ފަންނުވެރި އެކުވެރިން: ޒަކްވާން އާސިމް
ފަންނުވެރި އެކުވެރިން: ވިޝުއަލް ކޮމިއުނިކޭޝަންސް ޑިޒައިނާ ޒަކްވާން
ރާއްޖޭގެ ފުޅާވަމުން އަންނަ އާޓް އަދި ޑިޒައިން ދާއިރާއިން އެކި ވައްތަރުގެ މަސައްކަތް ކުރާ ފަންނުވެރިން ނުކުމެ އެވެ. މިފަހަރުގެ 'ފަންނުވެރި އެކުވެރިން' އެޕިސޯޑުން މި ބައްދަލުކުރަނީ ވިޝުއަލް ކޮމިއުނިކޭޝަންސް ޑިޒައިނަރު ޒަކްވާން އާސިމްއާ އެވެ.
ޒަކްވާން ނުވަތަ އާއްމު ނަމުން ނަމަ ޒަކީއަކީ ރާއްޖޭގެ އާޓް އަދި ޑިޒައިން ދާއިރާއަށް ތަފާތު ސްޓައިލްއެއް ތައާރަފު ކުރި ފަންނުވެރިއެކެވެ.
ޒަކްވާން ސްރީ ލަންކާގެ މަޝްހޫރު އެކެޑެމީ އޮފް ޑިޒައިން (އޭއޯޑީ)އިން ޔުނިވާސިޓީ އޮފް ނޯތަމްބްރިއާގެ ވިޝުއަލް ކޮމިއުނިކޭޝަން ޑިޒައިންގެ ބެޗެލާސް ޑިގްރީ ހާސިލް ކުރުމަށް ފަހު ރާއްޖޭގައި މަސައްކަތް ކުރަން ފެށީ އާޓް ޑިރެކްޓަރެއްގެ ގޮތުގަ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ފަންނުވެރި މަސައްކަތް ކުރާކަމާއި ދާއިރާއަށް ޝައުގު ހުންނަ ޒުވާނުން ގިނަކަން އޭނާ ފާހަގަ ކުރި އެވެ. ނަމަވެސް ޒަކްވާން ބުނިގޮތުގައި ރާއްޖޭގައި އުނިވާ އެއް ކަމަކީ ފަންނުވެރި ދާއިރާތަކަށް ޝައުގުވެރިވާ ކުދިން ގިނަ ނަމަވެސް އެ ރޮނގުން ކުރިއަށްދާން ބޭނުންވާ ތައުލީމް ލިބެން ނެތުމެވެ. ޒަކްވާން މިހާރު އަންނަނީ ވިލާ ކޮލެޖްގައި ކިޔަވާދެމުންނެވެ. އަދި ކޮލެޖަށް ކަރިކިއުލަމްއެއް ތައްޔާރު ކުރަން އޭނާ ފަށައިފި އެވެ. މީގެ ކުރިން އޭނާ ވަނީ ގައުމީ ޔުނިވާސިޓީގައި ވެސް ކިޔަވައިދީފަ އެވެ.
މިހާރު ޔުނިވާސިޓީ އޮފް ފޯލްމައުތުއިން އިލަސްޓްރޭޝަން އަދި ޑިޒައިން މެނޭޖްމެންޓްއިން މާސްޓާސްއަށް ކިޔަވަމުން އަންނަ ޒަކްވާން ބުނިގޮތުގައި އޭނާ ފުރަތަމަ ކުރިއަށްދާން ގަސްތުކޮށްފައި އޮތީ މުޅިން ތަފާތު ރޮނގަކުންނެވެ.
ރާއްޖޭގައި އާޓް އެންޑް ޑިޒައިން ދާއިރާއިން ވެސް ކުރިއެރުން ލިބި، އެކަށީގެންވާ އާމްދަނީއެއް ހޯދޭނެކަމާ މެދު އޭނާގެ އެއްވެސް ޝައްކެއް ނެތެވެ.
'ފަންނުވެރި އެކުވެރިން'ގެ މި އެޕިސޯޑުގައި، ޒަކްވާން ކިޔެވި އިރު ލިބުނު ތަޖުރިބާތަކުގެ އިތުރުން، ރާއްޖޭގައި އަމިއްލަ ބްރޭންޑެއް ހިންގުމުގެ ތަޖުރިބާ އާއި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް މުހިއްމު ނަސޭހަތްކޮޅެއް ހިއްސާ ކުރި އެވެ.
ކޮމެންޓް