ދުނިޔޭގެ ހުރިހާ ގައުމަކަށް ޕީޑަސަން ކުރި ދަތުރުގައި ރާއްޖެ އައީ ކޮންޓޭނަރު އުފުލާ ކަނޑު ބ
މަތިންދާބޯޓަކަށް ނާރާ ދުނިޔޭގެ ހުރިހާ ގައުމަކަށް؛ ދަތުރު ނިންމާލީ ރާއްޖޭން
ޑެންމާކަށް އުފަން ޓޯބްޖޯން ސީ ޕީޑަސަން، މީގެ 10 އަހަރު ކުރިން، އޭނާގެ އާދަޔާހިލާފު ދަތުރަށް ފުރީ، މަތިންދާބޯޓަކަށް ނާރައި ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރުމުގެ އުއްމީދުގަ އެވެ. ޑެންމާކުން އޭނާ ނުކުތީ ހަތަރު އަހަރުގެ ތެރޭގައި އެ ޗެލެންޖު ކާމިޔާބު ކުރަން ނަމަވެސް، އެކި ކަންކަމާ ހުރެ އެ ދަތުރު އެތައް އަހަރަކަށް ދިގުލައިގެން ދިޔައީ އެވެ.
އެކަމަކު 10 އަހަރު ފަހުން، ޕީޑަސަން ވަނީ މިދިޔަ ހަފުތާގައި އޭނާގެ ދަތުރު ނިންމާލައިފަ އެވެ. އެންމެ ފަހު ގައުމެއްގެ ގޮތުގައި އޭނާ ހިޔާރުކުރީ ދިވެހިރާއްޖެ އެވެ.
ރާއްޖޭގެ ރިސޯޓެއް ކަމަށްވާ، 'އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށީ'ގައި ހުރެ ވާހަކަ ދައްކަމުން ޕީޑަސަން ބުނީ މިއީ މިހާތަނަށް އޭނާ ކުރިމަތިލި އެންމެ ބޮޑު ޗެލެންޖު ކަމަށެވެ.
"މި ދިގު ދަތުރު ނިމުނީމައި ވަރަށް އުފާވެއްޖެ. އެކަމަކު މިހާރު މިހިރީ ވަރަށް ވަރުބަލި ވެސް ވެފައި،" ޖުމްލަ 203 ގައުމަކަށް ދަތުރު ކުރި އެ ޒުވާނާ ބުންޏެވެ.
'ވަންސް އަ ޕޯން ސާގާ'ގެ ނަމުގައި ފެށި ދަތުރުގައި އޭނާ ވަނީ ޔޫރަޕާއި އެމެރިކާ އާއި އެފްރިކާ އަދި އޭޝިއާ އާއި މެދުއިރުމަތީގެ އިތުރުން ޕެސިފިކް ހުރިހާ ގައުމެއް ކަޑައްތުކޮށްފަ އެވެ.
މަތިންދާބޯޓަކަށް ނާރައި، ޕީޑަސަން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރީ ކާރާއި ބަހާއި ރޭލު ފަދަ އުޅަނދުތަކުގަ އެވެ. ބައެއް ފަހަރު ހިނގާފައި ވެސް ކައިރި ގައުމުތަކަށް އޭނާ ދެ އެވެ. ރާއްޖެ އައީ، ކޮންޓޭނަރު އުފުލާ ކަނޑު ބޯޓެއްގަ އެވެ.
ލޮޖިސްޓިކްސްގައި މަސައްކަތް ކުރާތީ ޕީޑަސަން ބޭނުންވީ އޭނާގެ ހުނަރު ވީހާވެސް މަޖާ އަދި ޝައުގުކުރަނިވި ގޮތަކަށް ބޭނުން ކުރާށެވެ.
ޕީޑަސަން ބުނި ގޮތުގައި ހަތަރު އަހަރު ދުވަހުން ނިންމަން އަޒުމު ކަނޑައެޅި އިރު އެއީ އެހާ އުނދަގޫވާނެ ދަތުރެއް ކަމަކަށް އޭނާ ހިޔެއް ނުކުރެ އެވެ. ބައެއް ގައުމުތަކުން ވިސާ ހޯދަން އުނދަގޫވި އެވެ. ގައުމުތަކުގެ މެދުގައި އޮންނަ ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ، އޭގެ ދަތިކަން ވެސް ފޯރަ އެވެ. އަދި މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑް-19ގެ ވަބާ ވެސް ކުރިމަތިވީ، އޭނާގެ އެ ދަތުރުގެ ތެރެއިންނެވެ.
ދަތުރު ނިމެން މަދު ގައުމުތަކަކަށް ވެފައި އޮއްވާ، ބަލިމަޑުކަމުގައި ޖެހި ދެ އަހަރު ވަންދެން އޭނާ ހޮންގްކޮންގައި ވެސް މަޑުކުރަން ޖެހުނެވެ. އެހެންވެ، ދިގުލައިގެން ދިޔަ އެ ދުވަސްތަކުގައި އޭނާ ވަނީ އެ ގައުމުގައި ހުރެ ކައިވެނި ވެސް ކޮށްފަ އެވެ.
އަމިއްލައަށާއި އެކި ސްޕޮންސަރުން މެދުވެރިކޮށް ފައިސާ ހޯދައިގެން ޕީޑަސަން ފެށި މި ދަތުރު، ރާއްޖެ ފަދަ ރީތި ގައުމަކުން ނިންމާލެވުނީމައި އޭނާ ހުރީ އުފާވެފަ އެވެ. އަނބިމީހާއާ އެކު އޭނާ ރާއްޖެއިން އެނބުރި ޑެންމާކަށް ދިޔައީ ވެސް، މަތިންދާބޯޓަކަށް ނާރާ ކޮންޓޭނަރު ބޯޓުުގަ އެވެ.