔަކަށް އަނިޔާވި ހާދިސާގެ ފޮޓޯތަކަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނެވެ. އޭގެ ތެރެއިން އެއް ފޮޓޯ އަކީ ކުޑަ ދެ ކުއްޖަކު ކޮންކްރީޓުގަނޑެއްގެ ދަށުގައި ތިބި މަންޒަރެވެ.
"އެ ފޮޓޯ ފެނުނީމަ އަޅުގަނޑު ވަރަށް ދެރަވި. މިފަދަ ބިރުވެރި ހާލަތެއްގެ ތެރެއިން އެ ދެ ކުދިން ދެއްކި ގަދަ ހިތްވަރަކީ އަޅުގަނޑަށް ވެސް ވަރަށް ހިތްވަރު ލިބޭ މަންޒަރެއް. ގާބުރިތަކެއްގެ ދަށުގައި ތާށިވި ނަމަވެސް އެ ކުދިން އުއްމީދު ދޫކޮށެއްނުލި،" އަބުޑީ ބުންޏެވެ.
"އެމީހުންގެ އެކްސްޕްރެޝަންތައް އަޅުގަނޑަށް ވަރަށް ފާހަގަވި. އެ އިހުސާސްތައް އަޅުގަނޑުގެ މަސައްކަތުން ދައްކައިދޭން ބޭނުންވި. މި މަސައްކަތުން އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނަސް އުންމީދު ގެއްލުވާނުލުމުގެ މުހިންމުކަން."
މީގެ އިތުރުން އަބުޑީ ދައްކައިދޭން ބޭނުންވީ އާޓް އަކީ ކުލައިން އެކަނި ތައްޔާރު ކުރެވޭ އެއްޗެއް ނޫން ކަމެވެ. ރޮއްޖާއި ފޮއްޗާއި އެހެނިހެން ތަކެއްޗާއި ގޮތްތައް ބޭނުންކޮށްގެން ވެސް މާސްޓާޕީސްއެއް އުފެއްދިދާނެ ކަމެވެ.
އަބުޑީ ބުނީ ތުރެޑް އާޓްގެ ފަންނަށް މީހުން ހޭލުންތެރި ކުރުމަކީ އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމަށް ކަމަށެވެ.
އަމިނަތު ނާއިފާ - 'ބިއުޓީ އޮފް ޕެރިލް'
އަމިނަތު ނާއިފާ ބުނިގޮތުގައި އޭނާ އަކީ އަބަދުވެސް ކުރެހުމަށް ޝައުގު ހުންނަ މީހެކެވެ. އާޓް އަކީ އޭނާގެ ހަޔާތުގެ ވަރަށް މުހިއްމު ބައެކެވެ. އޭނާގެ ބައްޕަ އާއި އާއިލާ ވެސް އާޓްއަށް ލޯބި ކުރެ އެވެ. ނާއިފާ ކުރަހަން ފުރަތަމަ ފެށީ ބައްޕައާ އެކު އެވެ. ދެން ޔޫޓިއުބް ވިޑިއޯތައް ބަލައިގެން އަމިއްލައަށް އިތުރަށް ދަސްކުރީ ކަމަަށް އޭނާ ބުންޏެވެ.
އަމިއްލަ ކްލިނިކެއްގައި މަސައްކަތް ކުރަމުން، ހުސް ވަގުތުތަކުގައި ފަންނުވެރި މަސައްކަތްތައް ކުރާ ނާއިފާގެ 'ބިއުޓީ އިން ޕެރިލް' އަކީ އޭނާ ގައުމީ އާޓް ގެލެރީގައި ދައްކާލި ފުރަތަމަ އުފެއްދުމެވެ. މި ކުރެހުން ތައްޔާރު ކޮށްފައިވަނީ އެކްރިލިކް ކުލަ ބޭނުން ކޮށްގެން ކެންވަސްގަ އެވެ. ކުރެހުން ނިންމަން ހަފްތާއަކަށް ވުރެ ގިނަ ދުވަސް ނެގި ކަމަށް ނާއިފާ ބުންޏެވެ.
ނާއިފާގެ ފުރަތަމަ ބޮޑު މައުރަޒުގައި ބައިވެރި ކުރި ކުރެހުމަކީ ފުރިހަމަ ޓެކްނީކް އަކާއި ހިތްގައިމު ކުލަތަކެއް ދައްކުވައިދޭ މަސައްކަތެކެވެ. އޭގައި އޭނާ ކުރަހާފައި ވަނީ ފަންހާ މަހެކެވެ.
"މި ކުރެހުމަށް އިންސްޕިރޭޝަން ލިބުނީ ހިތްވަރުގަދަ އަންހެނުންގެ ފަރާތުންނާއި އެމީހުންގެ ވާހަކަތަކުން،" އޭނާ ކިޔައިދިނެވެ.
ނާއިފާ ފާހަގަ ކުރި ގޮތުގައި ފަންހާ މަހަކީ ބަލާބެލުމަށް ވަރަށް ކުލަގަދަ، ހިތްގައިމު މަންޒަރުތަކެއް އެކުލެވޭ، ހުވަފެނީ ޒާތަކަށް ތުނި ފިޔަތަކެއް ލައިފައި ހުންނަ ރީތި މަހަކަށް ވިޔަސް އެ މަހުގައި، އޭތީގެ ސަލާމަތަށްޓަކައި، ވިހަ ގަދަ ކަށިތަކެއް ވެސް ލައްވާފައިވެ އެވެ. ފަންހާ މަހުގެ ރީތިކަމާ އެކު އޭގެ ރައްކާތެރިކަމަށްޓަކައި ހިމެނިގެންވާ އަސާސީ ސިފަ އެކެވެ.
ނާއިފާ ކުރަހައިފައިވާ ފަންހާ މަހުގެ ސިފަ ރަމްޒު ކުރަނީ އަންހެނުންގެ ރީތިކަމާއި ހިތްވަރުގަދަކަމެވެ.
"މުޖުތަމައުގައި ދެކެނީ އަންހެނުންނަކީ ވަރަށް ރީތި ބައެއްގެ ގޮތުގައި. އެކަމަކު އަންހެނުންނަކީ ގިނަ ކަންތައްތަކެއް ތަހައްމަލު ކުރަން ޖެހޭ ބައެއް،" ނާއިފާ ބުންޏެވެ.
އޭނާ އެދުނީ މުޖުތަމައުގައި އަންހެނުންގެ ދައުރާ މެދު ވިސްނާލާށެވެ.
ކޮމެންޓް (1)
އަަރޓް