މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި މިނިވަން އުފާ ކާނިވާ ހުޅުވުމުގެ ރަސްމިއްޔާތަށް މީހުން އެއްވެ ފޮޓޯ ނަގަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ކާނިވާ މާ ސަޅި؛ ދިވެހިން އެދެނީ އުފާކޮށްލަން ދާނެ އިތުރު ތަންތަން

މިނިވަން އުފާ ކާނިވާ ވެގެން ދިޔައީ ގިނަ ބައެއްގެ ތައުރީފު ލިބުނު، ހަބޭސް ތަނަކަށް. މިހާރު އެންމެން ވެސް އެދެނީ އެފަަދަ ހަރަކާތްތައް އަދިވެސް ބޭއްވުމަށް

މި އަހަރުގެ ޖުލައި 26ގެ މުނާސަބަތީ ރޯޅީގައި ޖެހި ވަރަށް ގިނަ ދިވެހިންނަށް އިތުރު ރޫހެއް ލިބިއްޖެ އެވެ. ފާއިތުވެދިޔަ ހަފްތާ ތެރޭގައި ބޭއްވި ކުލަގަދަ އެތަކެއް ހަރަކާތްތަކާއި ތަފާތު ކުޅިވަރުތަކާއި ފަންނީ ދައްކާލުންތަކުން މީހުންގެ ހިތް ޖަހައިގެންފި އެވެ. އެކަމުގެ އެއް ހެއްކަކީ މިނިވަން ދުވަހު، އެންމެ ނަލަ ހެދުމުން ޖަރީވެގެން، ތޮއްޖެހިގެން ނަމަވެސް ކެތްތެރިކޮށް، ހޫނުވެ ދާހިއްލި ނަމަވެސް މިނިވަންކަމުގެ ފިނި ޖޯޝުން ފުރިގެން، މާލޭގެ މަގުތައްމަތީ އެތައް ގަޑިއިރެއް ވަންދެން، ސިފައިންނާއި ކެޑޭޓް ކޯގެ ޕެރޭޑް ބަލާލަން ތިބި ކަމެވެ.  

މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ޕެރޭޑް ބަލަން މީހުން އެއްވެ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޕެރޭޑަށް ފަހުގައި މިނިވަން ދުވަހުގެ ރޭ މާލެ މަގުތަކަށް ތަފާތު ދިރުމެއް ގެނައި ކުލަގަދަ ފުޅަނދުތަކާއި އެއަށް ފަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި 'މިނިވަން އުފާ ކާނިވާ' ހުޅުވި ދުވަހުންސުރެން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. 

މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ފުޅަނދުބުރު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި މިނިވަން އުފާ ކާނިވާ ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވާ މަންޒަރު ބަލަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފަރަންޖީ ޗަރުކޭސް ފަންނާނުންގެ ދައްކާލުންތަކާއި ހަވާއެރުވުމާއި ކެރެއޯކީ އާއި ލައިވް މިއުޒިކް އަދި ބިރުވެރި ހޮހޮޅައިގެ މަޖާ، ހިތް އަވަސްކުރަނިވި ތަޖުރިބާތަކުގެ އިތުރުން، ގިނަ އަދަދެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެއްގެ ތަފާތު ސާމާނު ވެސް ގަނެލެވެން ހުރި މިނިވަން އުފާ ކާނިވާ ނިމޭކަށެއް ބައެއް މީހުން ބޭނުމެއް ނޫނެވެ.

ހަގީގަތުގައި، ނިމެން ބޭނުންނުވަނީއެއް ނޫނެވެ. އެކަހަލަ ހަރަކާތްތައް އަދިވެސް ބޭއްވުމަށް އެދެވެނީ އެވެ. އާއިލާއާ އެކުގައި ގޮސް ތަފާތު އާ ކަންތައްތަކެއްގައި ބައިވެރިވެލައި އެކުގައި އުފާ ކޮށްލުމުގެ އިތުރު ފުރުސަތުތައް ބޭނުންވަނީ އެވެ. ދަރިން ގޮވައިގެން ނުވަތަ އެކުވެރިންނާ އެކު ގޮސް، ބަލާލި ކޮންމެ ދިމާލަކުން ކުލަގަަދަ ކުޅިވަރުތަކާއި މީރު ކާއެއްޗެއްސާއި އިވޭ ކޮންމެ އަޑަކުން ހިތަށް ފޯރި އާއި އުފާ ލިބޭ މުނިފޫހިފިލުވުމެވެ.

"ގިނައިން ބާއްވާ ތަން ބަލަން ބޭނުން. އެކަމު އެހާ ތޮއްޖެހޭ ގޮތަކަށް ނޫން. ސެންޓްރަލް ޕާކުގައި ވެސް މުޅި ތަން ޔޫޓިލައިޒް ކޮށްފައި، ބޭއްވޭނެ ތަންކޮޅެއް އޯޕަންކޮށް. ކުޅިވަރު ސްޓޯލްތައް ތަންކޮޅެއް ފަތުރާލާފައި. އެކަމު ބާއްވަންޏާމުން ދާނަން. އެތާނގެ ވައިބްސް ވަރަށް ތަފާތު އެހެން ތަންތަނާ،" ދަރިފުޅު ގޮވައިގެން މިނިވަން އުފާ ކާނިވަލަށް ޒިޔާރަތް ކުރި މަރިޔަމް ލިޔުޝާ ބުންޏެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި މިނިވަން އުފާ ކާނިވަލުގައި ޗަރުކޭސް ދައްކާލަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އޮތީ ސިޔާސީ ހަޅޭކާއި ފޫހިކަން

ކާނިވާ ފަދަ ހަރަކާތްތަކަށް ދިވެހިން އެދެނީ ސަބަބަކާ ނުލައެއް ނޫނެވެ.

މި އުފާވެރި މުނާސަބަތު ނިމުމުން ރާއްޖޭގައި ދެން އޮންނާނީ ކޮން ކަހަލަ ހަލަބޮލިކަމެއް ހެއްޔެވެ؟ ފަހަކަށް އައިސް ރާއްޖޭގައި މަގުމަތީ ހަރަކާތެއް ބާއްވާ ނަމަ އެކަން ވަނީ ސިޔާސީ ހަޅޭއްލެވުމަކަށް ނުވަތަ މުޒާހަރާއަކަށެވެ. މަގުތަކުން ދުއްވާފައި ދާއިރު އިވޭ ލަވަތަކަކީ ވެސް ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ލަވަތަކެވެ. އެއިން ގިނަ މީހުންގެ ހިތަށް ގެނެސްދެނީ ޖޯޝެއް ނޫނެވެ. ހަމަނުޖެހުމެވެ. އިހުސާސްވަނީ އުފަލެއް ނޫނެވެ. ސްޕީކަރު ފަޅައިގެން ދާވަރަށް އަޑު ގަދަކުރުމުން ކަންފަތަށް ވާ އުނދަގުލެވެ.

ނަފްރަތާއި ހަމަނުޖެހުން އުފައްދާ ސިޔާސީ ލަވަތައް އަޑުއިވުމުން، އެ ޕާޓީއެއްގެ ސަޕޯޓަރުން ނޫން މީހަކަށް، އަދި ވަކިން ހާއްސަކޮށް އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއީދު ނުކުރާ މީހުންނަށް، ކުރެވޭނީ ނައްސި އިހުސާސްތައް ފިޔަވައި ދެން ކޮން ކަމެއް ހެއްޔެވެ؟

ސިޔާސީ ކަންކަން އެއްފަރާތްކޮށްފައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ނަޒަރެއް ހިންގާލަމާ ހެއްޔެވެ؟ ހަފްތާއަކު ފަސް-ހަ ދުވަހު މަސައްކަތް ކޮށްފައި ލިބޭ ޗުއްޓީއަކީ ހުކުރު ދުވަހެވެ. މުސްލިމް އާބާދީއަކަށް ހާއްސަ ދުވަހެކެވެ. މެންދުރުގެ ރަތްދަކަ އަވި ފަނޑުވެގެން ހަވީރުގެ ފިނިކަން ނުފެތުރެނީސް މަގުތައް އޮންނަނީ ތޮއްޖެހިފަ އެވެ. ނަމަވެސް، އެ ހާއްސަ ދުވަހުގައި ވެސް، ހަމައެކަނި ދުއްވާލަން ގޮސްފައި ހަވީރު ސައެއް، ރޭގަނޑު ކޮފީއެއް ބޯލުން ނޫން ކަމެއް ނެތެވެ. އުފާ ކޮށްލަން ދާނެ އެހެން ތަނެއް، ކުޑަ ފެންވަރެއްގައި ނަމަވެސް، ނެތުމުގެ ނަތީޖާ ކަމަށް ވެދާނެ އެވެ.

"ބޮޑު ދުވަހެއް އަންނަންދެން މަޑު ކުރަން މި ޖެހެނީ، މިކަހަލަ ކަމެއް އޮންނަން. އެ ވެސް އަސްލު ޔަގީނެއް ނޫން އޮންނާނެ ކަމުގެ. ނޫނީ ލުކް ފޯވަޑް ކުރާނެ އިތުރު އެއްވެސް ކަމެއް ނޯވޭ މިތާނގައެއް،" މިނިވަން އުފާ ކާނިވަލުގެ ފޮނި ތަޖުރިބާ އެތައް ރެއެއްގައި ކުރި ހުޅުމާލޭ ގާޒީ ސްކޫލް ދަރިވަރެއް ކަމަށްވާ ލީޝާ މުހައްމަދު ބުންޏެވެ.

ކުދި ވިޔަފާރިވެރިންނަށް ވެސް މުހިއްމު

އެއްބައިވަންތަކަމުގެ ރޫހެއް އުފެދޭ ސަޅި މާހައުލެއްގެ ތެރޭގައި އުޅެލާ، މަޖާކޮށްކޮށް ވަރުބަލިވެގެން ގެއަށް ގޮސް އުފަލުގައި، އަރާމުގައި އެ ދުވަހު ނިދަން އަރާ އޮށޯތުމަށް ފަހު ގިނަ މީހުންގެ ހިތުގައި އެ އިހުސާސް ދެމިހުރެ އެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވެގެން ކުދި ވިޔަފާރިތަކަށް ލިބޭ އާމްދަނީއަކީ ވެސް ފާހަގަނުކޮށް ފަރުނުޖެހޭ ވަރުގެ މުހިއްމު ވާހަކައެކެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި މިނިވަން އުފާ ކާނިވާ ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ އިގްތިސާދު މަޑުމަޑުން ހިގަން ފަށައިގަތީ ފުރަބަންދު ތެރޭގައި ގިނަ އަދަދަކަށް އުފެދުނު ކުދި އޮންލައިން ވިޔަފާރިތަކާ ވެސް އެކުގަ އެވެ. ގޭގައި ތިބެގެން ބައެއް މީހުން ގަސް އިންދައި ކޭކު އަޅައި ހުނަރުވެރި މަސައްކަތްތަކުން ތަފާތު އެކި ތަކެތި ހަދަން ފެށި އެވެ. ބައެއް މީހުން، ކުރާނެ ކަމެއް ނެތިފައި ހުސްކޮށް ތިބެން އުނދަގޫ ވެގެންނެވެ. އަނެއްބައި މީހުން، ހުސްކޮށް ތިބިއްޔާ އެއްވެސް ކަހަލަ އާމްދަނީއެއް ނުލިބޭނެތީ އެވެ. ސަބަބުތައް ތަފާތު ވިޔަސް، އެފަދަ ވިޔަފާރިތަކަކީ އިގުތިސާދަށް ވަރަށް މުހިއްމު ބައެކެވެ. އަދި އެ ވިޔަފާރިވެރިންނަށް އޮންލައިންކޮށް، ނުވަތަ ހިންގާ ކުޑަ ފިހާރައަށް ވަންނަ ފައިސާގެ އިތުރުން އާމްދަނީއެއް ހޯދަން ލިބޭ ފުރުސަތަކީ ރަނެވެ.

މިނިވަން އުފާ ކާނިވަލަށް ޒިޔާރަތްކުރި މީހުންނަށް ލޯކަލް ކުދި ވިޔަފާރިތަކުގެ ސަޅި ސާމާނުތައް ފަސޭހައިން ގަނެލަން ލިބުނެވެ. ތިމާއަށާއި ތިމާގެ އާއިލާއަށް ކަމުދާނެ އެކި ބާވަތްތަކެވެ. ކާބޯތަކެއްޗާއި ލޯބި ކުދި އެކްސެސަރީސް ވިއްކަން ހުރި އިރު، އަތުގައި ހީނާފަތް އަޅައިދޭ ތަންތަން ވެސް ހުއްޓެވެ.

ކުދި ވިޔަފާރި ހިންގާ ވިޔަފާރަވެރިން ބުރަކޮށް މަސައްކަތް ކުރަނީ، ފުރުސަތެއް ލިބިއްޖެ ނަމަ، ހުރި ސާމާނެއް ވިއްޔާ ވީހާވެސް ގިނައިން ވިއްކުމަަށެވެ. އޭގެ ތެރެއިން އެއް ވިޔަފާރިވެރިއަކީ އާމިނަތު ޝަރީހާން އިބްރާހީމް އެވެ. 'ތަކެތި'ގެ ނަމުގައި ޝަރީހާން ހިންގާ ވިޔަފާރިއަކީ ކުޑަކުދިންނަށް ހާއްސަ ސާމާނު ވިއްކުމެވެ. ކުޑަކުދިންގެ އެކި ފޮތްތަކާއި ލޯބި، މަޖާ، ކުރު ޖުމްލަތައް ލިޔެފައި ހުންނަ ޓެގްތަކާއި ޕިންތަކާއި އަދި ދިގު މުއްދަތަކަށް ބޭނުންކުރެވޭ ތިމާވެއްޓާ ރައްޓެހި ކޮތަޅު ވެސް މެ އެވެ.

"ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ފުރުސަތު ދީގެން ހިންގާ މިކަހަލަ ކާނިވާތަކަށް ގިނަ މީހުން އަންނާތީ ވިޔަފާރި އިޝްތިހާރުވޭ ފުޅާކޮށް. އެއީ ވަރަށް ބޭނުންތެރި ކަމެއް އެސްއެމްއީތަކަށް،" މިނިވަން އުފާ ކާނިވާ ފަދަ ތަންތަނުން ކުދި ވިޔަފާރިވެރިންނަށް ލިބޭ ފައިދާތަކަކީ ކޮބައިތޯ އަހާލުމުން ޝަރީހާން ބުންޏެވެ.

"އުންމީދު ކުރަން މިކަހަލަ ފުރުސަތު ލިބޭ ހަރަކާތްތައް އަދިވެސް ބާއްވާނެ ކަމަށް، ތަންކޮޅެއް ކުރިޔާލާ ރާވައިގެން. އެއިރުން މިތަނަށް އަންނަ ކުދި ވިޔަފާރަވެރިންނަށް، މިސާލަކަށް އާ ޕްރޮޑަކްޓެއް ލޯންޗް ކުރަން ވިޔަސް، ތަންކޮޅެއް ރާވާލައިގެން އެކަން ކުރެވޭނީ."

މިނިވަން ދުވަސް ފެށުނު ތަނާހެން މާލެ ސަރަހައްދުގައި ފެތުރުނު ބަލީގެ ސަބަބުން ކާނިވާ ހުޅުވުން ފަސްކުރި އެވެ. އޭގެ އެއް ދުވަސް ފަހުން ކާނިވާ ހުޅުވި ނަމަވެސް، ކެންސަލްވި ދުވަހަކީ ވިޔަފާރިވެރިންނަށް ކުރިމަތިވި ދައްޗެކެވެ. އަދި އޭގެ ފަހުން ކާނިވާ ނުހުޅުވި ނަމަ އެ ވިޔަފާރަވެރިން ވީ ތައްޔާރީތަކާއި ހޭދަކުރި ވަގުތު ފެނަށް ގޮސް، ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނީހެވެ. 

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި މިނިވަން އުފާ ކާނިވާ ހުޅުވުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ދެން މިފަދަ ހަރަކާތެއްގައި ބައިވެރިވެލާ، މޮޅު ޗަރުކޭސްތަކާއި މީރު ކާއެއްޗެއްސާއި ތަފާތު ފަންނުތައް ހަމަލޮލުން ދެކިލުމުގެ ފުރުސަތު ދެން ލިބޭނީ ކޮން އިރަކުންތޯ، އެއީ މިނިވަން އުފާ ކާނިވަލަށް ޒިޔާރަތްކުރި ގިނަ ބައެއްގެ ހިތުގައި އޮތް ސުވާލެވެ. ނުވަތަ،  ކާނިވަލެއްހާ ފުޅާނުވިޔަސް އަދި އެހާ ގިނަ ހަރަކާތްތަކާއި ކުޅިވަރުތައް ނެތަސް، ބަންދު ދުވަސްތަކުގައި، މުނިފޫހިފިލުވައިދޭ އުފާވެރި މާހައުލެއްގައި އުޅެލުމުގެ ފުރުސަތު އޮތުމަށް ގިނަ ބަޔަކު އަންނަނީ އެދެމުންނެވެ. 

މާލެ ސަރަހައްދުގައި ހުރި ހިތްގައިމު ޕާކުތައް ގޯހެއް ނޫނެވެ. ނަމަވެސް މިފަހަރު މި ބޭއްވި ކާނިވަލުގެ ތަފާތު ރަހަ ލިބިގެން މިހާރު ދިވެހިން އެ ތިބީ އެފަދަ 'ހެޕަނިން' އިތުރު ކަންކަމަށް ދަހިވެތިވެފަ އެވެ. 

ކޮމެންޓް (1)

މަރިޔަމް

4 އޯގަސްޓު 2023
އަސްލުވެސް ވަރަށް ސަޅި
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް