
ވިޒޯރްގެ ހެދުންތަކެއް ދައްކާލަނީ: އެ ބްރޭންޑް ތައާރަފްކުރީ މި އަހަރުގެ ކުރީކޮޅު (ފޮޓޯ/ވިޒޯރް)
ފެޝަން ބްރޭންޑު ވިޒޯރް: ލަންކާ އާއި ރާއްޖޭގެ ގުޅުމެއް
ފާތިމަތު އަނާ އާއި ކާވްޔާ ޖަޔަސިންހަ އަކީ ހަމައެކަނި ކުރީގެ ކްލާސްމޭޓުންނެއް ނޫނެވެ. އެއް އަމާޒެއް ހިއްސާކުރި ގާތް ރަހުމަތްތެރިން ވެސް މެ އެވެ. ދެ މީހުން ވެސް، އަމިއްލަ ފެޝަން ބްރޭންޑެއް އުފައްދަން އަބަދުވެސް ބޭނުންވި އެވެ.
ސްރީ ލަންކާގެ އެކެޑެމީ އޮފް ޑިޒައިންގައި، އިނގިރޭސިވިލާތުގެ ނޯތަމްބްރިއާ ޔުނިވާސިޓީގެ ކޯހަކުން މިދިޔަ އަހަރު ދަސްވެނިވެފައިވާ އަނާ އާއި ކާވްޔާ ނިސްބަތްވަނީ ދެ ގައުމަކަށެވެ؛ ރާއްޖެ އާއި ލަންކާ އެވެ. ދެ މީހުން ލޯބިކުރާ ފެޝަންގެ ބާވަތް ވެސް ވަރަށް ތަފާތެވެ. ނަމަވެސް، އެކުގައި ބްރޭންޑެއް އުފެއްދުމަށް ދެ ޒުވާނުންނަށް ހިތްވަރު ލިބުނީ ވެސް ހަމަ މި ތަފާތުތަކުންނެވެ.
"އަޅުގަނޑުމެންގެ ތަފާތު ސްޓައިލްތަކުން އަޅުގަނޑުމެންނަށް ހިތްވަރު ލިބުނީ، ބްރޭންޑު ލޯންޗު ކުރަން. އަޅުގަނޑުމެންގެ ތަފާތު ނުފޫޒުތަކުގެ ބޭނުން ހިފައި، އަޅުގަނޑުމެންގެ އަމިއްލަ ކުލަގަދަ ސަގާފަތްތައް ހިމަނައިގެން ހިތްގައިމު އުފެއްދުންތަކެއް ގެނެސްދޭން ބޭނުންވީ،" އަނާ ކިޔާދިނެވެ.

ފެޝަން ބްރޭންޑު 'ވިޒޯރް' އަކީ އަނާ އާއި ކާވްޔާގެ ޑިޒައިން ފަލްސަފާ ސާފުކޮށް ދައްކުވައިދޭ ބްރޭންޑެކެވެ. ފެހުންތެރިއެއް ވަރަށް ފަރުވާތެރިކަމާ އެކު ފޮތިގަނޑު ކަނޑާ ފަދައިން، ވިޒޯރްގެ ކޮންމެ ހެދުމެއް ފަރުމާކުރަނީ ވެސް ވަރަށް ފަރުވާތެރިކަމާ އެކު އެވެ.

އަނާ ބުނިގޮތުގައި "ވިޒޯރް" އަކީ އެންމެ ބަހެއްގެ މާނަ ދޭހަވާ ގޮތަށް ވުރެ މާ ފުން މާނައެއް އެކުލެވޭ ނަމެކެވެ.
"މިއީ ޓްރެންޑް ސެޓު ކުރާ ފެޝަނަބަލް އުފެއްދުންތަކަށް އަހައްމިއްޔަތުކަން ދޭ ބްރޭންޑެއް. އެމީހެއްގެ އިހުސާސްތަކާއި ވިސްނުންތައް ދައްކުވައިދޭ ސްޓައިލްތަކުގެ ޓޭޕެސްޓްރީއެއް. އަޅުގަނޑުމެން އުފައްދާ ކޮންމެ ފޭރާމަކީ ވެސް ތަފާތު 'ވްޒޯރު' އެއް. މިއީ ވަކިވަކި ފަރުދުންނަށް އެމީހުންގެ އަމިއްލަ ވާހަކަތައް ގެނެސްދޭނެ ކެންވަސްއެއް،" އަނާ ސިފަކޮށްދިނެވެ.

ވިޒޯރް ތައާރަފްކުރީ މި އަހަރުގެ ކުރީކޮޅުގަ އެވެ. ނަމަވެސް އެ ބްރޭންޑު މަސައްކަތްތައް 2021 ވަނަ އަހަރު އޮތީ ފަށައިފަ އެވެ.
"އަޅުގަނޑުމެންގެ ޑިޒައިންތަކަށް ހިޔާލު ހޯދަނީ ގުދުރަތުން. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށާއި ތިމާވެއްޓަށް ދިމާވާ މައްސަލަތަކަށް އާއްމުން ހޭލުންތެރިކުރުވަން ބޭނުންވޭ. ކޮންމެ ކަލެކްޝަނެއްގައި ވެސް އަޅުގަނޑުމެންގެ ޓެކްސްޓައިލް ކުލަ ޕެލެޓުގެ ޕްރައިމަރީ އިންސްޕިރޭޝަނަށް މި ކޮންސެޕްޓުތައް ބޭނުން ކުރުމުގެ ދެވަނަ މަގުސަދަކީ ވެސް އާއްމުން ހޭލުންތެރި ކުރުވުން،" އަނާ ބުންޏެވެ.

ވިޒޯރްގެ އެންމެ ފަހުގެ ކަލެކްޝަން 'ކޯސްޓަލް އޯރާ' ނެރުނީ މި މަހުގެ 17ގަ އެވެ.
"މިކަލެކްޝަނަށް ހިޔާލު ހޯދީ ޖެލީފިޝްގެ ހިތްގައިމު ކުލަތަކުން. ހޫނުމިން އިތުރުވެ، ޓްރޮޕިކަލް ޖެލީފިޝްގެ ބާވަތްތައް ގިނަވުމުގެ ސަބަބުން. މި ކަލެކްޝަން މެދުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ކަނޑުގެ ތިމާވެށީގެ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ހޭލުންތެރިކުރަން ވެސް ބޭނުންވި،" އަނާ ކިޔައިދިނެވެ.
އޭނަ ބުނިގޮތުގައި އުއްމީދަކީ، ޖެލީފިޝްގެ ހިތްގައިމު ކުލަތައް ދައްކާލުމުން، ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ އަގުހުރި ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުތަކަށް ސަމާލުކަން ލިބުމެވެ.
ވިޒޯރް އިން ބުނިގޮތުގައި އެ ބްރޭންޑުގެ 'ނީޝް މާކެޓް'ގައި ހިމެނެނީ، ފަހުގެ ޓްރެންޑުތަކާއި 'ޓައިމްލެސް އެލެގެންސް'ގެ އިހުސާސް ކުރުވާ ފޭރާން ލާ ހިތްވާ ޒުވާން އަންހެނުންނެވެ. އަދި އެއީ ކުލަގަދަ، ފެންވަރު ރަނގަޅު އަންނައުނު ލާން ޝައުގުވެރިވާ ބައެއްކަން އަނާ ފާހަގަކުރި އެވެ.
"އަޅުގަނޑުމެންގެ ބްރޭންޑަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރިއަށް ގެންދާ ބްރޭންޑެއް. އަޅުގަނޑުމެންގެ ގިނަ ކަސްޓަމަރުން އަޅުގަނޑުމެންގެ ބްރޭންޑަށް ޝައުގުވެރިވަނީ ހަމައެކަނި ޕްރޮޑަކްޓްތަކަކަށް ނޫން، މި ބްރޭންޑުން ދައްކުވައިދޭ ކޮމްޕެލިން ނެރެޓިވްސް އަކީ ވެސް ކްލަޔަންޓުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް،" އޭނާ ބުންޏެވެ.
ވިޒޯރްގެ ކަސްޓަމަރުންގެ ތެރޭގައި އާންމުގޮތެއްގައި ހިމެނެނީ 20 އަހަރާއި 40 އަހަރާ ދެމެދުގެ އަންހެނުންނެވެ. އަނާ ބުނީ އެފަދަ މީހުން ފެންވަރު ރަނގަޅު އަންނައުނަށް އިންވެސްޓްކުރުމުގެ މުހިންމުކަން ދަންނަ އިރު، ވިޒޯރުގެ ކޮންމެ ކަލެކްޝަނެއް ވެސް އެފަދައިން ފޯރުކޮށްދިނުމަށް އިހުލާސްތެރިކަމާ މަސައްކަތް ކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ ބްރޭންޑް ފާހަގަކޮށްލެވެނީ އަޅުގަނޑުމެންގެ ތަފާތު ސަގާފީ ނަޒަރިއްޔާތާއި ދިރިއުޅުމުގެ ތަޖުރިބާތަކުގެ ސަބަބުން. އަޅުގަނޑުގެ ބައިވެރިޔާއަށް [ކާވްޔާއަށް] މެދުކެނޑުމެއްނެތި އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންގެ ހިޔާލުތައް އެއްވެސް ހުރަހެއް ނެތި ގުޅުވައިދޭ މައިގަނޑު ސަބަބެއް. އޭގެ ނަތީޖާއެއްގެ ގޮތުން ތަފާތު ކޮންސެޕްޓްތަކެއް އުފަންވޭ،" އަނާ ބުންޏެވެ.
ސަގާފީ ތަފާތުތަކަކީ ވިޒޯރް ބްރޭންޑްގެ މައިގަނޑު އަސާސެވެ. އަދި އެމީހުންގެ އުއްމީދަށް އިތުރު ހިތްވަރެއް ލިބޭ ކަމެކެވެ. ވިޒޯރްގެ އަމާޒަކީ ލަންކާގެ ހުނަރުވެރި ފަންނުވެރިކަން ރާއްޖެއަށް ގެނެސް، މި ތަފާތު އަދި ހިތްގައިމު ގުޅުމުގެ ފުރިހަމަކަން ދައްކާލުމެވެ.

އަނާ އަކީ ކުރިން ވެސް ރާއްޖޭގެ ފެޝަން ދާއިރާއާ ދުރު މީހެއް ނޫނެވެ. އޭނާ ފުރަތަމަ މަޝްހޫރުވެފައި ވަނީ މޮޑެލްއެއްގެ ގޮތުގަ އެވެ. އެކަމަކު އޭނާގެ ހިތުގައި ފެޝަނަށް އޮތް ޝައުގުވެރިކަމުގެ ސަބަބުން ޑިޒައިންގެ ރޮނގުން ކުރިއަށްދާން ނިންމީ އެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން މޮޑެލިންއަށް އެނބުރި ދިޔުން އެކަށީގެންވާ ކަމަށް އަނާ ބުންޏެވެ.
އަނާ ކުރިން ވަނީ ފްލައިޓް އެޓެންޑެންޓެއްގެ ވަޒީފާ އަދާކޮށްފަ އެވެ. އެ ހައިސިއްޔަތުން އަދި މޮޑެލެއްގެ ގޮތުގައި ފެނުނު ހިތްގައިމު މަންޒަރުތަކުން އޭނާގެ ފަންނުވެރި ދަތުރަށް އިތުރު ހިތްވަރެއް ލިބުނުކަން އަނާ ފާހަގަކުރި އެވެ.

"އަޅުގަނޑަކީ އަބަދުވެސް އާޓިސްޓިކް ކަންކަމަށާއި ރީތި އުފެއްދުންތައް ކްރާފްޓް ކުރާ ހިތްވާ މީހެއް. އެޕެރަލް އިންޑަސްޓްރީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ ވާހަކަ އެނގުނީމަ ހޭލުންތެރިކަން އިތުރުކުރަން ހިތްވަރު ލިބުނު،" އަނާ ކިޔައިދިނެވެ.
"އަޅުގަނޑުގެ ޔުނިވާސިޓީ ދަތުރު ފެށުނީ ފެހުމުން. އެކަމަކު ގާ ހުދުވުން ފަދަ މައްސަލަތަކާ ގުޅޭގޮތުން އަޅުގަނޑުގެ ގްރެޖުއޭޓް ކަލެކްޝަންގެ ޒަރިއްޔާއިން މަސައްކަތް ކުރަން ޖެހުނު. މިހާރު އަޅުގަނޑުގެ އަމާޒަކީ އެހެން މީހުން ވެސް ހޭލުންތެރި ކުރުވައި ކޮންމެ ޒަމާނަކާ ވެސް ގުޅޭ ރަނގަޅު ފެންވަރުގެ ފޭރާންތަކެއް ޑިޒައިން ކުރުން."
ދުނިޔޭގެ ފެޝަން އިންޑަސްޓްރީގެ އަގު މިހާރު ވަނީ 1.7 ޓްރިލިއަން ޑޮލަރަށް އަރާފަ އެވެ. ރާއްޖޭގައި ވެސް، އަމިއްލަ އުފެއްދުންތައް ނެރޭ ފެޝަން ބްރޭންޑުތައް އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އެކަމަކު މުޅިން އާ ބްރޭންޑެއް ތައާރަފް ކުރުމަކީ ވަރަށް ގިނަ ގޮންޖެހުންތައް ވެސް ދިމާވާ މަސައްކަތެކެވެ.
"ކޮންމެ ދުވަހަކު ވެސް އާ ތަޖުރިބާއެއް ކުރެވޭ. ބައެއް ފަހަރު ހިތަށް އަރާ މި މަސައްކަތް ދޫކޮށްލާނަމޭ ވެސް. އެއްވެސް ކަމެއް ފަސޭހައެއް ނޫން،" އަނާ ބުންޏެވެ.
"މި ދަތުރުގެ ތެރޭގައި ދަސްވި އެއް ކަމަކީ، ކިތަންމެ ވަރަކަށް ތައްޔާރުވިއަސް، އިންސާނުންނަށް ހެދޭ ގޯސްތަކުން އެ އެއްޗެއް ސަލާމަތް ނުކުރެވޭނެކަން. އާންމު ދިރިއުޅުމުގައި ދިމާވާ ނުތަނަވަސްކަމެއް، އެއީ ވަރަށް ކުޑަ ކަމެއް ކަމުގައި ވިއަސް، އޭގެ ސަބަބުން، މުޅި އޮޕަރޭޝަނަށް ވަރަށް ބޮޑު އަސަރެއް ކުރޭ."
ނަމަވެސް އަމިއްލަ ވިޔަފާރިއެއް ހިންގުމަކީ ތަފާތު އެޑްވާންޓޭޖެއް އޮންނަ ކަމެއްކަން ވެސް އަނާ ފާހަގަކުރި އެވެ. ހެދޭ ކޮންމެ ގޯހަކީ ހަނދާނުން ނައްތާނުލެވޭ ފިލާވަޅަކަށް ވެގެންދެ އެވެ. އަދި، ދައްކާނެ ބަހަނާއެއް ހޯދުމުގެ ބަދަލުގައި، ކުރިއެރުމަށް މަގެއް ހޯދައި އެކަން ދަމަހައްޓަން މަޖުބޫރުވެ އެވެ.
ފެޝަން އިންޑަސްޓްރީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ވިޒޯރް އިން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށް އެ ބްރޭންޑުން ބުނެ އެވެ. ފަރުމާކުރުމުގެ މަސައްކަތުގައި ދެމެހެއްޓެނިވި އުސޫލުތަކެއް ގެންގުޅެން ވިޒޯރް އިން މަސައްކަތް ކުރެ އެވެ. އެގޮތުން ވިޒޯރް އިން ބޭނުންކުރަނީ ލަންކާގެ ފަންނުވެރިން ޑައި ކޮށްފައިވާ ސިލްކް ފޮއްޗެވެ. މީގެ ސަބަބުން އިސްރާފު ކުޑަވެ، ވަސީލަތްތައް ބޭނުންކުރާ މިންވަރު މަދުވެ އެވެ. އަދި ކޮންމެ ފޭރާމެއްގައި ތަފާތު ރީތިކަމެއް އެކުލެވެ އެވެ.
ވިޒޯރްގެ ކޮންމެ ހެދުމެއް ކަނޑަނީ އެއަށް އޯޑަރު ލިބޭ މިންވަރަކަށް ބިނާކޮށްގެނެވެ. މިއީ އިސްރާފުކުޑަ އުސޫލަކަށް މަސައްކަތް ބައްޓަންކުރަން ކުރާ ކަމެކެވެ. އަނާ ބުނިގޮތުގައި ކައިރި މުސްތަގުބަލެއްގައި ވިޒޯރްއިން 'ގާމެންޓް ރިސައިކްލިން' ތައާރަފު ކުރާނެ އެވެ. އަދި ދުނިޔެ ތަގައްޔަރުވުމާ ދެކޮޅަށް ވިޒޯރްއިން އަމަލީ ގޮތުން ކުރާ މަސައްކަތް ފުޅާވެ ވަރުގަދަވާނެކަން ވެސް އޭނާ ފާހަގަކުރި އެވެ.
މިވަގުތު ވިޒޯރްގެ އަންނައުނު އުފައްދަމުން ގެންދަނީ ސްރީ ލަންކާގަ އެވެ. އެ އުފެއްދުންތައް ރިޓެއިލްކޮށް ވިއްކަނީ ލަންކާގެ ފިހާރައެއް ކަމަށްވާ ޑިޒައިން ކަލެކްޓިވްގަ އެވެ. އެ ފިހާރައިން އޮންލައިންކޮށް ވެސް ދިވެހިންނަށް އޯޑަރުކުރެވެ އެވެ. އިންޓަނޭޝަނަލް ޝިޕިން މެދުވެރިކޮށް އެ ތަނުން ޑެލިވާ ކޮށްދެ އެވެ.
އަނާ ބުނިގޮތުގައި ވިޒޯރްގެ ރަސްމީ ވެބްސައިޓު ތައާރަފުވުމުން، ދިވެހިންނަށް އެ ވެބްސައިޓު މެދުވެރިކޮށް ގަންނަން ލިބޭނެ އެވެ.


އެއްވެސް ސުވާލެއް އޮންނަ ނަމަ ވިޒޯރްގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު ފަދަ ސޯޝަލް މީޑިއާ އެކައުންޓްތަކަށް މެސެޖު ކޮށްލަން އަނާ އެދުނެވެ.