ނަޒްރާ އަހުމަދު: ފިޓްވުމުގެ އަމާޒު ހާސިލްކުރުމަށް ފަހު މިހާރު އަންނަނީ އެހެން މީހުންނަށް ނަމޫނާ ދައްކަމުން
ނަޒްރާ: އިންސްޓްރަކްޓަރެއްގެ ގޮތުގައި ދުޅަހެޔޮކަމުގެ ނަމޫނާއެއް
އެންމެ ފުރަތަމަ އަޅައިގަންނަނީ އޭނާގެ މޫނުމަތީގައިވާ ބޮޑު ހިނިތުންވުމުގަ އެވެ. ދެކޮޅުގައި ބޮޑު ދެ ބަރު އޮތް ދަގަނޑެއް ކޮނޑަށް ލައިގެން ސްޓޭޖްމަތީ ހުރެ، އެއްފަހަރާ ވިއްސަކަށް މީހުންނަށް އިރުޝާދު ދެ އެވެ. އޭނާގެ ކަޅި މުޅި ކްލާހަށް ހިނގަ އެވެ. ކްލާހުގެ ބައިވެރިއަކަށް ކިރިޔާ ގޯސްކޮށް ފައި އެޅުނަސް އެކަމަށް އިޝާރާތްކޮށްލާނެ އެވެ. ރަނގަޅު ކުރަންވީ ކިހިނެއްކަން ބުނެދޭނެ އެވެ.
އެއީ ދަ ވެލްނެސް ކްލަބް ބައި ހީޓްގެ ބޮޑީ ޕަމްޕް އަދި ބޮޑީ ކޮމްބެޓް އިންސްޓްރަކްޓަރު ނަޒްރާ އަހުމަދުގެ ފުލްޓައިމް ވަޒީފާ އެވެ. މި ދާއިރާގައި ހަތަރު އަހަރު ހޭދަކޮށްފައިވާ ނަޒްރާ، 37، ދުވާލެއްގެ މައްޗަށް ހަ ގަޑިއިރާއި އަށް ގަޑި އިރާ ދެމެދުގެ ވަގުތެއް ޖިމްގައި ހޭދަ ކުރެ އެވެ. ގުރޫޕް ފިޓްނެސް އިންސްޓްރަކްޓަރެއްގެ އިތުރުން އޭނާއަކީ ޕާސަނަލް ޓްރެއިނާއެކެވެ. އެތައް ބައެއްގެ ދިރިއުޅުމަށް ނަޒްރާ ވަނީ ހެޔޮ ބަދަލު ގެނެސްދީފަ އެވެ.
ނަޒްރާ ސްކޫލް ދައުރުގައި ޖިމްނާސްޓިކްސްގައި އުޅުނެވެ. ނަމަވެސް އޭނާ އަކީ ލޫޅާފަތި ހަށިގަނޑެއް ހުރި ކުއްޖެއް ނޫނެވެ. ފިޓްނެސް ދާއިރާއަށް ނަޒްރާގެ ޝައުގުވެރިކަން ދަމައިގަތީ އޭނާގެ ދައްތަ ޝާހިދާ މޫސާގެ ސަބަބުންނެވެ. ޝާހިދާ އަކީ ރާއްޖޭގެ ގުރޫޕް ފިޓްނެސް ދާއިރާގައި ވަރުގަދަ ނަމެކެވެ.
"ދައްތައަށް ވަނަމަކަށް ކިޔާނީ ސްނޫޕީ. އަމީނިއްޔާގައި އުޅުނު އިރު ބާރަށް ދުވާނެ. އަބަދުވެސް ފިޓްނެސްގައި އުޅޭނީ. ދައްތަ ބުނީ މިއީ އަޅުގަނޑާ ވަރަށް ގުޅޭ ދާއިރާއެެކޭ،" ނަޒްރާ ބުންޏެވެ.
ނަޒްރާ ބުނިގޮތުގައި އޭނާގެ ހަށިގަނޑު އެންމެ ބަރުހެލިކޮށް ހުރި ދުވަސްވަރު ބަރުދަން 78 ކިލޯ އަށް އެރި އެވެ. ނަމަވެސް އޭނާ ވަނީ ކާ މިންވަރު މަދުކޮށް، ވަކި ގޮތަކަށް ކެއުން ބަހައްޓައި، ކަސްރަތުކޮށްގެން، ލުއިވެ ފިޓުވުމުގެ ބުރަ އަމާޒު ހާސިލްކޮށްފަ އެވެ.
"އެކަންވީ ވަރަށް ޗެެލެންޖިން މަސައްކަތަކަށް،"
ނަޒްރާ ކުރިން އަަދާކުރީ މޭޒުދޮށު ވަޒީފާއެކެވެ. ނޮވެލްޓީ ބުކްޝޮޕްގެ މާކެޓިން ޓީމުގައި އޭނާ ހަ އަހަރު ހޭދަ ކުރި އެވެ. ނަމަވެސް މާލޭ ފިޓްނަސް ސެންޓަރުން 2019 ވަނަ އަހަރު ހިންގި ޕާސަނަލް ޓްރެއިނިން (ޕީޓީ) ކޯހަކާ ގުޅި، އެ ތަނުގައި ޕީޓީ ނަގައިދިނުމުގައި އޭނާ އަހަރެއްހާ ދުވަސް ހޭދަކުރި އެެވެ. އެއަށް ފަހު ހީޓާ ގުޅި 2021 ގައި ގުރޫޕް ފިޓްނެސް ތަމްރީންތައް ހެދީ އެވެ.
"ހީޓަށް ވަނީ ވެއިޓްލޮސް ޕްރޮގްރާމެއްގެ ކްލަޔަންޓެއްގެ ގޮތުގައި. އެއަަށް ފަހު ތަމްރީންތައް ހަދައިގެން އިންސްޓްރަކްޓަރަކަށްވީ،" ނަޒްރާ ކިޔައިދިނެވެ.
ފިޓްނެސް ދާއިރާގައި މަސައްކަތް ކުރާ ނަމަ ގެންގުޅެންވީ އަބަދުވެސް ދަސްކުރުމުގެ ވިސްނުންކަން ނަޒްރާ ފާހަގަކުރި އެވެ. އަދި އެ ވިސްނުމުގައި އޭނާ ވަނީ ތަފާތު ގިނަ ކޯސްތަކެއް ހަދައި އެކި ރޮނގުތަކުން ތަމްރީންވެފަ އެވެ.
ދުޅަހެޔޮ ސިއްހަތެއްގެ އަމާޒު
ނަޒްރާ ބުނިގޮތުގައި މި ވަޒީފާގެ ސަބަބުން އޭނާގެ އަމިއްލަ ދިރިއުޅުމަށާއި ސިއްހަތަށް، ހީ ވެސް ނުކުރާހާ ބޮޑެތި ފައިދާތަކެއް ކުރި އެވެ.
ހަށިގަނޑުގައި ސަރުބީ ގިނަވުމާއި ނިދަން އުނދަގޫވުން އަދި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމްގެ އަސަރުތައް ފަދަ ކަންކަމާ އޭނާ ކުރިމަތިލި އެވެ. އާއިލާ އިން ވާރުތަވެ ލޭމައްޗަށްދާތީ އޭނާ އައީ އެކަމަށް ބޭސް ވެސް ކުރަމުންނެވެ. ނަމަވެސް، ކަސްރަތާއި ދުޅަހެޔޮ ކަނާއާ އެކު، ޑޮކްޓަރުގެ ލަފާގެ މަތިން، އޭނާ އެއް އަހަރު ދުވަސް ވަންދެން ކަމުން އައި ބޭސް މުޅިން ހުއްޓާލި އެވެ.
"ބޮޑީ ފެޓް ޕަސެންޓޭޖް ވަރަށް މަތިކޮށް ހުރީ، ކޮލެސްޓްރޯލް ބޯޑާލައިންގައި. މައްސަރު ކަންތައް ޖެހުން ލަސްވުން ފަދަ ކަންކަން ކުރިމަތިވި. މިހާރު އެކަންކަން ބަދަލުވެއްޖެ،" ނަޒްރާ ކިޔައިދިނެވެ.
ގަވާއިދުން ގުރޫޕް ފިޓްނެސް ކްލާސްތަކާއި ޕާސަނަލް ޓްރެއިނިން ނަގައިދިނުމުގެ އިތުރުން، އަމިއްލަ ނަފްސަށް ބޭނުންވާ ވޯކްއައުޓް ޖިމްގައި ހެދުމަށް ނަޒްރާ ވަގުތު ހޭދަކުރެ އެވެ. އޭގެ ނަތީޖާ އޭނާގެ ހަށިގަނޑުން ފެންނަ އިރު، އަމިއްލަ ނަފްސަށް އޮތް އިތުބާރު ވެސް ބޮޑުވެއްޖެ އެވެ. އެއީ މި ވަޒީފާގައި ހުރުމަށް އޭނާ އަށް ލިބުނު ހިތްވަރެއް ވެސް މެ އެވެ.
"ޖިމް ވޯކްއައުޓްސް ގަވާއިދުން ހަދާތާ މިހާރު މިވީ އަހަރެއް. ވަރަށް ބޮޑު ޕްރޮގްރެސްއެއް ފެނިއްޖެ. ހަށިގަނޑުން ވެސް، މީހާގެ ސްޓްރެންތު އަދި އެންޑިއުރަންސްގައި ވެސް،" ނަޒްރާ ބުންޏެވެ.
ކަސްރަތުކުރުމަށް ފަހު ހަށިގަނޑަށް އަރާމު ދިނުމަށް ބަރާބަރަށް ނިދަން ހާއްސަ ސަމާލުކަމެއް ދޭ ކަމުގައި ނަޒްރާ ބުންޏެވެ. އަދި ކެއުމާއި ކަސްރަތު ވަކި މިންގަނޑެއްގައި ބެހެއްޓުމަށް ވެސް އޭނާ ސަމާލުކަން ދެ އެވެ.
"ކެއުމަކީ ވަރަށް އެންޖޯއީ ކުރާ ކަމެއް. މިހާރު ސްޓްރިކްޓް ޑައެެޓެއްގައެއް ނޫން މި އުޅެނީ. ކާ އިރު، ވީހާވެސް ބޮޑަށް ދުޅަހެޔޮ ކާނާ ބޭނުން ކުރަން ސަމާލުވަނީ،" ނަޒްރާ ބުންޏެވެ.
އެންމެންގެ އެހީތެރިކަމާއި ހިތްވަރު
ނަޒްރާ ބުނިގޮތުގައި މިހާ ހިސާބަށް އޭނާ އައުމަށް ގިނަ ބައެއްގެ ސަޕޯޓް ލިބިފައިވެ އެވެ. ފިރިމީހާގެ އެހީތެރިކަމާއި 15 އަހަރުގެ އަންހެން ދަރިފުޅާއި 11 އަހަރުގެ ފިރިހެން ދަރިފުޅުގެ ކިބައިން ލިބޭ ހިތްވަރު އޭނާ ފާހަގަކުރި އެވެ.
"ކުދިން ބައެއް ފަހަރު ސަމާސާކޮށްލަން ބުނާނެ މިހާރު ބައްޕަ އަށް ވުރެ މަންމަ މާ ވަރުގަދައޭ،" ނަޒްރާ ފަހުރުވެރިކަމާ އެކު ބުންޏެވެ.
މި މަސައްކަތުގައި ދެމިހުރުމަށް ލިބޭ ބޮޑު އަނެއް ހިތްވަރަކީ، ނަޒްރާ ބުނިގޮތުގައި، އެކުގައި މަސައްކަތް ކުރާ މީހުންނެވެ. ހީޓްގައި އެންމެ ގިނަ ދުވަސްވީ ތަޖުރިބާކާރު އިންސްޓްރަކްޓަރުން ފާހަގަކޮށް ނަޒްރާ ބުނީ ކޮންމެ މީހަކީ ވެސް ތަފާތު މީހެއް ކަމުގަ އެވެ. އަދި ކޮންމެ މީހެއް ކައިރިން ވެސް ކޮންމެވެސް ތަފާތު ކަމެއް ދަސްވާކަން އޭނާ ފާހަގަކުރި އެވެ.
"އެކީގައި މަސައްކަތް ކުރާ މީހުން މިހާރު ގާތް އެކުވެރިންނަށް ބަދަލުވެއްޖެ،" ނަޒްރާ ބުންޏެވެ.
ހީޓްގެ މެނޭޖިން ޑިރެކްޓަރު ޝިފާނާ ވަޖީހު އަކީ މި ދާއިރާއިން ކުރިއެރުމަށް މަގުދައްކައިދިން ހާއްސަ އެހީތެރިއެއްކަން ވެސް ނަޒްރާ ފާހަގަކުރި އެވެ.
"ޝިފާނާގެ ހިންގުންތެރިކަމުން ރާއްޖޭގެ އެންމެ ރަނގަޅު އެއް ހިދުމަތް ދޭ ތަނަށް ހީޓް ވެފައި މި އޮތީ. ކިތަންމެ ބަލި މީހަކަށް ވެސް، ކިތަންމެ ފިޓު މީހަކަށް ވެސް އެބައޮތް ފުރުސަތު،" އޭނާ ބުންޏެވެ.
"ޝިފާނާ ވަރަށް ޕުޝް ކުރާނެ އެއް ހަރުފަތުން އަނެއް ހަރުފަތަށް ގެންދިއުމަށް އިންސްޓްރަކްޓަރުން."
މަސައްކަތުން އުފާ
ނަޒްރާ ބުނިގޮތުގައި ފިޓްނެސް ދާއިރާ އޭނާއާ ވަރަށް ގުޅޭކަން، އޭނާގެ ރައްޓެހިންނާއި ކުރިން އެކުގައި މަސައްކަތް ކުރި މީހުން ވެސް ފާހަގަކުރެ އެވެ.
"އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ އަމިއްލަ ދިރިއުޅުމަށާއި ސިއްހަތަށް އައި ބަދަލުގެ އިތުުރުން އެހެން ބައެއްގެ [ކްލަޔަންޓުންގެ] ދިރިއުޅުން ބަދަލުކޮށްދެވޭތީ،" ނަޒްރާ ބުންޏެވެ.
އޭނާ އެމީހުންނަށް ދޭ ނަސޭހަތެއް ވެސް އޮވެ އެވެ؛ ހަށިގަނޑަށް ދެމެހެއްޓެނިވި ހެޔޮ ބަދަލެއް ގެނައުމަކީ ކުއްލިއަކަށް ވާނެ ކަމެއް ނޫން ކަމެވެ. އެކަން ކުރެވޭނީ މަޑުމަޑުން އާދަތައް ބަދަލުކޮށްގެން ކަމެވެ. އޭނާ އޭގެ މިސާލަކަށް ފުދެ އެވެ.
އަބަދުވެސް ބޮޑު ހިނިތުންވުމަކާ އެކު ކްލަޔަންޓުންނާ ގާތް ގުޅުމެއް ބާއްވާ ނަޒްރާގެ ޕާސަނަލް ޓްރެއިނިން ހިދުމަތް ހޯދާ މީހުންނަކީ އޭނާގެ އިރުޝާދުގެ ދަށުން ކަސްރަތު ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ މީހުންނެވެ. ނަޒްރާ އަމިއްލަ އަށް ވެސް ދާ އޮހޮރުވައިގެން، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކޮށް، އެމީހުންގެ އަމާޒުތައް ހާސިލްކޮށް ސިއްހީ ހާލަތު ބަދަލުކޮށްދިނުމަށް އަމިއްލަ ތަޖުރިބާގެ އަލީގައި އިރުޝާދު ދެވުން އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމުގައި އޭނާ ފާހަގަކުރި އެވެ.
"އުފާވޭ އަޅުގަނޑު ކުރާ މަސައްކަތް ބަލައިގަންނާތީ. އަދި މާ ބޮޑަށް އުފާވޭ އެހެން ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން ގާތުން މަސައްކަތް ކުރެވޭތީ،" ނަޒްރާ ބުންޏެވެ.