
ވަރު ބައި އެޓްމޮސްފިއާގެ ކާގެ ރެސްޓޯރަންޓްގެ ހެޑް ޝެފް ނިޔާޒް: އަޒުމަކީ ދިވެހި ރަހަތައް ފަނޑުވިޔަނުދީ ތަރައްގީ ކުރުން
ޝެފް ނިޔާޒްގެ ދިވެހި ކެއުންތަކުގެ މި ތަޖުރިބާއަށް 100
މުހިންމު ނުކުތާތައް
ޝެފެއެއްގެ ގޮތުގައި 22 އަހަރު މަސައްކަތްކޮށްފައިވާ ނިޔާޒްގެ މެނޫގައި ވަނީ ގަދީމީ ދިވެހި ރަހަތައް ފަތުރުވެރިންގެ ކުޑަދޫތަކަށް ހެޔޮވަރުކޮޮށްފައި
ނިޔާޒްގެ މަގްސަދަކަށްވީ ރަނގަޅު ފެންވަރެއްގައި ދިވެހި ކެއުމުގެ އަޖުމަބަލާނެ ފުރުސަތު ފަތުރުވެރިންނަށް ފަހި ކުރުން
އޭނާގެ އުއްމީދަކީ ދިވެހި ކެއުންތައް ފަނޑުވިޔަނުދީ ކުރިއަށް ގެންދިއުން
ޖުމްހޫރީ މޭވާ އާއި ކޮޕީ ފަތް އެއްކޮށްލީމާ ލާނީ ކޮން ރަހައެއް ހެއްޔެވެ؟ މި ސުވާލު ދުވަހަކުވެސް ހިތަށް އެރި ހެއްޔެވެ؟ ޖުމްހޫރީ މޭވާގެ ހުތްފޮނި ރަހަ އާއި ފެހިކަން ގަދަ ކޮޕީފަތުގެ މަޑު ހިތި ރަހަ އެއްކޮށްލައި، އިތުރު ބާވަތްތަކެއް އަޅައިގެން މީރު ސަޓަންޏެއް ހެދިދާނެ އެވެ.
މި ޔަގީންކަން ދޭން އެނގެނީ، ކ. މަޑިވަރުގައި ހަދާފައިވާ ވަރު ބައި އެޓްމޮސްފިއާ ރިސޯޓްގެ ފަތުރުވެރިންނަށް ދިވެހި ކެއުން ތަޖުރިބާ ކޮށްދޭ ރެސްޓޯރަންޓް، 'ކާގެ' އިން މި ސަޓަނީގެ އަޖުމަބަލައިލެވިފައި ހުރީމަ އެވެ.

ފެންޑާ އާއި އެތެރެ އާއި ބޭރުގައި ކާން ތިބެވޭ ގޮތަށް ހަދާފައިވާ ރެސްޓޯރަންޓުގެ ގޯތިތެރެއިން ވަދެގެން އައި އިރު މަރުހަބާ ކިޔަން ހުރީ ތަޖުރިބާކާރު ހެޑް ޝެފް މުހައްމަދު ނިޔާޒް އެވެ. އޭނާ އަވަސްވެގަތީ ދިވެހި ކާނާއާ ގުޅޭގޮތުން ކާގެ ރެސްޓޯރެންޓުގައި ފަތުރުވެރިންނަށް ދައްކާލާ ހާއްސަ ޕްރެޒެންޓޭޝަން ޕްރޮޖެކްޓަރުން އަޅުވާލުމަށެވެ.

ވިއްސަކަށް މިނެޓުގެ މި ވީޑިއޯގައި ދައްކަނީ ދިވެހި ކެއުމުގެ މައިގަނޑު ބާވަތްތަކެވެ. ދެކުނު އޭޝިއާގެ އެހެން ގައުމުތަކާއި ދިވެހި ކެއުމާ ހުރި ތަފާތުތަކާއި އެއްގޮތްކަމެވެ. އަދި ދިވެހި ކެއުން ހާއްސަވާ ސަބަބެވެ. ކެއްކުމުގައި ބޭނުންކުރަމުން އަންނަ އިހުގެ ވައްޓަފާޅި އާއި ތައްޔާރު ކުރާ ގޮތެވެ. ދިވެހި ކެއުމުގެ މައިގަނޑު ކަމުގައިވާ މަހުގެ ބާވަތްތަކެވެ.

ފަތުރުވެރިންނަށް މިތަނުން ކިޔަނީ އަދި މިއަށް ވުރެ މާ ފުރިހަމަ މަރުހަބާއެކެވެ. ރެސްޓޯރަންޓަށް ވަނުމާ އެކު ބޭނުން ނަމަ ފޭއްޔެއް އޮޅާލައި ހާރު ފައްޓަރުބައި އަޅައިގެން ކެއުމަށް އިންސާފު ކުރުމުގެ ފުރުސަތު ދެނީ ވީހާ ވެސް ސަގާފީ ގޮތެއްގައި އެމީހުންނަށް ދިވެހި ކެއުން ތަޖުރިބާ ކޮށްދިނުމަށެވެ.
ތިން ކޯސްއަކަށް ބަހަލާއިގެން އޭނާ ތައްޔާރުކޮށްފައިވާ މެނޫ ނިޔާޒް ދައްކާލި އެވެ. އަދި ފަހަރަކު ޑިޝްއެއް މޭޒުމައްޗަށް ފަރިތަކަމާ އެކު އަރުވަމުން، ދިވެހި ގަދީމީ ކެއުން ޒަމާނީ ރަހަ ލައްވައިގެން ފަތުރުވެރިންގެ ކުޑަދޫތަކަށް ހެޔޮވަރުކޮޮށްފައިވާ އެ ޑިޝްތަކަށް އިންސާފުކޮށްލުުމުގެ ފުރުސަތު ދިނެވެ.

ނިޔާޒު ވިސްނުންތެރިކަމާ އެކު ހަދާފައިވާ މި މެނޫގައި، ޖުމްލަކޮށް ބުނާ ނަމަ، އުތުރާއި ދެކުނުގެ ރަށްތަކަށް ހާއްސަކަމެއް ލިބެ އެވެ. ދިވެހި ކެއުމުގެ އެންމެ މީރު އަދި އެންމެ މޮޅު ކަމަށް ބުނާ ހުރިހާ ރަހައެއް މި މެނޫއިން ގެނެސްދޭ ކަހަލަ އެވެ.
އެއްވަނަ ދޭނީ ކޯއްޗަކަށް ކަމެއް ބުނަން ދައްޗެވެ. އެކަމަކު މިހާތަނަށް ކޭ އެންމެ މީރު ބަޖިޔާ ކެއީ ކާގެ އިންނޭ ބުނެވިދާނެ އެވެ. މި ރެސްޓޯރަންޓްގައި ހެދިކާ ސާވް ކުރަނީ ސްޓާޓާއެއްގެ ގޮތުގަ އެވެ. ހެދިކާ ތަށި ގާނިޝްކޮށް ސޯސްއެއްގެ ގޮތުގައި ހިމަނާފައި ހުންނަނީ ރިހާކުރެވެ. މީގެ ކުރިން ހެދިކާ ރިހާކުރާ ޖައްސައިގެނެއް ނުކަމެވެ. އެކަމަކު މި ގޮތް ތަފާތެވެ. ރަހަ މީރެވެ.


ސެލެޑެއްގެ ގޮތުގައި ގެނައި ކޮޕީފަތު ސަޓަންޏަކީ ހުތްފޮނި ރަހަ ލާ އެއްޗެކެވެ. ކޮޕީފަތާއި ބުލޫޗީޒް އަދި ޕޯޗްކޮށްފައިވާ ޕެއާއެއް މި ޑިޝްގައި ހިމެނެ އެވެ. މިހާރު ވެސް މި ރަހަ ހިތަށް އައުމުން ކުޅުދިޔާކޮށްލަ އެވެ.

ސޫޕެއްގެ ގޮތުގައި ގެނައީ ގަރުދިޔަ އެވެ. ބޯތައްޓަކަށް ލައިގެން ގެނައި ކަނޑުމަސްކޮޅު އެއްކޮށް ރޯފިލައިގެން ދަނީ ބަލަބަލާ ހުއްޓާ އެއަށް އަޅާލާ ހޫނު ގަރުދިޔައިންނެވެ. ރާއްޖޭގެ އުތުރުގެ ރަށްތަކުގައި އާއްމު މުރަނގަ ބަތުގެ ކުޑަ ޕޯޝަނެއް މި ސޫޕާ އެކު ގެނަ އެވެ. އެ ރަހަ ވެސް ކަމުދިޔަ އެވެ.

މެއިން ޑިޝްތަކަށް ބަލާއިރު، ދިވެހި ގޮތަކަށް ހަވާދު ލައިގެން ފިހެފައި ހުރި ގެރިމަހާއި ދެކުނުގެ އަތޮޅުތަކުގެ މައިގަނޑު ކެއުމެއްގެ ގޮތުގައި އިހުގައި ބޭނުން ކުރި ކައްޓަލަ ޗިޕްސް އެއާ އެކީގައި ސާވް ކުރި އެވެ.
ރައީސް މުހައްމަދު އަމީންގެ 'ކަރުނައާއި ނުލައި ކެއްކުން' ފޮތުގައި މޮޅުކުރާ ކަލިޔާބިރިންޖި އާއި ކަނޑުކުކުޅު ވެސް ހުއްޓެވެ.
މައިގަނޑު ކެއުމަކަށް އިތުރަށް ފާހަގަކޮށްލެވުނީ ކުކުޅާ އެކު ހަދާފައިވާ ބަރަބޯ މަސްހުންޏެވެ. އާއްމުކޮށް ރޮއްޓާ އެކު ކައިއުޅޭ ބަރަބޯ މަސްހުނި މި ރެސްޓޯރަންޓްގައި ދެނީ ބަތާ އެކު އެވެ.
ކާގެއަށް އަންނަ ގިނަ ފަތުރުވެރިން ފޮނި ކާނާގެ ގިނަ ބާވަތްތަކެއް އަޖުމަބަލަން ބޭނުންވާތީ ނިޔާޒް ތައްޔާރުކޮށްފައިވަނީ ޑެޒާޓް ޕްލެޓާއެކެވެ. އޭގައި ވެސް، ކައިގެން އަނގަ ފޮނިކޮށްލާނެ ދިވެހި ރަހަތަކެއް އެކުލެވުނެވެ.
މިބައިން އެއްވަނަ ދޭނީ ކަނަމަދު ކޭކާއި ކާގޭގައި ހަދާފައިވާ ވެނީލާ އައިސްކްރީމަށެވެ.
ނިޔާޒުގެ ފެށުމާއި އޭނާގެ ދަތުރު
ކެއުން ކުރިއަށް ގެންދިޔަ އިރު ނިޔާޒް އޭނާ ޝެފެއްގެ ގޮތުގައި ކުރި ދިގު ދަތުރު ކިޔައިދިނެވެ.
މި ދާއިރާއަށް ވަނުމުގެ ސިއްރަކީ އޭނާގެ މަންމަ އެވެ. ކެއްކުމަށް އޮތް ޝައުގުވެރިކަން ފެށުނީ ގޭތެރެއިން ކަމުގައި ނިޔާޒް ބުންޏެވެ. ސްކޫލުން ގެއަށް އައިސް ވަންނަ އިރު މަންމަ ކޮންމެވެސް މީރު ކާއެއްޗެއް ތައްޔާރުކޮށްފައި ހުރެ އެވެ.
"މަންމަ ކައްކާފަ ހުންނަ އެއްޗެއް ކާލެވިއްޖެއްޔާ ބަނޑުހައިކަން ފިލައި، ދެން މީހާ ހުންނަނީ އެއްކޮށް ހިތްހަމަޖެހިފައި،" ނިޔާޒް ކުޑައިރުގެ ހަނދާންތައް އާ ކޮށްލަމުން ބުންޏެވެ.
ހއ. ދިއްދޫ އަށް ނިސްބަތްވާ، އެކަމަކު މާލޭގައި ސްކޫލް ދައުރު ހޭދަކުރި ނިޔާޒު ބުނި ގޮތުގައި ސްކައުޓުގައި ލައިފް ސްކިލްސް ދަސްކުރުމުގެ ތެރެއިން ކެއްކުމަށް އޭނާ ޝައުގުވެރިވި އެވެ. ސްކޫލް ނިންމާފައި ޝެފަކަށް ވުމަށް އޮތް ޝައުުގުވެރިކަމާ އެކު ކެރިއަރު ބިނާކުރަން ފެށީ އެވެ.
މިކަމުގެ ތެރެއަށް ވަދެގެން އައި އިރު، އޭނާ ބުނިގޮތުގައި، ފާޑުކިޔުމާ ކުރިމަތިލާންޖެހުނެވެ؛ ކެއްކުމަކީ އަންހެނުން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކޮށެވެ. ވަރަށް ހާއްސަ ކޭކެއް އަޅައި، މާލޭގެ އާޓިފިޝަލް ބީޗްގައި ބޭއްވި އިވެންޓެއްގައި އެ ޑިސްޕްލޭ ކުރަން އުޅުނު އިރު، ފިރިހެނަކު ޝެފަކަށް ވީތީ މަލާމާތުގެ ބަސް ރައްދުވި ކަމުގައި ނިޔާޒް ބުންޏެވެ.

ނަމަވެސް، އޭނާގެ ހުނަރު ތަރައްގީކޮށް ކެއްކުމުގެ ތަޖުރިބާ އިތުރުކޮށް، އޭނާ ބެލީ ހިތްޖެހުނު ދާއިރާ އިން ކުރި ހޯދޭތޯ އެވެ. މީހަކު ބުނާ ދެރަ ބަހަކަށް، މަލާމާތަކަށް ބެލުމެއް ނެތެވެ.
ޝެފެއްގެ ތޮފި އަޅައިގެން ހުޅުލޭ އައިލެންޑް ހޮޓެލްގައި 12 އަހަރު ދުވަހު އޭނާ އުޅުނެވެ. އެތަނުގައި ދިވެހި ކެއުންތައް ތައްޔާރުކޮށް ދިވެހި ކޮންސެޕްޓަަށް މެނޫ ހަދައި ކާނާ ތައްޔާރުކުރުމުގެ މަސައްކަތް ކުރި އެވެ.
ނިޔާޒް ބުނިގޮތުގައި ދިވެހިންނަށް ކަމުދާ ކަހަލަ ދިވެހި ކާނާ ސުފުރާތަކުގައި އާއްމެވެ. ރޯދަމަސް ކައިރިވާ ވަރަކަށް މާހެފުން ފަދަ ކަންކަމުގެ ތެރެއިން ދިވެހިންގެ ކުރީގެ ކެއުންތައް ފެނެ އެވެ. ދިވެހި ކެއުމަކީ މީރު ރަހަތަކެއް ކަމުގައިވާ އިރު، މަދުވަނީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދިވެހި ކާނާ ތައާރަފު ކޮށްދޭނެ ގޮތެކެވެ. އެހެންކަމުން، ދިވެހި ކެއުން ކުރިއެރުވުން އެއީ އޭނާގެ މަގްސަދު ކަމުގައި ނިޔާޒް ބުންޏެވެ.
ވޭތުވެދިޔަ ތިން އަހަރު ނިޔާޒް މަސައްކަތް ކޮށްފައިވާ ވަރު ބައި އެޓްމޮސްފިއާގައި އޭނާގެ އަމިއްލަ މެނޫ އަށް ތައްޔާރުކުރާ ކާނާ ގެސްޓުންގެ މެދުގައި މަގުބޫލެވެ. ޓްރިޕްއެޑްވައިޒާގެ ރޭޓިންއިން އެކަން ހާމަވެ އެވެ. މި ރެސްޓޯރަންޓުން ދިވެހި ސަގާފީ ކެއުމަށް ގެސްޓުން ރިޒަވޭޝަން ހަދަންޖެހޭ އިރު، ޑިމާންޑް ބޮޑެވެ. ދިވެހި ކެއުމަށް ހާއްސަ ރެސްޓޯރަންޓްތައް ހުންނަނީ މަދު ރިސޯޓުތަކެއްގަ އެވެ. ގިނައިން ފެންނަނީ ބައިނަލްއަގުވާމީ ކެއުންތަކެވެ.
ނިޔާޒްގެ މި މެނޫ އިން އޭނާ އަށް އެންމެ ކަމުދާ އެއް ޑިޝް އަކީ ކަނޑުކުކުޅެވެ. އަމިއްލަ އަށް ހަވާދު މުގުރައިގެން ތައްޔާރު ކުރާ މި ކެއުމަކީ، އޭނާ ބުނިގޮތުގައި، ކެއްކުމަށް އޭނާ ހިތްޖެހުމުގެ ސަބަބަކަށްވި މަންމަ އަށް ވެސް އެންމެ ކަމުދާ ޑިޝް އެވެ.
ކާމިޔާބީ އާއި އުއްމީދު

"ވަރަށް ގިނަ ގެސްޓުން އައިސް ބުނާނެ، މިއީ ދިވެހިރާއްޖެއަށް އަލަށް ޒިޔާރަތް ކުރި ފަހަރު ނޫން ކަމަށް. އެކި ފްރެންޗައިޒް ބްރޭންޑްތަކުގެ ރިސޯޓްތަކަށް ޒިޔާރަތް ކުރެވިއްޖެ ކަމަށް. އެހެން ނަމަވެސް މި ފެންވަރުގެ ދިވެހި ކެއުމެއް ދުވަހަކުވެސް ނުކާ ކަމަށް. ޓްރެޑިޝަނަލް މޯލިޑިވިއަން ފުޑް އަށް އެޓްމޮސްފިއާ އަށް ދޭނީ އެއްވަނަ ކަމަށް،" ނިޔާޒް ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިއީ އޭނާ އަށާއި ރިސޯޓަށް ވެސް ލިބޭ ބޮޑު ފަހުރެކެވެ.
"ދިވެހި ފުޑް އެކްސްޕީރިއަންސެއް، އަމިއްލަ އުފެއްދުންތަކެއް، ދިވެހި އޮތެންޓިކް ޓޭސްޓް ގެނެސްދެވޭތީ އެއީ ޕްރައުޑްވާ ކަމެެއް،" ނިޔާޒް ބުންޏެވެ.
ޝެފެއްގެ ގޮތުގައި މަސައްކަތް ކުރާތާ މިހާރު 22 އަހަރުވެފައިވާ ނިޔާޒު ވަނީ މި ދާއިރާއިން ފޮނި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.
ޗައިނާގެ ބެއިޖިންގައި 2017 ވަނަ އަހަރު އޮތް 'ދަ ބެލްޓް އެންޑް ރޯޑް ގެސްޓްރޯ-ޑިޕްލޮމެސީ ޔިންޔިން ކަޕް' މުބާރާތުގައި ބައިވެރިވެ ޕްރޮފެޝަނަލް އިންޑިވިޖުއަލް ކެޓަގަރީ އިން ރަން މެޑަލް ހޯދި އެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގައި 2015 އާއި 2017 ވަނަ އަހަރު މެޑަލްތައް ހޯދާފައިވާ ނިޔާޒު 2022 ވަނަ އަހަރު ވެސް ކާމިޔާބީތަކެއް ހާސިލްކުރި އެވެ.
އެގޮތުން އޭނާ ވަނީ:
-
ހޮޓް ކުކިން ފިޝް ފިލޭ ކެޓަގަރީ އިން ބްރޮންޒް މެޑަލް ހޯދާފައި
-
މޯލްޑިވިއަން ޑިޝް ކެޓަގަރީ އިން ބްރޮންޒް މެޑަލް ހޯދާފައި
-
ޕާފެކްޓް ސްޓޭކް އެންޑް އޮމްލެޓް ކެޓަގަރީ އިން އެއްވަނަ ހޯދާފައި
މީގެ އިތުރުން ޝެފް ގިލްޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 2022 ވަނަ އަަހަރު ދިން އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ހޯދީ ނިޔާޒް އެވެ.

ހެޑް ޝެފެއްގެ ޒިންމާ ބުރަވެފައި ބޮޑެވެ. މުޅި ބަދިގެ އެއްކޮށް ބަލަހައްޓަން ޖެހޭ އިރު ފެންވަރު ހިފެހެއްޓުމަށް ގެންގުޅެންވާ މިންގަނޑުތަކަށް ފެތޭތޯ ބެލުން އޮވެ އެވެ.
ނިޔާޒު ބުނިގޮތުގައި ގޮންޖެހުން އޮތް މަަސައްކަތެއް ނަމަވެސް އޭނާގެ ހިތުގައި މި ދާއިރާއާ މެދު އޮތް ލޯތްބާއި އުއްމީދު ވެސް ބޮޑެވެ. ދިވެހި ޒުވާނުންނަށް ކަލިނަރީ ދާއިރާއިން ފުރުސަތު ލިބިގެން، ދިވެހި ކެއުން ފަނޑުނުވެ ކުރިއަށް ގެންދިއުން އެއީ އޭނާގެ އެންމެ ބޮޑު އުއްމީދެވެ.
ދިވެހި ކެއުމުގެ ފައިން ޑައިނިން މި ތަޖުރިބާއަށް، މި ރަހަތަކަށް، ޕްރެޒެންޓޭޝަނަށް އަދި ޕޯޝަނަށް އަހަރެން ނިޔާޒަށް ދިނީ 100 އެވެ.
ކޮމެންޓް