އޮސްކާ އެވޯޑްސް 2023

ފެޝަން

އޮސްކާ އެވޯޑްގެ ރަތް ދޫލަ މަތިން ތަރިންގެ ހިތްގައިމު ފެޝަން

ދީޕިކާ ޕަދުކޮން، ލޭޑީ ގާގާ އަދި ނިކޮލް ކިޑްމަން ފަދަ ތަރިން ވަނީ އެ މީހުންގެ އެންމެ ފުރިހަމަ ފެޝަން ދައްކާލާފައި
15 މާރިޗު 2023

މި އަހަރުގެ އޮސްކާ އެވޯޑްސް ހަފްލާ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވިއިރު، ފިލްމީ ދާއިރާގެ އެންމެ މޮޅު ޕާފޯމަންސްތައް ފާހަގަކުރުމުގެ އިތުރަށް، އެ ހަފްލާގެ 'ރަތް ދޫލަ' މަތިން ފެނިގެން ދިޔައީ އެކްޓަރުން އެ މީހުންގެ އެންމެ މޮޅު ފެޝަން ޕާފޯމަންސްތަކުގަ އެވެ.  

ހަފްލާގައި ބައިވެރިވި ތަރިން ވަނީ އެކި ޒާތުގެ ހިތްގައިމު ހެދުން ލައިގެން، އެ އެވޯޑް ހަފްލާގައި ބޭނުންކުރި ހުދު ކުލައިގެ ދޫލަ މަތީން އެ ސްޓައިލްތައް ދައްކާލައިފަ އެވެ. ފާއިތުވި އަހަރުތަކުގެ ރެޑް ކާޕެޓް އިވެންޓުތަކާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ފެނުނު ރެޑް ކާޕެޓް ފެޝަންތައް ރީތިކަން ފާހަގަވި އެވެ.

މި އަހަރު ތަރިން ވަނީ އެ މީހުންގެ އަމިއްލަ ސްޓައިލު ކުރިއަރުވަން މަސައްކަތްކޮށްފަ އެވެ. އެގޮތުން، އޮސްކާޒް އެވޯޑް ޝޯގެ އެންމެ ހިތްގައިމު ލުކްސް އަދި އިވެންޓުން ފާހަގަވި ފެޝްން ޓްރެންޑުތަކަށް އަލިއަޅުވާލާނަމެވެ.

ޖެސިކާ ޗެސްޓެއިން
މަލާލާ ޔޫސުފްޒައި
 ސަލްމަ ހަޔަކް

ގިނަ ތަރިން ހިޔާރުކުރީ ތަފާތު، ޒަމާނީ އެކަމަކު ކްލެސިކް ސްޓައިލެއްގެ ހެދުމަކަށެވެ. އެގޮތުން، ވިދައި ބަބުޅާ ހެދުން މިހަފްލާގައި ގިނަކަން ފާހަގަވި އެވެ. އެކްޓްރެސް ސަލްމަ ހަޔަކް، ކޭޓް ހަޑްސަން، ޖެސިކާ ޗެސްޓެއިން އަދި އީވާ ލޮންގޯރިއާ ވަނީ ހަފްލާއަށް ހާއްސަ، ޑިޒައިނާ ބްރޭންޑުގެ ހެދުން ލާފަ އެވެ.

މި އިވެންޓުން ފެނުނު ސެލެބްރިޓީ ލިސްޓުގައި ހިމެނޭ މަލާލާ ޔޫސުފްޒައި ހުރީ ރިހި ކުލައިގެ ވިދާ ދިގު ހެދުމެއް ލައިގެންނެވެ. މިއީ އެމެރިކާއަށް ނިސްބަތްވާ ބްރޭންޑު ރެލްފް ލޯރެންގެ ޑިޒައިނެކެވެ. ސަލްމަ ހަޔަކްގެ ރަތުލޯ ކުލައިގެ ވިދާ ހެދުން ފަރުމާކޮށްފައިވަނީ އިޓަލީގެ މަޝްހޫރު ބްރޭންޑު ގުޗީ އެވެ. މިއީ ކެޓަގަރީއިން އެންމެ ގަދަޔަށް ވިދާލި އެއް ހެދުމެވެ.

ރިއާނާ
ލޭޑީ ގާގާ
އޭޝްލި ގްރެހަމް
ނިކޯލް ކިޑްމަން
ދިޕިކާ ޕަދުކޮން

ކަޅު ކުލައިގެ ހެދުމަކީ އާއްމުކޮށް މިޒާތުގެ އިވެންޓުތަކުން ފެންނަ ސްޓައިލެކެވެ. އެކަމަކު މި ހަފްލާގެ ހުދު ދޫލަ މަތިން ފާހަގަވި މައިގަނޑު ޓްރެންޑަކީ ކަޅު 'ޝިއާ' ފޮތިން ފަރުމާކޮށްފައިވާ ޑިޒައިންތަކެވެ. މި އަހަރު ސުޕާ ބައުލްގަ ޕާފޯމް ކުރި ތަރި ރިއަނާ ފެނުނީ މަގުބޫލު ޑިޒައިނާ ބްރޭންޑު އަލަޔާގެ ހިތްގައިމު 'ޝިއާ' ކަޅު ހެދުމެއްގަ އެވެ. ލަވަކިއުންތެރިއާ ލޭޑީ ގާގާ ހުރީ ވަސަޗޭ ބްރޭންޑުން މި މަހު ދައްކާލި ކަޅު ކުލައިގެ ޑިޒައިނެއްގެ ހެދުމެއް ލައިގެނެވެ.

މި އަހަރުގެ އޮސްކާޒްގައި މި އަހަރު އެންމެ ބޮޑަށް ވިދާލީ އިންޑިއާގެ ފިލްމީ ފަންނާނުންނެވެ. އެގޮތުން، އޮސްކާޒް ހޮސްޓުކުރި މަގުބޫލު އެކްޓްރެސް ދިޕިކާ ޕަދުކޮން ވަނީ ކްލެސިކް ސްޓައިލެއްގެ ހިތްގައިމު ކަޅު ހެދުމެއް ލައިފަ އެވެ.

މިޝެލް ޔެއޮ
ޓެމްސް
ހެލީ ބެރީ
އެމިލި ބްލަންޓް

ހުދު ބްރައިޑަލް ހެދުމަށް އިންސްޕިރޭޝަން ބޭނުން ވިޔަސް، މި އަހަރުގެ އޮސްކާޒްއަށް ބަލާލުން ރަނގަޅެވެ. މި ފަހަރު އޮސްކާ އެވޯޑް ހޯދި މިޝޭލް ޔެއޯ ވަނީ ދިގު، ހުދު ކުލައިގެ ހެދުމެއް ލާފަ އެވެ. އެއީ ޑިއޯ ބްރެންޑުގެ ކުޗުއާ ކަލެކްޝަނުން ހެދުމެކެވެ. ލަވަކިއުންތެރިއާ ޓެމްސްގެ ބޮޑު ހެދުން ފަރުމާކޮށްފައިވަނީ ލެވަ ކުޗުއާ އެވެ. މި ހެދުމަށް ގިނަ ބައެއްގެ ތައުރީފު ލިބިފައި ވާއިރު، އިވެންޓުގައި ޓެމްސް އިށީންދެގެން އިނުމުން އޭނާގެ ފަހަތުގައިވާ މީހުންނަށް ސްޓޭޖުގައި ވަމުންދާ ކަންތައްތައް ބަލަން އުނދަގޫވެގެން އުޅޭ ތަނުގެ ވީޑިއޯ ވައިރަލް ވެސް ވި އެވެ.

މަޝްހޫރު އެކްޓްރެސް އެމިލީ ބްލަންޓު މި އިވެންޓަށް ލައިގެން ދިޔައީ ހުދު ކުލައިގެ ޒަމާނީ، ހިތްގައިމު ހެދުމެކެވެ. މި ހެދުން ފަރުމާކޮށްފައިވަނީ ވެލެންޓީނޯ ބްރޭންޑެވެ.

ކުރީން އޮސްކާ އެވޯޑްގެ ކާމިޔާބުކުރި ތަރި އަދި 'ބޮންޑް ގާލް' ހެލީ ބެރީ ހުރީ ޗާލު ދިގު ހުދު ހެދުމެކެވެ. އެ ހެދުން ޖަރީކޮށްފައި ހުރީ ރަން މާތަކަކުންނެވެ. މި ޑިޒައިން ވަނީ ހެލީ ބެރީގެ ހަމުގެ ކުލަ އާއި އޭނާގެ އިސްތަށިގަނޑުގެ ކުލައާ ގުޅުވާލައިފަ އެވެ.

ވިނީ ހާލޯ
އެލިސަން ވިލިއަމްސް
ހޮންގް ޗާއު

ހުދާއި ކަޅުގެ އިތުރުން މަޑު އޮރެންޖު، ރީނދޫ އަދި ފިޔާތޮށި ފަދަ މަޑު ކުލައިގެ މާމަލުގެ ހިތްގައިމު ކުލަތައް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ހެދުންތައް ވެސް ފާހަގަކުރެވުނެވެ. މި ކެޓަގަރީގައި ހިމެނެނީ އެކްޓްރެސް ހެއިލީ ބެއިލީ އަދި އޭނަގެ މަޑު ވިލުނޫ ކުލައިގެ ޑޮލްޗޭ އެންޑް ގައްބާނާ ހެދުން، ވިނީ ހާލޯގެ ވަސަޗޭ ހެދުން އަދި އެލިސަން ވިލިއަމްސްގެ ބޮޑު މަޑު ފިޔާތޮށި ކުލައިގެ ޖިއަމްބަޓިސްޓަ ވަލީގެ ހެދުމެވެ. އޮސްކާޒް ހަފްލާއިން ފެނިގެންދިޔަ މި ކުލަތަކަކީ އެކި ޕާޓީތަކަށް އެކަށީގެންވާ ކުލަތަކެކެވެ.

ބެއިލީ ބޭސް

މި ހަފްލާއިން މުހިއްމު މެސެޖެއް ދިން ލުކެއް ފާހަގަކޮށްލާނަމެވެ. އެއީ ފެޝަނަބަލް ހެދުމެއް، ތިމާވެއްޓާ ރައްކާތެރި އުސޫލުތަކެއް ބޭނުންކޮށްގެން ފަރުމާކުރެވޭނެކަން ދައްކާލި ލުކެކެވެ. ފިލްމު އެވަޓާ ވޭ އޮފް ވޯޓާގެ އެކްޓްރެސް ބެއިލީ ބޭސް ހުރީ ޑިޒައިނާ ޒެކް ޕޯޒަންގެ ހިތްގައިމު، މަޑު ކުލައެއްގެ ހެދުމެއް ލައިގެނެވެ. ކްލެސިކް އޯލްޑް ހޮލީވުޑް ސްޓައިލަށް ފަރުމާކޮށްފައިވާ ހެދުމުގައި ބޭނުންކުރީ ބިއޯޑިގްރޭޑަބަލް ފޮއްޗެވެ. އަދި އެ ފޮތިގަނޑުގައި ކުލަ ޖައްސަން ބޭނުންކުރީ ތިމާވެއްޓާ ރައްކާތެރި ޑައިއެއް ކަމަށް ޑިޒައިނަރު ބުންޏެވެ.

މީގެ އިތުރުން، ވާޗުއަލްކޮށް އެ ހެދުން ތަފާތު ގޮތަކަށް ދައްކާލި އެވެ. އެއީ އާރްސީޑީޖީ ގްލޯބަލް އާއި ސީއެލްއޯ ވާޗުއަލް ފެޝަންއާ ގުޅިގެން އެ ހެދުމުގައި އިތުރު އެހެން ޑިޒައިނެއް ވާޗުއަލް ފެންނަ ގޮތަށް ފަރުމާކޮށްފައިވެ އެވެ. ޑިޖިޓަލް ފެޝަން އަކީ ފެޝަން އިންޑަސްޓްރީގެ މުސްތަގުބަލު ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މިހާރު ބައެއް ކުންފުނިތަކުން ޑިޖިޓަލް ހެދުން ފަރުމާ ކުރަން ވެސް ފަށައިފި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް