ޑިޓިއުން ފިޝިންގެ މަސްވެރިން އުރީދޫ މަސްރޭސް ފެށުމަށް މަސްވެރިންގެ ޕާކުން ނައްޓާލަނީ

އުރީދޫ މަސްރޭސް

ޑިޓިއުންގެ ނަން މިފަހަރު ވިދާލީ މަސްވެރިކަމުގައި

ޑިޓިއުން ފިޝިން އިން އުރީދޫ މަސްރޭހުގައި ބައިވެރިވެ ދެވަނަ ހޯދި އިރު ބޭންޑުގެ ލަވަކިޔުންތެރިޔާ ފެޒްލީން ވަނީ އެންމެ މޮޅު އަންހެން މަސްވެރިޔާގެ ޝަރަފު ހޯދާފައި
10 އޯގަސްޓު 2023

ކުރިން ވިއްޔާ ޑިޓިއުންގެ ނަން އަޑުއިވުމުން ގިނަ މީހުންގެ ބޮލަށް އަންނާނީ ހަމައެކަނި އެމީހުންގެ ކޮންމެވެސް ލަވައެއްގެ ޗާލު ރާގަކާއި ސަޅި ލިރިކްސް އެވެ. ނަމަވެސް މިހާރު ޑިޓިއުންއޭ ބުނުމުން، ހަމަ އެ ހިތްގައިމު މިއުޒިކާއި ހިތުގައި ޖަހާލާ ލިރިކްސްއާ އެކީގައި، ޑިޓިއުން ފިޝިންގެ މަސްވެރިކަމުގެ ހުނަރު ވެސް ތަސައްވުރު ކުރެވޭނެ އެވެ.

މިފަހުން ނިމިދިޔަ އުރީދޫ މަސްރޭހުގައި މާލެއިން ބައިވެރިވި ޓީމުތަކުގެ ތެރެއިން ޑިޓިއުން ފިޝިން ވަނީ ދެވަނަ ހޯދާފަ އެވެ. ހަމައެހެންމެ، ޑިޓިއުން ބޭންޑްގެ ލަވަކިޔުންތެރިޔާ ފާތިމަތު ފެޒްލީން (ފެޒޫ) ވަނީ މާލެ ސަރަހައްދުގެ އެންމެ މޮޅު އަންހެން މަސްވެރިޔާގެ ލަގަބު ހޯދާފަ އެވެ. 

ޑިޓިއުން ފިޝިން އިން މި ކާމިޔާބީ ހާސިލު ކުރީ ކިހިނަކުންތޯ އަދި، އެންމެ މުހިއްމު ކަމަކަށް، މަސް ބޭނުމުގެ މުބާރާތެއްގައި ބައިވެރިވީ ކީއްވެގެންތޯ ސުވާލު އުފެދޭނެކަން ޔަގީނެވެ.

ޑިޓިއުން ފިޝިން ވަނީ އުރީދޫ މަސްރޭހުން ދެވަނަ ހޯދާފައި
ޑިޓިއުން ފިޝިންގެ މަސްވެރިން، އުރީދޫ މަސްރޭހުގެ މި އަހަރުގެ ދެވަނަ ޓީމްގެ އިނާމާ ހަވާލުވަނީ

"ޑިޓިއުން ފިޝިން އުފެދުނީ 2008 ވަނަ އަހަރު، އެހެންވީމަ މިހާރަށް 15 އަހަރު ވީ ޑީޓިއުން ފިޝިން އޮންނަތާ،" ޑިޓިއުން ބޭންޑްގެ ލަވަކިޔުންތެރިޔާ އަދި މި އަހަރުގެ އުރީދޫ މަސްރޭހުގެ އެންމެ މޮޅު އަންހެން މަސްވެރިޔާ ފާތިމަތު ފެޒްލީން (ފެޒޫ)، ޑިޓިއުން ފިޝިންގެ ކުޑަ ތައާރަފެއް ދެމުން، ކިޔައިދިނެވެ.

"އަހަރެމެން މަހަށް ދަން އެޑިކްޓިވްލީ. އަހަރެމެން ފަސް މީހުން (ބޭންޑް މެމްބަރުން). އަބަދުވެސް. އެހެންވީމަ މަހަށް ދާނެ ގޮތެއް ނެތިގެން އަހަރެމެން ގަތީ އަމިއްލަ ސްޕީޑް ބޯޓެއް."

މާލެއިން ބައިވެރިވި ޓީމުތަކުގެ ތެރެއިން އެންމެ މޮޅު އަންހެން މަސްވެރިޔާ ފާތިމަތު ފެޒްލީން
ޑިޓިއުން ފިޝިން އިން އުރީދޫ މަސްރޭހުގައި ބޭނި މަހަކާ އެކީގައި ފޮޓޯއަކަށް ހުއްޓިގެން

ކަމަށް އޮތް ލޯބީގެ ސަބަބުން ހަފްތާއަކު މަދުވެގެން ތިން ފަހަރު މަސް ބާނަން ދާ ކަމަށް ފެޒޫ ބުންޏެވެ. އެ މީހުންނަށް ދަރަހައަކަށް ވުރެ ދިގު މުއްދަތެއްގެ ތެރޭގައި މަސްބޭނުމާ ބެހޭގޮތުން ދަސްވި ފިލާވަޅުތައް މުހިއްމުވީ އުރީދޫ މަސްރޭހުގައި އެކަންޏެއް ވެސް ނޫނެވެ.

ކޮވިޑް-19 ގައި ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ހުއްޓުމުކަށް އައި ވަގުތުގައި ޑިޓިއުން ބޭންޑްގެ މެމްބަރުން އާމްދަނީ ހޯދީ މަސް ބާނައިގެންނެވެ. ފެޒޫ ބުނިގޮތުގައި މަހަށް ގޮސް ތާޒާ ފަރުމަސް ބާނައި ވިއްކައިގެން އެ ދުވަސްކޮޅުގައި އަތްމަތި ދަތިނުވެ ފަރުރުޖެހުނެވެ.

އުރީދޫ މަސްރޭހުގައި ބައިވެރިވުމަކީ އެފަދަ މުބާރާތެއްގައި ޑިޓިއުން ފިޝިން ވާދަކުރި ފުރަތަމަ ފަހަރެވެ. އެ ޓީމުގައި ހީވާގި، ތަޖުރިބާކާރު 12 މަސްވެރިޔަކު ހިމެނުނެވެ. އެއީ ފެޒޫގެ އިތުރުން މުހައްމަދު އަމްޖަދު، ހުސެއިން ހަލީމް، އަހްމަދް އަފްޒަލް ރަޝީދު، ހަސަން ވާސިފް ހުސެއިން، އަލީ ޝާފިއު، އަހުމަދު ނާފިޒް، އާތިފް އިބްރާހިމް، އަހްމަދު ފާރިޝް، އިބްރާހިމް ނާސިއު، އަހުމަދު ސަމީރު އަދި އަހުމަދު ޝިހާޒް އެވެ.

ފެޒޫ އޭގެ ތެރެއިން ވަކިން ހާއްސަކޮށް ދެ މީހަކު ފާހަގަކުރި އެވެ. އެއީ މަސްވެރިކަމުގައި 23 އަހަރުގެ ތަޖުރިބާ ހުރި އަފްޒަލް އާއި ރާއްޖޭގައި ފަރުމަހާއި ކަނޑުމަސް ބޭނުމުގައި ފާހަގަކޮށްލެވޭ ވާސިފް އެވެ.

ޑިޓިއުން ފިޝިން ގްރޫޕްގެ އަފްޒަލް އާއި ވާސިފް އަދި އަމްޖަދު ރަތްމަހަކާއި އެކީގައި.

މަސްރޭހަށް ތައްޔާރުވުމަށް ފެޒޫއަށް ދޮށީގެ މަސްވެރިކަމުގެ އުކުޅުތައް ކިޔައިދިނީ އަފްޒަލް އެވެ. އަދި ވާސިފްގެ ފަރާތުން ފަރުމަސްވެރިކަން ދަސްކުރި އެވެ. ވަރުގަދަ، ހީވާގި އަދި ތަޖުރިބާކާރު ޓީމަކާ އެކުގައި މި އަހަރުގެ މަސްރޭހުގައި ބައިވެރިވުމުގެ ކުރިން ވީ ތައްޔާރީތައް ވެސް ވަކި ކުޑައެއް ނޫނެވެ.

"އަހަރެމެން ސްޓްރެޓެޖައިޒް ކުރިން ވަރަށް ބޮޑަށް. ވަރަށް ދުރަށް ދިޔައިން. ހަވީރަށް ދެ ގަޑިއިރު ދެން ރޭގަނޑަށް އެއް ގަޑިއިރާއި 30 މިނެޓު. އަހަރެމެން އެނބުރި އައިން ހަމަ ބަރާބަރު ގަޑިއަށް. މުޅި މުބާރާތުން ވެސް އެންމެ ބޮޑު ރޫބީ ބޭނީ ޑިޓިއުން ފިޝިންް އިން،" ފެޒޫ ކިޔައިދިނެވެ.

އަހުމަދު ނާފިޒް: ޑިޓިއުން ފިޝިންގެ މަސްވެރިއެއް.

މަސްވެރިކަމަށް ދެވިހިފައި އެކަމުގައި އުޅޭތާ 15 އަހަރު ވިޔަސް، މަސްރޭހުގައި ހޭދަކުރި އަށް ގަޑިއިރު ވެގެން ދިޔައީ އެ އެންމެންނަށް ވެސް ވަރަށް ތަފާތު ތަޖުރިބާއަކަށެވެ. 

ފެޒޫ ބުނިގޮތުގައި، ބައެއް މީހުންގެ ބުރަކަށްޓާއި ގައިގެ އެކި ތަންތާނގައި ހުރި ތަދުތައް ވެސް ފިލައިގެން ދިޔަ އެވެ. ކަމުގެ ތެރެއަށް ފުރިހަމައަށް ވަދެގެން ނޫނީ ނުވާނެ ވަރުގެ ފޯރިގަދަ ކަންތައް ކުރާއިރު އެހެން އަދި ތަދުވިޔަސް ފަހެއް ނުޖެހޭނެކަން ޔަގީނެވެ.

"ދި އެކްސްޕީރިއަންސް ވޯޒް ވަންޑަފުލް. ވަރަށް ޗެލެންޖިން،"  މަސް ދަތުރުގެ ކަންކަން ދިޔައީ ވަރަށް ބަރާބަރަށްކަން ފާހަގަކޮށް ފެޒޫ ކިޔައިދިނެވެ.

ޑިޓިއުން ފިޝިން ގްރޫޕުގެ މަސްވެރިޔާ އިބްރާހިމް ނާސިއު
ޑިޓިއުން ފިޝިންގެ އަހުމަދު ޝިހާޒް: އެ ޓީމުގެ އުރީދޫ މަސްރޭސް ދަތުރަށް އަށެއްކަ ގަޑިއިރު ހޭދަވި
މަހަށް ފުރުމުގެ ކުރިން ޑިޓިއުން ފިޝިން ގްރޫޕް ފޮޓޯއަކަށް ހުއްޓިލައިގެން.

ފެޒޫ ބުނީ މިފަދަ ފުރުސަތެއް ފަހިކޮށްދިނުމުން އުރީދޫއަށް ޑިޓިއުންގެ ފަރާތުން ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ. އެކަމަކު އޭނާ އެންމެ ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވީ އޭނާއަށް މަސްވެރިކަމުގެ އަގުހުރި ފިލާވަޅުތައް ނަގައިދިން، މަސް ބޭނުމުގެ އުކުުތަކާއި އާޓް ދަސްކޮށްދިން ދެ އެދުރުންނަށް ކަމަށް ތަކުރާރުކޮށް ބުންޏެވެ.

"[ފެޒޫ] މޮޅުވީ، ދަ ބެސްޓް ފީމޭލް ކެޔޮޅުކަން ލިބުނީ، ފެޒޫގެ ދެ އިންސްޓްރަކްޓަރުންގެ ސަބަބުން. ދޮށީގެ މަސްވެރިކަން ދަސްކޮށްދިން އަފޫއަށް އަދި ފަރުމަސްވެރިކަން ދަސްކޮށްދިން ވާސިފްއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ފެޒޫ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް