ވިޔަފާރި ކުރުމުގަ ބޭނުން ކުރާ ބައެއް އާދަތައް ބަދަލުކޮށްގެން ދެމެހެއްޓެނިވި ދިރިއުޅުމަކަށް ދެވިދާނެ

ލިވިން

ދެމެހެއްޓެނިވި ގޮތަކަށް ބާޒާރު ކުރަން މި އުކުޅުތައް މުހިއްމު

ހިޔާލެއް ފިކުރެއް ނެތި އެއްޗެހި ގަތުމުގެ ބަދަލުގައި ވެއްޓަށް ގެއްލުން ނުވާ ގޮތަށް ވިޔަފާރި ކުރުމަކީ ކުރެވިދާނެ ކަމެއް

މުހިންމު ނުކުތާތައް

ތިމާވެއްޓާ ރައްޓެހި ގޮތަކަށް ވިޔަފާރި ކުރުމަށް ބައެއް ކަންކަން އާދަ އަކަށް ހެދިދާނެ

ފާސްޓް ފެޝަނާ އެކު ދުނިޔޭގެ ކަނޑުތަކަށް 1.5 މެޓްރިކް ޓަނަށް ވުރެ ގިނަ މައިކްރޯޕްލާސްޓިކް ދޫކުރޭ

ދެމެހެއްޓެނިވި ގޮތަކަށް ބާޒާރު ކުރާ ނަމަ އޭގެ ފައިދާ ވެށީގެ އިތުރުން ތިމާގެ ޖީބަށް ވެސް ކުރޭ

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ވިސްނުމެއް ފިކުރެއް ނެތި ބާޒާރުކޮށްލާ އަދި ކުރާ ހިތްވާ މީހުންނެވެ. އެންމެ އެއްޗެއް ގަންނަން ފިހާރައަކަށް ވަދެފައި ނުކުންނަ އިރު ދެ އަތް ފުރޭ ވަރަށް އެއްޗެހި ގަނެގެން ފިހާރައިން ނުކުތުމަކީ ވެސް އާއްމު ކަމެކެވެ. މިކަން މެދުވެރިވާ ސަބަބަކީ، ކުރިއާ ހިލާފަށް އާމްދަނީ އިތުރުވެ، ވިއްކަން ހުންނަ މުދަލުގެ އަގު ނިސްބަތުން ހެޔޮވެ، ދިރިއުޅުމުގެ ފެންވަރަށް އައިސްފައިވާ ބަދަލާ އެކު ގަނެވޭ އެއްޗެހި ގިނަ ވުމެވެ. އަދި ވިޔަފާރި ކުރަން ވެސް ފަސޭހައީ އެވެ. މިއީ އަތުގައި ފައިސާ ނެތް ނަމަ ކްރެޑިޓަށް އެއްޗެހި ގަނެވޭ ޒަމާނެކެވެ.

ދުނިޔޭގެ ފާސްޓް ފެޝަން ބާޒާރުގައި ކުރިއަރަމުން އަންނަ ޗައިނާގެ ކުންފުނި ޝީއިންގެ ފެކްޓަރީގައި ބަޔަކު މަސައްކަތް ކުރަނީ

މި ހުރިހާ ކަމަކަށް އިތުރުވީ ފާސްޓް ފެޝަން އެވެ. ފާސްޓް ފެޝަނުގެ ޓްރެންޑާ އެކު ފެނިގެންދިޔައީ އެންމެ ކުޑަ އަގެއްގައި ފަހުގެ ޓްރެންޑްތަކަށް ހާއްސަކޮށްގެން އުފައްދާ އުފެއްދުންތައް އިތުރުވެގެން ދިޔަ ތަނެވެ. ހެޔޮ އަގުގައި ޒަމާނީ ފެޝަން ގަންނަން ލިބުމަކީ އެއް ބަޔަކަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައިވިޔަސް މިކަމުގެ އަނދިރި ފަރާތެއްވެ އެވެ.

މިއަދު ފާސްޓް ފެޝަނުގެ ސަބަބުން، އަހަރަކު 1.5 މެޓްރިކް ޓަނަށް ވުރެ ގިނަ މައިކްރޯޕްލާސްޓިކް ދުނިޔޭގެ ކަނޑުތަކަށް އެކި ގައުމުތަކުން ދޫކުރެ އެވެ. މިކަމުގެ ގެއްލުން ހުރީ ހަމައެކަނި ތިމާވެއްޓަކަށް ނޫނެވެ. މިކަމުގެ ސަަބަބުން ތަފާތު ގިނަ އެހެން މައްސަލަތައް އުފެދުމަށް މެދުވެރިވެ އެވެ. މިގޮތުން ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމާއި އަގު ހެޔޮކޮށް ތަކެތި އުފެއްދުމަށް މަސައްކަތްތެރިންގެ ހައްގުތަކާ ހިލާފަށް މީހުން ލައްވާ މަސައްކަތް ކުރުވުން ފަދަ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ކުރިމަތިވެ އެވެ. މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ފާސްޓް ފެޝަން ކުންފުނިތަކުން ކުރާ ތަފާތު އެހެނިހެން ކަންކަމުގައި ސުލޫކީ މައްސަލަތައް ފެންމަތިވެ އެވެ.

ފާސްޓް ފެޝަންގެ އަނދިރި ފަރާތް ބޮޑު

އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރުމާއި ކުނި މަދުކުރުން މުހިއްމެވެ.  އަހަރެމެންގެ އަމަލުތަކުގެ ސަަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް މަސައްކަތް ކުރެވިދާނެ އެވެ.

އަހަރެމެން ވިޔަފާރި ކުރާ ގޮތުގެ އާދަތަކަށް ކުދިކުދި ބަދަލުތައް ގެނެސްގެން، ކުނި އުފެދޭ މިންވަރު މަދުކޮށް ދެމެހެއްޓެނިވި ދިރިއުޅުމަކަށް އަދި މުސްތަގުބަލަކަށް ދިއުމަށް މަސައްކަތް ކުރެވިދާނެ އެވެ.

ދެމެހެއްޓެނިވި ގޮތަކަށް ބާޒާރު ކުރާނެ ގޮތް

ވިޔަފާރި ކުރަންވީ ހޭލުންތެރިވެ ހުރެ

ހަމައެކަނި ފެނިގެން، ރީތިވެގެން އަގު ބަލާލާފައި ގަތުމަކީ އަހަރެމެން ވިޔަފާރި ކުރާ އިރު ގެންގުޅޭ އެންމެ ބޮޑު އާދަ އެވެ. ނަމަވެސް މި އާދަ ބަދަލުކޮށްލަން އެބަޖެހެ އެވެ. ފެންނަ ކޮންމެ އެއްޗެއް ގަތުމާއި އެ އެއްޗެއް ގަތުމުގެ މަގުސަދާ މެދު ސުވާލު އުފައްދާށެވެ. އެއީ ގިނަ ދުވަހު ބޭނުން ކުރެވޭނެ އެއްޗެއް ހެއްޔެވެ؟ ގަނެފައި ބޭނުންކުރާނެތޯ އަދި ގަންނަނީ ހެދުމެއް ނަމަ އެފަދަ އެހެން އެއްޗެއް އަަލަމާރީގައި މިހާރު ވެސް އެބައޮތްތޯ މި ސުވާލުތަކަށް އަމިއްލަ އަށް ޖަވާބު ދޭށެވެ.

ތަކެތި ގަތުމުގައި ގިނަ ދުވަހު ބޭނުން ކުރެވޭ އެއްޗެހި އިހްތިޔާރު ކުރެވިދާނެ

ތަކެތި ގަތުމުގައި ބަލަންވީ ގިނަ ދުވަހު ބޭނުން ކުރެވޭ ކަހަލަ ބާވަތްތައް ހިޔާރު ކުރުމަށެވެ. ގިނަ ދުވަހު ގެންގުޅޭ އެއްޗެއް ނަމަ ދަށް ކޮލިޓީގެ އެއްޗެއް ގަތުުމުގެ ބަދަލުގައި އަގުބޮޑުވިޔަސް، ފައިސާ އެއްކޮށްގެން ރަނގަޅު ފެންވަރުގެ އެއްޗެއް ގަންނާށެވެ. މިސާލަކަށް ވިއްސާރަ ކޯޓު، ދަބަސް އަދި ހެލްމެޓް ފަދަ ތަކެއްޗަކީ މި ކެޓަގަރީގެ ތަކެއްޗެވެ.

ޒަރޫރީ ބޭނުމަކަށް ހޯދާ އެއްޗެއް ނޫން ކަމުގައި ވާ ނަމަ (މިސާލަކަށް ޓެކްނޮލޮޖީ ސާމާނު ފަދަ ތަކެތި) ގަންނަ އިރު، ފުރަތަމަ ޖެހޭ ތަނުން ގަތުމަށް ވުރެ އެކި ފިހާރަތައް އަދި ވެބްސައިޓްތައް ބަލާށެވެ. ސެކަންޑް ހޭންޑް އެއްޗެއް ހިޔާރު ކުރާ ނަމަ ޖީބަށް ލުއިވެފައި ތިމާވެއްޓަށް ފައިދާ ބޮޑެވެ.

ރީޔޫސަބަލް ކޮތަޅެއް ހިފައިގެން ގޮސް ވިޔަފާރި ކުރަނީ

އަބަދުވެސް އުޅެންވީ ކޮތަޅެއް ނުވަތަ ދަބަހެއް ހިފައިގެން

ޕްލާސްޓިކާ ދުރުވުމަށް މިހާރު ފިހާރަތަކުން ކޮތަޅަށް ވަކިން އަގު ނަގަން ފަށާފައިވީ ނަމަވެސް އަދިވެސް ވަރަށް ގިނަ ފަހަރަށް ބޭރަށް ނިކުމެވެނީ، ބާޒާރުކޮށްގެން ތަކެތި އެޅުމަށް ކޮތަޅެއް ނުވަތަ ދަބަހެއް ހިފައިގެނެއް ނޫނެވެ. އެންމެ ބުއްދިވެރީ ފަށްޖަހާލެވޭ ކޮތަޅެއް އަބަދުވެސް ހިފައިގެން އުޅުމެވެ.

މާ ގަދައަށް ޕެކްކޮށްފައި ހުންނަ އެއްޗެހިން ދުރުވާންވީ

ޕްލާސްޓިކްގައި ހުންނަން ނުޖެހޭ ތަކެތި ޕްލާސްޓިކްގައި އޮޅާފައި ހުންނަ ތަން ބާޒާރުން ވަރަށް ގިނައިން ފެނެ އެވެ. މިސާލަކަށް ދޮންކެޔޮ އަދި އެހެން ވެސް މޭވާ އާއި ތަރުކާރީ މި ގޮތަށް ބަންދުކޮށްފައި ހުންނަތަން ފެނެ އެވެ. މިގޮތަށް ބޭކާރު ޕްލާސްޓިކް އޮޅާފައި ހުންނަ ތަކެތި ގަތުމާ ދުރުވާންވީ އެވެ. ތާޒާ މޭވާ އާއި ތަރުކާރީ ގަންނަ އިރު ޕްލާސްޓިކް ކޮތަޅަށް ލުމާ ދުރުވާންވީ އެވެ. ކޮތަޅުގައި ބަންދުކޮށްފައި ހުންނަ ތަކެތީގެ ބަދަލުގައި ހާމައަށް ހުންނަ ތަކެތި ގަތުމުން ތާޒާތޯ ބޮޑަށް ބަލާ ވެސް ލެވެ އެވެ.

މާކެޓިން ދަޅައިގައި ނުޖެހުން

ސޭލްގަ ހުއްޓަސް އެވަގުތު ކޮންމެހެން ބޭނުން އެއްޗެއް ނޫން ނަމަ ނުގަންނަންވީ

ވިޔަފާރިވެރިން އަބަދުވެސް ދަނީ އެމީހުންގެ އުފެއްދުންްތައް މޮޅެތި ގޮތްގޮތަށް މާކެޓް ކޮށް މީހުން ލައްވާ ގަނުވުމަށް މަސަައްކަތް ކުރުވަމުންނެވެ. އެހެން ނަމަވެސް، މުހިއްމީ ކޮންމެހެން ގަންނަން ބޭނުން ނޫން އެއްޗެއް، ސޭލްގަ އޮތަސް، އެ ވަގުތު އެ އެއްޗެއްގެ ބޭނުމެއް ނެތް ނަމަ ނުގަތުމެވެ. ސޯޝަލް މީޑީއާ އިން ފެންނަ ކޮންމެ އެއްޗެއް އަދި އިންފުލުއެންސަރުން ބޭނުން ކުރާ ކޮްންމެ އެއްޗަކީ ތިމާއަށް އެންމެ ފައިދާ ބޮޑުވާނެ އެއްޗެއް ނޫން ކަމުގަ ދަންނަންވެ އެވެ.

ސޯޝަލް މީޑިއާގެ ފެންނަ އިންފުލުއެންސަރުން ބޭނުން ކުރާ ހުރިހާ އެއްޗަކީ ތިމާއާއި އެންމެ ގުޅޭ އެއްޗަކަށް ނުވެދާނެ

އިންފުލުއެންސަރުން ބޭނުން ކުރާ ތަކެއްޗަކީ އަމިއްލަ ބަޖެޓަށް ފެތޭ އެއްޗަކަށްވެސް ނުވެދާނެ އެވެ. އެހެންކަމުން ތަކެތި އަދި އަންނައުނު ގަތުމުގަ އެންމެ ފަހު ޓްރެންޑްތަކަށްވެސް ފެެތޭކަށް ކޮންމެހެން މަޖުބޫރެއް ނޫނެވެ. ގަޔަށް ހެޔޮވަރު ލައިގެން އުޅެން ފަސޭހަ ނުވަތަ ގަންނަ އެއްޗެއްގެ މަގްސަދު ހާސިލްވާނަމަ އެ ނިމުނީ އެވެ.

އޮންލައިންކޮށް ވިޔަފާރިކުރުން މަޑުޖައްސާލުން

އޮންލައިން ވިޔަފާރީގެ އަވައިގައި ނުޖެހެންވީ ޕެކިން ބޮޑުކަމުން

ހުރި ފިޔަވަޅު މަތީ ހުރެ ދުނިޔޭގެ ބާޒާރުގައި ވިއްކަން ހުރި ކޮންމެ އެއްޗެއް ގަނެވޭ ވަރަށް ޒަމާނާއި ޓެކްނޮލޮޖީ އަދި ބޭންކިން މި އޮތީ ކުރިއަރާފަ އެވެ. އޮންލައިންކޮށް ވިޔަފާރިކުރުން މަޑުޖައްސާލަން ވިސްނަންވީ ދެ ސަބަބެއް އެބައޮތެވެ. ފުރަތަމަ ކަމަކަށް، އޮންލައިންކޮށް ވިއްކާ ތަކެތި ޕެކް ޕެކްކުރުމަށް ބޭނުންކުރާ ސާމާނު 4.8 ގުނަ އިތުރު އެވެ. އަދި އޮންލައިންކޮށް ގަންނަ ތަކެއްޗަށް އެއްފަހަރާ ފައިސާ ދެއްކި ކަމުގައިވިޔަސް ވަކިވަކިން ޕެކްކޮށްފައި ހުރެ އެވެ. ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް އެ ތަކެތި އެއާ ފްރައިޓް ކުރުމަކީ ވެސް ވެއްޓަށް ގެއްލުން ބޮޑު ކަމެކެވެ.

އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުން

އަންނައުނުން ދަބަސް ފެހުން ކަހަލަ ކަންކަމަކީ މީހާގެ އިތުުރު ހުނަރެއް ދައްކާލަން ލިބޭ ފުރުސަތެއް

ކުނި މަދުކުރެވޭނެ އިތުރު އަނެއް ގޮތަކީ އަމިއްލަ އުފެއްދުންތައް އިތުރުކުރުމެވެ. ސާފުކުރުމަށް ބޭނުން ކުރާ ސާމާނު ފަދަ ތަކެތި އެއީ ފަސޭހައިން ގޭގައި ތައްޔާރުކޮށްލެވޭނެ އެއްޗެއްސެވެ. ބޭކިން ސޯޑާ އަދި ވިނިގާ ކަހަލަ ތަކެތި ބޭނުންކޮށްގެން ސާފުކޮށްނުލެވޭ އެއްޗެއް މަދެވެ. 

ލާ އަންނައުނު ނުގަނެ އަމިއްލައަށް ފެހުމަކީ ކުރެވިދާނެ ކަމެކެވެ. މިީގެ އިތުރުން އަންނައުނުގައި ހިތްހަމަނުޖެހޭ ކުޑަ ކަމެއް ހުރެގެން އެއްކޮށް އެއްލާލުމުގެ އާދަ ދޫކޮށްލައި އެހެން ގޮތަކަށް ބަދަލުކޮށްލައިގެން ލުމަކީ ކުރެވިދާނެ ކަމެކެވެ. ނުލާ ޖީންސުން ދަބަސް ހެދުން އެއީ ކުރެވިދާނެ އެއް ކަމެވެ.

މިފަދަ ކަންކަމުގެ ސަބަބުން ވެއްޓާ ރައްޓެހި ދިރިއުޅުމުގެ އިތުރުން މީހާއަށް އިތުުރު ހުނަރުތަކެއް ދަސްވެ އެވެ.

ތަކެތީގެ އުމުރު ދިގު ކުރުމަށް މަސައްކަތް ކުރުން

އެއްކޮށް ހަލާކުވަންދެން ތަކެތި ބޭނުން ކުރުމަކީ ދެމެހެއްޓެނިވި ދިރިއުޅުމަކަށް ކުރެވިދާނެ ކަމެއް

ބޭނުންކުރާ ތަކެތި އަަބަދު އާކުރުމުގެ ވިސްނުން ދޫކޮށްލާށެވެ. ކޮންމެހެން އާ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާ ނަމަ، ބޭނުންކުރެވޭ ހާލަތެއްގައި ހުރި އެއްޗެހި މީހަކަށް ދޭށެވެ. ނުވަތަ ވިއްކާލާށެވެ. މިގޮތަށް ހެދުމުން ތަކެތީގެ އުމުރު ދިގުވެ ކުނި ގޮނޑަށް ދިއުން ލަސްވެ އެވެ. އަދި މިކަމުން މާލީ ފައިދާ ބޮޑެވެ. 

މި އުކުޅުތައް ބޭނުންކޮށްގެން ވެއްޓާ ރައްޓެހި އަދި ދެމެހެއްޓެވި ދިރިއުޅުމެއް ކޮންމެ މީހަކަށް ވެސް އިހްތިޔާރު ކުރެވިދާނެ އެވެ. އަދި އެހެން މީހުންނަށް މި ގޮތްތައް ބުނެދީ ހެޔޮ ބަދަލެއް ގެނެވިދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް