ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑް): އޭނާ މި ހިސާބަށް އައީ ވަރަށް ދިގު ދަތުރަކަށް ފަހު. - ދައުރު ފޮޓޯ/ހުސައިން ސުނައިން

ދުވުންތެރިން

އޭރު އެންމެން ވެސް ގޮވީ ޑައުޓޭއޭ؛ މިހާރު އެއްވެސް ޑައުޓެއް ނެތް

ބާރަށް ދުވަމޭ ބުނީމަ އެއްވެސް މީހަކު ގަބޫލެއް ނުކުރިއެވެ. އަދި ބާރަށް ދުވެ އެކަން ސާބިތުކުރުމުން ދެން ބުނީ އޭނާ ދުވީ އެއް ބުރު މަދުން ކަމަށެވެ. އެކަމަކު ކިތަންމެ ޝައްކެއް އަދި ސުވާލެއް އުފެއްދިޔަސް މިހާރު އޭނާ އަށް ރާސްތާ ވަރަށް ސާފެވެ.

މުހިންމު ނުކުތާތައް

2020 ވަނަ އަހަރު ޔޫއޭއީގައި އޭނާ ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑް ހެދީ 15 މިނެޓް 33 ސިކުންތުން ދުވެގެން

މެރަތަންގައި ދެ ވަނައަށް އެންމެ ރަނގަޅު ޓައިމިންއެއް ގައުމީ ލެވެލްގައި ހެދީ ދެ ގަޑި 36 މިނެޓު 10 ސިކުންތުން ނިންމައިގެން

ސަރަހައްދީ މުބާރާތަކުން މެޑެއްޔެއް ހޯދުމުގެ އުއްމީދު އޭނާ ގެއްލުވައެއް ނުލާ

ބައެއް މީހުން ވަނަމަކަށް އޭނާއަށް 'ޑައުޓޭ' ވެސް ގޮވި އެވެ. ހަޔާތުގެ ދަތުރުގައި އެއްވެސް ކަމެއް ހާސިލުކުރެވިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް، އެއްވެސް ދުވަހަކު އޭނާގެ އަމިއްލަ ނަފުސަށް އޭރު ނެތީމަ އެވެ. އަދި އެ ހަގީގަތް އޭނާއާ ބައްދަލުވި އެންމެނަށް ވެސް ހާމައަށް ފެންނަން އޮތީމަ އެވެ.

މިއީ ނ. މާފަރަށް އުފަން މުހައްމަދު ރަޝީދު (މޯޑް) ގެ ހަޔާތުގެ ދަތުރު ފެށިގެން އައި ގޮތެވެ. އަސަރުން ފުރިގެންވީ އޭނާގެ މި ހަޔާތުގައި ކާމިޔާބީއާ އަރައި ހަމަކުރުމަށް އޭނާ ދުވި ދުވުމަކީ ހަގީގަތުގައި ވެސް ހިތްވަރުގެ އެތައް އިހުސާސަކަށް މީހެއްގެ ލޯ ހުޅުވައިދޭ ތަޖުރިބާއެކެވެ. – އެއްވެސް މީހަކު ގަބޫލުނުކުރި ކަންކަން އޭނާ މިއަދު ސާބިތުކޮށްދެމުން ދާތީ އެވެ.

މުހައްމަދު ރަޝީދު، ދުވުމުގެ ރޭހެއް ކާމިޔާބުކޮށްފާނެ ކަމަކަށް ހަމަ އެއްވެސް މީހަކު ގަބޫލެއް ނުކުރެ އެވެ. އަމުދަކުން ގައުމީ ފެންވަރުގެ ޗެމްޕިއަނަކަށް އޭނާ ވެދާނެ ކަމަށް ގަބޫލުކުރި ހަމަ އެކަކު ވެސް ނެތެވެ. ޚުދު އޭނާއަށް ވެސް މި ކާމިޔާބީ ގަބޫލުކުރަން ދައްޗެވެ. އެ ހިތާއި ސިކުނޑި އަބަދުވެސް 'ޝައްކެއް'ގެ ތެރޭގައި ބަނދެވި، ތަޅުލެވި، ބަންދުވެފައި އޮތީމަ އެވެ.

ދުވުންތެރިޔާ މޯޑް: އޭނާގެ ހިތްވަރާއި ދަތުރަކީ ކާމިޔާބު ހޯދަން ބޭނުންވާ ކޮންމެ މީހަކަށް އޮތް ފިލާވަޅެއް. -- (ދައުރު ފޮޓޯ/ހުސައިން ސުނައިން)

"ކުރީގައި ނަމަ އަހަރެން މިއީ ކަންކަން ކުރުމުގައި ވަރަށް ކޮންފިޑެންސް ނުހުންނަ މީހެއް. ޖެހިލުންވާނެ ކަންކަން ކުރަން. އަބަދުވެސް ހުރެވޭނީ ޝައްކެއްގެ މަތީގައި. ކުރެވޭނެތޯ ނުކުރެވޭނެތޯގައި،" މުހައްމަދު ރަޝީދު ކިޔައިދިނެވެ.

"އަބަދުވެސް ޑައުޓެއްގައި އަހަރެން އުޅުނީ ކުރިން. އެހެންވެގެން ވަނަމަކަށް ޑައުޓޭއޭ ކިޔާފައި މީހުން ގޮވަން ފެށީ ވެސް. އެކަމަކު ދުވުމުގެ ތެރެއަށް ނުކުތް ހިސާބުން އެ ޝައްކު އެއްކޮށް ފިލައި ދިޔައީ."

މުހައްމަދު އޭނާގެ ހަޔާތުގައި ޖަހަމުން އައި އެ ރޭސް މިއަދު އެއްކޮށް ބަދަލުވެއްޖެ އެވެ. އޭނާގެ ދިރިއުޅުން ވެސް އެއްކޮށް ބަދަލުވެއްޖެ އެވެ. މިއަދު އޭނާއަކީ ރާއްޖޭގެ މިޑްލް ޑިސްޓެންސް ދުވުމުގެ ފަސް ކިލޯމީޓަރުގައި ގައުމީ ރިކޯޑެވެ. އަދި ދިގު ދުވުމުގެ މެރަތަން ރޭހުގައި ރާއްޖޭގެ ދެ ވަނަ އެވެ. ކުރުކޮށް ބުނަނީ ނަމަ އޭނާއާ އެކު އުޅުނު އެއްވެސް މީހަކު އުއްމީދުނުކުރި ޗެމްޕިއަނެވެ.

އޭނާ ޗެމްޕިއަނަކަށް ވުން، އެއީ ވެސް އެއް ބަޔަކަށް އަދިވެސް ގަބޫލުކުރަން އުނދަގޫވާ ހަގީގަތެކެވެ. މުހައްމަދު ރަޝީދު، މުހައްމަދު ރަޝީދަށް ވުމުންނެވެ. އެކަމަކު އެއްވެސް ތަނެއްގައި، އެއްވެސް ބައެއްގެ ކިބައިން އޭނާއަށް ނުލިބުނު އިހުތިރާމާއި ލޯބި އޭނާ ވަޒަނުން ވަޒަނަށް ހާސިލުކުރީ އަމިއްލަ ބުރަ މަސައްކަތުންނެވެ.

އެ ދުވަހުގެ އެ ހަނދާންތަކަކީ މިއަދު ވެސް އޭނާ ދުވާއިރު ބޮލު ތެރޭގައި އެނބުރޭ އެންމެ ފުން އެއް ހިޔާލެވެ. އެކަމަކު އެ ހިޔާލުތައް އެނބުރެނީ ހިތްވަރެއްގެ ސިފައިގަ އެވެ.

"އަޅުގަނޑު 18 މިނެޓުން ފައިވް ކޭ ޖަހަމޭ ބުނީމަ އެއްވެސް މީހަކު ގަބޫލެއް ނުކުރި ފުރަތަމަ. އެންމެން ވެސް ބުނީ އަހަންނަކަށް ނުދުވެވޭނެއޭ 18 މިނެޓަކުން ފައިވް ކޭއެއް،" ނެޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އަލަށް ވާދަކުރަން ތަމްރީން ހަދައިގެން ގޮސް އެ ފުރުސަތު ހޯދަން އުޅެ ފުރުސަތު ނުލިބުނު ތަޖުރިބާ ކިޔައިދެމުން މުހައްމަދު ބުންޏެވެ.

ކުރިން އަޅުގަނޑު އުޅުނީ އަބަދުވެސް ޑައުޓެއްގައި. އެހެންވެގެން ވަނަމަކަށް ވެސް މީހުން ގޮވަން ފެށީ ޑައުޓޭއޭ. އެކަމަކު ދުވުމުގެ ތެރެއަށް ނުކުތް ހިސާބުން އެ ޝައްކު އެއްކޮށް ފިލައިފި.

މުހައްމަދު ރަޝީދު، ފަސް ކިލޯމީޓަރުގެ ގައުމީ ޗެމްޕިއަން

އޭރު ފައިވް ކޭގައި ގައުމީ ރެކޯޑަކީ ދުވުންތެރިޔާ ހުސެން ފަޒީލްގެ 15 މިނެޓް 50 ސިކުންތެވެ. އެ ރިކޯޑާ ގައުމީ ޓްރެކްގައި ވާދަކޮށްލާ ވަރުގެ ވަގުތެއް މުހައްމަދު ބުނުމުން އެކަން ވީ އެންމެނަށް ވެސް ޖޯކަކަށެވެ.

"ދެން އަޅުގަނޑުގެ އޭރުގެ ކޯޗު، ނަސްރުﷲ (އަހުމަދު) އަށް މިކަން އެނގިގެން ކޯޗު މި އެދުނީ ކްލަބްގައި ޓައިމް ޓްރަޔަލްއެއް ބާއްވަން. ނަސްރު އެދުނީ ޓައިމް ޓްރަޔަލްއެއް ބާއްވައިގެން އަހަރެން ހަތަރު ވަނައަށް [ހިނގައްޖެއްޔާ] މައްސަލައެއް ނެތޭ ބާކީކޮށްލިޔަސް. އެކަމަކު ގަދަ ތިން މީހުންގެ ތެރޭގައި ހިމެނިއްޖެ ނަމަ ފުރުސަތު ދޭން ޖެހޭނެއޭ،" އުމުރުން 18 އަހަރުން ފެށިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑުގައި ވަޒީފާ އަދާކުރަމުން އަންނަ ސާޖަންޓް ކިޔައިދިނެވެ.

ސިފައިންގެ ތެރެއިން ގައުމީ މުބާރާތުގައި ވާދަކުރަން ފުރުސަތު ލިބެނީ ސިފައިންގެ ކްލަބު ތެރެއިން ހޮވާ ވަކިވަކި ދުވުންތެރިންނަށެވެ.

"ދެން މި ޖެހީ ޓައިމް ޓްރަޔަލް ދުވުމެއް ކޮން ބަޔަކަށްތޯ ގަދަ ތިނެކުން ފުރުސަތު ލިބެނީ ބަލަން. އެ ޓެސްޓުގައި އެއް ވަނަ ލިބުނީ އަޅުގަނޑަށް،" މުހައްމަދު ކިޔައިދިނެވެ.

"އެކަމަކު ދެން ވެސް ބައެއް މީހުން ގަބޫލެއް ނުކުރި. ބައެއް މީހުން ބުނީ އަޅުގަނޑު ދުވީ އެއް ބުރު މަދުންނޭ."

ނަމަވެސް އެފަހަރުގެ ގައުމީ މުބާރާތުގެ މިޑްލް ޑިސްޓެންސްގައި ވާދަކޮށް ފައިވް ކޭގެ ރޭހާއި ޓެން ކޭގެ ދުވުމުގައި އޭނާއަށް ތިން ވަނަ ލިބުމަކީ އެންމެން ދުށް ގޮތް ބަދަލުކޮށްލުމެވެ. އެއަށް ފަހު، އޭނާއަށް ނުވާނެއޭ ބުނި އެންމެންގެ އަނގަ މަތީގައި އަތް އެޅީ 2021ގައި ޔޫއޭއީގައި 15 މިނެޓް 33 ސިކުންތުން 5 ކިލޯމީޓަރު ނިންމައިގެންނެވެ.

"މިހާރު މީހުން އަޅުގަނޑުގެ ހުނަރަށް ވެސް އިހުތިރާމުކުރޭ. ތަރުހީބު ވެސް ދޭ. މީހުން ބުނޭ ތިމަންނަމެން ހީވެސް ނުކުރަމޭ މުހައްމަދު ތި ލެވެލްއަށް ހިނގައިދާނެ ކަމަކަށް ވެސް. ވަރަށް ތަރުހީބު ދޭ މިހާރު އެންމެން ވެސް،" ކާމިޔާބީގެ ހަރުގަނޑުން މައްޗަށް އަރައި ހިންދެމިލުމުން ބަދަލުވެފައިވާ ހަޔާތުގެ ކުލަތައް މުހައްމަދު ބުރުވާލި އެވެ.

"ކުރިން އަޅުގަނޑާ ދިމާލަށް އެއްޗެހިކީ މީހުން ވެސް މިހާރު ބުނޭ، ތިމަންނަމެން މިހާރު ގަބޫލުކުރަމޭ ކަލެއަށް ވެސް ކަމެއް ހާސިލުކުރެވިދާނެކަން."

އެކަމަކު އަބަދުވެސް ގޮންޖެހުމަކަށް ފަހު ގޮންޖެހުމެއް

މުހައްމަދުގެ ހަޔާތުގައި އަބަދުވެސް ކުރިމަތިވީ ހުރަހާއި ގޮންޖެހުމެވެ. އަދި އަމިއްލަ ނަފުސަށް ނެތް އިތުބާރާއި ޔަގީންކަމާ ހެދި ހަޔާތުގެ އެ ދަތުރުގައި ކުރިއަށް ދިއުން ވީ އޭގެ އުނދަގުލާއި ބުރަ ދެ ގުނައަށް އުފުލަން ޖެހުނު ކަމަކަށެވެ. ސްކޫލްގެ ހަޔާތުގައި އޭނާއަކީ ޓޮޕް ފައިވެކެވެ. ނަމަވެސް މަތީ ތައުލީމުގެ ހަޔާތުގައި އޭނާ ހާސިލުކުރަން ބޭނުންވި އަމާޒުތަކަށް ހުރަސް އެޅީ އޭނާގެ އާއިލާގެ އާދައިގެ ކަމެވެ.

އޯ ލެވެލް ނިންމާލާފައި ވަގުތުން އޭނާ ނުކުތީ އާމްދަނީ ހޯދުމަށެވެ. އެންމެ ފުރަތަމަ އުޅުނީ ރަށުގައި ހުރި ރެސްޓޯރަންޓެއްގައި ވެއިޓަރަކަށެވެ. ދެން ދިޔައީ ވެލިގަލަށެވެ. އެހެން އުޅެމުން ދަނިކޮށް އޭނާއަށް ފެންނަނީ މައިޓުން އިއުލާނުކޮށްފައި އޮތް އިންޖިނިއަރިން ކޯހެކެވެ.

"ދެން ދިޔައީ މާލެ. މާލެ ގޮސް ދައްތައެއްގެ ގޭގައި ހުރެގެން ކޯހުން ޕޮކެޓް މަނީއަކަށް ލިބުނު 1،500ރ. އިން ދިރިއުޅެމުން ކިޔަވަމުން ދިޔައީ ހަ މަސް ވަންދެން. ނަމަވެސް އެ ދިރިއުޅުމުގައި ބޯ ސަކަރާތްވާ ހިސާބަށް ދިޔައިމަ ކިޔެވުން ހުއްޓާލީ،" މުހައްމަދު ކިޔައިދިނެވެ.

ދެން ގޮސް އޭނާ އުޅުނީ ފާމަސީއެއްގައި އެސިސްޓަންޓަކަށެވެ. އެހެން އުޅެނިކޮށް އާއިލާގެ ޕްރެޝަރުގައި ގެންގޮސް ވެއްދީ ސިފައިންގެ ވަޒީފާއަށެވެ. އޭރު ސިފައިންގެ ވަޒީފާ އާއި ތަމްރީން ދެކެ އޭނާ ބިރުގަނެވެ.

ނަމަވެސް މުހައްމަދު ކިޔައިދިން ގޮތުން ނަމަ އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ހިސާބަކީ އުމުރުން 18 އަހަރުގައި ގޮސް 'ސޯލްޖާ' އަކަށް ބަދަލުވި ބަދަލުވުމެވެ.

ބުރަ މަސައްކަތްކޮށްގެން ބޭނުންވާ ކާމިޔާބު ލިބޭތޯ އަބަދުވެސް އުއްމީދުކުރޭ -- (ދައުރު ފޮޓޯ/ހުސައިން ސުނައިން)

"ސިފައިންގެ ތަމްރީނަށް ފަހު ދެން ލައްވާލީ ކޯސްޓް ގާޑަށް. އެ ހިސާބުން ކޯސްޓް ގާޑް ތަމްރީނަށް ފަހު ދެން އެރީ ޝިޕަށް. އެ ޝިޕްގައި އުޅެނިކޮށް މި އިއުލާނުކުރަނީ ފިޒިކަލް ޓްރެއިނިން ކޯހެއް،" ދުވުމުގެ ތެރެއަށް ވަދެވެން މެދުވެރިވި ސަބަބުތައް ކިޔައިދެމުން މުހައްމަދު ބުންޏެވެ.

"އެ ކޯހަށް ދިޔައިރު ވަރަށް އަންފިޓްވާނެ. އޭރު ދުވާ ވާހަކަ ބުންޏަސް ހަމަ ބިރުގަނޭ. ސިފައިންގެ ޓެސްޓޭ ބުނެފިއްޔާމު އެރޭ ނުނިދެއޭ. އެކަމަކު ސިފައިންގެ ޓެސްޓަކީ އަދި އެންމެ 3.2 ކިލޯމީޓަރުގެ ދުވުމެއް."

"އެކަމަކު އެ ކޯހަށް ފަހު ވަރަށް ރަނގަޅަށް ފިޓްވެލީމަ ދެން ބޭނުންވީ އެ ފިޓްނެސް ދަމަހައްޓަން."

އެ ފިޓްނެސް ދެމެހެއްޓުމުގެ ވިސްނުމުގައި ދުވަން ދާން ވިސްނިއިރު އެކުގައި ދުވާނެ ރައްޓެއްސަކު ވެސް ނެތެވެ. އެހެންވެ ދިޔައީ އެކަންޏެވެ. މާލޭގެ އެކުވެނި ޓްރެކަށް ގޮސް ހުއްޓައި އޭނާއާ އެ ދުވަހު ބައްދަލުވަނީ އާމީ ހެއާ ކަޓެއްގައި ހުރި 'މޭޑް ރަނާއަކާ' އެވެ. އެއީ ތަޖުރިބާކާރު މެރަތަން ދުވުންތެރިޔާ ނަސްރުﷲ އެވެ.

އެ ދުވަހު ނަސްރުﷲ ދައުވަތު ދިނީ އޭނާއާ އެކު ހަވީރުގެ ދުވުމެއްގައި މާލެ ވަށައި ތިން ބުރު ޖެހުމަށެވެ. އޭރު އެމީހުން މާލެ ވަށައި ބުރެއް ޖަހަނީ 27 މިނެޓުންނެވެ. އަލަށް ބައްދަލުވި ޒުވާން ދުވުންތެރިޔާއަށް އެ ޕޭސްގައި ތިން ބުރު ޖެހިދާނެ ކަމަކަށް ނަސްރު އުއްމީދެއް ނުކުރެ އެވެ.

"ދެން ނަސްރު ވެސް ވަރަށް ހައިރާންވެއްޖެ. ދެން ސުވާލުކޮށްފި ކަލޭ ކިހިނެއް ހެއްޔޭ ތި ވަރަށް ބާރަށް ދުވަނީ. ތިއީ ވަރަށް ރަނގަޅު ސްޕީޑެކޭ،" މުހައްމަދު ކިޔައިދިނެވެ.

"ދެން ބުނެފި ކަލެއަށް ލޯންގް ޑިސްޓެންސް ޓްރެއިނިން ހަދައިގެން ދިގު ދުވުމުގެ ދުވުންތެރިޔަކަށް ވެވިދާނެއޭ. ދެން އެ ހިސާބުން ހަމަ ރަސްމީކޮށް ފެށީ. ޑިއުޓީކުރަމުން ވެސް ދުވަން ދާން ފެށީ ގަވާއިދުން."

އަބަދުވެސް އޮތީ ހިތްވަރު އެލުވާނުލައި ދުވުން
ފަރިތަކުރަން ފެށުމުގެ ކުރިން މުހައްމަދު ރަޝީދު ވާމްއަޕްގައި

ވަރަށް ހިތްތިރި، ވަރަށް ބުރަކޮށް މަސައްކަތްކުރޭ

މި ފަހުން އޭނާ އެ އައީ ތުރުކީއަށް ގޮސް މެރަތަން ރޭހެއް ދެ ގަޑި އިރާއި 44 މިނެޓުން ނިންމައިފަ އެވެ. މިއީ މި އަހަރުގެ މިހާތަނަށް މެރަތަންއެއްގައި ދިވެހި އެތުލީޓަކު ނެރުނު އެންމެ ރަނގަޅު ޓައިމިން އެވެ. އަދި މިއީ 2022ގައި އޭނާ ބަންގަލްދޭޝްގައި ދުވި މެރަތަންއަށް ވުރެ އެއް މިނެޓްގެ ކުރިއެރުމެކެވެ. އަނެއްކާވެސް އެންމެ މުހިންމު ކަމަކީ، މި ކާމިޔާބީއަށް އޭނާ ކުރި ހިތްވަރާއި ދަތުރެވެ. – މިއީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ދުވި މެރަތަންއަށް ފަހު އެ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އަނިޔާއަކާ ގުޅިގެން ދުވުމާ އެއްކޮށް ދުރުގައި ފަސް މަސް ހޭދަކުރުމަށް ފަހު އެނބުރި އައިސް ހާސިލުކުރި ވަގުތެވެ.

މުހައްމަދު ރަޝީދުގެ ކާމިޔާބީގެ އަސްލު ސިއްރަކީ މި އެވެ. ރިވެތި އަހުލާގާއި ހިތްތިރިކަމާ އެކު އޭނާ ކޮންމެ ދުވަހަކު ވެސް އިއްޔެއަށް ވުރެ ރަނގަޅު މާދަމާއެއް ހޯދަން ކުރާ ހިތްވަރާއި މަސައްކަތެވެ. އަދި އޭނާ ބުނަނީ ދުވުމުގެ މި ކުރު ކެރިއަރުގައި އޭނާއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ވެސް އެއީ ކަމަށެވެ. ޒުވާން ދުވުންތެރިންނަށް އޭނާ އެންމެ ކިޔައިދޭން ބޭނުންވާ ވާހަކައަކީ ވެސް މިއީ އެވެ.

ސަބަބަކީ ބައްޔާއި ކާމިޔާބީގެ ހުރިހާ ރަހައެއް ވެސް އޭނާގެ އަރުގެ އެންމެ އެތެރިން ތަޖުރިބާކޮށްފައި ހުރީމަ އެވެ. އެތައް ދުވަހެއްގެ މަސައްކަތަށް ފަހު ގައުމީ ރިކޯޑެއް މުގުރަން އޭނާ ފިޔަވަޅަކާ ގާތަށް ޖެހިލާފައި ވަނިކޮށް އެތައް ފަހަރެއްގެ މަތިން އެހެން މީހަކު ގޮސް އަބަދުވެސް އެ ރިކޯޑް މުގުރައި ޝަރަފާއި ފަހުރު ލިބިގެންފައި ވާތީ އެވެ. އެކަމަކު ދެން ވެސް މާޔޫސްނުވެ ކުރިއަށް ދާން ދަސްވެފައި ވާތީ އެވެ.

"އެމީހެއްގެ އަމިއްލަ ކަމެއް އެއީ އެމީހެއްގެ ކިބައިގައި ހުރި ކުޅަދާނަކަން ސާބިތުކޮށްދިނުމަކީ. ތިމަންނައަށް މިކަން ވެސް ކުރެވިދާނެކަން ސާބިތުކޮށްދިނުން އެއީ އަމިއްލަ ޒިންމާއެއް،" ރާއްޖެއިން ބޭރުގެ ޕްރޮފެޝަނަލް ކޯޗަކާ އެކު މިހާރު ތަމްރީން ހަދަމުން އަންނަ މުހައްމަދު ބުންޏެވެ.

"ފުރަތަމަ އަބަދުވެސް ކުރިމަތިވާނެ ގޮންޖެހުންތަކާ. މީހުން މަލާމާތް ވެސް ކުރާނެ. ގަބޫލެއް ވެސް ނުކުރާނެ. ފެނުނީމަ ވެސް އެއްކަލަ ދުވާ މީހާއޭ ކިޔައި މާލާމާތް ވެސް ކުރާނެ. ފާޑުފާޑުގެ ބަސްތަކުން ޖަހާނެ."

މުހައްމަދު ބުނީ އޭނާ ދުވާ ގޮތާއި ތަމްރީން ހަދާ ގޮތާއި ދުވާ ސްޓައިލަށް ވެސް މީހުން އެންމެ ފުރަތަމަ ފާޑުކީ ކަމަށެވެ. އަދި ރޭހުގައި ދުވަހަކު ވެސް މޮޅުނުވާނެ ކަމަށް ދިމާލަށް ވެސް ބުނި ކަމަށެވެ.

އެހެންވީމަ އަޅުގަނޑު ބުނެލަން ބޭނުންވަނީ މީހުން އަދި ކޮންމެ އެއްޗެއް ކިޔަސް، މީހުން އެކިޔާ އެއްޗެއްސަށް ވިސްނައިގެން މާޔޫސްވެގެން ގޮސް އަމިއްލަ ކުރިއެރުމުގެ މަސައްކަތް ހުއްޓާނުލައްޗޭ އެއްވެސް މީހަކު.

މުހައްމަދު ރަޝީދު

އަބަދުވެސް، ކޮންމެ ދުވަހަކު ވެސް، މިއަދު ވެސް މުހައްމަދު ރަޝީދު ހުއްޓުމެއް ނެތި ދުވަމުން އެ ގެންދާ ސަބަބަކީ މި އެވެ. އޭނާގެ ކާމިޔާބީގެ ސިއްރަކީ މި އެވެ. މިއަދު ކުރިމަތިވާ އެއްވެސް ގޮންޖެހުމަކަށް، އެއްވެސް ރޭހަކަށް އޭނާ ބިރުނުގަންނަ ސަބަބަކީ މި އެވެ. އެ ހަޔާތުގައި މާޔޫސްނުވާ ސަބަބަކީ މި އެވެ.

މިއަދު އެއްވެސް ޑައުޓެއް، ޝައްކެއް، ވަސްވާހެއް އޭނާގެ މި ރޭހުގައި ނެތް ސަބަބަކީ މި އެވެ.

"އަހަރެން މި ހިސާބަށް މި އައީ ހުރިހާ ކަމެއް ވެސް ތަޖުރިބާކުރަމުން. މޮޅުވަމުން ބަލިވަމުން. އެހެންވީމަ މިއަދު ވެސް ގަބޫލުކުރަމޭ ދަށުން އަރައިގެން އަންނަ އެތުލީޓަކު އަޅުގަނޑު ބަލިކޮށްފާނެ ކަމަށް،" މުހައްމަދު ބުނެލި އެވެ.

"އެހެން މީހަކު ކުރިއަރައިގެން އައިސް އަޅުގަނޑުގެ ރިކޯޑެއް މުގުރާލިޔަސް އަޅުގަނޑުގެ ނެތޭ މައްސަލައެއް. ސަބަބަކީ އަޅުގަނޑަށް މިހާރު ގަބޫލުކުރެވޭ އަޅުގަނޑު ވެސް މަސައްކަތްކޮށްފި ނަމަ އަނެއްކާވެސް ރިކޯޑް ހެދޭނެކަން. އަޅުގަނޑަށް މިހާރު އެނގޭ އަޅުގަނޑު މިހިރީ އެހާ ފަސޭހައިން މިކަން ހުއްޓާލާފައި ދާ ކަހަލަ ވިސްނުމެއްގައި ނޫންކަން."

އޭނާގެ އަމާޒަކީ ދެކުނު އޭޝިއާގެ ސަރަހައްދުން ދިގު ދުވުމުން ދިވެހިންނަށް މެޑަލް ގެނެސްދިނުމެވެ. މުހައްމަދު ރަޝީދުގެ ހިތްވަރާއި ސާބިތުކަމާ މެދު ދެ ވަނަ ފަހަރަށް ޝައްކުކުރުމުގެ އެއްވެސް ހައްގެއް އަހަރެމެންނަކަށް މިހާރު ނެތެވެ. – އޭނާ ދުއްވައިގަތެވެ. އެކަމަކު ކާމިޔާބީގެ މި ވާހަކަ ނިމެން އަދި ގާތް ވެސް ނުވެ އެވެ.

ކޮމެންޓް (2)

ފާތުމާ

31 މޭ 2023
މަ ހުންނަން އެގޮތަށް ދުވެވޭތޯ ދުވާ ކޮށްލަ ކޮށްލާ
1 1

އާމިނަތު

31 މޭ 2023
މަވެސް ހުންނަން އާޝޯހުވެފަ ދުވާ މޯޑު ދުވާތަން ބަލަން މަގުމަތީގަ.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް