ހަށިގަނޑުގައި ހަކުރުގެ ބައި އިތުރުވާ ފަދަ ކާނާ ކެއުން މަދުކޮށް، ފައިދާހުރި ކާނާ އިހުތިޔާރުކުރަން ސަމާލުވާން ޖެހޭ

ސިއްހަތު

ހަކުރުބަލީގެ ކުރީކޮޅު ފެންނާނީ މި އަލާމާތްތައް

ހަކުރުބަލި ހުންނަކަން އެނގުމުގެ ކުރިން ގިނަ ފަހަރަށް މިފަދަ ކަންކަން ފާހަގަވިޔަސް އަޅާނުލެވި ދޭ

ހަށިގަނޑުގައި ހުންނަންވާ މިންވަރަށް ވުރެ ހަކުރު މަތިވުމަކީ ނޭނގި ހުއްޓާ ވެސް ކުރިމަތިވެދާނެ ކަމެކެވެ. ވަރަަށް ގިނަ މީހުންނަށް، ހަކުރު މައްޗަށް ދިއުމަކީ ދިމާވެދާނެ ކަމެއްކަން، ހަކުރުބައްޔަށް ޑައެގްނޯސް ކުރުމުގެ ކުރިއަކުން ނޭނގެ އެވެ.

ޓައިޕް 2 ހަކުރުބަލި ކުރިމަތިވަނީ، ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް އެ އިންސިއުލިން މަސައްކަތް ކުރަންވާ ގޮތަށް ނުކުރާތީ އެވެ. ސެލްތަކަށް ގުލްކޯޒް ފޮނުވުމަށް ނުކުޅެދޭތީ އެވެ. މިހެންވުމުން، ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށް ދެ އެވެ.

ޑރ. އަބްދުލް އަޒީޒް ހަމީދު ހަކުރުބައްޔާ ގުޅޭގޮތުން އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި އެންމެ އާންމުކޮށް ޖެހެނީ ހަކުރުބަލީގެ މި ވައްތަރެވެ. ޓައިޕް 2 ހަކުރުބަލި ޖެހޭ މީހުންނަށް ލޭމައްޗަށްދިއުމާއި ހިތުގެ ލޭހޮޅިތަކުގައި ސަރުބީ ޖެހުމުގެ މައްސަލަ ވެސް ވަރަށް ގިނަ ފަހަރު ދިމާވާކަން ޑރ. އަޒީޒް ފާހަގަ ކުރައްވާފައިވެ އެވެ.

ޑޮކްޓަރު އަބްދުލް އަޒީޒް ހަމީދު (ދައުރު ފޮޓޯ/ އަބްދުالله ޔަޝާއު)

އޭނާ ލިޔުއްވާފައިވާ ގޮތުގައި ޓައިޕް 2 ހަކުރުބައްޔަކީ އާންމު ގޮތެއްގައި އުމުރުން 40 އަހަރު ވުމަށް ފަހު ނުވަތަ އުމުރުގެ ފަހުކޮޅު ކުރިމަތިވާ ހަކުރު ބަލީގެ ވައްތަރެވެ. މި ވައްތަރުގެ ހަކުރުބަލި ގިނަ ފަހަރު ފެންނާނީ ބަލި ވާރުތަކުރާ ގޮތް ހުންނަ މީހުންނާއި މެދު އުމުރުގެ ނުވަތަ އުމުރުން ދުވަސްވީ މީހުންގެ ފުށުންނެވެ.

ޓައިޕް 2 ހަކުރުބަލި ކުރިމަތިވުމަށް މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި ހެލިފެލިވެނޫޅުމާއި އާދަޔާހިލާފަށް މީހާ ބަރުވުން ހިމެނެ އެވެ.

ހަކުރުބައްޔަކީ މީހާގެ ލޭގެ ހަކުރުގެ މިންވަރު އާދަޔާހިލާފަށް މައްޗަށް ދިއުމުން މެދުވެރިވާ ކަމެކެވެ. ދިގު މުއްދަތަށް ކުރިމަތިވާ މި ބަލީގެ ސަބަބުން، ކާނާއިން ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ ގޮތަށް އަސަރު ކުރެ އެވެ. ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ އަދި ފަރުވާ ދެވިއްޖެ ނަމަ ބަލި ބޮޑުވުމާއި ކުރިމަތިވާ ހިރާސްތައް ކުޑަކުރެވެ އެވެ.

ޓައިޕް 2 ހަކުރުބަލީގެ އަސަރު ހަށިގަނޑަށް ކުރަނީ މަޑުމަޑުންނެވެ. އަދި މި ކަމުގެ އަލާމާތްތައް ފެންނަން ފަށަނީ ކުޑަކޮށް އަދި ކުއްލިއަކަށެއް ނޫނެވެ. 

އެހެންކަމުން ބަލީގެ އަލާމާތްތައް ދެނެގަތުން މުހިއްމެވެ.

1. މާ ގަދައަށް ކަރުހިއްކުން

އާދަޔާހިލާފަށް ކަރުހިއްކުމަކީ ހަކުރުބަލީގެ އަލާމާތެއް

ގަދައަށް ކަރުހިއްކުމަކީ ޓައިޕް 2 ހަކުރުބަލި ހުންނަ ކަމުގެ ބޮޑު އެއް އަލާމާތެވެ. ސުވާލަކީ މިކަން މެދުވެެރިވަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ އާދައިގެ ގޮތަށް ބުނާ ނަމަ، ހަކުރުބަލީގެ ހާލަތުގައި ހުންނަ މީހާގެ ހަށިގަނޑުގައި ހުންނަ ގުލްކޯޒް ފުރާނާލައި ސެލްތަކުގެ ތެރެއަށް ވެއްދުމަށް ކިޑްނީއިން އިތުރަށް މަސައްކަތް ކުރަން ޖެހެ އެވެ.

ކިޑްނީތަކަށް ނުތެކުމުން، ހަށިގަނޑުގައި އިތުރުވާ ގުލްކޯޒް ހަށިގަނޑުގެ ޓިޝޫތަކުގައިވާ ފެނުގެ ބަޔާ އެކު ކުޑަކަމުދާތަކެތިން ބޭރުވެ އެވެ. މިކަމުގެ ސަބަބުން މީހާގެ ހަށިގަނޑުން ފެން މަދުވުމާ ގުޅިގެން ކަރުހިއްކަ އެވެ.

2. މާ ބޮޑަށް ވަރުބަލިވުން

އަބަދު ވަރުބަލިވުމަކީ ހަކުރުބަލީގެ އަލާމާތެއް

ހަކުރުބައްޔަކީ މީހާގެ ހަކަތައަށް އޭގެ އަސަރު ކުރާ ކަމެކެވެ. އެހެންކަމުން ވަރުބަލިކަން އިހްސާސް ކުރެވޭ މިންވަރު އިތުރުވެ އެވެ.

މިކަން މެދުވެރިވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ މީހާ ކާ ކާނާ ހަށިގަނޑުން ގުލްކޯޒަށް ބަދަލުކޮށްލާ ސެލްތަކަކުން ހަކަތަ އުފައްދަ އެވެ. މިކަން ކުރުމަށް ހަށިގަނޑުން އިންސިއުލިން ބޭނުންކުރެ އެވެ. ނަމަވެސް ބޭނުންވާ ވަރަށް އިންސިއުލިން ނުއުފައްދާ ނަމަ، ނުވަތަ އުފައްދާ އިންސިއުލިން އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރަން ދެކޮޅުހަދާ ނަމަ ހަކަތަ އުފެއްދުމަށް ބުރޫ އަރަ އެވެ. މި ހާލަތުގައި ސެލްތަކަށް ގުލްކޯސް ނުފޯރަ އެވެ. މީގެ ސަބަބުން ވަރުބަލިކަމާއި ލޮޑުކަން އިހްސާސް ކުރެވެ އެވެ.

3. ލޯ ފުސްވުން

ލޯ ފުސްވުމަކީ ހަކުރުބަލީގެ އަލާމާތެއް

ލޭގައި ހަކުރު ގިނަ ނަމަ ލޮލުގެ ކުދި ނާރުތަކަށް އޭގެ އަސަރުކުރެ އެވެ. އެ ނާރުތައް ހަލާކުކޮށްލަ އެވެ. މިއީ ލޯ ފުސްވުމަށް މެދުވެރިވާ ސަބަބެވެ. ބައެއްފަހަރު އެއް ލޮލަށް އަސަރު ކުރެ އެވެ. ނުވަތަ ދެ ލޮލަށް އެއްފަހަރާ ވެސް މިކަމުގެ އަސަަރު ކުރެ އެވެ.

ލޯ ފުސްވުމަކީ ހަމައެކަނި ބައެއް ފަހަރު މެދުވެރިވާ ކަމެކެވެ. އެކި މީހުންގެ ލޯ ފުސްވަނީ އެކި މިންވަރަށެވެ. ބައެއް ފަހަރު މާ ބޮޑަށް މިކަން މެދުވެރިވެ، ހާލަތު ގޯސްވެ އެވެ. ލޮލުގެ ފެނުމަށް އަސަރުކުރެ އެވެ.

4.  އާދަޔާހިލާފަށް ބަނޑުހައިވުން

ގިނައިން ކާހިތްވުމާއި އާދަޔާހިލާފަށް ބަނޑުހައިވުމަކީ ހަކުރުބަލީގެ އަލާމާތެއް

ހަކުރުބަލި ކުރިމަތިވާ މީހުންނަށް އެމީހުން ކާ ހުރިހާ ކާނާ އަކުން ވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހަކަތަ ފޯރުކޮށެއް ނުދެ އެވެ. ސެލްތަކަށް ބޭނުންވާ ގުލްކޯޒްއެއް ނުލިބެ އެވެ. އެހެންކަމުން ހަށިގަނޑުގެ މަސްތަކާއި ގުނަވަންތަކުގައި ހަކަތަ ދަށްވެ އެވެ. އަދި ކިތަންމެ ރަނގަޅަށް ކައިގެން ހުއްޓަސް އަބަދު ބަނޑުހައިކަމުގެ އިހްސާސް ކުރެވެ އެވެ. ބައެއް މީހުންނަށް ބަރުދަން އިތުރުވުމާއި ބަރުދަން ލުއިވުން ވެސް މެދުވެރިވެ އެވެ.

5.  ގިނަގިނައިން ކުޑަކަމުދެވުން

ގިނަގިނައިން ކުޑަކަމުދެވުމަކީ ހަކުރުބަލީގެ އަލާމާތެއް

ސައުވީސް ގަޑި އިރު ތެރޭ މީހަކު އެވްރެޖުކޮށް ހަތަރު ފަހަރާއި ހަތް ފަހަރާ ދެމެދު ކުޑަކަމުދެ އެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހަކު ކުޑަކަމުދާންޖެހޭ ފަހަރުތައް އެއަށް ވުރެ ގިނަ އެވެ.

ލޭގައި ހަކުރު ހުންނަ މިންވަރު އިތުރު ނަމަ، އިތުރުވާ ހަަކުރު ފުރާނަން ކިޑްނީ މަސައްކަތް ކުރެ އެވެ. މިކަމުގެ ސަބަބުން ގިނަގިނައިން ފާހަނާ އަށް ދާން ޖެހެ އެވެ. ހާއްސަކޮށް ރޭގަނޑު އެވެ. މީގެ އިތުރުން، ކުރިން ބުނި ފަދައިން، ގިނައިން ފެންބޮވުމުގެ ސަބަބުން ފާހަނާ އަށް ދާން ޖެހޭ މިންވަރު އިތުރުވެ އެވެ.

ދުޅަހެޔޮ ކާނާ ކެއުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ

ޑރ. އަޒީޒްް ލިޔުއްވާފައިވާ ގޮތުގައި ޓައިޕް 2 ހަކުރުބަލި ހުންނަ މީހުން ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް، ހަކުރު އިތުރުވާ ފަދަ ކާނާ ކެއުން މަދުކޮށް، ބޭކާރު ހިޔާލާއި ފިކުރުތަކުން ދުރުވެ ހުރެ، ކަސްރަތުކުރުމާ އެކު، ޑޮކްޓަރު ދޭ ބޭސް ގަވާއިދުން ބޭނުން ކުރާ ނަމަ މި ބަލި ކޮންޓްރޯލް ކުރެވޭނެ އެވެ.

ކޮމެންޓް (1)

ހަކުރު

6 ޖުލައި 2023
ހަކުރު ބަލީގެ އެންމެ އާއްމު އަދި އެންމެ ފުރަތަަމަ އަލާމާތަކީ ބަރުދަން ލުއިވުން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް