ރާއްޖޭގެ ސްކޫލްތަކުގައި ގަނާކުރުމުގެ ޝިކާރައަކަށްވާ ދަރިވަރުންގެ ތެރެއިން %7 ކުދިން ޖިސްމާނީ ގޮތުން އެކި ކަންކަމާ ކުރިމަތިލާ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ޕޭރެންޓިން

ގަނާކުރުން އާއްމު ސްކޫލް މާހައުލަށް ދަރިފުޅު ތައްޔާރުކުރާނީ ކިހިނެއް؟

ރާއްޖޭގެ ސްކޫލްތަކުގައި ކޮންމެ 4 ދަރިވަރެއްގެ ތެރެއިން 1 ކުއްޖަކު ގަނާއާ ކުރިމަތިލާ
7 އޯގަސްޓު 2023

 ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ 84،200 ދަރިވަރުން އިއްޔެ ވަނީ ދިރާސީ އާ އަހަރެއް ފަށައިފަ އެވެ. ސަރުކާރުގެ 216 ސްކޫލްގައި ކިޔަވާ 73،078 ދަރިވަރުންނާއި އަމިއްލަ ސްކޫލްތަކުގައި ކިޔަވާ 11،122 ދަރިވަރުންނެވެ.

ދިރާސީ އާ އަހަރެއް ފެށުމަކީ ދަރިވަރުންގެ ތައުލީމީ ހަޔާތުގައި މުހިއްމު ދުވަހެކެވެ.

ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ، އެހެން ނަމަވެސް މާ ގިނައިން ނުދައްކާ އެއް ވާހަކައަކީ ސްކޫލްގެ މާހައުލުގައި ކުދިންނަށް ކުރިމަތިވާ ގަނާ ކުރުމުގެ ވާހަކަ އެވެ.

ފުރައްސާރައިގެ ޝިކާރައަކަށް ވެއްޖެ ނަމަ ކުއްޖާގެ ކިޔެވުމަށް ބުރޫ އަރާ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ގްލޯބަލް ސްކޫލް ބޭސްޑް ހެލްތް ސާވޭ 2014 ބުނާ ގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު ދަރިވަރުން ތެރެއިން އެއް ދަރިވަރަކީ ސްކޫލް މާހައުލުގައި ގަނާކުރުމާއި ފުރައްސާރަ ކުރުމުގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ.

ގަނާކުރުމުގެ ޝިކާރައަކަށްވާ ދަރިވަރުންގެ ތެރެއިން %7 ކުދިން ޖިސްމާނީ ގޮތުން އެކި ކަންކަމާ ކުރިމަތިލަ އެވެ. މިގޮތުން ކޮޅުފައިން ޖެހުން، ޖެހުން، ކޮއްޕާލުން، ބަންދު ތަނެއްގައި ތަޅުލުން ފަދަ އަނިޔާ މި ކުދިންނަށް ލިބެ އެވެ.

މީގެ އިތުރުން އޮންލައިން ފުރައްސާރަ އަކީ ސްކޫލްގެ މާހައުލުން ބޭރުން ކުދިންނަށް ކުރިމަތިވާ ކަމެކެވެ.

ބައެއް ދަރިވަރުންނަށް އޮންލައިންކޮށް ފުރައްސާރަ ކުރިމަތިވޭ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ގަނާކުރުމުގައި ހިމެނެނީ ޖިސްމާނީގޮތުން ލިބޭ އަނިޔާ އެކަންޏެއް ނޫނެވެ. ދަރިވަރުންނަށް ނަަފްސާނީ ދުޅަހެޔޮކަމަށް މިކަމުގެ ސަބަބުން އަސަރު ކުރެ އެވެ. އޭގެ ތެރޭގައި ކުއްޖަކަށް އޭނާ ނުރުހުންވާ ނަމަކުން ގޮވުން، ދިމާކުރުން އަދި ބިރުގަންނުވާލުން ފަދަ ކަންކަން ހިމެނެ އެވެ. މިފަދަ ކަންކަން ސްކޫލުގެ މާހައުލުގައި އޮންނަ ނަމަ ކުދިންނަށް ސްކޫލްގައި ރައްކާތެރިކަމުގެ އިހުސާސެއް ނުލިބެ އެވެ. އެހެންކަމުން ސްކޫލަށް ދާކަށް ބޭނުމެއް ނުވެ އެވެ. ސްކޫލަށް ދިޔަޔަސް އަބަދު ސްޓްރެސް މަތިވެ، ބިރުގަނެ، ޖެހިލުންވެފައި ހުރުމުގެ ސަބަބުން ކިޔެވުމަށް ބުރޫއަރަ އެވެ.

ގަނާކޮށް ފުރައްސާރަކުރުމަކީ ބޮޑު މައްސަލައެކެވެ. މިކަމުގެ ސަބަބުން ކުއްޖާ ހިތުގައިޖެހުމާއި، ބިރުގަތުމާއި، ބަލިވުން، އެކަނިވެރިކަން އިހުސާސްކުރެވުން، ލަދުގަތުމާއި ދެރަވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހެ އެވެ.

ގަނާ ކުރަނީ ކީއްވެ؟

ގިނަ ފަހަރަށް ގަނާ ކުރަނީ ސަމާލުކަން ހޯދުމަށް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބައެއް ދަރިވަރުން ގަނާކޮށް ފުރައްސާރަ ކުރަނީ ސަމާލުކަން ހޯދާށެވެ. ގަނާ ކުރުމަކީ ތިމާ މަގުބޫލުވާން ލިބޭ ފުރުސަތެއް ނުވަތަ ބޭނުން ކަމެއް ކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކެ އެވެ. އަދި ތިމާ އަކީ މުހިއްމު މީހަކަށް ވުމަށް އެހެން ކުދިން ދަށްކޮށްލަ އެވެ. ގަނާ ކުރާ ކުދިން މިގޮތަށް އަމަލު ކުރަނީ އެމީހުންނަކީ މާ ބޮޑު ނުވަތަ ބާރުގަދަ ބައެއް ކަމަށް އިހުސާސް ކުރުމަށެވެ.

ގަނާ ކުރާ ބައެއް ކުދިންނަކީ އާއިލީ ހަމަނުޖެހުމުގެ ތެރެއިން އަންނަ ކުދިންނެވެ. އެހެންކަމުން އެކުދިން ތިބެނީ ރުޅި އާއި ހަޅޭކާއި ޒުވާބަށް ވަރަށް ބޮޑަށް ހޭނިފަ އެވެ. ރުޅިގަދަވުމާއި، ކުދިން ނުރުހޭ ނަމުން ގޮވުމާއި، ހަޅޭލެވުމާއި އަދި އެހެން ކުދިން ދަށްކޮށްލުމަކީ ވަަރަށް އާދައިގެ ކަމެއްގެ ގޮތުގައި އެކުދިންނަށް އޮންނަނީ ހީވެފަ އެވެ. 

ގަނާކުރާ ބައެއް ކުދިންނަކީ އެހެން މީހުންގެ އަމަލުތައް ނަކަލު ކުރާ ކުދިންނެެވެ. އަނެއްބައި ކުދިން ގަނާ ކުރަނީ އެކުދިންނަކީ ވެސް ގަނާގެ ޝިކާރައަކަށް ކޮންމެވެސް އެއް އިރެއްގައި ވެފައިވާ ކުދިން ކަމުންނެވެ.

ގަނާ ކުރާ ކުދިންނަށް ބައެއް ފަހަރު އެކުދިންގެ އަމަލުތަކުން އަނެކުންނަށް ކުރެވޭ އިހުސާސްތައް ދެނެގަނެވެ އެވެ. ނަމަވެސް އެއީ ގަސްދުގާ ކުރާ ކަމެކެވެ. އަނެއްބައި ކުދިންނަށް އެމީހުންގެ އަމަލުތަކުގެ ސަބަބުން އަނެކާއަށް ލިބޭ ދެރަ ވަޒަންކޮށްލާކަށް ވެސް ނޭނގެ އެވެ. ގިނަ ފަހަރަށް އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަން ނޭނގޭ ކުދިން މިކަން ކުރެ އެވެ.

ގަނާކުރުމާ ދެކޮޅަށް ތެދުވާން ކުދިންނަށް ދަސްކޮށްދިނުން މުހިއްމު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އާއްމުކޮށް ގަނާ ކުރަނީ ތިމާގެ ނުފޫޒު އަނެކާގެ މައްޗަށް ފަސޭހައިން ފޯރުކޮށްލެވޭ ވަރުގެ ދަރިވަރުންނެވެ. ފަސޭހައިން ދެރަކޮށްލެވޭ އަދި އަމިއްލަ އަށް ދިފާއުވާން ނޭނގޭ ކުދިންނަށް ހާއްސަކޮށް މިކަން އަމާޒުވެ އެވެ. އެހެން ކުދިން އެކަމަކާ ބޮޑަށް އަޅާލާ ނަމަ ގަނާ ކުރާ މީހާ އަށް ބޮޑު ބާރެއް ލިބެ އެވެ. 

ގަނާކުރާ ކުދިން ބައެއް ފަހަރަށް އެމިހުންނަށް ވުރެ މޮޅު ނުވަތަ ކޮންމެވެސް ގޮތަކުން ތަފާތު ދަރިވަރަކާ ޖައްސާލަ އެވެ. އަނެއްބައި ފަހަރަށް ވަކި ކަމެއް ނެތަސް ބައެއް ކުދިންނާ ޖައްސާލަ އެވެ.

ދަރިފުޅު ގަނާއާ ކުރިމަތިލާ ނަމަ ފެނިދާނެ އަލާމާތްތައް

ކުއްޖާ ގަނާއާ ކުރިމަތިލާންޖެހޭކަން ބެލެނިވެރިޔާ ގާތު ސީދާ ނުބުނަނީސް މިކަން ދެނެގަނެވޭނީ ޖިސްމާނީ ގޮތުން އެކަމުގެ ނިޝާނެއް ފެންނަން ހުންނަ ނަމަ އެވެ.

ކުއްޖާއަށް ގަނާ އާއި ފުރައްސާރަ ކުރިމަތިވާ ނަމަ ފެންނަ ބައެއް އަލާމާތްތައް ހުރޭ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސީދާ ނުބުންޏަސް ގަނާއާ ކުރިމަތިލާ ނަމަ ފެންނާނެ ބައެއް އަލާމާތްތައް ހުރެ އެވެ. އޭގެ ތެރޭގައި:

  • 1-

    އާއްމުކޮށް އުޅޭ ގޮތާ ތަފާތު ގޮތަކަށް އުޅުން ނުވަތަ މާ ބޮޑަށް ހާސްވެ ބިރުގެންފައި ހުރުން

  • 2-

    ރަނގަޅަށް ނުކައި، ނުނިދާ އުޅުން އަދި އާއްމުކޮށް ކުރާ ހިތްވާ ކަންކަމާ ދުރުވުން

  • 3-

    މޫޑު ގެއްލިފައި، ކުދިކުދި ކަންކަމާ މާ އަވަހަށް ކަންބޮޑުވުން

  • 4-

    ބައެއް ކަހަލަ ކަންކަމާ ދުރުވުން. މިސާލަކަށް ސްކޫލަށް ދާން ބޭނުން ނުވުން

ދަރިފުޅު ގަނާގެ ޝިކާރައަކަށްވެ އެ ވާހަކަ ދައްކަން ބޭނުން ނުވެދާނެ އެވެ. އެކަމަކު ދަރިފުޅު ގާތު އަހައި އޮޅުންފިލުވުން މުހިއްމެވެ. އެކަހަލަ ހާލަތެއް ދިމާވާ ކުއްޖެއްގެ ވާހަކަ ބުނެދީ ނުވަތަ ޓީވީ ޕްރޮގްރާމަކުން އެފަދަ ހާދިސާއެއް ދައްކައި ދަރިފުޅަށް އެކަހަަލަ ކަމެއް ތަޖުރިބާ ކުރެވިފައިވާތޯ ސުވާލު ކުރެވިދާނެ އެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ބޮޑު މީހެއް ގާތު އެވާހަކަ ދެއްކުން މުހިއްމު ކަމުގައި ދަރިފުޅަށް ބުނެދޭށެވެ.

ކުއްޖާއަށް ދަސްކޮށްދޭންވީ މި ކަންކަން

ސްކޫލަށް ދާ ދަރިވަރުންނަށް ގަނާ އާއި ފުރައްސާރައިން ސަލާމަތްވާނެ ގޮތް ބުނެދިނުން މުހިއްމު

ގަނާ ކުރުުމަށް ފުރުސަތު ނުދޭންވީ

ގަނާ ކުރާ ކުއްޖާއާ ދިމާނުވެ އުޅެވޭތޯ ބެލިދާނެ އެވެ. މީގެ މާނަ އަކީ ކްލާހަށް ނުގޮސް ހުރުމެއް ނޫނެވެ. ދުރުދުރުން އުޅެން ދަސްކޮށްދޭށެވެ.

ހިތްވަރު ދައްކަން ދަސްކޮށްދީ

އެހެން ކުއްޖަކު ދެކެ ބިރުން އުޅޭ ނަމަ އޭގެ މާނަ އަކީ ހިތްވަރު ދައްކަން ދަސްކުރަން ޖެހޭ ކަމެވެ. ހިތްވަރު ދައްކާ ނަމަ ގަނާ ކުރާ ކުއްޖާ އެކަން ކުރުމަށް ފަސްޖެހެ އެވެ. ގަނާ ކުރާ ކުއްޖާއަށް ދެވެނީ މެސެޖެކެވެ. ތިމަންނައާ ނުކުޅެވޭނެ ކަމުގެ އިޝާރާތެކެވެ. 

ހިތްވަރުކުރެވޭނީ އަމިއްލަ ނަފްސާ މެދު ޕޮޒިޓިވް އިހުސާސްތަކެއް ކުރެވި އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރު ބޮޑު ނަމަ އެވެ.

އަމިއްލަ ނަފްސާ މެދު ޕޮޒިޓިވްކޮށް ދުށުން

އަމިއްލަ ނަފްސާ މެދު ހިތްހަމަޖެހޭ ކުދިކުދި ކަންކަން ހޯދައިގެން ކުރަން ދަރިފުޅަށް ދަސްކޮށްދޭށެވެ. އަމިއްލަ ނަފްސަށް އިތުބާރު ހޯދަން ދަރިފުޅަށް ދަސްވާނީ އެފަދަ ފުރުސަތުތަކެއް ފަހިކޮށްދީގެން އެވެ. ކުޅުމުގެ ތެރެއިން ކުއްޖާއަށް މިކަން ދަސްކުރުމަށް ފަސޭހަ އެވެ.

ރައްޓެހިން ހޯދުން މުހިއްމު

ސްކޫލުން ރައްޓެހިން ހޯދުން މުހިއްމު (ދައުރު ފޮޓޯ/ހުސެން ސުނޭން)

ފުރަތަމަ ދުވަހުން ފެށިގެން ދަރިފުޅަށް ދަސްކޮށްދޭންވީ ރަހުމަތްތެރިން ހޯދުމަށެވެ. ގަނާގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އޭރުން ކުޑަވެ އެވެ. ގަނާ ކުރާ ކުއްޖާއާ ދިމާވާ ކޮންމެ ހާލަތެއްގައި، މިސާލަކަށް އިންޓަވަލް ގަޑި، ލައިބްރަރީ އަދި އެސެމްބްލީ ފަދަ ތަންތަނަށް ދާ އިރު ރައްޓެހި ކުއްޖާއާ ގާތުގައި ހުރުން މުހިއްމެވެ. އަދި ދަރިފުޅަށް ދަސްކޮށްދޭންވީ އެހެން ކުއްޖަކު ވެސް ގަނާގެ ޝިކާރައަކަށްވާ ނަމަ އެކުއްޖާއަށް ހަމަ އެގޮތަށް ސަޕޯޓް ދިނުމަށެވެ. 

މީގެ އިތުރުން ބޮޑު މީހެއް ގާތު ބުނުން، ބާރަށް ނޫނެކޭ، ތިކަން ކުރުން ހުއްޓާލާށޭ ބުނަން ދަސްކޮށްދޭށެވެ. އަދި އެތަން ދޫކޮށް ދިއުމަށް ދަސްކޮށްދޭށެވެ.

އަޅާނުލާން ބުނެދީ

ގަނާ ކުރާ ކުއްޖަކުކިޔާ އެއްޗެއް އަޑުނީވޭ ކަމަށް ހަދާފައި ރައްކާތެރި ތަނަކަށް ދިއުމަށް ބުނެދޭށެވެ. އާއްމުކޮށް ގަނާ ކުރާ ކުއްޖާ ބޭނުންވަނީ އެހެން މީހުންގެ ފަރާތުން ބޮޑު ސަމާލުކަމެކެވެ. ސަމާލުކަން ނުދޭ ނަމަ އޭނާ ބޭނުން ކަންތައް ހާސިލެއް ނުވާނެ އެވެ. މިގޮތަށް އަމަލު ކުރާ ނަމަ ދެން އިތުރަށް ގަނާނުކޮށް ދޫކޮށްލުން ގާތެވެ.

އަމިއްލަ ނަފްސު ދިފާއުކުރުމަށް ދަސްކޮށްދީ

ދަރިފުޅަށް އަމިއްލަ ނަފްސު ދިފާއުކުރުމަށް ދަސްކޮށްދޭން ޖެހޭ (ފޮޓޯ/ބީއެމްއެލް)

ހިތްވަރާއި އަމިއްލަ ނަފްސަށް އޮތް އިތުބާރާއި އެކު ހަރުއަޑުން "ނޫން.ހުއްޓާލާ!" ބުނަން ދަަރިފުޅަށް ދަސްކޮށްދޭށެވެ. އަދި ދުރަށްދާން، އަދި ދުވަން ޖެހިއްޖެ ހާލަތެއްގައި ދުވެފައި ދާންވެސް ދަސްކޮށްދޭށެވެ. ރަހުމަތްތެރިއެއް ގާތުގައި ހުރެއްޖެ ނަމަ އޭނާ އާއި އެކު މިކަން ކުރެވިދާނެ ކަމަށް ބުނެދޭށެވެ. ކުރަން ބޭނުން ނޫން ކަމެއް ކުރުވަން އުޅޭ ނަމަވެސް "ނޫން" ބުނަން ދަސްކޮށްދޭށެވެ. ގަނާ ކުރާ ކުއްޖާ ބޭނުން ގޮތަށް އަމަލު ކުރާނަމަ ބޮޑަށް އެކަން ކުރުން ގާތެވެ.

ގަނާކުރިޔަސް ބަދަލުހިފުމަށް ނުބުނުން

ގަނާކޮށް ޖިސްމާނީ ގޮތުން ލިބޭ އަނިޔާގެ ބަދަލުގައި ހަމަ އެގޮތަށް އަމަލުތައް ބެހެއްޓުމަށް ދަރިފުޅު ގާތު ނުބުނާށެވެ. ސަބަަބަކީ މިގޮތަށް އަމަލުތައް ބަހައްޓާ ނަމަ މިކަން އިތުރަށް ގޯހުން ގޯސްވެ ސީރިއަސް އަނިޔާއެެއް ލިބުން ގާތެވެ. ބަދަލުހިފައިފި ނަމަ ދަރިފުޅަށް ވެސް އެކަމަކުގެ ސަބަބުން އަދަބު ލިބުން ގާތް ކަމުގައި ބުނެދޭށެވެ.

އެންމެ ރަނގަޅު ގޮތަކީ އެހެން މީހުންނާ އެކު ހުރުމެވެ. ގަނާ ކުރާ ކުއްޖާއާ ދުރުވުމެވެ. އަދި ބޮޑު މީހެއްގެ ފަރާތުން މިކަމަށް އެހީތެރިކަން ހޯދުމެވެ.

އިހުސާސްތައް ނުދައްކަން ދަސްކޮށްދީ

ގަނާ ކުރާ ކުއްޖާއާ ކުރިމަތިލާނެ ގޮތުގެ ޕްލޭނެއް ދުރާލާ ހަދަން ދަސްކޮށްދޭށެވެ. އެކުއްޖާއަށް ތިމާގެ އެއްވެސް އިހްސާސެއް، މިސާލަކަށް ބިރުގަނެ، ދެރަވެ އަދި ރުޅިއަންނަކަން ވެސް ނުދެއްކުމަށް ދަރިފުޅަށް ބުނެދޭށެވެ. މިސާލަަކަށް 100 އިން ފެށިގެން އެކަކަށް ގުނުން، ނުވަތަ ކޮންމެވެސް ލަފުޒެއްގެ ސްޕެލިން އިދިކޮޅަށް ކިޔުން ކަހަލަ ކަންކަން އެވަގުތު ކުރާ ނަމަ ސިކުނޑި ހުންނާނީ އެ ހާލަތުން އަރައިގަނެވި ރައްކާތެރި ތަނަކަށް ދެވެންދެން އެކަމަކަށް ހުސްވެފަ އެވެ. 

ބޮޑު މީހެއް ގާތު ބުނުން

ގަނާކުރުމުން ސަލާމާތްވުމަށް އެންމެ މުހިއްމު އެއް ފިޔަވަޅަކީ ބޮޑު މީހެއް ގާތު އެ ވާހަކަ ބުނުން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ގަނާގެ ޝިކާރައަކަށް ވާ ނަމަ ބޮޑު މީހެއް ގާތު އެ ވާހަކަ ބުނުމުގެ މުހިއްމުކަން ދަރިފުޅަށް ބުނެދޭށެވެ. މިއީ ކުއްޖާ އެކަނި ކުރިމަތިލާން ޖެހޭ ކަމެއް ނޫނެވެ. މިކަމުން އަރައިގަތުމަށް އެހެން މީހުންގެ އެހީތެރިކަން ހޯދިދާނެކަން ބުނެދޭށެވެ.

އިތުބާރުހިފޭ ކޮންމެވެސް މީހެއް ގާތު މި ވާހަކަ ދެއްކުމަށް ދަސްކޮށްދޭށެވެ. ޓީޗަރުން، ބެލެނިވެރިން، ސުޕަވައިޒަރުން އަދި ޕްރިންސިޕަލުންނަކީ ގަނާކުރުމުން ކުދިން ސަލާމަތްކޮށްދެވޭނެ މީހުން ކަމުގައި ދަރިފުޅަށް ކިޔާދޭށެވެ. ގަނާ ކުރާ ކުއްޖާ އެކަމެއް ބޮޑު މީހަކަށް އެނގޭ ހިސާބުން ގިނަ ފަހަރަށް ހުއްޓާލަ އެވެ. އެމީހުންގެ އެ އަމަލަށް ކޮންމެވެސް އަދަބެއް ލިބޭނެކަން އެނގޭތީ އެވެ.  

އާއްމުގޮތެއްގައި، ގަނާ ކުރާ ކުއްޖަކަށް އެކަމުގެ ސަބަބުން އެންމެފަހުން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހެ އެވެ. އެއްވެސް މީހަކު އެކުއްޖަކާ އެކު އުޅެން ބޭނުންނުވެ އެކުވެރިން ގެއްލެ އެވެ. އޭނާ އެހެން މީހުންގެ މައްޗަށް ފޯރުވަން ބޭނުންވާ ބާރާއި ނުފޫޒެއް ނުލިބެ އެވެ.

ގަނާ ކުރާ ކުދިން ވަރަށް ފަސޭހައިން އެކަމުން ރެކެން އެހެން މީހުންނަށް އިނގިލި ދިއްކުރެ އެވެ. ނަމަވެސް ކޮންމެ ކުއްޖަކު ވެސް އަމަލުތައް ބަހައްޓަނީ އަމިއްލައަށް އިހްތިޔާރު ކުރާ ގޮތަކަށެވެ. ދެން އެމީހުންނަށް ދަސްވަނީ އެހެން ކުދިންނަށް ބިރުދައްކައި ގަނާކޮށްގެން، ބޭނުންވާ އިހްތިރާމް ނުލިބޭ ކަމެވެ. އަދި ބޭނުންވާ މަޝްހޫރުކަމާއި މަގުބޫލުކަމެއް ވެސް ނުލިބެ އެވެ. ސަބަބަކީ ގަނާ ކުރާ ކުއްޖާއާ މެދު އެހެން ކުދިން ދެކޭ ގޮތުންނެވެ.

ގަނާ ކުރާ ދަރިވަރުން އެމީހުންގެ އެ އަމަލު ބައެއް ފަހަރު ހުއްޓާލާ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ގަނާ ކުރާ ކުއްޖާއަށް އެކުދިންގެ އަމަލުތައް ބަދަލުކޮށް އެކަން ކުރުން ހުއްޓާލެވިދާނެ އެވެ. ޓީޗަަރުން، ކައުންސިލަރުން އަދި ބެލެނިވެރިންގެ އެހީގައި އެކުދިންގެ މި އުޅުން ބަދަލުކޮށްލެވިދާނެ އެވެ. މީގެ އިތުރުން އެހެން ކުދިންނަށް އޯގާތެރިކޮށް ހިތާ ކުދިން ނަމޫނާ އަކަށް ބަލައިގެން ވެސް މި އުޅުން ދޫކޮށްލެވިދާނެ އެވެ.

ގަނާ ކުރާ ބައެއް ދަރިވަރުން މިކަން ވަކި ހިސާބަކުން ދޫކޮށްލަ އެވެ. އަނެއް ބަޔަކު މިކަން ދޫކޮށްލާކަށް ދަހެއް ނުކުރެ އެވެ. މިއީ އެ ކުއްޖެއްގެ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް