ިއިލަސްޓްރޭޝަން: ސައްޔާފު ޒަނީން

ވާހަކަ

ވާހަކަ: ޕަޅަންދީޕާ – 8 ވަނަ ބައި

9 އޭޕްރީލު 2023
8

އުޑުމަތި ސާފު، ނަލަ އަދި ވަރަށް ހޫނު ގަދަ ދުވަހެކެވެ. އެކަމަކު އެ ހޫނުގައިވީ ދިލަ، މާކިން އަށް އިހުސާސު ވެސް ނުވެއެވެ. އޭނާގެ ޒުވާން ލެޔާއި ޖޯޝުގައި ވަނީ އެއަށް ވުރެ ގަދަ ރޫހެކެވެ. ޝަހީދު ހުސެއިން އާދަމްގެ ހިތްވަރުގައި ކެކި އަރަމުން، ބޮކިޖަހަމުން ދިޔަ ލޭގެ ރޫހެވެ. ގައުމީ ވަތަނީ ރޫހެވެ.

އެއީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ އަށް އަހަރު ފުރިގެން ބޭއްވި އަސްކަރީ ފަރިތަކުރުންތަކެކެވެ. އިންޑިއާގެ އަސްކަރިއްޔާއާ ގުޅިގެން މުޅި ކާފު އަތޮޅުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކެކެވެ. މާކިން އޭނާގެ ސްކޮޑާއެކު އެ ދުވަހު ދަތުރުކުރަމުން ދިޔައީ މާލެ އަށެވެ. ނުރައްކަލެއްގެ އިހުސާސް އެމީހުންނަށް ވާން ފެށީ ޑިންގީއެއްގައި ގިރިފުށިން ފުރިތާ ބައިގަޑިއެއްހާއިރު ފަހުންނެވެ.

އެންމެ ފުރަތަމަ ހީވީ ކަންފަތް ކައިރިން އަޅާފައި ވަޒަންތަކެއް އުދުހިގެން ދިޔަ ހެންނެވެ. އެކަމަކު ޑިންގީގައި ދެން ތިބި ނުވަ ސިފައިންގެ ތެރެއިން އެއްވެސް މީހަކަށް އެ އިހުސާސުވިހެނެއް ހީއެއް ނުވެއެވެ. ނަމަވެސް ސްކޮޑްގައި އިސްކޮށް އިން ސްޓާފް ސާޖެންޓް ސުލެމާނާ ދިމާލަށް މާކިން އެނބުރުނީ ހީވި ހީވުން ބޮލު ތެރެއިން ދަމައި ބޭރުކޮށްލުމަށެވެ.

ދިހަ މީހުން ދަތުރުކުރަމުން ދިޔަ އެ ޑިންގީގަނޑު ބަންޑުން ޖަހާލީ އެ ވަގުތު އެވެ. އިތުރު އެއްވެސް އިންޒާރެއް ދިނުމެއް ނެތިއެވެ. ކޮނޑުގައި އަޅުވައިގެން، ދެ އަތުން ހިފަހައްޓައިގެން ހުރި އޭކޭ ފޯޓީ ސެވަންގެ ހަތިޔާރާއެކު މާކަނޑުގެ ފުންކަމަކަށް މާކިން ގެނބެމުން ދިޔައިރު އޭނާ ސަލާމަތްކުރުމަށް، އޭނާގެ ލޭގައިވީ ޖޯޝާއި ރޫހަށް ކުރެވުނު ހަމަ އެއް ކަމެއް ވެސް ނެތެވެ. ބޮކި އަރުވަމުން ގޮސް މާކަނޑުގެ އެ އަނދިރިކަމަށް ގެނބި ގެއްލުނީއެވެ.

ހީވަނީ ނިމުމެއް ނެތް ފުންކަމަކަށް މަޑުމަޑުން ގެނބެމުން ދިޔަހެންނެވެ. އެހެން ގެނބެމުން ގެންދާތާ އެތައް އިރެއްވީފަހުން ކުއްލިއަކަށް މާކިން ޖަހައިގަނެގެން ދަމައިގަތީ އިރުގެ އަލިގަދަ ދޯދިތަކެއްހެން ހީވާ ހޫނު ބާރަކުންނެވެ. އިރުކޮޅެއް ނުވެ މާކިން ގޮސް ފެނުން މައްޗަށް ބޯހިއްލައި ދެ ލޯ ހުޅުވާލިއެވެ. އޭނާ އަށް ހީވީ ކަނޑުގެ ފުންކަމަށް ގެނބިގެން ގޮސް، ދުނިޔޭގެ އަނެއް ފަޅިއަށް ނުކުމެވުނުހެންނެވެ.

އޭނާ އެ އޮތީ މާކަނޑެއްގެ މެދުގައެވެ. ވިލާތަކުން އުޑުމަތި އޮތީ ބައްދާލައިފައެވެ. އެ ފުސް އަނދިރިކަމުގެ ތެރޭގައި އެއްވެސް ރަށެއް ނުފެނެއެވެ. އަދި އެއްވެސް ބައެއްގެ ހިލަމެއް ވެސް އެހިސާބުގައި ނުވެއެވެ. ކުއްލިއަކަށް މުގުރާލި ހޮނު ގުގުރިއަކާ އެކު ވަރަށް ބޯކޮށް ވާރޭ ވެހިގަތެވެ. އެއާ އެކު މާކިން ފަތައިގަތެވެ. އޭނާގެ އަތުގައި މިހާރު އެއްވެސް ހަތިޔާރެއް ނެތެވެ. އަދި ދެވޭ ނުދެވޭ ތަނެއް އަމުދަކުން އޭނާއަކަށް ނޭނގެއެވެ.

ވާރެ އާއި ކަނޑުމަތީގެ ގަދަ ފިނީގައި ހައެއްކަ ގަޑިއިރުވީ ފަހުން އަނެއްކާވެސް މާ ދުރުން އަލި ދޯދިއެއް ދައްކާލައިފިއެވެ. އެކަމަކު އެއީ ދުނިޔެ މަތީގައިވީ އަލިކަމެއް ނޫންކަން މިހާރު ޔަގީނެވެ. މާކިން އޭރު އޮތީ އޮޔާ ބެހެމުން ދިޔަ ރުއްގުޅިއެއްގައި އެލިގަނެގެންނެވެ. އިރުއޮއްސި މުޅި ދުނިޔެމަތި އޭރު އޮތީ ކަނުއަނދިރިކަމެއްގެ ތެރެއަށް ގެނބިފައެވެ.

ދުރުން ނިވި ދިއްލެން ފެށި ހުދު އަލީގެ ދޯދި އެންމެފަހުން މާކިން އޮތް ހިސާބަށް ފޯރައިފިއެވެ. ނަމަވެސް އެހީއަކަށް އެދި ހަޅޭލަވައިގަންނާނޭ ވަރެއް އެ ޒުވާނާގެ ކިބައިގައެއް ނެތެވެ. ހަޅޭލަވައި، އެހީއަށް އެދި ރޮއި ހޭރިގަތުމަށް އޭނާ އެކަމަކު މަސައްކަތްކުރިއެވެ. އެކަމަކު އަޑެއް ވެސް ނުނިކުމެއެވެ.

އެންމެފަހުން އެ އަލިގަނޑު މާކިން އޮތް ހިސާބާ ވަރަށް ގާތަށް އަތުވެއްޖެއެވެ. އަދި އަލީގެ އެ ގަދަ ދޯދި އުފައްދަމުން ދިޔަ ޑިންގީ އެންމެފަހުން ލޮލަށް ފެންނަވަރުވެއްޖެއެވެ. އެވަގުތު ހީވީ މާކިންގެ ހަތަރެސްފައިގައި އައު ފޯރި އަކާއި ޖޯޝެއް އައިސް ކުއްލިއަކަށް ހިފިހެންނެވެ.

ރުއްގުޅިގަނޑު ދޫކޮށްލާފައި މާކިން އެ ޑިންގީއާ ދިމާލަށް ފަތައިގަތެވެ. އެއީ އޭނާގެ ސްކޮޑް އެކުގައި ދަތުރުކުރި ޑިންގީކަން ޔަގީންވެގެންނެވެ. ފުންމައިގެން ގޮސް އޭނާ ޑިންގީގަނޑުގައި އެލިގަތެވެ. އެކަމަކު އޭގައި އެއްވެސް މީހަކު ނެތެވެ. އިންޖީނުގަނޑެއް ވެސް ނެތެވެ. ހުދުކުލައިގެ ގަދަ އަލި ދޯދިގަނޑެއް އުފައްދަމުން ދިޔައީ އޭގެ ދިރުނބާކޮޅާ ދިމާލުގައި ހަރުކޮށްފައި ހުރި ބައްތިއަކުންނެވެ.

މާކިން އަވަސްއަވަހަށް ޑިންގީ އަށް އަރައި ހިންދަމައިލިއެވެ. އޭގެ ތެރޭގައި އޭކޭ ފޯޓީ ސެވަންގެ ބަޑިއެއް ފިޔަވައި އިތުރު އެއްވެސް ހަތިޔާރެއް ނެތެވެ. ބޯލާނެ ފެންފޮދެއްހާ ވަރު ވެސް ނެތެވެ. އެކަމަކު އަނެއްކޮޅުން މާކިން އޮތީ ހިރިލެވޭ ވަރަށް ވުރެން ވެސް ވަރުދެރަވެފައެވެ. ޖެހުނު ގޮތަށް އެހެން އޮވެ އެންމެފަހުން ޚަބަރު ހުސްވީއެވެ.

ސިއްސައިގެން އޭނާ އަށް ހޭލެވުނީ ރަތްދަކަ އަވިން ފިހޭތީއެވެ. ހައިހޫނުކަމުގައި ހާންތިވެ އަނދާތީއެވެ. ފުންމައިގެން ތެދުވިއިރު މުޅި ދުނިޔެ މަތި އޮތީ މީގެ ކުރިން ދުވަހަކުވެސް އިހުސާސުނުވާހާ ގަދަ ހޫނަކުން ބައްދާލައި ދިއްލާލައިފައެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ދިރުނބާކޮޅުގައި ޖައްސާލައިގެން އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ހުދުކުލައިގެ ވަރަށް ރީތި ދޫންޏެކެވެ. އެއީ ބޮޑުގާދޫންޏެކެވެ.

އޭގެ ތުނބުގައި އޮތީ ފަރުތޮޅިއެކެވެ. ދެ ފިޔަގަނޑަށް ވަރުވަރު ލައްވަމުން ދެ ލޯ އަޅަމުން ދިޔައިރު ހީވަނީ މާކިން އަށް ޖެހިފައި އޮތް ހާލާ މެދަށް މަލާމާތްކޮށް ހެމުން ދާ ހެންނެވެ. މާކިންގެ ގައިގައި މިހާރު އަމުދަކުން އެއްވެސް ވަރެއް ނެތެވެ. އެކަމަކު، ޖެއްސުންކުރަމުން ދިޔަ ބޮޑުގާދޫންޏަށް މަޑުމަޑުން ފާރަލަމުން ގޮސް ފުންމައިގަތެވެ. އެއާއެކު އެ ދޫނި ބިރުން އުދުއްސައިގަތެވެ. އޭތީގެ ޝިކާރައިގެ ވަސް ވެސް މާކިންއަކަށް ނުލިބުނެވެ.

މާކިން އެނބުރިގެން ގޮސް ހިފީ ޑިންގީ ތެރޭގައި އޮތް އޭކޭ ފޯޓީ ސެވަންގައެވެ. އެ ހަތިޔާރު ނަގާނޭ ވަރެއް ވެސް އޭނާގެ ގަޔަކު ނެތެވެ. ބަޑި އޮތް ތަނުގައި އޭނާ ޖައްސާލިއެވެ. ނޫކުލައިން ދިއްލާފައި އޮތް އުޑާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭރު ރިޔައު ނެގި ބޮޑު އޮޑިއެއް ވަރަށް މަތިން ހުދު ވިލާތައް ކަފަމުން ދާތަން ފެނެއެވެ. ވިލާތަކުގެ މަތިންނެވެ. ވިލާތައް ކަފަމުން ރިޔައުގަނޑު ކޮށިކުރަމުންދާއިރު އެ އޮޑިން މާމުއިގެ އާރެއް އުޑުމަތީގައި ދެމެމުންދެއެވެ. މޭވާތައް އެ އޮޑިން ބަންޑުންވަމުންދެއެވެ. އެކަމަކު އެ އޮޑި ގޮސް އެހެން ވިލާގަނޑެއްގެ ތެރެއަށް ވަދެ އެންމެފަހުން ގެއްލިއްޖެއެވެ.

ނުވަތަ އެއީ މާކިން އަށް ހަމަ ހީވި ގޮތެކެވެ. ވަރުބަލިވެފައިވާ އޭނާގެ ސިކުނޑި އާއި ހާންތިވެ ހުލިވަމުން ދިޔަ އޭނާގެ ޖިސްމުގައިވީ އެދުމާއި އާދޭސް އުފައްދައި ލޯ މައްޗަށް ފާއްދަމުން ދިޔަ ހިޔާލެކެވެ. ކުއްލިއަކަށް އައިނުތަކުން ކޯމަސްތަކެއް ފުމެގަތެވެ. އެކަމަކު މިފަހަރު އެއީ ބަނޑުހައިވެގެން މޮޔެވެފައިވާ އޭނާގެ ސިކުނޑި އުފެއްދި ހިޔާލީ ތަސްވީރެއް ނޫނެވެ.

ފުމެމުން ދިޔަ ކޯމަސް އައިނާ ދިމާލަށް ބަލަހައްޓައިގެން އޮތްވައި މާކިންގެ ލޮލުގައި އަޅައިގަތީ އޮޔާއި ވަޔާ އެކުގައި ބެހެމުން އޭނާގެ ޑިންގީގަނޑާ ދިމާލަށް މަޑުމަޑުން އެނބުރެމުން ދާ ކާއްޓެކެވެ. ބެހެމުން އައި ކާށި ޑިންގީއާ ހަމަކޮށްލިތަނުން އެ ކާށި ނަގަން މާކިން ތެޅިގަތެވެ. އެވަގުތު އޭނާއާ ދިމާކޮށްލީ އޭގެ މައްޗަށް އަރައި އޮތް ކަނޑުކަކުންޏެކެވެ. ގަދަމުށިކުލައިގެ އެ ކަކުނި އޭތީގެ ދާނަދަތްގަނޑު ހިއްލައި ހުސިޔާރުވެގަތެވެ. އެކަމަކު އެ މާ ކަކުންޏަށް ވުރެ ކުރިން މާކިންގެ އަތުގައި މިފަހަރު ހިފީ ނަސީބެވެ.

ކާއްޓާއި ކަނޑުކަކުނި ކެއި ހަނދާނެއް މާކިންގެ ނެތެވެ. އެކަމަކު ރަތްދަކަ އަވިން ރޯފިލުވައިގެން ކެއި އެ ކަކުނީގެ މަހާއި ބަޑީގެ ބުޑުން ތަޅައި ސުންނާފަތިކޮށް، އެންމެފަހުން ހެހެލައިގެން ފަޅާލައިގެން ކެއި ކާށިވީ އޭނާ އަށް މަންނާ އާއި ސަލްވާއަށެވެ.

ބަނޑުފުރާލައިގެން އޭނާ އަނެއްކާވެސް ޑިންގީ ތެރޭގައި ޖައްސާލިއެވެ. އޮޔާއި ވަޔާ އެކުގައި އޭރު ވެސް ދެވޭ ނުދެވޭ ދިމާލެއް ނޭނގެއެވެ. އޮތް ހިސާބެއް ވެސް ނޭނގެއެވެ. އުޑާއި ކަނޑު ފިޔަވައި އެހެން ތަނެއް ވަށައިގެނެއް ނުފެނެއެވެ. ރަށެއްގެ މަލަމަތި ނުފެނި މާކިން އާއި އެ ޑިންގީ އަދިވެސް އެނބުރެމުން އެ ދަނީ ބުނެދޭން ނޭނގޭ ހުސްކަމެއްގެ ތެރޭގައެވެ.

އިރުއޮއްސުމާ އެކު ވައިބާރުކޮށްލައިފިއެވެ. ކަނޑުގަދަވެ ޑިންގީގަނޑު ތެރެއަށް ރާޅުތައް ބިންދަން ފަށައިފިއެވެ. އެކަމަކު މިހާރު މާކިންގެ ގައިގައި ވަރު އެބަހުއްޓެވެ. މި ތޫފާނަކަށް އޭނާ ކުޑަ ވެސް ދުލެއް ދޭކަށް ބޭނުމެއް ނުވިއެވެ. ކާއެތިކޮޅު ޑިންގީގެ ވަތެއްގައި ފޮރުވައި އަންނަން އުޅޭ ކެރިގަނޑާ ކުރިމަތިލުމަށް އޭނާ ތައްޔާރުވެގަތެވެ.

ކުއްލިއަކަށް ބޯކޮށްލި ވާރެއާ އެކު ކަނޑުގެ ރާޅުތައް ހީވަނީ މާކިން އާއި އޭނާގެ ޑިންގީގަނޑު ޖަހައިގަނެގެން، އަޑިއަށް ދަމައިގަނެގެން ގެންދަފާނެހެންނެވެ. މި ހާލެއްގައި އުޅެނިކޮށް ވިއްސައިގެން ގޮސް ޖެހުނު ގޮތަށް ޖެހި އޭނާގެ ޚަބަރު ހުސްވީ ދިރުނބާކޮޅަށް ހޮނުއަޅައި އެދިމާލުގައި ހަރުކޮށްފައި ހުރި ބައްތި އާއި ދިރުނބާކޮޅު އެކުގައި ހަލާކުކޮށްލި ކުއްލި ހަމަލާއިން ސަލާމަތްވާން ތެޅެމުން ދަނިކޮށެވެ.

އަލުން ހޭވެރިކަންވީއިރު ވަރަށް ދުރުން މީހެއްގެ ހަޅޭކުގެ އަޑު އިވެއެވެ. އިރުކޮޅެއް ވަންދެން މާކިން އަށް އޮވެވުނީ އެކަން ގަބޫލުނުކުރެވިފައެވެ. ޑިންގީ ތެރެއަށް ބިންދި ރާޅުތަކާ އެކު ހެދިފައި އޮތް ދިޔަގަނޑު ތެރޭގައެވެ. މިހެން އޮވެ މަޑުމަޑުން ހަތިޔާރު ނަގައި މާކިން ބޯހިއްލައި ބަލައިލީ އެ އަޑު އަންނަ ދިމާލަށެވެ.

އޭރު ފަތާފައި އޭނާގެ ޑިންގީއާ ދިމާލަށް މީހަކު އެބަ އާދެއެވެ. ފުންމައިގެން ތެދުވެ މާކިން އޭނާގެ އޭކޭފޯޓީ ސެވަން ނަގައި ދެ އަތަށް ހެޔޮވަރުކޮށް އެމީހާއާ ދިމާލަށް އަމާޒުކޮށްގަތެވެ. އެކަމަކު އޭގައި ހަމަ އެންމެ އުންޑައެއް ވެސް ނެތްކަން އެންމެ ރަނގަޅަށް ވެސް އެނގެނީ މާކިން އަށެވެ. އަދި އެ ހާލަތު، އޭނާގެ ޑިންގީއާ ދިމާލަށް ފަހަތަމުން އެ އަންނަ މީހާ އަށް ނޭނގޭ ނޭގުންވީ މާކިންގެ ނަސީބަށެވެ.

ފަތަމުން އައި މީހާ ޑިންގީއާ އަރައި ހަމަކޮށް އޭގައި އެލިގަތެވެ. އެއީ މާކިންގެ ސްކޮޑުގައި ވެރިޔަކަށް ހުރި ސުލެމާނެވެ. ސުލެމާނުގެ ހުދު ބޮލާއި ތުނބުޅި ވަނީ ހިސާބަކަށް ދިގުވެފައެވެ.

ހަތިޔާރުގަނޑު ޑިންޑީ ތެރެއަށް އެއްލައިލުމަށް ފަހު، ވަރުބަލިވެފައި އޮތް ސުލެމާނު ނަގައި މާކިން ޑިންގީ އަށް އަރުވައިފިއެވެ. އޭނާގެ ބަނޑުގައި ހެދިފައި ހުރި ޒަހަމް މާކިން އަށް ފެނުނީ އެވަގުތެވެ. އެއީ މިޔަރެއްގެ ހަމަލާއެވެ. ސުލެމާނުގެ ބަނޑާ ދިމާލުން އަރިކަށިން ވަނީ ކައިވަތެއްހާތަން އިރައިގެން ގޮސްފައެވެ. އެ ހާލުގައި އޮވެ ވެސް ސުލެމާނު ދައްކަމުން ދިޔަ ހިތްވަރު ފެނި ބުނާނެ އެއްޗެއް މާކިންއަކަށް ނުވިސްނުނެވެ.

އޭނާ ތެޅިގަތީ ސްޓާފް ސާޖަންޓް، ސުލެމާނަށް ކަކުނި މަހާއި ކާށީގެ މީރު ކެއުން ދޭށެވެ. އެކަމަކު ޑިންގީގަނޑަށް ހޮނުއަޅައި ވަތް ހަލާކުވެ އެ ހުރިހާ ކާ އެއްޗެހިތަކެއް ވަނީ ތޫފާނާއި ކަނޑަށް ޖަހައިގެން ގެންގޮސްފައެވެ.

ކާނެ އެއްޗެއް ނުލިބި އަނެއްކާވެސް އެހެން ދުވަހަކަށް އިރުއޮއްސުނީއެވެ. ހަފުތާއެއްވީއިރު ވެސް މާކިން އޮތީ ބަނޑަށެވެ. ސުލެމާނު އޮތީ ޚަބަރު ހުސްވެފައެވެ. ނުވަތަ މަރުވެފައެވެ.

ސުލެމާނުގެ ގައިން މަސް އިރައިގެން މާކިން ކާން ފެށީ އޭގެ އެއް ހަފުތާ ފަހުންނެވެ. ކުރަން ކިތަންމެ ބޭނުން ނުވިޔަސް އެންމެފަހުން ބަނޑުފުރާ މުއްތިކުރެވޭނެ ގޮތެއް އޭނާ އަށް ލިބުނީއެވެ. އަދި އެ ކެއުމަށް މަސްތުވެ ޣަރަގުވީއެވެ.

އޭގެ ފަހުން ބައްތިރީސް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް މާކިންގެ ކެއުމަކަށް ވެފައި އޮތީ ސުލެމާނެވެ. ސުލެމާނުގެ މުޅަ މަހާއި ކަނޑުމަތިން ހޮވި ކާއްޓެވެ.

ގަސްކަރައެއް ފެނުނީ ހައްޓި ދުވަސް ފަހުންނެވެ. އޭރު ޑިންގީ ތެރެއިން ފެންނަން ހުރީ މިނިކަށި އެކަންޏެވެ. ޑިންގީން ފުންމާލައިގެން ގޮސް ފުއްޓަރާވީ ދިމާލުން މާކިން އެރީ އެ ރަށަށެވެ. ޑިންގީގަނޑު އޮޔާ ދިޔައީއެވެ. އެކަމަކު މާކިން ރަށަށް އެރީ އޭނާގެ އެސަލްޓް ރައިފަލު ހިފައިގެންނެވެ.

އެއީ ވަރަށް ފަގީރު ބަޔަކު ދިރިއުޅެމުން ދިޔަ ރަށެކެވެ. އެމީހުންގެ ގެތަކަކީ ފަންޖިފުޓިން ހަދާފައިވާ ތަންތަނެވެ. އުނުއޮރިޔާން ވެސް ރަނގަޅަކަށް ނިވައެއް ނުކުރެއެވެ. އަދި އެމީހުން ވެސް ތިބީ ބަނޑަށް ޖެހިފައެވެ. ކަމީނާވެ ސިފަ ހުތުރުވެފައެވެ. އެމީހުންގެ ތެރޭގައި ނުބައިވެގެންވީ ބަލިމަޑުކަމެއް ވެސް އޭރު ވަނީ ފެތުރިފައެވެ. އަދި އެމީހުންގެ ހަމައެކަނި ކެއުމަކީ ރުކުން ލިބޭ އެއްޗެކެވެ. ރުކުން ލިބުނުހާ އެއްޗެކެވެ. އެކަމަކު ވަރަށް ގިނަ ރުއްތައް ވެސް ވަނީ ބަލިވެ މަރުވެފައެވެ. ރަށުގައި، މޭވާއެއް ލިބޭ ޒާތެއްގެ ހަމަ އެންމެ ގަހެއް ވެސް ނެތެވެ.

ހަތިޔާރު އަޅައި ރަށު ތެރެއަށް ވަދެގެން އައި މާކިން ފެނުމުން އެމީހުން ތިބީ އަޖާއިބުން އަޖާއިބުވެ އަންތަރީސްވެފައެވެ. މާކިންގެ ހިތަށް ވެސް ވަނީ ބިރުވެރިކަމެވެ. ނަމަވެސް އޭނާ އެ ރަށުން ފުރައިގެން ދިޔައީ ރަށު ތެރެއިން ފެނުނު ކުޑަ އަންހެން ކުއްޖަކު ޖަހައިގަނެގެންނެވެ. ރަށުގެ ގޮނޑުދޮށުގައި އޮތް ބޮއްކުރާއަކަށް އަރައި ފަލިޖަހަމުންނެވެ.

އެކަމަކު އޭނާ ރަށް ދޫކޮށްލާފައި ދާހިތެއް ނުވިއެވެ. ބޮއްކުރާގައި ގެންދިޔަ އަންހެން ކުއްޖާ ކައި ހުސްކޮށްލުމަށް ފަހު އަނެއްކާވެސް އެނބުރި ދިޔައީ އެ ރަށަށެވެ. ދެ ހަފުތާ ފަހުން އަނެއްކާވެސް ކެތްނުކުރެވިގެންނެވެ. ސުލެމާނު ކައި ހުސްކޮށްލިފަހުން މާކިން އަށް އައިސްފައި ވަނީ އޭނާ އަށް ވެސް ބުނެދޭން ނޭނގޭ ކަހަލަ ބަދަލެކެވެ.

އެންމެފަހުން މާކިން ގޮސް ވަޒަންވެރިވީ އޭނާ ޝިކާރައަށްދާ ރަށާ ކައިރީގައި އޮތް ކުޑަ ފަޅުރަށެއްގައެވެ. އެގޮތަށް އޭނާ އެ ރަށުގައި ހައެއްކަ އަހަރު ދިރިއުޅުނެވެ. އޭނާގެ ބަނޑުކެއުމަކީ ޖެހިގެން އޮތް ރަށުގައި ދިރިއުޅުނު ގަބީލާގެ މީހުންނެވެ. ނަމަވެސް އެންމެފަހުން އެމީހުން އެ ރަށް ދޫކޮށް ދިޔަ ހިސާބުން އާދަޔާހިލާފު ބަނޑުހައިހޫނުކަމެއް އަނެއްކާވެސް އެނބުރި އައިސް މާކިންގެ ގައިގައި ބައްދައިގަތެވެ.

މަސްމަހާމެއްސެއް ކާހިތެއް ނުވެއެވެ. ރަށްތަކުން ލިބެން ހުންނަ މޭވާގެ ބާވަތްތައް ކޮންމެވެސް ވަރަކަށް ކައި ހަދައެވެ. ނަމަވެސް މީހުން ކަތިލައިގެން ކެއުމަށް ދެވި ހިފި ހިސާބުން އޭނާ ދަމައިގެން ގެންދިޔައީ އެނބުރި އައުމެއް ނެތް ދުނިޔެއަކަށެވެ. އޭރުވެސް، ދިރިއުޅެމުން ދިޔަ ދުނިޔެއެއް ވެސް މާކިންއަކަށް ނޭނގެއެވެ. ނުވަތަ ނަރަކަގެއަކަށް ވެއްޓިފައި ވިޔަސް އޭނާ އަށް މިހާރު ވަރިހަމަ ތޯއްޗެވެ.

ބޮއްކުރާގައި ފަލި ޖަހަމުން ގޮސް މާކިން އެރީ ގާމަތީރަށަކަށެވެ. އެއީ ތުރާކުނޭ ކިޔުނު ފަޅު ރަށެކެވެ. އެކަމަކު އަބަދުވެސް ނަސީބު އައިސް މާކިންގެ އަތުގައި ހިފާހެން މިފަހަރު ވެސް ނަސީބު ހިފީ އޭނާގެ އަތުގައެވެ. ރައިފަލުގަނޑު ކޮނޑުގައި އަޅުވައިގެން ރަށު ތެރެއަށް ވަދެގެން ދަނިކޮށް އޭނާ އަށް ފެނުނީ ފަންޖިފުޓިގަނޑެކެވެ. ފަޅު ރަށަކަށްވިޔަސް، ރަށުގައި ކޮންމެވެސް ބަޔަކު ދިރިއުޅޭ ކަމުގެ ނިޝާނެކެވެ.

ގަސްތަކުގެ ތެރެއިން ވަގުވަގަށް ކުރިއަށް ޖެހެމުން ގޮސް އޭނާ ޖިފުޓިއަށް ބޯދިއްކޮށްލިއިރު އެތެރޭގައި އަޅާފައި އޮތް ފަންވަތުގެ ދާނެއްގައި އޮށޯވެލައިގެން އޮތީ ވަރަށް ދޮން އަންހެނެކެވެ. އެ އަންހެން މީހާ އޮތީ ދަރިއަށް ބުއްދޭށެވެ.

މީހެއްގެ ހިލަންވެގެން، ދަރިފުޅު މަސަލަސްކުރަމުން އެ އަންހެން މީހާ އެނބުރި ބަލައިލިއިރު ޖިފުޓި ތެރެއަށް ވަދެހުރީ ހަތިޔާރު އެޅި ފިރިހެނެކެވެ. އެއީ ދިވެހި ސިފައިންގެ މީހެއްކަން އެ އަންހެން މީހާ އަށް ވަގުތުން ޔަގީންވިއެވެ. އަދި އުފަލުން ފޮޅި، ތެޅިގަނެވުނެވެ. އެންމެފަހުން މި ފަޅު ރަށާއި، ގޮތް ނޭނގޭ މި ދުނިޔެ އިން އޭނާ ސަލާމަތްކުރަން އައިސް ހުރި ސިފައިންގެ މީހެއް ކަމަށް ހީކޮށެވެ.

އެކަމަކު ކުރިއަށް ޖެހެމުން އައި އެ ސިފައިންގެ މީހާގެ އަތުގައި އޮތް ރައިފަލު ނަގައި، އޭގެ ބުޑުން އެ އަންހެން މީހާގެ މޫނު މަތީގައި އަޅުވާލި އެތިފަހަރާއެކު ބިންމައްޗަށް ވައްޓައި ގަޅުވާލިއެވެ. އޭނާގެ އަތުން ވިއްސައިގެން ގޮސް ޖެހުނު ދަރިފުޅު ވަރަށް ބާރަށް ރޮއިގަތެވެ. އެކަމަކު މާކިންގެ ހިތުގައި ހަމަ އެއްވެސް ރަހުމެއް، ހަމްދަރުދީއެއް ނުވެއެވެ.

އެ ދެ މައިންގެ ހިތާއި މެއިން ބަނޑުފުރާލައިގެން ޖިފުޓިން ނުކުމެ ބޭރުގައި ހުރި ޖަމްބު ގަހެއްގެ ހިޔަލުގައި އޭނާ ޖައްސާލިއެވެ. އެހެން އޮތްވައި ލޮލުފިޔަ ޖެހުނު އިރެއް ނޭނގެއެވެ. މީހެއްގެ ހިލަންވެގެން ލޯ ހުޅުވައި ބެލިއިރު ކުރިމަތީގައި ހުއްޓިހުރީ ބޮލާއި ތުނބުޅި ވަރަށް ދިގުވެ، ހަށިގަނޑު ކަމީނާވެފައި ހުރި ދެބައި އުމުރުގެ ފިރިހެނެކެވެ.

އެއީ އާދަމް ފިކްރީ އެވެ. ޖިފުޓި ތެރޭގައި މާކިން ރަހުމުކުޑަ މަރަކުން މަރައި ކައި ހުސްކޮށްލި ވަފިއްޔާގެ ފިރިމީހާއެވެ. އަދި މި އަޖާއިބުކުރުވަނިވި ދުނިޔެ އަށް ގެއްލުނުތާ 8 އަހަރު ފަހުން ވަފިއްޔާ ބަލިވެއިނދެ މީގެ ހައެއްކަ މަސް ކުރިން ވިހެއި ދަރިފުޅުގެ ބައްޕައެވެ.

އަންހެނުންނާއި ދަރިފުޅަށް ހަދާލާފައި އޮތް ފެނުމުން ފިކްރީގެ ހިތް ދިޔައީ ފަޅައިގެންނެވެ. އެކަމަކު މިފަހަރު މާކިންގެ އަތުގައި ނަސީބެއް ނުހިފިއެވެ.

މިއީ މިހާރު އޭގެ ފަސް އަހަރު ފަހެވެ.

ފަރު މައްޗަށް ނުކުމެ އުޅެނިކޮށް ފިކްރީގެ ލޮލުގައި އަޅައިގަތީ އޭނާގެ ރަށާ ދިމާލަށް ފަލިޖަހަމުން އަންނަ ކުޑަކުޑަ ބޮއްކުރާއެކެވެ. ބީއްސާލި ބޮއްކުރާއިން ފައިބައިގެން އެއްގަމަށް އެރި ދެ މީހަކު ފެނުމުން އަވަސްއަވަހަށް ރަށު ތެރެއަށް އަރައިގެން ގޮސް ފިކްރީ ވަނީ އޭނާ އެއްކޮށްފައިވާ ހަތިޔާރުގެ ގުދަނަށެވެ. އެތަނުގައި ކަނޑި އައްޑަނައިން ފަށައިގެން ގޮސް ބަނޑި އާއި ވަޒަންފަތި ވެސް ހުއްޓެވެ. އެއީ މުޅިން ވެސް އޭނާ އެކި ރަށްތަކުން ހޮވައިގެން ގެނެސް އެއްކޮށްފައިވާ އެއްޗެއްސެވެ.

ފިކްރީ ގޮސް ނެގީ ރައިފަލެކެވެ. އެއީ އޭނާގެ އަންހެނުންނާއި ދަރިފުޅު މަރާލި ގާތިލުގެ ޒަމާން ދުއްވާލާފައި އޭނާގެ އަތުން ޖަހައިގަތް ހަތިޔާރެކެވެ. އޭގައި އޭރު ވަޒަނެއް ނެތަސް، ރަށަށް އަރައިގެން އަންނަ ގޮތްނޭނގޭ ދެ މީހުންނާ ކުރިމަތިލުމަށް ފިކްރީ އެ ނުކުންނަނީ އުންޑައިން ބަރުކޮށްފައިވާ ރައިފަލެއް ހިފައިގެންނެވެ.

ޖިފުޓިގަނޑުން ބޭރަށް ނުކުމެ ފިކްރީ ބަޑި ނަގައި އަމާޒުކޮށްގަތެވެ. އޭނާގެ ޝިކާރައަކީ ގޯތި ތެރޭގައި މަޑުކޮށްލައިގެން ހުރި ޒުވާން ފިރިހެނެކެވެ. އެއީ އަލާދީދީއެވެ.

(މި ވާހަކައިގެ ދެން އޮތް ބައި އަންގާރަ ދުވަހު)

ކޮމެންޓް (8)

ޜައިތަރ

24 އޭޕްރީލު 2023
މިމީހުން ނަދީމް / އެދުރު) ލިޔާ ވާހަކަ ދުވަހަކު ނުނިންމާނެ. ރައިޓަރސް ބްލޮކް އަންނަނީ ތޯއްޗެއް.
2 0

ދީނާ

13 އޭޕްރީލު 2023
ޕްލީޒް އަޕްލޯޑް ދަ ނެކްސްޓް ޓޫ އެޕިސޯޑްސް :(
2 0

ސަހަރާ

13 އޭޕްރީލު 2023
ކޮބާހޭ ދެން އޮތް ބައި؟
0 0

ބަރަ

12 އޭޕްރީލު 2023
ކާންޓް ވެއިޓް ފޮ ނެކްސްޓް ބާބު
0 0

އަކޫ

12 އޭޕްރީލު 2023
ވަރަށް ސަޅި. ހިއެއްވެސް ނުކުރަން މާކިންގެ ނިމުން އަންނާނީ އެހެންނޭ.
0 0

ޔާހަބޭސް

9 އޭޕްރީލު 2023
ދަ ރައިޓިން..ދަ ޑިސްކްރިޕްޝަން. މަ މިއޮތީ އެ ޖިފުޓިގަނޑުގަ ހެން ހީވީ. ހަަމަ ހަބޭސް. ތި ސިފަކުރުން އެއްވަނަ.
4 0

ޕަރސަން

9 އޭޕްރީލު 2023
ކޮބާ މަ އޭރުވެސް ބުނީމޭނުން އެވާނީ ފިކުރީއަށޭ.
1 0

ޮޮޮޮޮޖހހގފ

11 އޭޕްރީލު 2023
@ޕަރސަން މީގެ 1 އަހަރު ކުރިން އަހަރު އަހަރުން އެހެން މި ކިޔަނީ😂😂
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް