ފަތްމިނި ބޮޑުބެރު ގުރޫޕްގެ ބައިވެރިން: މިއީ ބޮޑުބެރުގައި ވަރަށް ހާއްސަ ގްރޫޕެއް

މިއުޒިކް

އަންހެން ބޮޑުބެރު ގްރޫޕް 'ފަތްމިނި' މިރޭ އޮލިމްޕަހަށް

ފަތްމިނި ބޮޑުބެރު ގުރޫޕް 2014 ގައި އުފެދުނު ގޮތަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އަންނަނީ ޝޯތައް ދެމުން
18 މާރިޗު 2023
1

ދިވެހި ސަގާފަތުގައި ބޮޑު ބެރަކީ ކުރިން ހަމައެކަނި ފިރިހެނުންނަށް ހާއްސަ އެއްޗަކަށް ވިޔަސް، ދޭތެރެ ދޭތެރެއިން އަންހެން ބޮޑުބެރު ގްރޫޕްތައް ފެނެ އެވެ. އެގޮތުން 2014 ގައި 'ހޯޕް ފޯ ވިމަން' ޖަމިއްޔާއިން އެ އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެނުން ބޮޑުބެރުގެ ތެރެއަށް ނެރެން ކުރި މަސައްކަތް ކާމިޔާބެވެ.  

'ސިކަންދަރު' ބެރު ގުރޫޕްގެ އެހީގައި، އަޖުމަބެލުމުގެ ގޮތުން އަންހެނުންނަށް ބެރު ޖަހަން ދަސްކޮށްދިނެވެ. މިއީ އަންހެން ބޮޑުބެރު ގުރޫޕް 'ފަތްމިނި' އުފައްދަން ހޯޕް ފޯ ވިމަންއިން ކުރި މަސައްކަތުގެ ނަތީޖާ އެވެ.

ފަތްމިނި ބޮޑުބެރު ގުރޫޕް

ބެރަށް ހުރި ލޯތްބާއި ޝައުގާ އެކު ވޭތުވެދިޔަ ނުވަ އަހަރު ފަތްމިނި ފާހަގަކުރެވުނީ މެދު ކެނޑުމެއްނެތި، ޕްރޮފެޝަނަލްކޮށް ޝޯ ދިން ހަމައެކަނި އަންހެން ބޮޑުބެރު ގުރޫޕަށެވެ.

ފަތްމިނި ބޮޑުބެރު ގުރޫޕްގައި ހިމެނެނީ؛

ބެރުޖެހުމުގައި؛

އައިޝަތު ހިޝްމަ

ލިލާ އިބްރާހިމް

އައިޝަތު ރިފްގާ

ފާތިމަތު ރިޝްތާ (ނެށުންތެރިޔާ)

ނަގާ ކިޔާމީހުން؛

އައިމިނަތު ރިޝްމާ

ޝައިހާ ސަމީއު

ޒުވާބު ކިޔާ؛

ލީނާ އިބްރާހިމް

އައިޝަތު ޝަހުމާ (ނެށުންތެރިޔާ9

އައިޝަތު ޖައުދާ

ހަދީޖާ ފައިނާން އަލީ (ނެށުންތެރިޔާ)

ފާތިމަތު ޝިފާ ޝަފީގު (ނެށުންތެރިޔާ)

ފާތިމަތު މަލްސާ (ނެށުންތެރިޔާ)

މަރިޔަމް ޖިނާން

ހައްވާ ނުޒުހަތު

ޝައުފާ ހުސެން ހަބީބް

ފާތިމަތު މަލްދާ (ނެށުންތެރިޔާ)

 މި ގްރޫޕް މާލޭގެ ކަނޑުތޮށިން ބޭރަށް އެކި ދަތުރުތަކުގައި ހިނގައްޖެ އެވެ. އަދި ރާއްޖެއިން ބޭރަށް ވެސް ވަނީ ދަތުރުކޮށްފަ އެވެ. އެގޮތުން އިންޑިއާ، މެލޭޝިއާ އަދި އެމެރިކާގައި ބޮޑުބެރުގެ ހަރަކާތްތައް ދައްކާލި އެވެ.

ފަތްމިނި ބޮޑުބެރު ގުރޫޕް

ގުރޫޕްގެ ފަރާތުން 'ދައުރު' އަށް އިންޓަވިއުދިނީ ފެށުނީއްސުރެ އެ ގުރޫޕުގައި ބެރުޖެހުމުގައި ހަރަކާތްތެރިވި އައިޝަތު ހިޝްމާ އެވެ. ރ. ރަސްމާދުއަށް އުފަން ހިޝްމާ ނިސްބަތްވަނީ ބޮޑު ބެރުގެ އާއިލާއަކަށެވެ. އެގޮތުން އޭނާގެ ބައްޕަ އާއި ބޮޑު ބޭބެމެންނަކީ ބެރުޖެހުންތެރިންނެވެ.

ހޯޕް ފޯ ވިމަން އިން ގޮވާލި ގޮވާލުމަށް އިޖާބަދީ، ބެރާ އެކު އޭނާ ލީޑް ނެގި އެވެ. ކަރުގައި ބެރު އެލުވާ، އެ ޖަހަން ފެށި ގޮތަށް އޭނާ އަދިވެސް، އެހެރީ އެކަމުގަ އެވެ.

ފަތްމިނި އެމީހުންގެ ފުރަތަމަ ލަވަ ކުޅެނީ

ހިޝްމާ ބުނި ގޮތުގައި ވަރަށް ގިނަ މީހުން، އެ ގުރޫޕާ ގުޅި ޝޯދިނުމުގައި ހަރަކާތްތެރިވިޔަސް 2014 އިން ފެށިގެން މިހާ ހިސާބަށް ތިބީ ތިން މީހުންނެވެ. އެކި ސަބަބުތަކާ ހެދި ކެނޑިގެން ދާން ޖެހެނީ އެވެ.

"އެއްބަޔަކު ކެނޑެނީ އާއިލާއިން ފުރިހަމަ ސަޕޯޓް ނުލިބިގެން، ނުވަތަ ބޮއިފްރެންޑްގެ ފަރާތުން މިކަމަށް ސަޕޯޓް ނުލިބިގެން،" ހިޝްމާ ބުންޏެވެ.

ދިވެހި ބޮޑުބެރަކީ ފިރިހެނުން ކުޅެމުން އައި އެެއްޗަކަށް ވިޔަސް 'އަންހެނުންނަށް ވާނެއޭ' ބުނަމުން ފަތްމިނި މިހާތަނަށް ތަފާތު ޝޯތައް ދީފި އެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި އޮފީހުގައި 2018 ވަނަ އަހަރު އެމީހުން ބޮޑުބެރު ޖެހި އެވެ. މެލޭޝިއާ އާއި އިންޑިއާ އަދި ޖަޕާންގައި ވެސް ރާއްޖެ ތަމްސީލުކޮށްދިނެވެ. ރިސޯޓްތަކުގައި އާންމުކޮށް ޝޯ ދެ އެވެ. އެކި އިވެންޓްތަކުގައި ވެސް ލަވަ ހުށަހަޅަ އެވެ.

ފަތްމިނި ބޮޑުބެރު ގުރޫޕް ޔޫއެން ހެޑްކުއާޓާޒްގައި ދިވެހި ބޮޑު ބެރު ނެށުން ހުށައަޅައިދެނީ
ފަތްމިނި ބޮޑުބެރު ގުރޫޕާ އެކު އެމެރިކާއަށް ދިޔަ ޓީމު

ނިއު ޔޯކަށް ދިއުމާ ބެހޭ ގޮތުން ހިޝްމާ ބުނީ އެކަހަލަ ފުރުސަތެއް ލިބުމުން ވަރަށް އުފާވި ކަމަށެވެ.

"އެއީ ހަމަ ވަރަށް ބޮޑު މައިލްސްޓޯނެއް،" އޭނާ ބުންޏެވެ.

ޔޫއެންގައި ފަތްމިނިން ބޮޑުބެރު އެންމެން ވެސް ފޯރި ނެގި އެވެ.

"ރާއްޖެއިން ބޭރަށް ގޮސް ދޭ ޕާފޯމަންސްތަކުން އަބަދުވެސް ވަރަށް ޕޮޒިޓިވް ރިއެކްޝަނެއް ލިބޭ،" އޭނާ ބުންޏެވެ.

މިއީ ރާއްޖޭގެ ގުރޫޕެއް ޔޫއެންގައި ތަމްސީލްކުރި ފުރަތަމަ ފަހަރެވެ. ފަތްމިނިއަށް ލިބުނު މި ފުރުސަތުގައިދިވެހި ސަގާފަތުގެ ސިފަތައް ދައްކާލި އެވެ. 

އދ.ގެ މައި އޮފީހުގައި ފަތްމިނި ގްރޫޕް ބޮޑުބެރު ޖަހަނީ

މެލޭޝިއާގައި އަންހެން 40 ޓީމާ ވާދަކޮށްގެން، މުބާރާތަކުން އެއް ވަނަ ހޯދި އެވެ. މިއީ އެމީހުންނަށް ލިބުނު ފަހުރުވެރި ކާމިޔާބީއަކަށް ވިޔަސް އެކަން މާ ބޮޑަށް ފާހަގަނުކުރެވުނު ކަމަށް ހިޝްމާ ބުންޏެވެ.

މީގެ އިތުރުން، ކްރޫޒްޝިޕެއްްގައި އެހެން ބޮޑުބެރު ގުރޫޕަކާ އެކު ވެސް ފަތްމިނިން ޝޯއެއް ދިނެވެ.

ފަތްމިނި ބޮޑުބެރު ގުރޫޕް ސްޓޭޖް މަތީގައި

ފަތްމިނިގެ އަމިއްލަ ލަވަތައް އެބަ ހުއްޓެވެ.  އޭގެ ތެރޭގައި 'ކަނބަލުންގެ ޝުއޫރު' ޔޫޓިއުބުގައި މިލިއަން ވިއުސް ހޯދި އެވެ. މިފަހުން އީދަށް ހެދި ލަވަ ވެސް މަގުބޫލެވެ.

މިހާތަނަށް މާލޭގައި ނަންކިޔާ، ހުރިހާ ބޮޑު ގުރޫޕަކާ އެކު ހެން ފަތްމިނި ވަނީ ޕާފޯމްކޮށްފަ އެވެ.

ފަތްމިނިގެ ލަވައެއް މިދިޔަ އީދުގައި ވެސް ނެރުނު

ބައެއް މީހުންގެ ފާޑުކިއުންތައް އަމާޒުވި ނަމަވެސް އެއަށް ބެލުމެއް ނެތި، މި ގްރޫޕް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ގުރޫޕް ދަނީ ކުރިއަށެވެ.

"ވަރަށް ތަފާތު ކުރުންތަކާ ދިމާވޭ ފެށިގެން އައި އިރުއްސުރެ އަހަރެމެންނަކީ އަންހެނުން ކަމުގައި ވުމުން. ބައެއް ފަހަރު ޝޯ ކުޅުވާފައި، ފައިސާ ނުދިނުމާއި ފައިސާ ދިނުން ލަސްކުރުން ވެސް ހިމެނޭ،" ހިޝްމާ ބުންޏެވެ.

ފަތްމިނި ބޮޑުބެރު ގުރޫޕް

"މިކަމުގެ ސަބަބުން ކޮންޓްރެކްޓް ހެދުމާއި، އެޑްވާންސް ޕޭމަންޓް ހޯދުން ފަދަ ކަންތައް މިހާރު ދަސްވެއްޖެ." 

އަންހެނުންގެ ދުވަހަށް ހާއްސަކޮށް ފަތްމިނިން ނެރެފައިވާ ލަވައެއް

މިއަދު އޮލިމްޕަސްގައި އޮންނަ ނޮއިސްއަކީ ފަތްމިނިން އެމީހުންގެ ހުނަރު ދައްކާލަން ލިބުނު އާ ޕްލެޓްފޯމެކެވެ. ނޮއިސްއާ އެކު މީގެ ކުރިން މަސައްކަތްކޮށްފައި ނެތަސް ފަތްމިނިން ބުނާ ގޮތުގައި މިއީ މާލޭގައި މިގޮތަށް ބޮޑު ޝޯއެއްގައި އެމީހުން މި ފަހުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ފަތްމިނި ބޮޑުބެރު ގުރޫޕް

ނޮއިސްގައި ފެންނާނީ ފަތްމިނީގެ އަމިއްލަ ލަވަތަކެވެ. ގައުމީ ލަވަތައް ވެސް ހުންނާނެ އެވެ. ލޯބީގެ ލަވަތަކެއް ވެސް ހިމެނެ އެވެ. 

ކޮމެންޓް (1)

ސަގާފީ

19 މާރިޗު 2023
ވަރަށް ރަނގަޅު، މިގޮތަށް ސަގާފީ ކަންތައް ކުރިއެރުވުން؛ ޚާއްސަކޮށް އަންހެނުން ގެ މިފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް. ފަހަކަށް އައިސް މިފަދަ ހަރަކާތްތައް ވަނީ ހުއްޓިފައި. ކްރިއޭޓިވް އިންޑަސްޓްރީސް ކުރިއަރުވަން އެބަޖެހޭ. މިފަދަ ލިއުންތައް ގެނެސްދިނީތީ ވަރަށް ބޮޑަށް ޝުކުރު.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް